December 12, 2024 04:27
Advertisement

-Advertisement-

ކުރުވާހަކަ: މަންޒަރު

މަރިޔަމް އަވަސް އަވަހަށް ހިނގަމުން ދިޔައެވެ. ރަށުގެ އަނދިރި މަގުތަކުގައި އެކަނި ހިނގަން ޖެހުނީތީ، އޭނާގެ ހިތުގައި ބިރުވެރިކަން އުފެދެމުން ދިޔައެވެ. ކުއްލިއަކަށް ފަހަތުން މީހަކު ހިނގާ އަޑު އިވުނެވެ. އަވަސް އަވަހަށް ފަހަތަށް ބަލައިލި ނަމަވެސް، އެއްވެސް މީހަކު ނުފެނުނެވެ.

މަރިޔަމްގެ ހިތުގެ ވިންދު އިތުރަށް އަވަސްވެގެން ދިޔައެވެ. އޭނާ ހިނގާ ބާރުމިން އިތުރުކޮށްލިއެވެ. ނަމަވެސް އަނެއްކާވެސް ފަހަތުން މީހަކު އަންނަ އަޑު އިވުނެވެ. މިފަހަރު އެ އަޑު ކުރިން ފަހަރަށްވުރެ ގާތުން އިވުނެވެ.

ކުއްލިއަކަށް މަރިޔަމްގެ ކުރިމަތިން ހިޔަންޏެއް ފެނިގެން ދިޔައެވެ. ބިރުން ހަޅޭއްލަވާލަން އުޅުނު ނަމަވެސް، އަޑެއް ނުނުކުމެއެވެ. އޭނާގެ މުޅި ހަށިގަނޑު ގަދަ ފިއްޏެއް ޖެހިގެން ދިޔައެވެ. ކުރިއަށް ދާން ބޭނުން ނުވި ނަމަވެސް، ފަހަތަށް ދިއުމަކީވެސް ރައްކާތެރި ކަމަކަށް ނުވާނެއެވެ.

Advertisement

ކުރިއަށް ދިއުމަށް ނިންމާލި އިރު، ދުރުން ގަސްތަކުގެ ތެރެއިން އަލިކަމެއް ފެނުނެވެ. އެ އަލިކަމާ ދިމާއަށް ދުވެފައި ދިޔައެވެ. ގާތަށް ދިޔަ ވަރަކަށް އެ އަލިކަން އިތުރުވަމުން ދިޔައެވެ. ކުއްލިއަކަށް މަރިޔަމް ހުއްޓުނެވެ. އޭނާގެ ލޮލަށް ފެނުނު މަންޒަރުން ބިރުވެރިކަން އިތުރުވެގެން ދިޔައެވެ.

އެ އަލިކަމަކީ ބޮޑު ގަހެއްގެ ދަށުގައި ހުރި ކުޑަ ގެއަކުން އަންނަ އަލިކަމެވެ. އެ ގޭގެ ކުޑަ ދޮރަކުން ބަލައިލި އިރު، އެތައް ބައިވަރު މަރުވެފައިވާ މީހުންގެ ހަށިތައް ފެނުނެވެ. އަދި އެ ހަށިތަކުގެ މެދުގައި ހުދު ހެދުމެއް ލައިގެން ހުރި އަންހެނަކު ހުއްޓެވެ.

މަރިޔަމް ބިރުން ފަހަތަށް ޖެހުނެވެ. އެހިނދު، އޭނާގެ ފައިދަށުން ކުޑަ ގަލެއް އެއްފަރާތްވި އަޑެއް އިވުނެވެ. އެ އަޑާއެކު، އެ ހުދު ހެދުން ލައިގެން ހުރި އަންހެނާ މަރިޔަމްއާ ދިމާއަށް ބަލައިލިއެވެ. މަރިޔަމްގެ މުޅި ހަށިގަނޑު ގަދަ ފިނިއްޏެއްގައި ޖެހި، ހަރުވެގެން ދިޔައެވެ. އެ އަންހެނާ ލޯ ހުޅުވާލި އިރު، އޭނަގެ ލޮލުގެ ތެރެއިން ރަތް އަލިކަމެއް ފެނުނެވެ. މަރިޔަމްގެ ލޮލުން ކަރުނަ އައިސް، އަނގައިން އެއްވެސް އަޑެއް ނުނެރެވުނެވެ. އެ އަންހެނާ ކުއްލިއަކަށް މަރިޔަމްއާ ދިމާއަށް ދުވެފައި އައެވެ. މަރިޔަމް ދުވެފައި ގޮސް ގަހެއްގެ ނިވަލަށް ވަނެވެ. މަރިޔަމް އާއި ދިމާލަށް ދުވެފައި އައި އަންހެން މީހާ މަރިޔަމް ގެއްލިގެން ވަށައިގެން ހޯދަމުން ދިޔައެވެ.

ކުއްލިއަކަށް މަރިޔަމްގެ ފޯނަށް މެސެޖެއް އައެވެ. އެއީ އޭނާގެ ރައްޓެހި ފާތިމާ ފޮނުވި މެސެޖެކެވެ. "މަރިޔަމް، މިރޭ ރަށުގެ ހުޅަނގު ފަރާތު ޖަންގައްޔަށް ދިޔައިންތަ؟ އަހަރެން ކަލޭ ދުށިން." މި މެސެޖް ކިޔާލުމާއެކު، މަރިޔަމްގެ މުޅި ހަށިގަނޑު ތުރުތުރު އަޅަން ފެށިއެވެ.

ފާޠިމާއަށް ގުޅާލަން އުޅުނު ނަމަވެސް، ފޯނު ނުނެގިއެވެ. އަނެއްކާވެސް މެސެޖެއް އައެވެ. "މަރިޔަމް، އަވަހަށް މިތަނަށް އާދޭ. އަހަރެމެންނަށް އެހީ ބޭނުންވޭ." މި މެސެޖް ކިޔާލުމާއެކު، މަރިޔަމްގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. މަރިޔަމް އަށް އެހެން ބަޔަކަށް އެހީވެވޭނީ ކިހިނެއްހެއްޔެވެ.  

މަރިޔަމް އަވަސް އަވަހަށް ފިލާ އިންތަނުން ނުކުތެވެ. ރޭގަނޑުގެ އަނދިރިކަމުގައި، ރަށުގެ ހުޅަނގު ފަރާތު ޖަންގަލި ސަރަހައްދާ ދިމާއަށް ދަތުރު ފެށިއެވެ. އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކަށް، އޭނާގެ ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ.

އެދިމާލަށް ކައިރިވަމުން ދިޔަ ވަރަކަށް، މަރިޔަމްއަށް އިވުނީ މީހުން ވާހަކަދައްކާ އަޑެވެ. ވަރަށް ސިއްރު ސިއްރުން އެތާ ތިބި މީހުންނާއި ދިމާލަށް މަރިޔަމް ބަލައިލިއެވެ. މަރިޔަމްގެ ލޮލަށް ފެނުނު މަންޒަރުން ބިރުވެރިކަން އިތުރުވެގެން ދިޔައެވެ.

އެއީ ބަލަން އުނދަގޫ މަންޒަރެކެވެ. މަރިޔަމްގެ ލޮލަށް ފެނުނީ އޭނާގެ ރައްޓެހިންތަކެއް، އެކި ގޮތްގޮތަށް ބަނދެފައި ތިބި މަންޒަރެވެ. އެމީހުންގެ ތެރޭގައި ފާޠިމާވެސް ހިމެނެއެވެ. އެމީހުންގެ މޫނުމަތީގައި ބިރުވެރިކަމާއި ކަންބޮޑުވުން ފާޅުވެފައި ވެއެވެ. އަދި އެމީހުންގެ ވަށައިގެން، ކަޅު ހެދުން ލައިގެން ތިބި ބަޔަކު ތިއްބެވެ.

މަރިޔަމް ހައިރާންވެ، ބިރުން ގަސްތަކުގެ ފަހަތަށް ވަނެވެ. އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ކުއްލިއަކަށް، އެ ކަޅު ހެދުން ލައިގެން ތިބި މީހުންގެ ތެރެއިން އެކަކު ވާހަކަދައްކަން ފެށިއެވެ.

"މިރޭ އަހަރެމެންގެ ޤުރުބާނީގެ ރޭ. މި ރަށުގެ ސިއްރު ހާމަވިޔަ ނުދިނުމަށްޓަކައި، މި މީހުން ޤުރުބާން ކުރަންޖެހޭ" އެމީހާ ބުނި އަޑު އިވުނެވެ.

މި ބަސްތައް އަޑުއިވުމާއެކު، މަރިޔަމްގެ މުޅި ހަށިގަނޑު ބިރުން ތުރުތުރު އަޅަން ފެށިއެވެ. އޭނާގެ ރައްޓެހިންނަށް އެހީތެރިވާން ބޭނުންވި ނަމަވެސް، އެކަމުގެ ބާރު ނެތެވެ. އެތަނުން ފިލަން އުޅުނު ނަމަވެސް، މަރިޔަމްގެ ފައި ބިމުގައި ހަރުވެފައި ހުރި ކަހަލައެވެ.

ކުއްލިއަކަށް، އެ ކަޅު ހެދުން ލައިގެން ތިބި މީހުންގެ ތެރެއިން އެކަކު މަރިޔަމް ފޮރުވިގެން ހުރި ދިމާއަށް ބަލައިލިއެވެ. އޭނާގެ ލޮލުން ފެންނަނީ ރަތް އަލިކަމެކެވެ. މަރިޔަމްގެ ހިތުގެ ވިންދު ހުއްޓުނު ކަހަލައެވެ. އެ މީހާ މަރިޔަމްއާ ދިމާއަށް އަންނަން ފެށިއެވެ. މަރިޔަމް ވަރަށް ބާރަށް ހަޅޭއްލަވައި ގަތެވެ. މަންމަ ކިޔަދިން ގޮތުގައި އެއީ މިރަށުގައި ކުރިން ހިނގި ހާދިސާކެވެ. މަންމަ އެހިސާބަށް ކިޔައިދިނުމާއި އެކު ޔަޝްފާ އަށް ސިއްސައިގެންގޮސް ހަޅޭލަވައިގަނެވުނެވެ. އަދި ބާރަކަށް މަންމަގެ ހަށިގަނޑުގައި ބައްދައިލިއެވެ. މަންމަ ވަރަށް ސީރިއަސް ކަމާއިއެކު ޔަޝްފާ އަށް ބަލައިލިއެވެ.

"ދަރިފުޅާ ހާދަވަރަށްކަށް ތިބިރުގަތީ" މަންމަގެ ގާތަށް ހިނިއައެވެ.

"ލައްބަ މަންމާ. އަހަރެންނަށް ހީވީ ކުރިމަތިން އެމަންޒަރު ސިފަވިހެން" ޔަޝްފާއަށް ރޮވުނެވެ. އެކަމަކު ދެން އެކަހަލަ މަންޒަރެއް ސިފަވާކަށް ބޭނުމެއް ނޫނެވެ.

= ނިމުނީ =

+1
0
+1
5
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް