ދިވެހިންނަށް ތިމާވެއްޓާއި ރައްޓެހި އިލެކްޓްރިކް އުޅަނދު ގެންގުޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެނާރޖީ މެނޭޖްމަންޓް ސިސްޓަމް ރާއްޖެއަށް ތަޢާރަފްކޮށް، އިލެކްޓްރިކް އުޅަނދު ޗާޖު ކުރެވޭނެ ނިޒާމެއް ސްޓެލްކޯއިން ވަނީ ޤާއިމްކޮށްދެއްވާފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ހަކަތައިގެ ސިނާއަތަށް ކަނޑައަޅުއްވާފައިވާ ތިމާވެއްޓާއި ރައްޓެހި ހަރުދަނާ ސިޔާސަތުތައް އޭގެ އެންމެ ފުރިހަމަގޮތުގައި ތަންފީޒުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ސްޓެލްކޯއިން ހާސިލުކުރި އިތުރު ކާމިޔާބެކެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ހުސައިން ފަހުމީ ސޯޝަލް މީޑިއާގައި ހާމަކުރެއްވި ގޮތުގައި ޓައިވާނުގެ މަޝްހޫރު 'ގޮގޯރޯ' ބްރޭންޑްގެ އެޑްވާންސްޑް ބެޓްރީ މެނޭޖްމަންޓް ސިސްޓަމް ރާއްޖެއަށް ތަޢާރަފްކޮށް، އެ ނިޒާމު ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރެވެމުންނެވެ.
" މީގެ ބެޓެރި ސިސްޓަމްތައް މާލޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކުރެވުމާއެކު، އޭގެ ބެޓްރިތަކާއި ކޮމްޕެޓިބަލް ސައިކަލު ރާއްޖެ އެތެރެ ކުރުމުގެ ފުރުޞަތު އެ ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވިގެންދާނެ. މި ބެޓްރީ ސިސްޓަމްތަކާއި، ކާރު ޗާޖްކުރުމަށް ޤާއިމް ކުރެވިފައިވާ އީވީ ޗާޖިންގ ސްޓޭޝަނާއެކު، އިލެކްޓްރިކް އުޅަނދުތަކަށް ލޯބި ކުރާ ފަރާތްތަކުން އެ ފަދަ އުޅަނދު ގެންގުޅުމަށް ދެކެމުންއައި ޒަމާނީ ހުވަފެންތަކުގައި ކުލަޖެހި، ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ނިޒާމެއް އެކަށައެޅުމަށް ސަރުކާރުން ކުރަމުންގެންދާ ހަރުދަނާ މަސައްކަތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ. މީގެ އިތުރުން މިފަދަ ސައިކަލުތަކުގެ ޓެސްޓް ރައިޑްކޮށް، އަޖުމަ ބަލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލުމުގެ ގޮތުންނާއި، އެފަދަ ތިމާވެއްޓާއި ރައްޓެހި ސައިކަލުތަކަށް ޝައުގުވެރިކަން އުފައްދައި، އެއަށް ބަދަލުވުމަށް ހިތްވަރުދިނުމުގެ ގޮތުން އޭގެ ސައިކަލުތަކެއް ރާއްޖެ ގެނެސް އެ ޓެސްޓް ކުރުމުގެ ފުރުޞަތު ފަހި ކުރުމަށް އިންތިޒާމްތަކެއް ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރެވެމުން". ފަހުމީ ވިދާޅުވިއެވެ.
އަދި އެނާރޖީ މެނޭޖްމަންޓް ސިސްޓަމާއި، އީވީ ޗާޖިންގ ސްޓޭޝަނަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީވެސް ތިމާވެއްޓާއި ރައްޓެހި ނިޒާމުތަކުގެ ތެރެއިން ކަމަށްވާތީ، މިއީ ސަރުކާރުން އަމާޒު ހިފާފައިވާ %33 އަށްށް ވާޞިލްވުމަށާއި، ތަރައްޤީއާއި ތަހުޒީބުގެ މަގުގައި ރާއްޖެއިން ކުރިއަށް އަޅާނެ އިތުރު ފިޔަވަޅެއް ކަމުގައި ސްޓެލްކޯއިން ދެކެއެވެ. މިފަދަ ތިމާވެއްޓާއި ރައްޓެހި، ރައްޔިތުންނަށް ފައިދާ ކުރަނިވި ބަދަލުތަކަށް ދިވެހިންނަކީ އަބަދުވެސް މަރުހަބާ ކިޔާނެ ބައެއްކަން ފާހަގަކުރައްވާ މީގެ ސަބަބުން މާލެތެރޭގެ ވައި ތަޣައްޔަރުވުން ކުޑަކުރެވި، މި މުޖުތަމަޢުގައި ދިރިއުޅޭ ފަރުދުންގެ ސިއްޙަތަށް ވެސް އޭގެ ފައިދާތަކެއް ކުރާނެކަމަށް ޤަބޫލުކުރައްވާ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ވަނީ ވިދާޅުވެފައެވެ.