ޝަރީފާ އަށް ހޭލެވުނުއިރު ހުރީ އިރުއަރާފައެވެ. ފާއިޒު އަދިވެސް ނިދީގައެވެ. ޝަރީފާ އޭނާގެ ފިރިމީހާގެ މޫނަށް ބަލާލިއެވެ. އެ މޫނުގައި ވަނީ ހިތްހަމަޖެހުމުގެ ކުލަވަރެވެ. އެހެންނަމަވެސް ޝަރީފާގެ ހިތުގައި އަދިވެސް ވަނީ ބިރުވެރިކަމެވެ. ފާއިޒު އަނެއްކާވެސް އޭނާ ދޫކޮށްލާފައި ދާނެ ކަމުގެ ބިރެވެ.
ޝަރީފާ ފާއިޒު ދޫކޮއްލާކަށް ބޭނުމެއް ނޫނެވެ. އަދި ޝީމާ އަށް ދިމާވެފައިވާ ކަންތަކަކީވެސް ކުޑަކަމެއް ނޫނެވެ. ފާއިޒު ދޫކޮއްލާފައި ޝަރީފާ ދާން ބޭނުން ނުވަނީ ތަނަވަސް ދިރިއުޅުމަކަށް ފުރަގަސް ދޭން ބޭނުނުން ނުވާތީއެވެ. އަދި ފާއިޒުގެ ކިބައިން ފެނުނު ކަންތައް އެހެން މީހަކާއި ހިއްސާ ނުކުރަން ޝަރީފާ އޭނަގެ ހުރި ހަމައެކަނި ދަރިފުޅު ޝީމާގެ ގާތުން އެދެމުން ދިޔައެވެ.
އެހެންނަމަވެސް ޝަރީފާގެ ހިތުގައި އަދިވެސް ވަނީ ޝައްކެވެ. ފާއިޒު އަނެއްކާވެސް އެމީހުން ދޫކޮށްލާފައި ދާނެ ކަމުގެ ބިރެވެ. އެހެންނަމަވެސް ޝަރީފާ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ދިޔައީ އެ ބިރުވެރިކަން ފޮރުވުމަށެވެ. ޝީމާއަށްޓަކައެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ފާއިޒު އޭނާގެ އާދަތައް ބަދަލުކުރަމުން ދިޔައެވެ. ގޭގައި ހޭދަކުރާ ވަގުތު އިތުރުކޮށް، ޝަރީފާ އާއި ޝީމާއާ އެކު ވަގުތު ހޭދަކުރަން ފެށިއެވެ. ޝަރީފާ އަށް ހީވާން ފެށީ އޭނާގެ ހުވަފެން ޙަޤީޤަތަކަށް ވަމުން އަންނަ ކަމަށެވެ.
އެއް ރެއަކު، ޝަރީފާ އާއި ފާއިޒު ގޭގެ ގޯތިތެރޭގައި އިށީނދެ ތިއްބެވެ. ހަނދުމަތީގެ އަލިކަމުގައެވެ.
"ޝަރީފާ، އަހަރެން ދެރަވޭ އަހަރެންގެ ކުރީގެ ޢަމަލުތަކާ މެދު. އަހަރެން ދެން ބަދަލުވާނަން. ޝަރީފާ އާއި ޝީމާ އަކީ އަހަރެންގެ ހުރިހާ އެއްޗެއް. އަހަރެން ދެން ތިޔަ ދެމީހުން ދޫކޮށްލާކަށް ނެތިން" ފާއިޒު ޝަރީފާގެ އަތުގައި ހިފަހައްޓައިގެން ބުންޏެވެ.
ޝަރީފާ އާއި ފާއިޒު އެކަކު އަނެކަކަށް ބަލާލިއެވެ. އެ ދެމީހުންގެ ލޮލުގައި ވަނީ އުފާވެރިކަމުގެ ކަރުނައެވެ. އެމީހުންގެ މަސައްކަތް ކާމިޔާބު ވެއްޖެއެވެ. އެމީހުންގެ ލޯބި އަލުން އާރާސްތުވެއްޖެއެވެ.
"ޝަރީފާ، އަހަރެންނަށް ދެވަނަ ފުރުޞަތެއް ދިނީތީ ޝުކުރިއްޔާ" ފާއިޒު ބުންޏެވެ.
ޝީމާގެ ހިތުގައި އުފެދެމުންދިޔަ ބިރުވެރިކަމުގެ ކަޅު ވިލާތައް އިތުރުވަމުން ދިޔައެވެ. އޭނާގެ ހިތުގެ އަޑިން އަންނަ އެ އަޑު، އޭނާއަށް އިވެމުންދިޔައެވެ. ނަމަވެސް، އެ އަޑު އިވޭނެ ކަންފަތެއް އެހެން މީހުންގެ ކިބައިން ނުފެނުނެވެ.
ކޮންމެ ރެއެއްގެ އަނދިރިކަމުގައި، ޝީމާގެ ހިތުގެ ތެރޭގައި ފާއިޒުގެ ސިފަ ވަށައިގެން އުޅެއެވެ. ކޮޓަރީގެ ކަންކަނުގައި، ފަރުދާތަކުގެ ފަހަތުގައި، އޭނާގެ ހިޔަނި ފެންނަހެން ހީވެއެވެ. މި ބިރުވެރި އިހުސާސްތަކުން ސަލާމަތްވުމަށް، ޝީމާ ވަރަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ.
އެންމެ ފަހުން، ހިތްވަރު ކޮށްގެން ޝީމާ އޭނާގެ މަންމައަށް މި ވާހަކަ ކިޔައިދިނެވެ. ނަމަވެސް، އުއްމީދު ކުރިހާ އެހީތެރިކަމެއް ނުލިބުނެވެ. "ދަރިފުޅާ، އެވާހަކަ ދެން ނުދައްކާ! އަހަރެމެންގެ އަގު ވެއްޓިދާނެ!" މިއީ މަންމަގެ ފަރާތުން ލިބުނު ހަމައެކަނި ޖަވާބެވެ.
ޝަރީފާއަށް މި ހުރިހާ ކަމެއް އެނގުނު ނަމަވެސް، އޭނާގެ ހިތަށް ލިބުނީ ހަމަޖެހުމެކެވެ. އެހެނަސް ޝީމާގެ ހާލު ދުވަހެއް ދުވަހަކަށް ގޯސްވަމުން ދިޔައެވެ. ރޭގަނޑު ނިދަން އުނދަގޫވެ، ދުވާލު ހޭލާ ހުރުމުން ވަރުބަލިވެ، ހިތުގެ ވޭން އިތުރުވަމުން ދިޔައެވެ.
ރޭގަނޑުގެ އަނދިރިކަމުގައި، ޝީމާ އޭނާގެ ކޮޓަރީގައި އޮށޯވެލައިގެން އޮތެވެ. އޭނާގެ ހިތުގައި ވަނީ ބިރުވެރިކަމާއި ކަންބޮޑުވުމެވެ. ކޮންމެ ރެއަކުވެސް ފާއިޒު އަންނާނެކަމުގެ ބިރުން އޭނާގެ ހިތް ތެޅެމުންދެއެވެ. ޝީމާގެ މަންމަ ޝަރީފާ ނިދުމުން، ފާއިޒު ޝީމާގެ ކޮޓަރިއަށް އައިސް އޭނާއަށް ތަފާތު އުދަގޫތައް ކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ.
ޝީމާއަށް މި ހާލަތުން އަރައިގަތުމަށް އެހީތެރިކަމެއް ބޭނުންވެފައި ވީނަމަވެސް، އޭނާގެ މަންމަގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބެއެވެ. ޝީމާ މި ހިތި ހަޤީޤަތް ފޮރުވަން މަސައްކަތް ކުރިއެވެ. އޭނާގެ މޫނުމަތީގައި ހިނިތުންވުމެއް ގެންގުޅެ، އާއިލާގެ މެންބަރުންނަށް އެއްވެސް ކަމެއް ނޭނގޭ ކަހަލަ ގޮތަކަށް އުޅެން މަސައްކަތް ކުރިއެވެ.
ނަމަވެސް، ކޮންމެ ރެއަކު ހަމަޖެހިލައިގެން ނިދާލެވޭ ވަރު ނުވަނީ ފާއިޒުގެ އުނދަގުލާއި ހެދިއެވެ. ޝީމާގެ ހިތުގައި އޮތް ވޭނާއި ރިހުން އިތުރުވަމުން ދިޔައެވެ. އޭނާގެ މަންމަ ޝަރީފާ މިކަމާ އަޅާނުލާކަން ޝީމާއަށް އެނގުނެވެ. މިކަމުން ޝީމާގެ ހިތަށް ލިބުނު އަނިޔާ ވަރަށް ބޮޑެވެ.
އެންމެ ފަހުން، ޝީމާ ނިންމީ މިކަމާ ދެކޮޅަށް ތެދުވާށެވެ. އޭނާ ފާއިޒާއި ވާހަކަ ދެއްކުން ހުއްޓާލިއެވެ. އަދި އޭނާގެ ވަޒީފާއިންވެސް ވަކިވިއެވެ. މިއީ އޭނާގެ ދިރިއުޅުމަށް ގެނައި ބޮޑު ބަދަލެކެވެ. ނަމަވެސް، މިއީ އަމިއްލަ ނަފްސު ސަލާމަތް ކުރުމަށް ކުރަންޖެހުނު ކަމެކެވެ.
ޝީމާގެ ހިތުގައި އަދިވެސް ވޭނާއި ރިހުން އެބަހުއްޓެވެ. ނަމަވެސް، އޭނާގެ ހިތުގައި އުއްމީދުގެ އައު އަލިކަމެއް ފެށިގެން އައިސްފިއެވެ. މިހާރު އޭނާއަށް އެނގޭ އަމިއްލަ ނަފްސު ރައްކާތެރިކުރުމަކީ އެންމެ މުހިންމު އެއްކަން ކަމެވެ. އަދި ކުރިމަގުގައި އަމާންކަމާއި އުފާވެރިކަން ހޯދުމަށް މަސައްކަތް ކުރަން ފަށައިފިއެވެ.
ޝީމާ އޭނާގެ ހިތުގައި އޮތް ބުރަ ލުއިކުރުމަށްޓަކައި، އިބްރާހިމްފުޅާ ބައްދަލުކުރުމަށް ނިންމިއެވެ. އިބްރާހިމްފުޅަކީ ޝީމާ ވަރަށް ލޯބިވާ ޝީމާގެ ކުރީގެ ދޮންބައްޕައެވެ. ޝީމާ އޭނާގެ ކައިރިއަށް ދިޔައީ ހިތްވަރާއެކުގައެވެ.
އިބްރާހިމްފުޅުގެ ގެއަށް ވަދެ، ޝީމާ އޭނާގެ ހާލު ކިޔައިދިނެވެ. އިބްރާހިމްފުޅު ވަރަށް ސީރިއަސްކަމާއެކު އަޑުއެހިއެވެ.
"ދަރިފުޅާ، ދަރިފުޅުގެ ހިތުގައި އޮތް ވޭނާއި ރިހުން އަހަރެން ދެނެހުރިން" ޝީމާގެ ވާހަކަ ނިމުމުން، އިބްރާހިމްފުޅު ބުންޏެވެ.
"ދަރިފުޅަށް ކުރިމަތިވެފައިވާ ދަތި އުނދަގޫ ހާލަތުން އަރައިގަތުމަށް އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ފުލުހުންގެ އެހީތެރިކަން ހޯދުމެވެ. ފާއިޒުގެ އަނިޔާވެރި ޢަމަލުތަކަކީ ޤާނޫނީ ގޮތުން ކުށެކެވެ. އަދި ދަރިފުޅުގެ މަންމައަށްވެސް މިކަން އަންގަންޖެހޭނެ" އިބްރާހިމްފުޅު އިތުރަށް ބުނެލިއެވެ.
"އަހަރެންގެ މަންމައަށް މިކަން އެނގުނަސް އެހީތެރިކަމެއް ނުލިބޭނެ. އަދި ފުލުހުންނަށް ދިޔުމުގެ ހިތްވަރެއްވެސް ނެތް" ޝީމާ ބިރުވެރިކަމާއެކު ބުންޏެވެ.
"ދަރިފުޅާ، އަހަރެން ދަރިފުޅާއެކު ދާނަން މަންމައަށް މިކަން އޮޅުން ފިލުވައިދީ، ފުލުހުންނަށް މައްސަލަ ހުށަހެޅުމުގައި އަހަރެން އެހީތެރިވާން. މިއީ ދަރިފުޅުގެ ސަލާމަތާއި ރައްކާތެރިކަމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް" އިބްރާހިމްފުޅު ޝީމާގެ އަތުގައި ހިފަހައްޓާފައި ބުނެލިއެވެ.
އިބްރާހިމްފުޅު ވަގުތު ބޭކާރު ކުރާކަށް ބޭނުމެއް ނުވިއެވެ. ޝީމާ އާއި އެކު އޭނާގެ މަންމަ ޝަރީފާގެ ގާތަށް ގޮސް އެކަމަށް ހައްލެއް ލިބޭތޯ ވާހަކަ ދެއްކި ނަމަވެސް ޝަރީފާ އެކަމަށް އެއްބަހެއް ނުވިއެވެ. އަދި އިބްރާހިމްފުޅު އެމީހުންގެ އާއިލާގެ ކަންތަކާއި ނުބެހުމަށް ތަކުރާރުކޮށް އެދުނެވެ. ނަމަވެސް އިބްރާހިމްފުޅު ވާހަހަކަ ދައްކަމުން ދިޔައެވެ.
ކުއްލިއަކަށް ފާއިޒު ގެއަށް ވަދެ އިބްރާހިމްފުޅު ދެކެ ރުޅިއައިސް ބާރަށް ހަޅޭއްލަވަން ފެށިއެވެ. "ކީއްވެގެން ތިޔަ އުޅެނީ އަހަރެމެންގެ ކަންތަކާ ބެހެން؟ މިހާރުން މިހާރަށް މިގެއިން ނިކުމޭ" ފާއިޒު ގޮވާލިއެވެ.
އިބްރާހިމްފުޅު އެންމެފަހުން އެގެއިން ނިކުމެގެން ދިޔައީ ފާއިޒު އައިސް އެގެއިން ނުކުތުމަށް އެންގުމުންނެވެ. އިބްރާހިމްފުޅު ދިއުމުން ޝަރީފާ ޝީމާ އާއި ކުރިމަތިލިއެވެ. އެވާހަކަ އެއްވެސް މީހެއްގެ ގާތުގައި ނުބުނަން ބުނެފައި އޮއްވައި އެވާހަކަ އިބްރާހިމްފުޅާއި ހިއްސާ ކުރީތީ ޝަރީފާ ހިތްހަމަ ނުޖެހުނެވެ.
އިބްރާހިމްފުޅު ދިޔުމާއެކު، ޝަރީފާ އާއި ޝީމާ ކުރިމަތިލިއެވެ. ޝަރީފާގެ މޫނުމަތީގައި ރުޅިވެރިކަން ފެންނަން ހުއްޓެވެ.
"ކީއްވެ ތިޔަ ވާހަކަ އިބްރާހިމްފުޅާ ހިއްސާކުރީ؟ އަހަރެން ބުނިން ނޫންތަ އެއްވެސް މީހަކު ކައިރީގައި ނުބުނާށޭ!" ޝަރީފާ ހަޅޭއްލަވަމުން ބުންޏެވެ.
"މަންމާ... އަހަރެން... އަހަރެންނަށް އެހީތެރިވާން މީހަކު ބޭނުންވީ" ޝީމާ ބިރުން ފަހަތަށް ޖެހިލިއެވެ.
"އެހީތެރިވާން؟ ތިޔައީ ކޮން ވާހަކައެއް؟ އަހަރެން ނޫންތަ ތިޔަ ކުއްޖާއަށް އެހީތެރިވަނީ؟" ޝަރީފާ އަޑުގަދަކޮށް ބުންޏެވެ.
"މަންމާ... އަހަރެން މިގެއިން ނުދަނީ މަންމަ އެކަނި ވެދާނެތީ" ޝީމާގެ ލޮލުން ކަރުނަ އައެވެ.
ޝަރީފާގެ މޫނުމަތިން ރުޅިވެރިކަން ފިލައިގެން ދިޔައެވެ. އޭނާގެ ދަރިފުޅުގެ ލޯބި އޭނާއަށް ވިސްނުނެވެ. ނަމަވެސް، އަދިވެސް އޭނާގެ ހިތުގައި ރުޅިވެރިކަން އޮތެވެ.
"ޝީމާ... ތިޔަ ވާހަކަ އިބްރާހިމްފުޅާ ހިއްސާކުރީ ކީއްވެ؟" ޝަރީފާ މަޑުމައިތިރިކޮށް އަހާލިއެވެ.
"މަންމާ... އަހަރެންނަށް އެހީތެރިވާނެ މީހަކު ބޭނުންވީ... އަހަރެންގެ ހިތުގެ އަޑު އަހާނެ މީހަކު..." ޝީމާ ރޮމުން ބުންޏެވެ.
ޝީމާގެ ހިތުގައި އޮތް ވޭން ޝަރީފާއަށް އިހުސާސް ކުރެވުނެވެ. ނަމަވެސް އޭނާގެ ހިތުގައި އެހެން ކަމެއް އޮތެވެ. އެކަމަކު ޝަރީފާ ބިރުގަންނަނީ މިހާރު އުޅޭ ތަނަވަސްކަން ގެއްލިދާނެތީއެވެ. ފުރަތަމަ އިބްރާހިމްފުޅާއި ކުރި ކައިވެނި ރޫޅުނީވެސް މި ތަނަވަސްކަމަށް އަންނަން ބޭނުންވާތީއެވެ.
ޝީމާގެ ހިތަށް ލުޔެއް ނުލިބުނެވެ. ލިބެމުން ދިޔަ އަނިޔާ ކޮންމެ ދުވަހަކުވެސް ލިބެމުން ދާނެކަން ޔަގީނެވެ. އޭނާގެ ހިތުގައި އަޅަމުން ދިޔަ ވޭނަށް ނިމުމެއް ނައެވެ. ކޮންމެ ދުވަހަކު ހޭލާއިރު، އޭނާގެ ހިތުގައި އުފެދޭ ފުރަތަމަ ޝުޢޫރަކީ ބިރުވެރިކަމެވެ.
ޝީމާ ބޮލަށް އެނބުރުން އަރާހެން ހީވެގެން ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ. އެމަންޒަރު ބަލަން މަންމަ ހުރި ނަމަވެސް މޫނުމަތިން ފެންނަނީ ރުޅިވެރިކަމެވެ. މަންމަގެ ނަޒަރުގައި، ޝީމާއަކީ އާއިލާގެ ނަމަށް ލިބިފައިވާ ލަނޑެކެވެ. އެކަމަކު ޝީމާގެ ހިތުގައި އޮތީ މަންމައަށްޓަކައި ކުރަމުންދާ ޤުރުބާނީގެ ވޭނެވެ.
ފާއިޒު ކޮޓަރިއަށް ވަން ގޮތަށް ނުނިކުމެއެވެ. އޭނާގެ ހަރުކަށި ނަޒަރު ޝީމާގެ ހިތުގައި ވަޅިއެއް ހަރާހެން ހީވެއެވެ. ކޮންމެ ރެއަކު ލިބޭ އަނިޔާގެ ހަނދާންތައް އާވަމުން ދިޔައެވެ. ޝީމާގެ ހިތުގައި އުފެދުނު ސުވާލަކީ މިހާ ބޮޑު އަނިޔާއެއް ލިބެމުންދާއިރު، އަދިވެސް މިތަނުގައި ހުންނަންޖެހެނީ ކީއްވެގެންބާއެވެ.
ޝީމާއަށް ގޮތް ހުސްވި ކަހަލައެވެ. އެއްކޮޅުން މަންމަގެ އަބުރެވެ. އަނެއްކޮޅުން ޝީމާގެ އިއްފަތްތެރިކަމެވެ. މިހާ ދުވަހުވެސް ކެތްކުރީ މަންމައަށްޓަކައެވެ. އެކަމަކު މިހާރު އެ ކެތްތެރިކަން ވަނީ ކޮޅުންލާފައެވެ.
ޝީމާ ކުއްލިއަކަށް ތެދުވިއެވެ. އޭނާގެ ލޮލުގައި ފެންނަމުންދިޔައީ އައު އުއްމީދެކެވެ. މިހާރު އޭނާއަށް އެނގިއްޖެއެވެ. މި ހާލަތުން ސަލާމަތްވުމަށްޓަކައި ނަގަންޖެހޭ ފިޔަވަޅުތަކެވެ. އެއީ ވަރަށް އުނދަގޫ މަގެއް ކަމުގައިވިޔަސް، އެއީ ހަމައެކަނި ގޮތް ކަމަށް ޝީމާއަށް ޤަބޫލުކުރެވުނެވެ. އެހިނދު، ޝީމާގެ މޫނުމަތިން ފެނުނީ ކުޑަ ހިނިތުންވުމެކެވެ.
ޝީމާ ކޮޅަށް ތެދުވެ ސީދާ މަންމަގެ ކުރިމައްޗަށް ދިޔައެވެ. މަންމަގެ މޫނުމަތިން ފެންނަމުންދިޔަ ރުޅިވެރިކަން އިތުރުވެގެން ދިޔައެވެ. ނަމަވެސް، ޝީމާގެ ހިތްވަރު ކުޑައެއް ނުވިއެވެ.
"މަންމާ، އަހަރެން މިހާރު ނިންމައިފިން. މިގެއިން ނުކުންނަން. އަހަރެންނަށް މިހާރު އިތުރަކަށް ނުކެރޭނެ މި އަނިޔާ ތަހައްމަލުކުރާކަށް" ޝީމާ ބުންޏެވެ.
"ކޮން ވާހަކައެއް ތިދައްކަނީ؟ ތިހެން ހަދައިފިއްޔާ އަހަރެމެންގެ އަބުރު ގޮސް ނިމޭނެ. ތިހެން ހަދާކަށް ނުވާނެ" މަންމަގެ ލޮލުން ކުއްލިއަކަށް ރުޅިވެރިކަމުގެ އަލިފާން ފެންނަން ފެށިއެވެ.
"މަންމާ، އަހަރެންގެ އިއްފަތްތެރިކަމާއި ފުރާނައަށްވުރެ މުހިންމު އެއްޗެއް ނޯންނާނެ. އަހަރެން މިހާރު ދާނަން. އަހަރެންނަށް އެނގޭ މިއީ ވަރަށް އުނދަގޫ ނިންމުމެއްކަން. އެކަމަކު މިއީ ހަމައެކަނި ގޮތް" ޝީމާ ހިތްވަރާއެކު ޖަވާބުދިނެވެ.
"ތިހެން ހަދައިފިއްޔާ ތިއަށްވުރެ ގޯސްވާނެ. ތި ނިންމުން ބަދަލުކުރޭ!" ފާއިޒު ކޮޓަރިން ނުކުމެ، ޝީމާގެ ކައިރިއަށް އައެވެ. އޭނާގެ މޫނުމަތިން ފެންނަމުންދިޔައީ ނުރުހުމާއި ރުޅިވެރިކަމެވެ.
"އަހަރެން މިހާރު ނިންމައިފިން. ތިޔަ އަނިޔާއިން ސަލާމަތްވާން އެބަޖެހޭ. އަހަރެންގެ ދިރިއުޅުން އަލުން ފަށަން އެބަޖެހޭ" ޝީމާ ބިރުން ފަހަތަށް ޖެހުނު ނަމަވެސް، އޭނާގެ ނިންމުމުގައި ސާބިތުވެ ހުރެވުނެވެ.
ޝީމާ އަވަސް އަވަހަށް އޭނާގެ ތަކެތި ނަގައި، ދޮރާ ދިމާއަށް ދިޔައެވެ. މަންމައާއި ފާއިޒު އޭނާ ހުއްޓުވަން މަސައްކަތްކުރި ނަމަވެސް، ޝީމާ ގެއިން ނުކުމެގެން ދިޔައެވެ.
= ނުނިމޭ =