March 10, 2025 02:14
Advertisement

-Advertisement-

ކަށުނަމާދާއި ގުޅުންހުރި މުހިންމު މައުލޫމާތާއި ކުރާނެ ދުޢާތައް!

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

" من شهد الجنازة حتي يصلى عليها، فله قيراط ، ومن شهدها حتي تدفن، فله قيراطان ‏"‏ قيل‏:‏ وما القيراطان‏؟ قال‏:‏ " مثل الجبلين العظيمين" ‏‏‏(‏متفق عليه‏)‏‏‏ وفى رواية " الْقِيرَاطُ مِثْلُ أُحُدٍ " ( المسلم )

މާނަ: " ޖަނާޒާގައި ބައިވެރިވެ މައްޔިތާގެ މައްޗަށް ކަށުނަމާދު ކޮށްފިނަމަ އޭނާއަށް ޤީރާތެއްގެ ޘަވާބު ލިބޭ ހުއްޓެވެ. އޭނާ ވަޅުލެވިއްޖެއުމަށް ދާނދެން ބައިވެރިވިނަމަ އޭނާއަށް ދެ ޤީރާތުގެ ޘަވާބު ހުއްޓެވެ. ދެންނެވުނެވެ. ދެ ޤީރާތަކީ ކޮބައިތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. އެއީ ބޮޑު ދެފަރުބަދައާއި އެއްފަދަ އެއްޗެކެވެ. "އަދި އެހެން ރިވާޔަތެއްގައިވެއެވެ." ޤީރާތަކީ އުޙުދު ފަރުބަދައާއި އެއްފަދަ އެއްޗެކެވެ. 

Advertisement

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘެއްގެ މާނައިގައިވެއެވެ. "އިންސާނާ މަރުވުމަށްފަހު ތިންކަމަކުން މެނުވީ އޭނާގެ ޢަމަލު ކެނޑިގެންދެއެވެ. ( އެ ތިންކަމަކީ ) ދެމިހުންނަނިވި ޞަދަޤާތާއި، ނުވަތަ އެޢިލްމަކުން މަންފާ ކުރަނިވި ޢިލްމަކާއި ނުވަތަ އޭނާއަށް ހެޔޮ ދުޢާކުރާނެ ޞާލިޙް ދަރިންނެވެ."

ކަށުނަމާދު ކުރާނެ ގޮތް:

މަރުވިމީހާގެ ނަމަކީ ޙާމިދު ކަމުގައިވާނަމަ لِفُلاَنٍ ގެބަދަލުގައި  لِحاَمِدٍ ކިޔާށެވެ. އެބަހީ މައްޔިތާގެ ނަމުގެ ކުރިއަށް ލާމު އިތުރުކުރުމާއެކު މައްޔިތާގެ ނަންގަންނާށެވެ.

ކަށު ނަމާދަކީ ހަތަރު ތަކްބީރެއްގެ މައްޗަށް އެކުލެވިގެންވާ ނަމާދެކެވެ. އެ ނަމާދުގައި ރުކޫޢުކުރުމެއް، ސަޖިދަކުރުމެއް އަދި އިޢުތިދާލުވުމެއް ނުވެއެވެ. ކަށު ނަމާދު ކުރާއިރު ބަންގި ދިނުމެއް ނުވަތަ ޤަމަތްދިނުމެއްވެސް ނުވެއެވެ. އިމާމު މީހާ ހުރުން ސުންނަތްވެގެންވާ ތަނުގައި ހުރެ (މައްޔިތާއަކީ އަންހެނެއްނަމަ މައްޔިތާގެ އުނަގަނޑާއި ހަމައިގައި، މައްޔިތާއަކީ ފިރިހެނެއްނަމަ މައްޔިތާގެ ބޯކޮޅުގައި) الله أكبر ކިޔައި ޙަރަމް ބަނދެ ނަމާދު ފަށާނީއެވެ.

ކަށުނަމާދުގެ ރުކުންތައް:

# ނިޔަތްގަތުން

# ކުޅަދާނަވެގެންވާ މީހާ ކޮޅަށްހުރުން

# ހަތަރު ތަކްބީރު ކިޔުން

# ސޫރަތުލް ފާތިޙާ ކިޔެވުން

  1. ފުރަތަމަ ތަކްބީރަށްފަހު ސޫރަތުލް ފާތިޙާ ކިޔުން
  2. ދެވަނަ ތަކްބީރަށް ފަހު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔެވުން

اَللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيْدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيْدٌ

  1. ތިންވަނަ ތަކްބީރަށް ފަހު މައްޔިތާއަށް ހެޔޮ ދުޢާކުރުން
  2. ހަތަރުވަނަ ތަކްބީރަށް ފަހު ސަލާމްދިނުން

ކަށުނަމާދުގައި މައްޔިތާއަށްޓަކައި ކުރާދުޢާ

" اَللَّهُمَّ اغْفِرْ لَهُ وَارْحَمْهُ، وَعاَفِهِ، وَاعْفُ عَنْهُ، وَأَكْرِمْ نُزُلَهُ، وَوَسِّعْ مُدْخَلَهُ، وَاغْسِلْهُ بِالْماَءِ وَالثَّلْجِ وَالْبَرَدِ، وَنَقِّهِ مِنَ الْخَطاَياَ كَماَ نَقَّيْتَ الثَّوْبَ الأَبْيَضَ مِنَ الدَّنَسِ، وَأَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ، وَأَهْلاً خَيْرًا مِنْ أَهْلِهِ، وَزَوْجاً خَيْرًا مِنْ زَوْجِهِ، وَأَدْخِلْهُ الْجَنَّةَ، وَأَعِذْهُ مِنْ عَذَابِ الْقَبْرِ [وَعَذَابِ النَّارِ] " ([1])

"އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އޭނާއަށް ފާފަ ފުއްސަވާނދޭވެ! އަދި އޭނާއަށް ރަޙްމަތްލައްވާނދޭވެ! އަދި އޭނާއަށް ފުރިހަމަ ޢާފިޔަތު ދެއްވާނދޭވެ! އަދި އޭނާއަށް ޢަފޫކޮށްދެއްވާނދޭވެ! އަދި އޭނާގެ މެހުމާންދާރީ މާތްކޮށްދެއްވާނދޭވެ! އަދި އޭނާ ވެއްދެވޭތަން (ކަށްވަޅު) ތަނަވަސް ކޮށްދެއްވާނދޭވެ! އަދި ފެނުންނާއި، ސުނޯއިންނާއި، ގަނޑުފެނުން އޭނާ ދޮވެދެއްވާނދޭވެ! އަދި ހުދުފޭރާން ހަޑިމިލައިން ސާފުކޮށްދެއްވި ފަދައިން ފާފަތަކުން އޭނާ ސާފުކޮށްދެއްވާނދޭވެ! އަދި އޭނާގެ ގޮވަށްޗަށް ވުރެ ހެޔޮ ގޮވައްޗަކަށް އޭނާ ބަދަލުކޮށްދެއްވާނދޭވެ! އަދި އޭނާގެ އަހުލުވެރިންނަށް ވުރެ ހެޔޮ އަހުލުވެރިންގެ ގާތަށް އޭނާ ބަދަލުކޮށްދެއްވާނދޭވެ! އަދި އޭނާގެ އަނބިމީހާއަށް ވުރެ ހެޔޮ އަންބެއްގެ ގާތަށް އޭނާ ބަދަލުކޮށްދެއްވާނދޭވެ! އަދި އޭނާ ސުވަރުގެއަށް ވައްދަވާނދޭވެ! އަދި ކަށްވަޅުގެ އަޛާބުންނާއި ނަރަކައިގެ އަޛާބުން އޭނާ ރައްކާތެރިކޮށްދެއްވާނދޭވެ!"

# " اَللَّهُمَّ اغْفِرْ لِحَيِّناَ، وَمَـيِّتِناَ، وَشاَهِدِناَ، وَغاَئِبِناَ، وَصَغِيْرِناَ وَكَبِيْرِناَ، وَذَكَرِناَ وَأُنْثاَناَ، اَللَّهُمَّ مَنْ أَحْيَيْتَهُ مِناَّ فَأَحْيِهِ عَلَى الإِسْلاَمِ، وَمَنْ تَوَفَّيْتَهُ مِناَّ فَتَوَفَّهُ عَلَى الإِيْماَنِ، اَللَّهُمَّ لاَ تَحْرِمْناَ أَجْرَهُ وَلاَ تُضِلَّناَ بَعْدَهُ " ([2])

"އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންގެ ތެރޭގައި ދިރިތިބި މީހުންނަށާއި އަޅަމެންގެ ތެރެއިން މަރުވެގޮސްފައިވާ މީހުންނަށް ފާފަފުއްސަވާނދޭވެ! އަދި އަޅަމެންނަށް ފެންނަހައި މީހުންނަށާއި ނުފެންނަހައި މީހުންނަށް ފާފަފުއްސަވާނދޭވެ! އަދި އަޅަމެންގެ ކުޑަކުދިންނަށާއި ބޮޑެތިމީހުންނަށް ފާފަފުއްސަވާނދޭވެ! އަދި އަޅަމެންގެ ތެރޭގައި ތިބި ފިރިހެނުންނަށާއި އަންހެނުންނަށް ފާފަފުއްސަވާނދޭވެ! އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންގެ ތެރެއިން އިބަﷲ ދިރިލަހައްޓަވައިފި މީހާ، ފަހެ އިސްލާމްކަން މަތީގައި އޭނާ ދިރިލަހައްޓަވާނދޭވެ! އަދި އަޅަމެންގެ ތެރެއިން އިބަﷲ މަރުގަންނަވައިފި މީހާ، ފަހެ އީމާންކަން މަތީގައި އޭނާ މަރުގަންނަވާނދޭވެ! އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އޭނާގެ އަޖުރުން އަޅަމެން މަޙުރޫމު ނުކުރައްވާނދޭވެ! އަދި އޭނާއަށް ފަހު އަޅަމެން މަގުފުރެދުމުގެ ތެރެއަށް ދޫކޮށްނުލައްވާނދޭވެ!"

# " اَللَّهُمَّ إِنَّ فُلاَنَ بْنَ فُلاَنٍ فِيْ ذِمَّتِكَ، وَحَبْلِ جِوَارِكَ ، فَقِهِ مِنْ فِتْنَةِ الْقَبْرِ وَعَذَابِ النَّارِ، وَأَنْتَ أَهْلُ الْوَفاَءِ وَالْحَقِّ، فَاغْفِرْ لَهُ وَارْحَمْهُ إِنَّكَ أَنْتَ الْغَفُوْرُ الرَّحِيْمُ " ([3])

"އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މިވެނި މީހެއްގެ ދަރި، މިވެނި މީހަކު ވަނީ އިބަﷲގެ ޙިމާޔަތުގައެވެ. އަދި އިބަﷲގެ ރައްކާތެރިކަމުގެ ދަށުގައެވެ. ފަހެ ކަށްވަޅުގެ ފިތުނައިންނާއި ނަރަކައިގެ ޢަޛާބުން އޭނާ ސަލާމަތްކޮށްދެއްވާނދޭވެ! އަދި އިބަﷲއީ ތެދުވެރި، ވަފާތެރި އަދި حقّ ވެގެންވާ ރަސްކަލާނގެއެވެ. ފަހެ އޭނާއަށް ފާފަ ފުއްސަވާ رحمة ލައްވާނދޭވެ! ހަމަކަށަވަރުން އިބަﷲއީ ފާފަ ފުއްސަވާ އޯގާވަންތަ ރަސްކަލާނގެއެވެ."

# " اَللَّهُمَّ عَبْدُكَ وَابْنُ أَمَتِكَ اِحْتاَجَ إِلَىٰ رَحْمَتِكَ، وَأَنْتَ غَنِيٌّ عَنْ عَذَابِهِ، إِنْ كاَنَ مُحْسِناً فَزِدْ فِيْ حَسَناَتِهِ، وَإِنْ كاَنَ مُسِيْئاً فَتَجاَوَزْ عَنْهُ " ([4])

"އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އިބަﷲގެ އަޅާ، އަދި އިބަﷲގެ އަންހެންއަޅާގެ ދަރި ވަނީ އިބަﷲގެ ރަޙުމަތަށް ބޭނުން ޖެހިފައެވެ. އަދި އިބަﷲވަނީ އޭނާއަށް عذاب ދެއްވުމުން ފުދިވޮޑިގެންނެވެ. އޭނާއަކީ ހެޔޮޢަމަލުކޮށްފައިވާ إحسان ތެރިއެއް ކަމުގައިވާނަމަ، އޭނާގެ ހެޔޮކަންތައް އިތުރުކޮށްދެއްވާނދޭވެ! އަދި އޭނާއަކީ ފާފަކޮށްފައިވާ މީހެއްކަމުގައި ވާނަމަ، އޭނާއަށް ޢަފޫކުރައްވާނދޭވެ!"

ކުޑަކުއްޖެއްގެ މައްޗަށް ކަށުނަމާދުކުރާއިރު އެކުއްޖާއަށް ކޮށްދޭންވީ ދުޢާ

" اَللَّهُمَّ أَعِذْهُ مِنْ عَذَابِ الْقَبْرِ " ([5])

"އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ކަށްވަޅުގެ އަޛާބުން އެކުއްޖާ ރައްކާތެރިކޮށްދެއްވާނދޭވެ!"

# އަދި މިދުޢާކޮށްފިނަމަ ރަނގަޅެވެ. "اَللَّهُمَّ اجْعَلْهُ فَرَطاً وَذُخْرًا لِوَالِدَيْهِ، وَشَفِيْعاً مُجاَباً. اَللَّهُمَّ ثَقِّلْ بِهِ مَوَازِيْنَهُماَ وَأَعْظِمْ بِهِ أُجُوْرَهُماَ، وَأَلْحِقْهُ بِصاَلِحِ الْمُؤْمِنِيْنَ، وَاجْعَلْهُ فِيْ كَفاَلَةِ إِبْرَاهِيْمَ، وَقِهِ بِرَحْمَتِكَ عَذَابَ الْجَحِيْمِ، وَأَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ، وَأَهْلاً خَيْرًا مِنْ أَهْلِهِ، اَللَّهُمَّ اغْفِرْ لأَسْلاَفِناَ، وَأَفْرَاطِناَ، وَمَنْ سَبَقَناَ بِالإِيْماَنِ" ([6])

"އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އެކުއްޖާ (އެކުއްޖާގެ މައިންބަފައިންނަށްޓަކައި) އިސްވެގޮސްފައިވާ އަޖުރެއްކަމުގައާއި ރައްކައުތެރި ކުރެވިގެންވާ ذَخِيرَة އެއް ކަމުގައި ލައްވާނދޭވެ! އަދި شفاعة ޤަބޫލުކުރެވޭ شفاعة ތެރިއެއް ކަމުގައި ލައްވާނދޭވެ! އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އެކުއްޖާގެ ސަބަބުން އެދެމީހުންގެ ތިލަފަތް ބަރުކޮށްދެއްވާނދޭވެ! އަދި އެކުއްޖާގެ ސަބަބުން އެދެމީހުންގެ އަޖުރު މަތިވެރިކޮށްދެއްވާނދޭވެ! އަދި ޞާލިޙު މުއުމިނުންނާ އެކުއްޖާ ބައްދަލުކޮށްދެއްވާނދޭވެ! އަދި إبراهيم u ގެ ބެލެހެއްޓެވުމުގެ ދަށުގައި އެކުއްޖާ ލައްވާނދޭވެ! އަދި އިބަﷲގެ رحمة ން އެކުއްޖާ ނަރަކައިގެ ޢަޛާބުން ދިންނަވާދޭނވެ! އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންގެ ކުރިން މަރުވެގޮސްފައިވާ، އަޅަމެންގެ ކާބަފައިންނަށާއި، އަޅަމެންގެ ދަރީންނަށާއި، އަޅަމެންގެ ގާތްތިމާގެ މީހުންނަށާއި، އަދި އީމާންކަމުގައި އަޅަމެން ކުރިއަރައިދިޔަ މީހުންނަށް ފާފަފުއްސަވާނދޭވެ!"

# " اَللَّهُمَّ اجْعَلْهُ لَناَ فَرَطاً، وَسَلَفاً، وَأَجْرًا " ([7])

"އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންނަށް (މެހުމާންދާރީ ތައްޔާރުކުރުމަށް) ކުރިންގޮސްފައިވާ ކުއްޖެއްކަމުގައާއި، އަޅަމެންނަށް (އިސްތިޤުބާލުކުރުމަށް) އިސްވެގޮސްފައިވާ ކުއްޖެއްކަމުގައާއި، އަޅަމެންނަށް އަޖުރެއް ކަމުގައި އެކުއްޖާ ލައްވާނދޭވެ!" 

ނޯޓް: މި ލިޔުން 'ޒީޓައިމްސް' އަށް ހަދިޔާކޮށްދެއްވީ މަޝްހޫރު އިސްލާމް މުދައްރިސެއް ކަމުގައިވާ ޢަލީ ޙަނޫން ޙުސައިން/ އަނޯނާގެ ޅ. ނައިފަރު އެވެ. މި ލިޔުމުގައިވާ ދުޢާތަކަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފަރާތްޕުޅުން ޞައްޙަގޮތުގައި ޘާބިތުވެގެންވާ ދުޢާތަކެވެ. މިއީ ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު ޢިލްމުވެރިއެއް ކަމަށްވާ ފަޟީލަތުއްޝައިޚް ސަޢީދު ބުނު ޢަލީ ޤަޙްޠާނީ ލިޔުއްވާފައިވާ " ޙިޞްނުލް މުސްލިމް " ފޮތުގެ ދިވެހި ތަރުޖަމާއިން ނަގާފައިވާ ބައިތަކެކެވެ. ދިވެހި ބަހަށް ތަރުޖަމާ ކޮށްފައިވަނީ ފަޟީލަތުއް ޝައިޚް މުޙައްމަދު އިބްރާހީމް (ނައިފަރު) އެވެ.

+1
0
+1
0
+1
3
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް