ސްކޫލް ޗުއްޓީއަށް ކޮންމެ ފަހަރަކުވެސް ވިއްސާރަވެއެވެ. މިފަހަރުވެސް ހަމަ އެގޮތެވެ. ދުރާލާ ތަނަކަށް ދާން ހަމަޖެއްސި ނަމަވެސް ގިނަފަހަރަށް އެކަން ޖެހެނީ ކެންސަލް ކޮއްލާށެވެ. ސްކޫލް ބަންދުވުމާއި އެކު މީހުން އެކި ދިމަދިމާލަށް ފުރައިގެން ދަނީއެވެ. ދަރިން ގޮވައިގެންނެވެ. އަދި ދަރިން ނެތް މީހުން އެމީހުންގެ އުފަލަށް އެކަނި ނަމަވެސް ކޮންމެވެސް ދިމާލަކަށް ދެވޭތޯ ބަލައެވެ.
އަޝްރަފަށްވެސް އޮފީހުން ލިބުނު ޗުއްޓީގައި އޭނަ ބޭނުންވީ ރާއްޖޭގެ ކޮންމެވެސް ރަށަކަށް ދާށެވެ. ރާއްޖެއިން ބޭރަށް ދިއުމަށް ވުރެ އެގޮތް މާހިތްހަމަޖެހެއެވެ. ޗުއްޓީ ލިބުމާއި އެކު އަވަސްވެގަތީ ކޮންމެވެސް ދިމާލަކުން ޖާގައެއް ލިބޭތޯއެވެ. އެގޮތުން ރައްޓެހިންނަށް ގުޅައިގެން ތަނެއް ހަމަޖެހުނެވެ. އަޝްރަފް ވަރަށް އުފަލުން ދަތުރަށް ތައްޔާރުވާންފެށިއެވެ.
ދިގު ނޫން ދަތުރަކަށްފަހު އެރަށަށް ދެވުނުއިރު އަޝްރަފްގެ އިސްތިގުބާލުގައި ސަލީމް ހުއްޓެވެ. އަދި އަޝްރަފް ގޮވައިގެން އޭނާ ހުންނަން ހަމަޖެހިފައިވާ ގެއާއި ދިމާލަށް ދެމީހުން ހިނގަމުން ދިޔައިރު އެރަށާއި ބެހޭ ގިނަ މައުލޫމާތު އަޝްރަފް އޮޅުން ފިލުވަމުން ގެންދިޔައީ އެއީ ދުވަހަކުވެސް އަޝްރަފް ދިޔަ ރަށަކަށް ނުވާތީއެވެ. ސަލީމަކީ އަޝްރަފް އާއި އެއްކުލާހެއްގައި ކިޔެވި މީހެކެވެ. ސްކޫލް ދައުރު ނިމުމާއި އެކު ސަލީމްވެސް ރަށަށް ބަދަލުވީ ލިބުނު ވަޒީފާއަށް ފުރަގަސް ނުދޭން ވެގެންނެވެ. އަމިއްލަ ރަށުގައި ރަނގަޅު ވިޔަފާރިއެއް ފެށުމަކީ އަބަދުވެސް ސަލީމް ދެކެމުން އަންނަ ހުވަފެނެކެވެ. ބައެއް ފަހަރަށް ކަމަކާއި މަޝްވަރާ ކޮއްލަން ވެއްޖެއްޔާ ގުޅާލާނެއެވެ. އަބަދުވެސް އުޅެނީ ވަރަށް ގާތްކޮށެވެ.
"މިރަށް ވަރަށް ފުލްކޮށް އުޅެނީ. ވަރަށް ވަރުން ކޮޓަރިއެއްވެސް މިލިބުނީ. އަނެއްކާ އެހާ އަގުވެސް ބޮޑު. އެހެންތާ ވާނީ މިއީ ސްކޫލް ބަންދުވިއްޔާ" ސަލީމް އަޝްރަފް ހުންނަން ހަމަޖެއްސި ގެއަށް އާދެވުމާއި އެކު ބުނެލިއެވެ. ބޭރު ޖޯލީގައި މުސްކުޅި ބޭބެއެއް ފިޔަވާ އިތުރު މީހަކު ފެންނާކަށް ނެތެވެ. ބަލާބެލުމަށް އުމުރުން ވަރަށް ދުވަސްވީ މީހެއްހެން ހީވެއެވެ. އެމީހާ އާއި ސަލީމް ވާހަކަ ދެއްކުމަށްފަހު ސަލީމް ހިނގައިގަތީ ފަހުން އަންނާނެ ކަމަށް ބުނެފައެވެ. އަޝްރަފް އެބޭބެގެ ގާތުގައި ކޮޓަރި ކޮބައިތޯ ސުވާލުކޮއްލިއެވެ.
"މިއޮތީ ތަޅުދަނޑި" އަޝްރަފް އަތަށް ތަޅުދަނޑި ދެމުން އެބޭބެ ބުނެލިއެވެ.
"ކޮޓަރި ދައްކާލެވިދާނެތަ" އަޝްރަފް އަހާލިއެވެ.
"ތި ތަޅުދަނޑީގައި އޮންނާނެ ލިޔެފައި. އެތެރެއަށް ވަދެ ބަލާލަބަލަ" އެބޭބެ ވާހަކަ ދެއްކީ ވަރަށް ރުންކުރުކޮށެވެ.
އަޝްރަފް ތަޅުދަނޑި ހިފައިގެން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. މަޑުމަޑުން ދެފަރާތަށް ބަލަމުން ދިޔައިރު އެގޭގައި އެހެން ބައެއް އުޅޭ ކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ. ސަލީމް ބުނިގޮތުން މިރަށް އޮތީ މިހާރު މުޅިން ފުރިފައެވެ. އެހެންނަމަވެސް މިގޭގައި މީހުން ނޫޅެނީ ކީއްވެބާއޭ އަޝްރަފް ހިތަށް އެރިއެވެ. ފުލްވާން ވެއްޖެއްޔާ މިގެވެސް ފުލްވާންވީ ނޫންހެއްޔެވެ. އެހެން ނޫނަސް އެގަޑީގައި އެގޭގައި މީހަކު ނޫޅެނީ ކަމަށްވެސް ވެދާނެއެވެ. އެވިސްނުމުގައި ހުރެ އަޝްރަފް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ކޮޓަރިތެރެ އޮތީ ވަރަށް ރީތިކޮއްފައެވެ. އެމުސްކުޅި ބޭބެއަށް އެކަނި އެމަސައްކަތް ނުކުރެވޭނެކަން ޔަގީނެވެ. ކޮންމެވެސް މީހަކު ގެންގުޅެނީއެވެ.
އަޝްރަފް ކޮޓަރިއަށް ވަދެ، އޭނާގެ ތަކެތި ބެހެއްޓިއެވެ. އަދި ކޮޓަރިތެރެއަށް ރަނގަޅަށް ބަލައިލިއެވެ. ހުދު ކުލަ ލާފައި ހުރިއިރު އެއްވެސް ކަހަލަ ހަޑިކަމެއް ނެތެވެ. ހީވަނީ ވަރަށް ފަހުން ހެދި ކޮޓަރިއެއް ހެންނެވެ. ރީތިވެލާނަމޭ ހިތާ އަޝްރަފް ފާޚާނާގެ ދޮރު ހުޅުވައިލިއެވެ. ހީވަނީ ފާޚާނާގެ ހުޅުތަކުގައި ދަބަރު ޖަހާފައި ހުރިހެންނެވެ. ފެންވަރައިގެން ނިކުމެ ކޮޓަރީގެ ކުޑަދޮރު ހުޅުވައި ބޭރު ބަލައިލިއެވެ. މަޑު ވައިރޯޅިއެއް ޖެހެމުން ދިޔައެވެ. ކުރިމަތިން ފެންނަނީ ހިތްގައިމު ފެހި ކަމެކެވެ. އަޝްރަފް ބޭނުންވަނީވެސް މިކަހަލަ މަންޒަރު އެކުލެވޭ ތަނަކަށް އަންނާށެވެ. އަވަހަށް ފެންވަރައިގެން ބޭރަށް ދާން ބޭނުންވީ އެހިސާބުގަނޑު ބަލާލުމުގެ ބޭނުމުގައެވެ.
އަޝްރަފް ރީތިވެލައިގެން ބޭރަށް ނިކުތްއިރު އެއްކަލަ ބޭބެއެއް ފެންނާކަށް ނެތެވެ. ނަމަވެސް އެކަމާއި މާބޮޑަށް އަޅާލުމުގެ ބޭނުމެއް ނެތެވެ. އެބޭބެގެ ކިބައިން ބޭނުންވާނެ ކަމެއް ނެތެވެ. ހުރިހާ ކަމެއް ހަމަޖައްސަނީ ސަލީމެވެ. ކެއުމާއި ސައި އޮންނަނީ ސަލީމްގެ ގޭގައިއެވެ. ސަލީމް އަޝްރަފް ބަލާ އަންނަންވާއިރަށް ބޭރަށް ނިކުމެލާނަމޭ ހިތާ ކުޑަދޮރުން ފެނުނު ހިތްގައިމު މަންޒަރާއި ދިމާލަށް ހިނގައިގަތެވެ. މާދުރަކަށް ދާކަށް ނުޖެހުނެވެ. ކުރިމަތީގައި އޮތީ ހިތްގައިމު މޫދެކެވެ. އެއްވެސް މީހަކު އެހިސާބުގައި ފެންނާކަށް ނެތެވެ. އަޝްރަފް ދޮންވެލިގަނޑުގައި އިށީދެ އިނީ ވަރަށް ހަމަޖެހިލައިގެންނެވެ.
"ކޮބާ މިއަދު ސައެއް ވެސް ނުބޯ ދުވަހެއްތަ. އަހަރެން ތިގެއަށް ދިޔައިރު އެއްވެސް މީހަކު ނެތް" ސަލީމް އަޝްރަފް ގެއްލިގެން އޭނަގެ ފޯނަށް ގުޅީއެވެ.
އަޝްރަފް އޭނަ އިން ދިމާ ބުނީމަ ސަލީމް އެދިމާލަށް އައެވެ. ދެމީހުން އެކުގައި ސަލީމްގެ ގެއަށް ދިޔައެވެ. ސައިބޯން އިންދާ ސަލީމް ވާހަކަ ފެށިއެވެ.
"ސަލީމް ބުނީމެއްނު މިރަށް ވަރަށް ފުލްއޭ. ދެން ކީއްވެ އަހަރެން މިހުންނަ ގޭގައި އެހެންބަޔަކު ނޫޅެނީ. އަނެއްކާ ޖިންނި ގެއެއްތަ" އަޝްރަފް ހޭންފެށިއެވެ.
"ޖިންނި އެކަންޏެއް ނޫން. އިންސާނުންވެސް އުޅޭނެ. މިދުނިޔެއަކީ އެންމެން އުޅެން އޮތް ތަނެކޭ" ސަލީމް އޭނަ ކުރިންވެސް ގެންގުޅޭ ރާގުގައި ބުނެލިއެވެ.
"އެގޭގައި އުޅުނު ޒުވާން ދެމަފިރިން ވަރަށް އަވަހަށް މަރުވެފައި އެބަހުރި" ސަލީމް ވާހަކައާއިގެން ކުރިއަށް ދިޔައެވެ.
"ދެން ކީއްވެ އެބޭބެ މަރުނުވެ އެހުރީ. އެ ޖިންނީންގެ ކިބައިން ސަލާމަތްވީތަ ނުވަތަ އެމީހުންގެ ފްރެންޑެއްތަ" އަޝްރަފް ހޭންފެށިއެވެ.
"އެއީ އަދި އެނގިފައި ނެތް ސިއްރެއް. އެކަމަކު އެގޭގައި ކޮންމެވެސް ނުބައި އެއްޗެއް އުޅޭކަމަށް ޤަބޫލުކުރޭ ބައެއް މީހުން. ބުނޭ ރޭގަނޑު އަޑުތަކެއް އިވޭ ކަމަށް. އަނެއްބައި މީހުން ބުނޭ ހިޔަނިތަކެއް ފެންނަ ކަމަށް" ސަލީމް ތަފްސީލް ކޮއްލަ ދިނެވެ.
"ތިވާނީ ތިގޭގައި އެއުޅޭ ބޭބެއަށް. ކޮންމެހެން އަހަރެން ބިރުގަންނަވާކަށް އުޅޭނެކަމެއް ނެތް. އަހަރެން އެމީހުންނާއި އެކު އުޅެފާނަމޭ. އަދި ވަރަށް ބޭނުން އެކްސްޕީރިއަންސް ކޮއްލަންވެސް" އަޝްރަފް ހޭންފެށިއެވެ.
"މާފުކުރޭ އަޝްރަފް. އެހެން ތަނެއް ނުލިބުނީމަ. އެކަމަކު ކަންބޮޑުނުވޭ. ގިނަ ދުވަސްތަކެއް ވެއްޖެ އެގޭގައި އެއްވެސް ކަމެއް ހިނގާފައި ނެތް. ހަމަ ރަނގަޅުވާނެ" ސަލީމް އެހެން ބުނިތަނާހެން ސަލީމްގެ އަންހެނުން ބިސްކޯދު ތައްޓެއް ހިފައިގެން އައިސް މޭޒުމަތީގައި ބެހެއްޓިއެވެ.
"އަންހެނުން ހާދަ ހެވޭދޯ. މަށަށްވެސް ހޯދަދީބަލަ އެކަހަލަ ރަނގަޅު ކުއްޖެއް" އަޝްރަފް ސިއްރު ސިއްރުން ބުނެލިއެވެ.
"ތިހެން ނުބުނޭ. އެމީހުންގެ އަގު ވަޒަންކުރަން އެނގެންޖެހޭނެ. އިރާދަކުރެއްވިއްޔާ ތިޔަ ހެޔޮލަފާ އަންހެނަކާ ބައްދަލުވާނެ ދުވަހެއް އަންނާނެ" ސަލީމް ރަނގަޅު ނަސޭހަތެއް ދިނެވެ.
"އާނ، ރަނގަޅު ވާހަކައެއް. އެކަމަކު މިހާރު އަހަރެން ބޭނުންވަނީ ތި ޖިންނި ގެއާ ބެހޭ އިތުރު މަޢުލޫމާތު އެނގެން. އެތާ އުޅޭ ބޭބެއަކީ ކާކުތޯ؟ އޭނަ އެތާ އުޅެނީ ކިހިނެއްވެގެންތޯ؟" އަޝްރަފް ސީރިއަސްކަމާއެކު ސުވާލުކުރަން ފެށިއެވެ.
"އެ ބޭބެއަކީ މި ރަށުގެ އެންމެ ދުވަސްވީ މީހުންގެ ތެރެއިން މީހެއް. އޭނަގެ ނަމަކީ ދޮންއާދަނު. އޭނަ އެތާ އުޅެނީ އެ ގެ ބަލަހައްޓަން. އެކަމަކު އޭނަ އާއި ބެހޭ ގޮތުން ވެސް ވަރަށް ގިނަ ވާހަކަތައް ދެކެވޭ" ސަލީމް ކުޑަ ހިނދުކޮޅަކަށް ހަނުހުރުމަށްފަހު ބުންޏެވެ.
"ކޮން ކަހަލަ ވާހަކަތަކެއް؟" އަޝްރަފް ސުވާލުކޮށްލިއެވެ.
"ބައެއް މީހުން ބުނޭ އޭނައަކީ ޖިންނިންނާ ވާހަކަދައްކަން އެނގޭ މީހެކޭ. އަނެއްބައި މީހުން ބުނޭ އޭނައަކީ ސިހުރުވެރިއެކޭ. އެކަމަކު މިއީ ހަމައެކަނި އަނގަބަހުން ދެކެވޭ ވާހަކަތައް. ޙަޤީޤަތެއް ކަމެއް ނޭނގޭ" ސަލީމް ޖަވާބު ދިނެވެ.
"އެހެންވީމާ، އެ ގެއަކީ އެހާ ނުރައްކާތެރި ތަނެއްތަ؟ އަހަރެން އެހެން ތަނަކަށް ބަދަލުވާން ޖެހޭނެތަ؟" އަޝްރަފް ކަންބޮޑުވެގެން ދިޔައެވެ.
"ނޫން، އެހާ ހިސާބަކަށް ކަންތައް ގޮސްފައެއް ނެތް. އެކަމަކު ރައްކާތެރިވުމަކީ މުހިންމު ކަމެއް. ކޮންމެ ކަމެއްގައިވެސް ސަމާލުވާން ޖެހޭނެ. ރޭގަނޑު އެއްވެސް އަޑެއް އިވުނަސް، ނުވަތަ އެއްޗެއް ފެނުނަސް، ވަގުތުން އަހަންނަށް ގުޅާ." ސަލީމް ނަސޭހަތްތެރިވިއެވެ.
"އާނ، އެހެން ހަދާނަން. ޝުކުރިއްޔާ މި މަޢުލޫމާތު ދިނީތީ. އަހަރެން ވަރަށް ސަމާލުވާނަން" އަޝްރަފް ބޮލުން އިޝާރާތްކޮށްލަމުން ބުންޏެވެ.
ދެމީހުން ސައި ނިންމާލުމަށްފަހު، އަޝްރަފް އޭނަގެ ކޮޓަރިއަށް ދިޔައެވެ. އެރޭ އޭނަ ނިދީ ކުޑަކޮށް ކަންބޮޑުވެފައި ހުރި ހާލުގައެވެ. އެހެންނަމަވެސް، އެރޭ އެއްވެސް ކަމެއް ހިނގާފައެއް ނުވެއެވެ.
އަނެއް ދުވަހު ހެނދުނު އަޝްރަފް ހޭލިއިރު ހަތެއް ޖެހީއެވެ. އޭނާ އަވަސް އަވަހަށް ތެދުވެ ފެންވަރައި، ބޭރަށް ނުކުތެވެ. ބޭރުގައި އެއްކަލަ މުސްކުޅި ބޭބެ ހުއްޓެވެ. އަޝްރަފް އޭނާއާ ދިމާލަށް ހިނގައިގަތެވެ.
"އައްސަލާމް ޢަލައިކުމް، ބޭބެ. ކިހިނެއްތޯ؟" އަޝްރަފް އަދަބުވެރިކަމާއެކު ސަލާމްގޮވާލިއެވެ.
"ވަޢަލައިކުމް އައްސަލާމް" ބޭބެ ޖަވާބު ދިނެވެ. އޭނާގެ މޫނުމަތީގައި އެއްވެސް ކަހަލަ އުފާވެރިކަމެއް ނެތެވެ.
"ބޭބެގެ ނަމަކީ ދޮންއާދަނު ދޯ؟ އަހަރެންނަކީ އަޝްރަފް. މިތާ ހުންނަން އައި މީހާ" އަޝްރަފް ތަޢާރަފުވިއެވެ.
ދޮންއާދަނު ހަމަ އެއްވެސް އެއްޗެއް ނުބުނެ ހުއްޓެވެ. އޭނާގެ ނަޒަރު ހުރީ ދުރަށް ބަލަހައްޓައިގެންނެވެ.
"ބޭބެ، މިގެއާ ބެހޭގޮތުން ކުޑަކޮށް މަޢުލޫމާތު ދެވިދާނެތޯ؟ މިގޭގައި ކުރިން އުޅުނު މީހުންނާ ބެހޭގޮތުން..." އަޝްރަފް ސުވާލުކޮށްލިއެވެ.
"ކުރިން އުޅުނު މީހުން... އެމީހުން އަދިވެސް މިތާ އުޅޭ. އެމީހުން ދުވަހަކުވެސް" ކުއްލިއަކަށް ދޮންއާދަނު އަޝްރަފް އާއި ދިމާލަށް ބެލިއެވެ.
"ކީކޭ... ކީކޭތޯ ތި ވިދާޅުވީ؟" އަޝްރަފްގެ ހަށިގަނޑުގައި ފިނިކަމެއް އެރިއެވެ.
އެމީހުން އަދިވެސް މިތާ އުޅޭ. އެމީހުން ދުވަހަކުވެސް. އެމީހުން ބޭނުންވަނީ އެމީހުންގެ ވާހަކަ ކިޔައިދޭން. އެމީހުންގެ ސިއްރު ހާމަކުރަން. އަދި އެމީހުންނަށް ލިބުނު އަނިޔާގެ ބަދަލު ހިފަން." ދޮންއާދަނު ބުނެލިއެވެ.
"ބޭބެ، ތި ވިދާޅުވަނީ ކޮން ވާހަކައެއްތޯ؟ ކޮން އަނިޔާއެއްގެ ވާހަކަތޯ؟" އަޝްރަފްގެ ހިތުގެ ވިންދު އަވަސް ވެގެން ދިޔައެވެ.
"ތިޔަ ބޭފުޅާ ރައްކާތެރިވާން ޖެހޭނެ. މިތަނުގައި ނުރައްކާތެރި ކަންތައްތަކެއް ހިނގާފައި ހުރި. އަދި އަނެއްކާވެސް ހިނގާފާނެ" ކުއްލިއަކަށް ދޮންއާދަނު ހިމޭންވެ، އަޝްރަފް އާއި ދިމާލަށް ބެލިއެވެ.
"ބޭބެ، އަހަރެން... އަހަރެން ދާނަން." އަޝްރަފް ބިރުން ފަހަތަށް ޖެހިލިއެވެ. އަވަސް އަވަހަށް އެތަނުން ދުރަށް ދާން ފެށިއެވެ.
= ނުނިމޭ =