January 10, 2025 21:01
Advertisement

-Advertisement-

ވަޒީފާގެ އެއްބަސްވުމަކީ ހަމައެކަނި މުސާރަ ލިބިގަތުމަށްޓަކައި ވެވޭ އެއްބަސްވުމަކަށް ނުހަދާށެވެ- ހުކުރު ޚުޠުބާ

އިސްލާމީ ޝަރީޢަތުގެ ހުރިހާ ތަނބުތައް އޮފުދާރުކޮށްދެނީ މަތިވެރި އަޚްލާގާއި ރިވެތި ސިފަތަކުންނެވެ. އުންމަތެއް ހެޔޮ އުންމަތަކަށް ވަނީ އެއުންމަތުގެ އަޚްލާޤީ ފޭރާން ތާހިރުވެގެންނެވެ. މަތިވެރި އަޚްލާޤަކީ އިސްލާމީ އަޤީދާގެ އެންމެ މުހިއްމު އަސާސެވެ. އަޅުކަމުގެ ބިންގަލެވެ.

މުޖުތަމަޢުގައި ހިމެނޭ ގިންތިތަކުގެ ތެރެއިން މުވައްޒަފުންނަކީ އެންމެ މަތިވެރި ސުލޫކުން އެންމެ ފުރިހަމައަށް ޒީނަތްތެރިވާންޖެހޭ މީހުންނެވެ. ވަޒީފާގެ މައިދާނުން ރިވެތި މާތް އަޚްލާޤީ ސިފަތައް ފެންނަންޖެހެއެވެ. ކޮންމެ މުވައްޒަފަކީ އޭނާ ވާ ކޮންމެ ތަނެއްގައި އޭނާ ހެއްދެވި މަޤުސަދު މަތިން ހަނދާންކޮށް އެމަޤުސަދު ހާސިލުކުރުމަށް މަސައްކަތް ކުރަންޖެހޭނެ މީހެކެވެ.

އިސްލާމީ ޝަރީޢަތާއި އަދި ވަޟްޢީ ޤާނުނު ބުނެދޭ މަތިވެރި އަޚްލާޤުގެ އެންމެ ކުރީގައިވަނީ އަހުދަށް ރައްކާތެރިވުމެވެ. ހަވާލުކުރެވޭ ޒިންމާ ފުރިހަމައަށް އަދާކުރުމެވެ. މުވައްޒަފެއްގެ ހައިސިއްޔަތުން ތިބާ އެއްބަސްވެ ސޮއިކުރި ވަޒީފާ ބަޔާނާ އެއްގޮތަށް އަމަލުކުރުމެވެ. ވަޒީފާގެ މަސްއޫލިއްޔަތަކީ މުވައްޒަފު ރައްކާތެރިވާންޖެހޭ ބޮޑު އަމާނާތެކެވެ. ވެވޭ އަހުދަކާއި ޢަޤުދެކެވެ.

Advertisement

ވަޒީފާގެ އެއްބަސްވުމަކީ ހަމައެކަނި މުސާރަ ލިބިގަތުމަށްޓަކައި ވެވޭ އެއްބަސްވުމަކަށް ނުހަދާށެވެ. ސޮއިކުރާ ޢަޤުދަކީ އޮފިސް ވަތްގަނޑުގައި ބާއްވާލުމަށް ކުރަހައިލެވޭ ތަސްވީރަކަށް ނުހަދާށެވެ. އެހެނީ ވަޒީފާ ބަޔާނަކީ ޚިދުމަތް ފޯރުކޮށްދިނުމަށް ހިފޭ އަހުދު ކަށަވަރެކެވެ. އެހެންކަމުން އެ ޢަޤުދުގައި ލިޔެވިފައިވާ ކޮންމެ ލަފުޒަކަށް ޖުމްލައަކަށް ފަރުވާތެރިވެ ރައްކާތެރިވާށެވެ. ވަޒީފާގެ ތެރެއިން ޚިދުމަތަށް އެދޭ ފަރާތްތަކަށް ފަރުވާތެރިކަމާއެކު އެ ޚިދުމަތެއް ވީއެންމެ ފުރިހަމައަށް އިޙްތިރާމާއި އޯގާތެރި ކަމާއެކު ފޯރުކޮށްދޭށެވެ. މުވައްޒަފުންގެ ފަހަތުން ޚިދުމަތް ލިބިގަންނަ މީހާ ދުވަން ނުޖެހޭގޮތަށް ތިބާގެ ދުވަހުގެ މަސައްކަތް ތަރުތީބު ކުރާށެވެ.

އޮފީހުގެ ކަރަންޓާއި ފެނަކީވެސް އަމާނާތެކެވެ. ފޯނާއި ކަރުދާހާ ދެއްޔަކީވެސް އަމާނާތެކެވެ. އޮފީހުގެ މެޝިނަރީތަކަކީވެސް އަމާނާތެކެވެ. ވަޒީފާއަށް ކަނޑައެޅިފައިވާ ވަގުތަކީވެސް އަމާނާތެކެވެ. މުއައްސަސާގެ މުހިންމު މަސައްކަތްތަކާއި ގުޅޭ ވަޒީފާގެ ސިއްރުތައް ހިފެހެއްޓުމަކީވެސް އަމާނާތެކެވެ. އެހެންކަމުން މިއަމާނާތްތަކަށް ރައްކާތެރިވާށެވެ. ވަޒީފާގެ މުހިއްމު ވަގުތުތައް އޮފީހުން ބޭރުގައި އަމިއްލަ ކަންކަމަށް ހޭދަކުރާއިރު ހަވާލުވި އަމާނާތުގެ މަތިން ހަނދުމަކުރާށެވެ.

މައުލޫމާތު: ހުކުރު ޚުޠުބާ

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް