ޝަޢީރާއަކީ ދީނުގެ ކަންތައްތަކުގެ ތެރެއިން އެ ކަންތަކުގައި ހިފަހައްޓާން މާތް ﷲ އަމުރުކުރައްވައިފައިވާ އެންމެހައި ކަންތައްތަކެވެ. މާތް ﷲ ގެ ޝާޢީރާތަކަށް މާތްކޮށް ހިތުމަކީ މި ޝަޢީރާތަކަށް އަހުރެމެންގެ ހިތްތަކުގައި މަތިވެރި މަޤާމު ދިނުމެވެ. މި ކަންތައްތައް ޝައުޤުވެރިކަމާއި ލޯތްބާއެކު ކުރުމެވެ. އިސްލާމްދީނުގެ ޝަޢީރާތަކުގެ ތެރޭގައި ވަކި މޫސުމަކާ ގުޅިފައިވާ ޝަޢީރާތައް ވެއެވެ. ރަމަޟާންމަހުގެ ރޯދައަކީ ރަމަޟާންމަހާ ގުޅިފައިވާ ކަމެކެވެ. ޙައްޖަކީ، ޙައްޖު މޫސުމާ ގުޅިފައިވާ ކަމެކެވެ.
ޞާލިޙު ކޮންމެ ޢަމަލަކީ ﷲގެ ޝަޢީރާއެކެވެ. މާތް ﷲ އެކަލާނގެ ޝަޢީރާތައް މާތްކުރައްވައިފައިވާތީ އަހުރެމެން މުސްލިމުން ވެސް އެ ޝަޢީރާތައް މަތިވެރިކުރާން ޖެހޭނެއެވެ. މާތް ﷲ ވަނީ އެކަލާންގެ ކަލާމްފުޅު ޤުރްއާން މަތިވެރި ކުރައްވައިފައެވެ. އެހެންކަމުން ކީރިތި ޤުރުއާނަށް އިހާނެތިކޮށް ހިތުމުގެ ގޮތުން ކުރެވޭ ކޮންމެ ޢަމަލަކާ އަހުރެމެން ދެކޮޅުހަދާން ޖެހޭނެއެވެ. މާތް ﷲގެ ޝަޢީރާތަކުގެ ތެރޭގައި މިސްކިތްތައް ވެއެވެ. އެއީ ބިންމަތީގައި ހުރި އެކަލާންގެ ގެކޮޅުތަކެވެ. މިސްކިތްތަކަށް ވަދެ އެތަންތަން ނުތާހިރުކުރުމަކީ މި ޝަޢީރާއަށް އިހާނެތިކޮށް ހިތުމެވެ. އަހުރެމެން މިކަން ހުއްޓުވާން ޖެހެއެވެ. މިސްކިތްތައް ސާފުތާހިރުކޮށް ބެލެހެއްޓުމަކީ އެތަންތަނަށް ޙުރުމަތްތެރިކޮށް ހިތުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އަހުރެމެންގެ އިސްލާމްވަންތަކަމާއި ދީނީ ޝަޚްސިއްޔަތު ދެމެހެއްޓުމަކީ އިސްލާމީ ޝަޢީރާގެ ތެރޭގައި ހިމެނޭ ކަމެކެވެ. ހުރިހާ ދަންނަބޭކަލުން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި މުސްލިމުން އެއްވެސް ކަމެއްގައި ޣައިރު ދީންތަކުގެ މިހުންނާ އެއްގޮތަށް އުޅެގެންނެއް ނުވާނެއެވެ. އެއީ ޢަޤީދާގެ ކަމެއްކަމުގައި ވިޔަސް އަޅުކަމުގެ ކަމެއް ކަމުގައި ވިޔަސް އަޚުލާޤުގެ ކަމެއް ކަމުގައި ވިޔަސް މެއެވެ. އެ މީހުންގެ ޚާއްސަ އާދަކާދަތަކުގެ ތެރެއިން ކަމެއް ކަމުގައިވިޔަސް އަދި އެހެން ދީންތަކުގެ ޢީދުތައް ފާހަގަކުރުމުގައި ބައިވެރިވުން ފަދަ ކަމެއްކަމުގައިވިޔަސް އަހުރެމެން މުސްލިމުން އެމީހުން ކޮޕީކޮށް ނަކަލުކޮށް، އެއްގޮތްވުމަކީ ހުއްދަވެގެންވާކަމެއް ނޫނެވެ.
އަޅުކަމުގެ ގޮތުން ކުރެވޭ ކަންކަމުގައި އެހެން ބަޔަކު ކޮޕީކުރުމަކީ ނުވަތަ އެހެން ބަޔަކާ އެއް ގޮތަށް ޢަމަލުކުރުމަކީ އިސްލާމީ އުންމަތުގެ ޝަހުސިއްޔަތު ފުނޑުފުނޑުވެ މި ދީނުގެ އަމިއްލަވަންތަކަން ގެއްލޭނެ ކަމެކެވެ.
މައުލޫމާތު: ހުކުރުޚުޠުބާ