އަހަރެން ވިސްނާލީމެވެ. ޒުވާން އުމުރު ފާއިތުވެދިއުމުގެ ކުރިން ފުރިހަމަ ހަޔާތެއް ފެށުމަށެވެ. އަހަރެންނާއެކު އުޅުނު ގިނަ އެކުވެރިން މިހާރު ވަނީ ކައިވެނިކޮށް، ދަރިންވެސް ލިބިފައެވެ. އެހެންނަމަވެސް، އަހަރެންނަށް އިހުސާސްވާން ފެށީ އަހަރެންނަކީ ހަމައެކަނި މީހަކާ ނީނދެ، ދަރިއެއްވެސް ނެތް މީހާކަމުގައެވެ. އަދި ބައެއް މީހުން އަހަރެންނަށް މިކަން އިތުރަށް އިހުސާސްކުރުވަމުން ދިޔައެވެ.
ކޮންމެ ދުވަހަކު ހެނދުނު އޮފީހަށް ދާއިރު، އަހަރެންގެ ހިތުގައި ވޭންގަދަ އިހުސާސްތަކެއް އުފެދެއެވެ. މަގުމަތީގައި ދިމާވާ ޒުވާން ޒަވާޖީ ޖޯޑުތަކާއި، ކުޑަކުދިންނާއެކު އުފަލުން ހިނގާ މައިންބަފައިން ފެނުމުން، އަހަރެންގެ ހިތުގެ ވޭން އިތުރުވެއެވެ. އަހަރެންގެ ހިތުގެ ވޭން ފޮރުވަން މަސައްކަތްކުރި ނަމަވެސް، މީސްމީހުންގެ ބަސްތަކުން އަހަރެންގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. "ކޮބާ ދެން، މިހާރު ކައިވެނި ކުރާކަށް ނުވިސްނޭތަ؟" މިފަދަ ސުވާލުތައް އަހަރެންގެ ކަންފަތުގައި އަޑުގަދަވަމުން ދިޔައެވެ.
އެހެންނަމަވެސް، ބައެއް މީހުން އަހަރެންނަށް ހެޔޮ ނަސޭހަތްތެރިވެ ދިޔައެވެ. ނަމާދާއި ދުޢާގައި ދެމިހުރުމަށް އިރުޝާދު ދިނެވެ. އޭރުން ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށް ބުނެދިނެވެ. އެންމެފަހުން އަހަރެން އެ ހެޔޮ ނަސޭހަތްތައް ގަބޫލުކޮށް، ނަމާދާއި ދުޢާގައި ދެމިހުރީމެވެ. ކޮންމެ ނަމާދަކަށްފަހު އަހަރެން ﷲ އަށް ދުޢާކުރަމުން ދިޔައީ ހެޔޮލަފާ އަންބަކު ދެއްވުމަށް އެދިއެވެ.
މަސްތަކެއް ފާއިތުވެގެން ދިޔައެވެ. އަހަރެން އޮފީސް ދަތުރެއްގައި މާލެއިން ބޭރަށް ދިޔައީމެވެ. އެއިރުވެސް އަހަރެންގެ ހިތުގައި އެކަނިވެރިކަން ވަނީ ފެތުރިފައެވެ. ނަމަވެސް އެކަން އަހަރެންގެ ދަތުރުގައި ބައިވެރި މީހުންނަށް ނުދައްކަމެވެ. އެއްދުވަހަކު އަހަރެންގެ އަތުގައި ނަސީބު ހިފިއެވެ. އަހަރެންގެ ރައްޓެއްސެއްގެ ފަރާތުގެ އަންހެން ކުއްޖަކު އޭނަގެ އަތުން އަހަރެންގެ ނަންބަރު ހޯދައިގެން ކަމަކު އަހަރެންނާއި ގުޅިއެވެ. އެ އަންހެން ކުއްޖާ އެދުނު ކަންތައް އަހަރެން ކޮއްލަދިނީމެވެ. އެ އަންހެން ކުއްޖާ ގުޅީ މަޢުލޫމާތެއް ސާފު ކޮއްލާށެވެ. ނަމަވެސް އެ ފޯނުކޯލުވީ އަހަރެންގެ ހަޔާތަށް އާރޯކަން ގެނުވި ފޯނުކޯލަކަށެވެ. އޭނާގެ ނަމަކީ ޢާއިޝާއެވެ. އޭނާގެ ހިނިތުންވުމާއި އަޚްލާޤު ރިވެތިކަމުން އަހަރެންގެ ސަމާލުކަން ލިބުނެވެ. ދުވަސްތަކެއް ފާއިތުވެގެން ދިޔައިރު، އަހަރެންނާއި ޢާއިޝާ ވަރަށް ރަނގަޅު އެކުވެރިންނަށް ވެގެން ދިޔައެވެ.
އެއްދުވަހަކު ހިތްވަރު ކޮށްލައިގެން ޢާއިޝާއާ ކައިވެނި ކުރުމަށް ހުށަހެޅީމެވެ. އޭނާ އުފަލުން ޤަބޫލުކުރިއެވެ. އަހަރެންގެ ހިތުގައި އުފާވެރިކަމުގެ ރާގު ގަދަވެގެން ދިޔައެވެ. އަހަރެން ކައިވެނި ކުރަން ބޭނުންވީ ވީހާވެސް އަވަހަކަށެވެ. އެއީ ޢާއިޝާ އަކީ އަހަރެން ބޭނުންވާ ހުރިހާ ސިފައެއް ލިބިފައިވާ ކުއްޖަކަށް ވާތީއެވެ.
ކައިވެނީގެ ދުވަސް ކައިރިވަމުން އައި ވަރަކަށް، އަހަރެންގެ ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. ޢާއިޝާއާ ދިމާވާ ކޮންމެ ފަހަރަކު، އަހަރެންގެ ހިތުގައި ލޯބީގެ އަލިފާން ރޯވަމުން ދިޔައެވެ. އޭނާގެ ހިނިތުންވުމުން ހިތުގެ އުފާވެރިކަން އިތުރުވަމުން ދިޔައެވެ. ﷲ ގެ ރަޙްމަތުން އަހަރެންނަށް ލިބުނު މި ހަދިޔާއަށްޓަކައި ޝުކުރުވެރިވީމެވެ.
ކައިވެނީގެ ދުވަހު، އަހަރެންގެ ހިތުގައި އުފަލާއި ބިރުވެރިކަން އެކުއެކީގައި އުފެދުނެވެ. އުފާވެރިކަން އިހުސާސްވީ އަހަރެންގެ ހަޔާތުގެ އައު ބާބެއް ފެށޭތީއެވެ. އަދި ބިރުވެރިކަން އިހުސާސްވީ އާ ޒިންމާތަކެއް އުފުލަން ޖެހޭތީއެވެ. ނަމަވެސް، ޢާއިޝާގެ މޫނުމަތިން ފެންނަ އުފާވެރިކަމާއި ލޯބި ދެކެ، އަހަރެންގެ ހިތުގެ ބިރުވެރިކަން ފިލައިގެން ދިޔައެވެ.
ކައިވެނި ކުރުމަށްފަހު، އަހަރެމެންގެ ދިރިއުޅުން ފެށިގެން ދިޔައީ އުފާވެރިކަމާއި ލޯތްބާއެކުގައެވެ. ކޮންމެ ދުވަހަކީ އަހަރެމެންނަށް އާ ތަޖުރިބާއެއް ލިބޭ ދުވަހެކެވެ. އަހަރެމެން އެކަކު އަނެކަކަށް އެހީތެރިވެ، އެއްބަޔަކު އަނެއްބަޔަކަށް ބަރޯސާވެ، ދަތި އުނދަގޫ ވަގުތުތަކުގައި ކެތްތެރިވުމަށް ނަސޭހަތްތެރިވަމުން ދިޔައީމެވެ. މިގޮތަށް އަހަރެމެންގެ ލޯބި އިތުރަށް ފުންވަމުން ދިޔައެވެ.
އަހަރެމެން ދެމީހުންގެ ވިސްނުން ހުރީ ވީހާވެސް އަވަހަކަށް ދަރިއަކު ހޯދުމަށެވެ. ނަމަވެސް އެތައް ދުވަހެއްވީ އިރުވެސް އަހަރެމެންނަށް ދަރިއަކު ލިބުމުގެ ފުރުސަތެއް ނުލިބުނެވެ. އަހަރެމެން އެކަމާއި ވަރަށް ދެރަވިއެވެ. އެއްދުވަހަކު އަހަރެންގެ ލޯބިވާ އަނބިމީހާ ޢާއިޝާ އަހަރެންނަށް ވަރަށް ރަނގަޅު ނަސޭހަތެއް ދިނެވެ. ފަރުޟު ނަމާދުގެ އިތުރަށް ދަމު ނަމާދު ކުރުމަށެވެ.
އަހަރެންގެ ލޯބިވާ އަނބިމީހާގެ އެދުމަށް އަހަރެމެން ދެމީހުން ދަމު ނަމާދު ކުރަން ފެށީމެވެ. ރޯދަމަހު ކޮންމެ ރެއަކުވެސް ދަމުނަމާދަށް މިސްކިތަށް ދަނީވެސް އެކީގައެވެ. ކޮންމެ ރެއަކު ދަމު ނަމާދުކޮށް، އަޅުކަމުގައި ދެމިތިބެ، ހިތުގެ އެންމެ ފުންމިނުން ﷲ އަށް ދުޢާ ކުރަމުން ދިޔައީމެވެ. އަހަރެމެންގެ ހިތުގައި އުއްމީދުގެ އަލިކަން އާވަމުން ދިޔައެވެ.
ދަމު ނަމާދުކޮށް ދުޢާ ކުރަންފެށިތާ މާގިނަ ދުވަހެއް ނުވަނީސް އަހަރެންގެ ލޯބިވާ އަނބިމީހާ ޢާއިޝާ އަހަރެންގެ ދަރިއަކަށް ބަނޑުބޮޑުވި ޚަބަރު ޑޮކްޓަރު ދިނެވެ. އަހަރެމެން އުފަލުން ފޮޅުނެވެ. އަހަރެންގެ ލޮލުން އުފަލުގެ ކަރުނަ އޮހޮރުނެވެ. ޢާއިޝާ އަހަރެންނާ ބައްދަލުކޮށް، އޭނާގެ ދެލޯ ފެންކަޅިވެފައި ވަނިކޮށް ބުންޏެވެ. "މިއީ އަހަރެމެންގެ ދުޢާތަކުގެ ޖަވާބު. ﷲ ގެ ރަޙްމަތް ކިހާ ބޮޑު"
އެ ވަގުތު އަހަރެން ހަނދާންވީ ކުރިން އެކަނިވެރިކަމުގައި ހޭދަކުރި ދުވަސްތަކެވެ. އަދި މިހާރު އަހަރެންނަށް ލިބިފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވީމެވެ. ލޯބިވާ އަނބިމީހަކާއި، އަދި މިހާރު ލިބެން އޮތް ދަރިފުޅެކެވެ. އަހަރެންގެ ހިތުގައި އުފެދުނު އުފާވެރިކަމަކީ އަކުރުން ބަޔާންކުރަން ދަތި އެއްޗެކެވެ.
އެދުވަހުން ފެށިގެން، އަހަރެމެން ދެމީހުން ވަރަށް އުފަލާއެކު ދަރިފުޅު ލިބުމަށް އިންތިޒާރު ކުރަން ފެށީމެވެ. ޢާއިޝާގެ ބަނޑުބޮޑުވަމުން ދިޔަވަރަކަށް، އަހަރެންގެ އުފާވެރިކަންވެސް އިތުރުވަމުން ދިޔައެވެ. ކޮންމެ ރެއަކު ނިދަން އޮށޯންނައިރު، އަހަރެން ޢާއިޝާގެ ބަނޑުގައި ފިރުމާލަމުން، ވާހަކަ ދައްކަމުން ދިޔައީމެވެ.
ޢާއިޝާގެ ބަނޑުބޮޑުވަމުން ދިޔަވަރަކަށް، އަހަރެމެންގެ ދިރިއުޅުމަށް އާ ބަދަލުތަކެއް އަންނަން ފެށިއެވެ. އަހަރެން ޢާއިޝާއަށް އިތުރު ސަމާލުކަމެއް ދޭން ފެށީމެވެ. އޭނާގެ ކެއުމާއި ބުއިމަށް އަހަރެން ވަރަށް ބޮޑަށް ސަމާލުވީމެވެ.
ކޮންމެ މަހަކު އެއްފަހަރު ޑޮކްޓަރަށް ދެއްކުމަށް ދިޔައިރު، އަހަރެން ޢާއިޝާއާއެކު ދިޔައީމެވެ. ޑޮކްޓަރު ދަރިފުޅުގެ ހިތުގެ އަޑު އަހާލަދޭއިރު، އަހަރެންގެ ހިތުގައި އުފަލުގެ ކުލުނު އުފެދުނެވެ. އަދި ސްކޭން ކުރާއިރު، ދަރިފުޅުގެ ސިފަ ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ލޮލުން އުފަލުގެ ކަރުނަ އޮހޮރުނެވެ.
ރޭގަނޑު ނިދާއިރު، އަހަރެން ޢާއިޝާގެ ބަނޑުގައި އަތްއަޅައި، ދަރިފުޅު ބޮޑުވެ ރީތި ކުއްޖަކަށްވެ، ރަނގަޅު މުސްލިމަކަށް ވުމަށް ދުޢާ ކުރަމެވެ. ބައެއްފަހަރު ދަރިފުޅު އަހަރެންގެ އަތުގައި ޖެހިލާ ހިނދު، އަހަރެންގެ ހިތުގައި އުފަލުގެ ރާގު ގަދަވެ، ލޮލުން ކަރުނަ އަންނަން ފަށައެވެ.
ނަމަވެސް މިކަން މާގިނަ ދުވަހަކު ދެމިއެއް ނޯތެވެ. ޢައިޝާ ބްލީޑް ވާތީ ޑޮކްޓަރަށް ދެއްކުމުން ދިނީ ސްކޭނެއް ހަދާށެވެ. އެސްކޭން ހަދާފައި ޑޮކްޓަރަށް ދެއްކުމުން އެއްވެސް މައްސަލައެއް ނުފެނުނެވެ. އެދުވަހުގެ ފަހުން ޢާއިޝާ އޮންނަން ޖެހުނީ ބެޑްރެސްޓްގައެވެ. އަހަރެމެން ގަވާއިދުން ޑޮކްޓަރަށް ދައްކަމުން ދަނިކޮށް އަނެއްކާވެސް ޑޮކްޓަރު ދިނީ ވަރަށް ހިތާމަވެރި ޚަބަރެކެވެ. ސަތާރަވަނަ ހަފްތާގައި ދަރިފުޅު ނޯންނާނެ ކަމުގެ ހިތާމަވެރި ޚަބަރު ދިނުމާއި އެކު އަހަރެންނަށް ރޮވުނެވެ. އަދި ރަހިމުގެ ދޮރު ހުޅުވިފައިވާ ކަމަށާއި އެކަމަށް ސިކުނޑި ތައްޔާރު ކުރުމަށް ނަސޭހަތް ދިނުމަށްފަހު ސަތާރަ ވަނަ ހަފްތާގައި ސްކޭނެއް ހެދުމަށްވެސް ދިނެވެ.
އަހަރެމެން ގެއަށް އައިސް ވާހަކަ ދެއްކީމެވެ. އަހަރެންގެ ހިތުގައި ބިރުވެރިކަމާއި ހިތާމައިގެ އިހުސާސްތައް އުފެދުނެވެ. ނަމަވެސް ޢާއިޝާގެ ހިތްވަރުގަދަކަމުން އަހަރެންނަށް ބާރު ލިބުނެވެ. އޭނާ ބުންޏެވެ. މިއީ ﷲ ގެ އިމްތިހާނެކެވެ. އަހަރެމެން ކެތްތެރިވާން ޖެހެއެވެ. ﷲ އަށް ބަރޯސާވާން ޖެހެއެވެ.
އެރޭ އަހަރެމެން ދެމީހުން އެކުގައި ދަމު ނަމާދުކޮށް، ހިތުގެ އެންމެ ފުންމިނުން ދުޢާ ކުރީމެވެ. އަހަރެމެންގެ ދަރިފުޅު ސަލާމަތުން ބެހެއްޓެވުމަށް އެދި ﷲ އަށް ދުޢާ ކުރީމެވެ.
ސަތާރަ ވަނަ ހަފްތާގައި ޑޮކްޓަރ ބުނި ސްކޭން ހައްދަން ދިޔައީމެވެ. އަހަރެންގެ ހިތް ވަރަށް ބާރަށް ތެޅެމުން ދިޔައެވެ. ޢާއިޝާގެ އަތުގައި ހިފަހައްޓައިގެން، އަހަރެން ހިތުގެ އަޑިން ދުޢާ ކުރަމުން ދިޔައީމެވެ. ސްކޭން ހެދުމަށްފަހު އަނެއްކާވެސް ޑޮކްޓަރ ދިނީ ހައިރާން ކުރުވަނި ޚަބަރެކެވެ. ރަހިމުގެ ދޮރު ހުޅުވިފައި ނެތް ވާހަކައެވެ. އަހަރެން ޔަގީން ނުވެގެން ފަސް ފަހަރަށް ޑޮކްޓަރާއި ސުވާލު ކުރީމެވެ.
އަހަރެންގެ ލޮލުން އުފަލުގެ ކަރުނަ އޮހޮރުނެވެ. ޢާއިޝާގެ ލޮލުގައިވެސް ކަރުނަ ފެންނަން ހުއްޓެވެ. އަހަރެމެން އެކަކު އަނެކަކާ ބައްދައިލައިގެން ހުރެ، ﷲ އަށް ޝުކުރު ކުރީމެވެ. އަހަރެމެންގެ ދުޢާ ﷲ އިޖާބަ ކުރެއްވީއެވެ.
މި ތަޖުރިބާއިން އަހަރެމެންނަށް ދަސްވީ ﷲ އަށް ބަރޯސާވުމުގެ މުހިންމުކަމެވެ. އަދި ދަތި އުނދަގޫ ވަގުތުތަކުގައި ވެސް ކެތްތެރިވެ، ދުޢާގައި ދެމިތިބުމުގެ މުހިންމުކަމެވެ.
މިއަދު އަހަރެމެންގެ ދަރިފުޅު ދުނިޔެއަށް އައިސް، އަހަރެމެންގެ ދިރިއުޅުމަށް އާ އުފަލެއް ގެނެސްދީފައިވެއެވެ. އޭނާގެ ކުޑަކުޑަ އަތްތިލަ އަހަރެންގެ އިނގިލީގައި ބާރަށް ހިފަހައްޓާ ކޮންމެ ފަހަރަކު، އަހަރެންނަށް ހަނދާންވަނީ އެ ދުވަސްވަރު އަހަރެމެން ކުރި ދުޢާތަކެވެ. އަދި ﷲ ގެ ރަޙްމަތުން އަހަރެމެންނަށް ލިބުނު މި ނިޢުމަތަށް ޝުކުރުވެރިވަމެވެ.
އަހަރެމެންގެ ދަރިފުޅު، ފަރުހާން، މިހާރު ވަނީ ތިން އަހަރު ފުރިފައެވެ. އޭނާގެ ހިނިތުންވުމާއި، ކުޑަކުޑަ އަޑުން "މަންމާ" އަދި "ބައްޕާ" ކިޔާ އަޑު އިވޭ ކޮންމެ ފަހަރަކު، އަހަރެމެންގެ ހިތްތަކުގައި އުފަލުގެ ކުލުނު އުފެދެއެވެ. ފަރުހާން އަކީ އަހަރެމެންގެ ދިރިއުޅުމުގެ އަލިކަމެވެ. އޭނާގެ ކޮންމެ ހަރަކާތަކުން އަހަރެމެންނަށް އާ އުފަލެއް ލިބެއެވެ.
އަހަރެމެން ދެމަފިރިން މިހާރު ވަރަށް ބޮޑަށް ބަދަލުވެފައިވެއެވެ. ކުރިން އެކަނިވެރިކަމުގެ ވޭނުގައި އުޅުނު އަހަރެމެން، މިހާރު ވަނީ ފުރިހަމަ އާއިލާއަކަށް ވެފައެވެ. ކުރިން ދަރިއަކު ނުލިބިގެން ކުރި ހިތާމަ، މިހާރު ވަނީ ފާޠިމާގެ ލޯބިން ފޫބެއްދިފައެވެ. އަހަރެމެންގެ ދިރިއުޅުމުގެ ކޮންމެ ވަގުތަކީ އުފާވެރި ވަގުތެކެވެ.
ނަމަވެސް، އަހަރެމެން ދެމީހުން އެއްބަސްވެފައިވަނީ މި ނިޢުމަތް ދެއްވި ﷲ އަށް އަބަދުވެސް ޝުކުރުވެރިވާން ޖެހޭނެ ކަމަށެވެ. އަދި ކުރިން ތަޖުރިބާކުރި އުނދަގޫ ދުވަސްތައް ހަނދާންކޮށް، އެހެން މީހުންނަށްވެސް އެފަދަ ހާލަތުގައި އެހީތެރިވާން ޖެހޭނެ ކަމަށެވެ. އުޅޭ ޒަވާޖީ ޖޯޑުތަކަށް ހިތްވަރު ދީ، އެމީހުންނަށް އެހީތެރިވެދެމެވެ.
މި ތަޖުރިބާއިން އަހަރެމެންނަށް ދަސްވެފައިވާ އެންމެ މުހިންމު ފިލާވަޅަކީ ﷲ އަށް ބަރޯސާވެ، ދުޢާގައި ދެމިހުރުމުގެ މުހިންމުކަމެވެ. އަދި ދަތި އުނދަގޫ ވަގުތުތަކުގައިވެސް ކެތްތެރިވުމުގެ މުހިންމުކަމެވެ. މިއަދު އަހަރެމެންގެ ދިރިއުޅުމުގައިވާ ކޮންމެ އުފަލަކީ އޭރު ކުރި ދުޢާތަކުގެ ނަތީޖާއެއް ކަމުގައި އަހަރެމެން ދެކެމެވެ. ޚާއްސަކޮށް ދަމުނަމާދެވެ.
އަހަރެމެންގެ ތަޖުރިބާއިން ދަސްވި އެންމެ މުހިންމު އެއް ފިލާވަޅަކީ ދުޢާގެ ބާރުގަދަކަމެވެ. ދަތި އުނދަގޫ ވަގުތުތަކުގައި، ޚާއްޞަކޮށް ދަމުނަމާދުގައި ކުރި ދުޢާތަކުގެ ސަބަބުން އަހަރެމެންނަށް ލިބުނު ހިތްހަމަޖެހުމާއި ހިތްވަރަކީ ބަޔާންކުރަން ދަތި އެއްޗެކެވެ. އަދި އެ ދުޢާތައް އިޖާބަކުރެއްވި ގޮތް ދެކެ، އަހަރެމެން އަދިވެސް ހައިރާންވަމެވެ. ހަމަކަށަވަރުން ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ އެވެ. އެހެންކަމުން، އަހަރެމެންގެ ހުރިހާ ކަމެއްގައިވެސް ﷲ އަށް ބަރޯސާވެ، އެކަލާނގެ ޙުކުމްފުޅަށް ރުހި ޤަބޫލުވެ ތިބެމެވެ. އަދި ކުރިމަގުގައި ދިމާވާނެ ކޮންމެ ކަމަކީވެސް އަހަރެމެންނަށް ހެޔޮގޮތް ވާނެ ކަމެއްކަމުގައި ދެކެމެވެ. އެއްވެސް ކަމެއްގައި އުންމީދު ކަނޑާނުލާށެވެ.
= ނިމުނީ =