ކީރިތި ޤުރްއާނަކީ ﷲ ގެ ކަލާމްފުޅުކަމާއި އަދި އެ ފޮތް އަހަރެންނާ ހަމައަށް އައިސްފައިވާ ގޮތާއި އަދި އެ ފޮތުގައި ކުށެއް ނެތްކަމާ މެދު ޝައްކެއް ނެތަސް މި ކަންކަމުގައި ޝައްކުތަކާއި ޝުބުހަތައް އުފައްދަން ބަޔަކު މަސައްކަތްކުރެއެވެ. އޭގެ ބޭނުމަކީ، މުސްލިމުން ﷲ އާއި އެކަލާނގެ ފޮތާއި، ނަބީންނާއި ރަސޫލުންގެ މައްޗަށް ވާ އީމާންކަމުގައި އެއުރެން ބައިބައިކޮށްލައި އީމާންކަމާއި މަތިވެރި އަޤީދާއާއި އެއުރެން ދުރުކުރުމެވެ. މުސްލިމުން އިސްލާމީ ޝަރީޢަތާއި ބީރައްޓެހި ކުރުމެވެ. މިއީ މުސްލިމުން ފިސާރި ހުޝިޔާރުވެ ހޭލައި ތިބެންޖެހޭ ކަމެކެވެ. މައުލޫމާތު ފެތުރުމުގެ ވަސީލަތްތައް ގިނަ މިޒަމާނުގައި ނޭނގިތިއްބައި އެ ފަދަ މީހުންގެ ދަލުގައި ޖެހި މަޅީގައި ބެދުމަކީ ދުރުކަމެއް ނޫނެވެ.
ކީރިތި ޤުރުއާނާއިމެދު ޝައްކު އުފައްދަން އެންމެ ފުރަތަމަ ކުރި މަސައްކަތަކީ އެއީ ﷲގެ ކަލާމްފުޅު ނޫންކަމަށް ހަދާން ކުރި ނާކާމިޔާބު މަސައްކަތެވެ. އެކަމަށްޓަކައި އެމީހުން ހަދައިގެން ތަފާތު ވާހަކަ ދެއްކިއެވެ. އޭގެ ތެރެއިން އެއް ވާހަކައަކީ ކީރިތި ޤުރުއާނަކީ ހުވަފެނުގެ ހާސަރުތަކޭ ބުނުމެވެ.
ކީރިތި ޤުރުއާނަކީ މާތް ﷲގެ ކަލާމްފުޅުކަން ކަށަވަރުވާ ގިނަގުނަ ޢިލްމީ ހެކިތައް ކީރިތި ޤުރްއާނުގައި އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ހެއްކަކީ މައިމީހާގެ ބަނޑުގައި ދަރިފުޅު ގަރުބަގަތީއްސުރެ ފުރިހަމަ އިންސާނަކަށް ވުމާ ހަމައަށް އަންނަ ބަދަލުތަކުގެ ވާހަކަ ކީރިތި ޤުރުއާނުގައި ތަފްސީލުކޮށް ބަޔާންކުރައްވައިފައި ވުމެވެ.
އިސްލާމްދީނުގެ އަދާވާތްތެރީން އަބަދާއި އަބަދު އަންނަނީ ﷲ ގެ ނޫރުފުޅު ނިއްވައިލުމަށް މަސައްކަތް ކުރަމުންނެވެ. ކާފިރުން ކިތަންވެ ބޭނުންވިޔަސް އެ ގޮތަށް އެކަން ނުވާނޭކަން ވަނީ ކީރިތި ޤުރުއާނުގައި އަންގަވާފައެވެ. ﷲ ތަޢާލާ ވަހީކުރައްވައިފައިވެއެވެ. މާނައީ " އެއުރެން އެދެނީ ﷲ ގެ ނޫރުފުޅު (އެބަހީ އިސްލާމްދީން) އެއުރެންގެ އަނގަތަކުން ފުމެ، ނިއްވައިލުމަށެވެ. ނަމަވެސް، ކާފިރުން ކިތަންމެ ނުރުހުނަސް، ﷲ އެކަލާނގެ ނޫރުފުޅު ފުރިހަމަކުރެއްވުމަށް މެނުވީ، އެކަލާނގެ އިރާދައެއް ނުކުރައްވަތެވެ".
އިސްލާމް ދީން ނައްތައިލުމަށްޓަކައި ކާފިރުން ކުރާ މަސައްކަތްތައް ބަލައި އެކަމަށް ފަރުވާތެރިވެ ސަމާލުވާން ޖެހެއެވެ. ދީނުގެ ކަންކަން މޮޅަށް އުނގެނި އަދާވާތްތެރިންގެ ރޭވުންތަކަށް ހޭލައި ތިބެންޖެހެއެވެ. ކާފިރުން މަސައްކަތްކުރަމުން އަންނަނީ މުސްލިމުން އެމީހުންގެ ދީނާ ދުރުކުރެވޭތޯއެވެ. ނަމަވެސް އަހަރެމެންގެ އަޒުމަކަށް ވާންވާނީ މަރުދުވަހަށް ދާންދެން އިސްލާމް ދީންމަތީ ސާބިތުވެ ތިބުމަށެވެ. އެގޮތުގެ މަތީގައި ސާބިތުވެތިބެއްޖެނަމަ އަހަރެމެން މުސްލިމުން މަގުފުރައްދައެއް ނުލެވޭނެއެވެ. އަދި އިސްލާމީ އުންމަތް ބަލިކޮށެއް ނުލެވޭނެއެވެ.
ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ ﷺ ގެ ޠާހިރު ސުންނަތްތަކުގައި އަހަރެމެން ހިފިވަރަކުން އަހަރެމެންގެ ކަންތައްތައް މާތް ﷲ އިސްލާހު ކުރައްވާނެތެވެ. ދެދުނިޔޭގެ އިއްޒަތާއި ޝަރަފު އެކަލާނގެ އަހަރެމެންނަށް ދެއްވާނެތެވެ. އަހަރެމެން އެއާއި ދުރުވި މިންވަރަކުން އަހަރެމެންގެ ބާއްޖަވެރިކަން ގެއްލޭނެތެވެ. އިސްލާމް ދީން ދޫކޮށް ކާފިރުކަންމަތީ މަރުގަންނަވާ މީހުން އެމީހުން ކުރި ހުރިހައި އަމަލެއް ބޭކާރުވީއެވެ. އެއިރުން އެމީހުން ދާއިމަށް ތިބެންޖެހޭނެ ތަނަކީ ނަރަކައެވެ.
މައުލޫމާތު: ހުކުރު ޚުޠުބާ