މިއަހަރުގެ ކަރަންޓްގެ އެންމެ ބާރު ބޮޑުވާ ދުވަސްވަރާއި ދިމާކޮށް މާލެ ސަރަހައްދުގެ ޕަވަރ ބެކަޕްގެ ގޮތުގައި ކުރުމުއްދަތެއްގެ ތެރޭގައި ތަރައްގީކުރި ސްޓެލްކޯ ހުޅުމާލެ އެނެކްސް2 އިންޖީނުގެ ހުޅުވައިފިއެވެ.
ހުޅުމާލެ އިންޖީނުގެ އެނެކްސް 2 ހުޅުވުމަށް ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި އިންޖީނުގެ ރަސްމީކޮށް ހުޅުވިގެން ދިޔައީ ސްޓެލްކޯގެ ދިދައާއި ގައުމީ ދިދަ އިންޖީނުގޭގައި ނެގުމާއެކުއެވެ. މި ރަސްމިއްޔާތުގައި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ، އަދި ދިވެހި ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު މުޒްނާ އެވެ.
މި އިންޖީނުގޭގައި އިންސްޓޯލްކޮށްފައިވާ ޖަނަރޭޓަރުތަކުގެ ތެރެއިން ޖަނަރޭޓަރެއް މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވަނީ ސްޓާޓް ކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ހިދުމަތް ދިނުމުގެ މަތިވެރި ރޫހާއެކު، ކުޑަ ދުވަސްކޮޅެއްގެތެރޭގައި ސްޓެލްކޯގެ މުވައްޒަފުން މި ނިންމާލީ ގައުމީ ބޮޑު މަސައްކަތެއް ކަމަށެވެ.
އެގޮތުން 48،000 އަކަފޫޓޫގެ ބިމެއް ސާފުކޮށް 200 އެއްހާ ޓަނުގެ ކުނި އެތަނުން ނަގައި، އެ ބިން އެއްވަރު ކުރުމާއި، ހުޅުމާލޭގެ އެނެކްސް 1 އިންޖީނުގެ (ބައު އިންޖީނުގެ) އިން ކާނުތަކެއް އެ ބިމާހަމަޔަށް ތައްޔާރުކޮށް، އެ ކާނުތައް މެދުވެރިކޮށް ފިއުލް ލައިން އެޅުމާއި، ހުޅުމާލޭ މައި އިންޖީނުގެއާއި ހަމަޔަށް މި އިންޖީނުތަކުގެ ކޭބަލްތައް ގެންގޮސް ގްރިޑާއި ގުޅާލުމުގެ ބުރަ މަސައްކަތައް ހޭދަވީ ނުވަ ވަރަކަށް ދުވަސް ކަމަށް ފަހުމީ ވިދާޅުވިއެވެ.
އަދި މި މަސައްކަތް ފެށި ހިސާބުން، އިންޖީނުތައް ގެނައުމާއި، އެ ހުރިހާ މަސައްކަތެއް ކުރިއަށްދިޔަގޮތް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ގާތުން ބެއްލެވިކަމަށާއި، މި މަސައްކަތުގައި ދިމާވެދާނެ ހުރަސްތައް ބައްލަވައި، އެހުރަސްތައް ނައްތާލުމަށް ކުރެވިދާނެ ކަންކަމާއި މެދު ލަފަޔާއި އިރުޝާދު ދެއްވާފައިވާތީ ރައީސުލްޖުމްހޫރިއްޔާ އަށް ވަނީ ޝުކުރު ދަންނަވާފައެވެ.
ރޯދަ މަހުގައި އައްވާއި، ވާރެއަށް ބެލުމެއްނެތި، އަދި އެއްވެސް ފަސްޖެހުމެއްނެތި ސްޓެލްކޯގެ މުވައްޒަފުން ރައްޔިތުންގެ ހައްގުގައި މަސައްކަތްކޮށްފައިވާތީ އެކަމަށްޓަކައި މުވައްޒަފުންނަށްވެސް ވަރަށް ޚާއްސަ ޝުކުރެއް ދެންނެވިއެވެ. މީގެ އިތުރުން ސްޓެލްކޯއިން އަތޮޅުތެރޭގައި ހިދުމަތްދޭ 33 ރަށުގައިވެސް ރޯދަމަހާއި ޕީކް ސީޒަނަށް ތައްޔާރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް މުވައްޒަފުން ކޮށްފައިވާތީ އެކަންވެސް ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.
މި ރޯދަމަހު ސްކޫލްތައް ބަންދުވުމާއި، ފަހު 10 ގައި އޮފީސްތައް ބަންދުވާތީ މި އަހަރުގެ ޕީކް ރޯދަމަހު ނުފެށުނު ކަމުގައިވި ނަމަވެސް، މި ރޯދަމަސް ނިމިގެން ހޫނު މޫސުމާއެކު ޕީކް ސީޒަން ފެށޭނެ ކަމަށް ސްޓެލްކޯއިން ލަފާކުރެއެވެ.
މި ރަސްމިއްޔާތުގައި ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ އަހުމަދު ޝަރުނީޒް ވިދާޅުވީ، ރޯދަ މަހު މި މަސައްކަތް ކުރިއަށްގެންދިއުމުގައި މުވައްޒަފުން ރެއާއި ދުވާލު ދައްކާފައިވަނީ އާދަޔާއި ހިލާފު ހިތްވަރެއް ކަމަށެވެ.
" ރޯދައަށްތިބެ ދުވާލުގެ އެންމެ ހޫނުގަދަ ގަޑީގައިވެސް ބޮލަށް ފެންކޮޅެއް އަޅާލައިގެން، މުވައްޒަފުން އެ ދެއްކީ ކުންފުނީގެ ކޯ-ވެލިއުސްތަކުގެ ތެރޭގައި ހިމެނޭ އެކްސެލެންސާއި ޓީމްވޯކްގެ ވަރުގަދަ ނަމޫނާއެއް. މި މަސައްކަތުގެ ސަބަބުން ގްރޭޓާ މާލޭ ގްރިޑްގެ ފްލެކްސިބިލިޓީ ވަނީ އިތުރުވެފައި. ޖެނެރޭޝަން ކެޕޭސިޓީ ނެތިގެން ކަރަންޓު ނުކެނޑޭނެ ކަމުގެ ޔަގީންކަންދެން".
ހުޅުމާލޭ އިންޖީނުގެ އެނެކްސް – 2 ގެ ގޮތުގައި މި ހުޅުވިގެންދިޔަ އިންޖީނުގޭގައި 1.6 މެގަވޮޓްގެ ޖުމްލަ 12 ޖަނަރޭޓަރު ސެޓް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މި ވަގުތު 7 ޖަނަރޭޓަރު ކޮމިޝަން ކުރެވިފައިވާއިރު އަދި އިތުރު ފަސް ޖަނަރޭޓަރު ސެޓް ގެނެވި މި ރޯދަމަސް ނިމުމުގެ ކުރިން ކޮމިޝަންކޮށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. އެއާއެކު ހުޅުމާލެ އިންޖީނުގެ އެނެކްސް – 2 ގެ އިންސްޓޯލްޑް ކެޕޭސިޓީ 19.2 މެގަވޮޓަށް އަރާނެކަމަށް ސްޓެލްކޯއިން ވަނީ މައުލޫމާތު ދީފައެވެ.