މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ދެމެދު ރ.ފައިނު އެއަރޕޯޓް ތަރައްޤީކުރުމަށް އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ.
އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ފީސިބިލިޓީ ދިރާސާތަކާއި، ތިމާވެއްޓަށް ކުރާނެ އަސަރު ވަޒަންކުރާ ރިޕޯޓު އަދި ޑިޒައިން މަސައްކަތްތައް އެމްޓީސީސީ އިން ކުރިއަށް ގެންދާނެއެވެ. މި މަޝްރޫޢަކީ، ރ. އަތޮޅުގެ ދަތުރުފަތުރާއި، ފަތުރުވެރިކަން އަދި ޖުމްލަކޮށް މުޅި ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރާއި އެއްގޮތަށް ތަރައްޤީ ކުރުމަށް ނިންމާފައިވާ އެއް އެއަރޕޯޓެވެ. އެހެންކަމުން މިއީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށާއި ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެކެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުން މަޖިލީހުގެ ޕީ.އެން.ސީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު، އިބްރާހިމް ފަލާޙް ވިދާޅުވީ ރ.އަތޮޅުގައި ޓުއަރިޒަމް ތަރައްޤީވެ، ރާއްޖޭގެ ޓުއަރިޒަމްގެ މުހިންމު ހަބަކަށް ރ. އަތޮޅު ވެގެންދާއިރު މި އެއަރޕޯޓުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ރަނގަޅު ނަފާއެއް ލިބިގެންދާނެ ކަމަށެވެ. އަދި ރ.އަތޮޅުގެ ރައްޔިތުންނަށް ވަރަށް ބޮޑު ފައިދާ އަދި ލުއިފަސޭހަ ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
އެމްއޭސީއެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ، އެމްޓީސީސީއާއި އެކު މި ވެވޭ އެއްބަސްވުމުގެ ދަށުން ކަނޑައެޅޭ މުއްދަތުތަކުގައި މި މަސައްކަތް އެންމެ ފުރިހަމައަށް ނިންމާލާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި އެމްޓީސީސީއިން ވެސް ވަނީ މަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތަށް ނިންމުމުގެ މުހިންމު ކަމާއި އެކަމަށް އެމްޓީސީސީ އިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައެވެ.