January 18, 2025 07:00
Advertisement

-Advertisement-

ވާހަކަ: އޭނާ (ދެވަނަބައި)

"ތިޔަ ބޭފުޅާ ރައްކާތެރިވާން ޖެހޭނެ. މިތަނުގައި ނުރައްކާތެރި ކަންތައްތަކެއް ހިނގާފައި ހުރި. އަދި އަނެއްކާވެސް ހިނގާފާނެ" ކުއްލިއަކަށް ދޮންއާދަނު ހިމޭންވެ، އަޝްރަފް އާއި ދިމާލަށް ބެލިއެވެ.

"ބޭބެ، އަހަރެން... އަހަރެން ދާނަން." އަޝްރަފް ބިރުން ފަހަތަށް ޖެހިލިއެވެ. އަވަސް އަވަހަށް އެތަނުން ދުރަށް ދާން ފެށިއެވެ.

އަޝްރަފް ގެއަށް ވަދެ، ދޮރު ތަޅުލައި، ފުން ނޭވާއެއް ލިއެވެ. އޭނާގެ ހިތުގައި ބިރުވެރިކަން އުފެދިފައިވާ ވަރުން، އޭނާއަށް ހީވަނީ މިހާރުވެސް ކޮންމެވެސް އެއްޗެއް އޭނާގެ ފަހަތުން އަންނަހެންނެވެ. އެހެންނަމަވެސް، އޭނާގެ ކުރިމަތީގައި ހުރި ބޮޑު ލޯގަނޑުން ފެންނަނީ އޭނާގެ ބިރުން ނިކަމެތިވެފައިވާ ސިފައެވެ.

Advertisement

އަޝްރަފްގެ ހަށިގަނޑު ވަނީ ހޫނު ވެފައެވެ. އޭނާގެ ހިތުގެ ވިންދު އަވަސްވެ، ކޮންމެ ވަގުތަކުވެސް ހިތް ފަޅައިގެން ދާނެހެން ހީވެއެވެ. އޭނާ ބަލައިލީ ފާރުގައި ހަރުކޮށްފައިވާ ގަޑިއަށެވެ. މެންދަމުގެ އިރުއޮއްސި 7 ޖަހާން 5 މިނެޓް އޮތެވެ. މުޅި ގެ ވަނީ ހަމަހިމޭންކަމުގެ ތެރެއަށް ގެއްލިފައެވެ. އެކަމަކު އަޝްރަފްގެ ސިކުނޑީގައި ވަނީ ދޮންއާދަނުގެ އަޑުތަކެވެ. އަޝްރަފް އަވަހަށް ސަލީމަށް ގުޅަން ފޯނު ނެގިއެވެ. އަދި އަވަސްއަވަހަށް ސަލީމަށް ގުޅާ އެވާހަކަ ކިޔައިދިނެވެ. އަދި ފޯނު ބޭއްވިތާ ދިހަވަރަކަށް މިނިޓްތެރޭގައި ސަލީމް އައިސް އަޝްރަފް އޮތް ކޮޓަރީގައި ޓަކި ޖެހުމުން ދޮރު ހުޅުވިއެވެ.

"ކޮބާ ކިހިނެއް ވަނީ" އަޝްރަފް ފެނުމާއި އެކު ސަލީމް ސުވާލުކޮއްލިއެވެ.

"ތިވާނީ ރަންނަމާރި ގޮތަށް ދޮންއާދަނު އުޅެނީކަމަށް. އޭނަ ބޭނުން ނުވަނީކަންނޭނގެ މިގޭގައި ފިރިހެނަކު ހުންނާކަށް" ސަލީމް ހޭންފެށިއެވެ.

"އަޝްރަފް، ތިއީ ވަރަށް ނުރައްކާތެރި ކަމެއް. އަހަރެމެން މިކަމާ މެދު ފުންކޮށް ވިސްނަންޖެހޭ" ސަލީމްގެ މޫނުމަތިން ފެންނަނީ ކުލަ ބަދަލުވެފައިވާ ސިފައެކެވެ. އޭނާ އަޝްރަފްގެ ގާތަށް ޖެހިލާ، އަތުގައި ހިފަހައްޓައިގެން ބުންޏެވެ.

"އާނ، އެކަމަކު އެއީ އެންމެ ފަހަރެއް ނޫން. އޭގެ ފަހުން ވެސް އެތައް ފަހަރަކު އެކި ގޮތްގޮތަށް ފެނިދާނެހެން ހީވޭ. ބައެއް ފަހަރު ހަމައެކަނި އަޑުއިވޭ. ބައެއް ފަހަރު ތަކެތި އުކާލާ. މިހާރު އަހަރެންނަށް ޔަގީންވެއްޖެ ދޮންއާދަނު ދެއްކި ވާހަކަ އަކީ ކޮންމެވެސް ވަރެއްގެ ހަގީގަތެއްކަން" އަޝްރަފް ބޯޖަހާލަމުން ބުންޏެވެ.

"އަހަރެމެން މިކަމާ މެދު އަވަހަށް ފިޔަވަޅު އަޅަންޖެހޭ. ފުރަތަމަ ކަމަކަށް، ކަލޭ މިރޭ މިގޭގައި ނޫޅެވޭނެ. އަހަރެންގެ ގެއަށް ދާން" ސަލީމް ވިސްނުންތެރި ކަމާއެކު ބުންޏެވެ.

"އަހަރެމެންނަށް ދެން ކުރެވޭނެ އެއްކަމަކީ، މިގޭގެ ތާރީޚާއި ދޮންއާދަނުގެ ވާހަކަ އިތުރަށް ދިރާސާކުރުން" ސަލީމް ކުޑަ ހިނދުކޮޅަކަށް ވިސްނާލުމަށްފަހު ބުންޏެވެ. 

"އާނ، ތިއީ ރަނގަޅު ޚިޔާލެއް. އެކަމަކު މިކަން ސިއްރުކޮށްގެން ކުރަން ޖެހޭނެ. އަހަރެން ބޭނުމެއް ނުވޭ މުޅި ރަށަށް މިވާހަކަ ފެތުރިގެން ދާކަށް" އަޝްރަފް ބޯޖަހާލަމުން ބުންޏެވެ.

"އާނ، ހަމަ ރަނގަޅު. އަހަރެމެން މިކަން ވީހާވެސް ސިއްރުން ކުރާނަން. މިހާރު ދެން އަވަހަށް ތައްޔާރުވޭ. އަހަރެމެން މިރޭ އަހަރެންގެ ގެއަށް ދާނީ" ސަލީމް އެއްބަސްވިއެވެ.

އަޝްރަފް އޭނާގެ ތަކެތި ނަގަން ފެށިއެވެ. އެހެންނަމަވެސް، އޭނާގެ ހިތުގައި އަދިވެސް ބިރުވެރިކަން އޮތެވެ. އޭނާއަށް ހީވަނީ ކޮންމެވެސް އެއްޗެއް އޭނާއަށް ބަލަހައްޓައިގެން ހުރިހެންނެވެ. އަޝްރަފް އަވަސްއަވަހަށް ތަކެތި ނަގައި، ސަލީމާއެކު ގެއިން ނުކުތެވެ.

ގެއިން ނުކުމެގެން ދާއިރު، އަޝްރަފް ފަހަތަށް އެނބުރި ބެލިއެވެ. އޭނާއަށް ހީވީ ގޭގެ ކުޑަދޮރުން ކޮންމެވެސް އެއްޗެއް އޭނާއަށް ބަލަހައްޓައިގެން ހުރި ހެންނެވެ. އެހެންނަމަވެސް، އެއީ އޭނާގެ ހިޔާލެއްކަން އެނގި، އަވަހަށް މޫނު އަނބުރާލައި ސަލީމާއެކު ހިނގައިގަތެވެ.

ސަލީމްގެ ގެއަށް ދިޔުމަށްފަހު، އަޝްރަފް ވާހަކަދައްކަން މާބޭނުމެއް ނުވިއެވެ. އޭނާގެ ހިތުގައި އޮތް ބިރުވެރިކަން އިތުރުވަމުން ދިޔައެވެ. ރޭގަނޑު ވަގުތު ޖެހުމާއެކު، އަޝްރަފް ނިދަން އޮށޯވެއްޖެއެވެ. އެހެންނަމަވެސް، ނިދި ނާންނަ ކަމަށް ހީވިއެވެ. ކޮންމެ ފަހަރަކު ލޯ މަރާލާއިރަށް، ދޮންއާދަނުގެ ސިފަ ފެންނަ ކަމަށް ހީވެއެވެ.

ރޭގަނޑުގެ އަނދިރިކަމުގައި، ކުއްލިއަކަށް އަޝްރަފަށް އަޑެއް އިވުނެވެ. އެއީ ކުޑަދޮރު ހުޅުވާލި އަޑު ކަމަށް ހީވިއެވެ. އޭނާ ބިރުން ގަދައަށް ލޯ މަރާލައިގެން އޮތެވެ. އެހެންނަމަވެސް، އަނެއްކާވެސް އަޑެއް އިވުނެވެ. މިފަހަރު އެއީ ފިޔަވަޅު އަޑެވެ. އަޝްރަފްގެ ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ. އޭނާއަށް ހީވީ ކޮންމެވެސް މީހަކު އޭނާގެ ގާތަށް އަންނަ ކަމަށެވެ.

ކުއްލިއަކަށް، އަޝްރަފްގެ ކޯތާފަތުގައި ފިނި އަތެއް ޖެހުނެވެ. އޭނާ ބިރުން ހަޅޭއްލަވާލަން އުޅުނު ނަމަވެސް، އަޑެއް ނުނުކުމެއެވެ. ލޯ ހުޅުވާލި އިރު، އޭނާގެ ކުރިމަތީގައި ހުރީ ޒުވާން ދޮން އަންހެނެކެވެ. އޭނާގެ މޫނުމަތީގައި ހުރީ ނުބައި ހިނިތުންވުމެކެވެ.

"އަޝްރަފް، ކީއްވެ ތިހާ ބިރުގަންނަނީ؟ އަހަރެން މިއީ ވަރަށް ގާތް މީހެއް ނޫންތަ؟ އަހަރެން ތީނައަށް އެއްވެސް ގޯނާއެއް ނުކުރާނަން. ދޮންއާދަނަކީ ބައްޕައެއް ކަހަލަ މީހެއް" އެއަންހެން ކުއްޖާ ބުންޏެވެ.

އަޝްރަފަށް ޖަވާބެއް ނުދެވި ހުއްޓެވެ. އޭނާގެ މުޅި ހަށިގަނޑުން ދަނީ ގަދައަށް ތުރުތުރުއަޅަމުންނެވެ. އެއަންހެން ކުއްޖާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

"އަހަރެންގެ ގާތުން ދުރުވާކަށް ނުޖެހޭނެ. އަހަރެންއަބަދުވެސް ހުންނާނަން. ތީނަގެ ހިޔަނި ފަދައިން" އެއަންހެން ކުއްޖާ އައިސް އަޝްރަފްގެ ގާތުގައި އިށީނެވެ.

އަޝްރަފް ހޭލެވުނެވެ. އޭނާގެ މުޅި ހަށިގަނޑުން ވަނީ ދާހިއްލާފައެވެ. އެއީ ހަމައެކަނި ހުވަފެނެއްކަން އެނގުމުން، އަޝްރަފަށް ކުޑަކޮށް ހިތްހަމަޖެހުނެވެ. އެހެންނަމަވެސް، އޭނާގެ ހިތުގައި އޮތް ބިރުވެރިކަން ފިލައިގެނެއް ނުދިޔައެވެ.

ހެނދުނު އަޝްރަފް ހޭލިއިރު، އޭނާގެ ލޮލުގެ ދަށުގައި ކަޅު ތިކި ހުއްޓެވެ. ސަލީމް އެކަން ފާހަގަކޮށް، އަޝްރަފްގެ ހާލު އަހާލިއެވެ. އެއީ ނިދާ ހޭލީމާ ހުރި ގޮތެއް ކަމަށް އަޝްރަފް ބުނި ނަމަވެސް އެކަން ސަލީމެއް ގަބޫލެއް ނުކުރިއެވެ. އަޝްރަފް ގޮސް މޫނުބަލާ ލޯގަނޑު ކުރިމައްޗަށް ހުއްޓި ރަނގަޅަށް ބަލައިލިއެވެ. އެއީ ތެދެކެވެ. އެކަމަކު އެހެން ވާންވީ ކީއްވެބާއެވެ. މިރޭ އަޝްރަފް ނިދީވެސް އެކަންޏެވެ.

"ކޮބާ ގަބޫލުކޮއްފިންތަ" ސަލީމް ހޭންފެށިއެވެ.

"އަހަންނަށް ހީވަނީ އަނެއްކާ އެނބުރި ދޮންއާދަނުގެ ގެއަށް ދާންވީހެން. އެގެއިން އެއްވެސް ކަހަލަ ބިރުވެރިކަމެއް ދިމާނުވެއެއްނު. ދެން ކީއްކުރަން އަހަރެމެން މީހުން ދައްކާހާ ވާހަކައެއް ގަބޫލުކުރަންވީ" އަޝްރަފްގެ ވިސްނުން ހުރީ އެނބުރި ދޮންއާދަނުގެ ގެއަށް ދާށެވެ. އެރަށުން ފުރަންދެން އެގޭގައި ހުންނާށެވެ.

"ތިއީ ރަނގަޅު ޚިޔާލެއް ނޫން. ތިހިރަ ގޮތުން ތިއީ ހަމަ ބިރުވެރި ކަމެއް އަހަރެމެން އެބަޖެހޭ މިކަން ރަނގަޅަށް ބަލާލަން" ސަލީމް އަޝްރަފްގެ ވާހަކަ އަޑުއަހާފައި ބުންޏެވެ.

"ނޫން، އަހަރެން ދާނީ. މިހާރު އަހަރެން މިހިރީ ރަނގަޅަށް. ހަމައެކަނި ނިދި ނުލިބުނީ" އަޝްރަފް އޭނާގެ ނިންމުމުގައި ދެމިހުރިއެވެ.

އެދުވަހުގެ މެންދުރުފަހު، އަޝްރަފް ދޮންއާދަނުގެ ގެއަށް ދިޔައެވެ. ދޮންއާދަނު އޭނާ ވަރަށް އުފަލުން ބަލައިގަތެވެ. "އަޝްރަފް، ތިޔަ އައީ ރަނގަޅަށް. އަހަރެން ހިތަށްއެރީ ދެން ނާންނާނެ ކަމަށް"

އަޝްރަފް ހިނިތުންވެލަމުން ދޮންއާދަނުގެ ގެއަށް ވަދެ، ސޯފާގައި އިށީނދެލިއެވެ.

"ކީއްވެ ދިޔައީ ބިރުގަތީތަ. ކޮންކަމަކާއި ބިރުގަންނަންވީ. އަޝްރަފަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކިތަންމެ ޒަމާނެއް ވަންދެން މިގޭގައި އުޅުނަކަސް" ދޮންއާދަނުވެސް އައިސް އަޝްރަފް އާއި ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ.

"މިގޭގައި ނޫޅޭނެ ބަޔަކު އަޝްރަފްއަށް އުނދަގޫ ކޮއްލާނެ" އަނެއްކާވެސް ދޮންއާދަނު ވާހަކަ ދައްކަން ފެށިގޮތުން ހީވަނީ އެގެއިން އަޝްރަފް ހިނގައިދާނެތީ ނުވަތަ ކަމެއް ފަޅާއަރާފާނެތީ އުޅޭހެންނެވެ.

ދޮންއާދަނު ގޮނޑިން ތެދުވެ ހިނގައިގަތްތަނާހެން ބާރުގަދަ އަޑެއް އިވުނެވެ. އެއަޑަށް އަޝްރަފް ސިގެން ދިޔަ ނަމަވެސް ދޮންއާދަނަކަށް އެއަޑު އެއީ މާބޮޑު ކަމަކަށް ނުވިއެވެ.

"ބިރުގަންނާކަށް ނުޖެހޭ. އެއީ މި ގޭގެ ރޫޙު. އެމީހުން ވަރަށް ލޯބިވޭ މެހެމާނުންނަށް" ދޮންއާދަނު ހިނިތުންވެލިއެވެ.

"ރޫޙު؟ ކޮން ރޫޙެއް؟" އަޝްރަފްއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ.

""އަހަރެންގެ އަންހެނުން. އޭނާ މަރުވީ މީގެ 20 އަހަރު ކުރިން. އެކަމަކު އަދިވެސް މި ގޭގައި އުޅޭ. އަހަރެމެން ދެމީހުން އެކުގައި މި ގޭގައި ދިރިއުޅެމުން މިދަނީ" ދޮންއާދަނު ބުންޏެވެ.

"އަހަރެން... އަހަރެން ދާންވީ ދެއްތޯ؟" އަޝްރަފްގެ ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ. އޭނާ ތެދުވާން އުޅުނެވެ.

އަޝްރަފްގެ ލޮލަށް ފެނުނީ ދޮންއާދަނުގެ ފަހަތުން އަންނަ ހިޔަންޏެކެވެ. އެ ހިޔަނި އައިސް އަޝްރަފްގެ ކައިރީގައި ހުއްޓުނު ވަގުތު އަޝްރަފް ބިރުން ހަޅޭލަވައިގަނެވުނެވެ.

"ބިރުނުގަންނާތި، އަޝްރަފް." ދޮންއާދަނު ބުންޏެވެ. 

އަޝްރަފް އޭނާގެ ލޮލުން ފެންނަމުންދިޔަ މަންޒަރު ޤަބޫލުކުރަން އުނދަގޫވިއެވެ. ހިޔަނި އޭނާ އާއި ދިމާލަށް އައިސް، އޭނާގެ ކޮނޑުގައި ހިފަހައްޓައިފިއެވެ. އެ ހިފެހެއްޓުމުގެ ފިނިކަން އޭނާގެ މުޅި ހަށިގަނޑަށް ފެތުރިގެން ދިޔައެވެ.

"އަ... އަހަރެން ދާންވީ..." އަޝްރަފް ބުންޏެވެ. އެކަމަކު އޭނާގެ ފައިން ހިނގޭ ގޮތެއް ނުވިއެވެ.

"އަޝްރަފް، ކަލޭ އަހަރެމެންނާއެކު މިތާ އުޅެން އެބަޖެހޭ. އަހަރެމެން ވަރަށް ދުވަސްވެއްޖެ މި ގޭގައި އެކަނި ތިބޭތާ" ދޮންއާދަނު ލަސް ފިޔަވަޅުތަކެއް އަޅަމުން އަޝްރަފްގެ ގާތަށް އައެވެ.

އަޝްރަފް ބިރުން ތެދުވެ، ދޮރާ ދިމާލަށް ދުއްވައިގަތެވެ. އެކަމަކު ދޮރު ހުޅުވޭ ގޮތެއް ނުވިއެވެ. އޭނާ ކުޑަދޮރުން ބޭރަށް ދާން އުޅުނެވެ. އެކަމަކު ކުޑަދޮރުގައި ބާރުގަދަ ދަގަނޑު ދަނޑިތަކެއް ހުރި ކަމަށް ފެނުނެވެ.

 ދޮންއާދަނު އަޑަށް ބާރުލާފައި ބުންޏެވެ. ""އަހަރެމެން އަޝްރަފްއަށް އަޅާލާނަން. ތިއީ އަހަރެމެންގެ ދަރިފުޅު ކަހަލަ މީހެއް

ހިޔަނި އަނެއްކާވެސް އަޝްރަފްގެ ފަހަތުން އައިސް، އޭނާގެ ގައިގައި ހިފަހައްޓައިފިއެވެ. މިފަހަރު އެ ހިފެހެއްޓުން ވަރުގަދައެވެ. އަޝްރަފަށް ނޭވާ ނުލެވުނެވެ.

= ނުނިމޭ =

+1
1
+1
1
+1
0
+1
0
+1
1
+1
0
+1
1

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް