މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ 2024 ވަނަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހުށަހަޅާނެ އަދަދު އަދި 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓް ފާސްކޮށްފައެވެ.
ޑިރެކްޓަރުންގެ ބޯޑުން 2024 ވަނަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހުށަހެޅުމަށް ނިންމާފައިވަނީ ހިއްސާއަކަށް 3 ރުފިޔާ 43 ލާރިއެވެ.
" އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުގައި 18 ފެބްރުއަރީ 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 2:00 އާއި ހަމައަށް ރަޖިސްޓަރވެފައިވާ ފަރާތްތަކަށް 2024 ވަނަ އަހަރުގެ ޑިވިޑެންޑް ލިބޭނެ. އަދި، ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓު 21 ފެބްރުއަރީ 2025 ވާ ހޮނިހިރު ދުވަސް ނިމުމުގެ ކުރިން އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި އާންމުކޮށް ޝާއިޢުކުރެވޭނެ". އުރީދޫއިން މައުލޫމާތު ދީފައިވެއެވެ.
އުރީދޫ މޯލްޑިވްސްއިން މިއަހަރުގެ މާރިޗު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގައި 2024 ވަނަ އަހަރަށް ހުށަހަޅާ ޑިވިޑެންޑް އަދި 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓު ފާސްކުރުމަށް ހިއްސާދާރުންނަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ހުށަހެޅިފައިވާ ޑިވިޑެންޑް ހިއްސާދާރުން ފާސްކޮށްފިނަމަ، މިއަހަރުގެ މާރިޗު މަހުގައި ޑިވިޑެންޑް ބެހުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
އުރީދޫ މޯލްޑިވްސް އިން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ، 22 ފެބްރުއަރީ 2025 ވާ ހޮނިހިރު ދުވަސް ނިމުމުގެ ކުރިން ކުންފުނީގެ ވެބްސައިޓުގައި އާންމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ނޯޓިސްއާއެކު އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީޚާއި، ގަޑި، ތަން، އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މަޢުލޫމާތުތައްވެސް އާންމުކުރެވޭނެއެވެ.