ރަމަޟާން މަހަށް ޚާއްޞަކޮށް އެސްޓީއޯއިން ރާއްޖެއެތެރެކުރާ މައިގަނޑު ތަކެތީގެ ތެރޭގައި ފިޔާ، ބިސް އަދި އަލުވި ހިމެނެއެވެ. މި ތަކެތި އިމްޕޯޓްކުރުމުގެ މައިގަނޑު ބޭނުމަކީ ރޯދަމަހު މި ތަކެތީގެ އަގު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމެވެ. ރަމަޟާން މަހަކީ ކާބޯތަކެއްޗަށް ޑިމާންޑް އިތުރުވާ ދުވަސްވަރަކަށްވާތީ މި ފަދަ އަސާސީ ތަކެތި އެކަށޭނަ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެސްޓީއޯގެ އަމާޒެކެވެ. އަދި މި ތަކެތީގެ އަގު ކަނޑައަޅާފައިވަނީ ބާޒާރުގެ އަގުތަކަށް ރިޢާޔަތްކޮށްގެންނެވެ. އަދި ބާޒާރުގެ އަގުތަކަށް އަންނަ ބަދަލާގުޅިގެން އެސްޓީއޯއިން ވިއްކާ އަގަށްވެސް ބަދަލު ގެނެވޭނެކަމަށް އެކުންފުނިން ވަނީ މައުލޫމާތު ދީފައެވެ.
" އެކްސެޕްޝަނަލް ކޭސްތަކުގައި ވަކި ސަރަހައްދުތަކެއްގެ ބާޒާރައް އަންނަ ބަދަލުތަކާގުޅިގެން އެސަރަހައްދެެްގައި ވިއްކާއަގައް ބަދަލު ގެނެވޭނެއެވެ. އާންމު ހާލަތުގައި ހުރިހާ އެސްޓީއޯގެ ރީޖަނަލް ސަރަހައްދަކުނެވެސް ލިބެން ހުންނާނީ އެއް އަގެއްގައި. ބިސް ކޭހެއް މިވަގުތު ވިއްކަން ހަމަޖެހިފައިވަނީ 320 ރުފިޔާއަށް. އަލުވި ބަސްތާއެއް ވިއްކަން ހަމަޖެހިފައިވަނީ 310 ރުފިޔާއަށް". އެސްޓީއޯއިން ހާމަކުރިއެވެ.
މި ދެ ބާވަތްވެސް ހޯލްސޭލްކޮށް ލިބެން ހުންނާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރާއި އިންޑަސްޓްރިއަލް ވިލެޖް ޒޯންގައި ހުންނަ އެސްޓީއޯ ވެއާހައުސްއިންނެވެ. މީގެ އިތުރުން އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން 2 ރުފިޔާއަށް ބިހެއް އަދި 18 ރުފިޔާއަށް އަލުވި ކިލޯއެއް ވަކިން ގަނެވެން ހުންނާނެއެވެ.
ފިޔާ ބަސްތާއެއް މިވަގުތު ވިއްކަން ހަމަޖެހިފައިވަނީ 310 ރުފިޔާއަށެވެ. މީގެ ކުރިން ވިއްކަމުން އައީ 350 ރުފިޔާއަށެވެ. އެސްޓީއޯ ހޯލްސޭލް ސެންޓަރާއި އިންޑަސްޓްރިއަލް ވިލެޖް ޒޯންގައި ހުންނަ އެސްޓީއޯ ވެއަރހައުސްއިން ފިޔާ ހޯލްސޭލްކޮށް ލިބެން ހުންނާނެއެވެ. އަދި ވަކިން ގަންނަން ބޭނުންވާ ފަރާތްތަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ކިލޯއެއް 14 ރުފިޔާއަށް ލިބެން ހުންނާނެއެވެ.
އެސްޓީއޯއިން ބާޒާރަށް ނެރެފައިވާ ތާޒާ ލުނބޯ ވިއްކުމަށް ހަމަޖެހިފައިވަނީ ކޭހެއް (5 ކިލޯގެ) 145 ރުފިޔާގެ ރޭޓުންނެވެ. ވަކިން ގަންނަން ބޭނުންވާ ފަރާތްތަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ކިލޯއެއް 40 ރުފިޔާއަށް ލިބެން ހުންނާނެއެވެ.