April 2, 2025 09:06
Advertisement

-Advertisement-

ޝައްވާލު މަހުގެ ހަ ރޯދަހިފައި މުޅި އަހަރު ދުވަހު ރޯދަހިފިކަމުގެ ޘަވާބު ލިބިގަންނާށެވެ! – ހުކުރު ޚުޠުބާ

ރަމަޟާންމަސް އަހަރުމެންނާއި އަލްވަދާޢު ކިޔަނީއެވެ. ނަމަވެސް އެމަހުގެ ވެރި ﷲ ދިރިދެމިވޮޑިގެންވެއެވެ. ފުރިހަމަ މުއުމިނަކު ދުވަހަކުވެސް ހެޔޮ ޢަމަލުކުރުމަކަށް އަލްވަދާޢެއް ނުކިޔާނެއެވެ. އަހަރެމެންނަށް އޮތީ ހެޔޮ ޢަމަލު ކުރުންމަތީ ދެމިތިބުމެވެ. ޔަގީންވެގެންވާ މަރު އަހަރެމެންނާ ބައްދަލު ކޮށްފުމަށް ދާންދެނެވެ. އަޅުކަންކުރުމަކީ ﷲ ސުބުހާނަހޫ ވަތަޢާލާ އަހަރެމެން ޚަލްޤުކުރައްވައި އަހަރެމެންގެ މައްޗަށް ވާޖިބުކުރައްވާފައިވާ ކަމެކެވެ.

ރަމަޟާންމަސް އަހަރެމެންނާ ވަކިވެގެން މިދަނީ ޝައްވާލު މަހުގެ ހަ ރޯދައިގެ ނިޢުމަތަށް މަގު ފަހިކޮށްދީފައެވެ. އެހެންކަމުން ތިބާޢީ ހެޔޮ ކަމަށް އެދޭ މީހަކަށް ވާށެވެ. އަދި ދީލަތިވަންތަ ﷲ ދެއްވި މި ނިޢުމަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ. މުޅި އަހަރު ދުވަހު ރޯދަހިފިކަމުގެ ޘަވާބު ލިބިގަންނާށެވެ.

މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައިވެއެވެ. މާނައީ: " ރަމަޟާންމަހު ރޯދަހިފައި އެއާ ވިދިގެން ޝައްވާލު މަހުން ހަ ދުވަހުގެ ރޯދަ ހިފި މީހާ މުޅި އަހަރު ރޯދަހިފި ފަދައެވެ". ނިމިގެން މިދާ ރަމަޟާންމަހު އަޅުކަމުގައި ފަރުވާ ކުޑަކުރެވިފައިވާނަމަ އެއީ ރަނުގެ ފުރުސަތެކެވެ. ތަޢުބާގެ ހިތަކާއެކު ﷲ ގެ ޙަޟުރަތަށް ރުޖޫޢަވުމުގެ ފުރުސަތެކެވެ. އެހެނީ ހެޔޮ ޢަމަލުތަކަކީ ނުބައި ކަންތައް ފޮހެލާ ކައްފާރާއެކެވެ.

Advertisement

ގިނަގިނައިން ތަޢުބާވެ މާތް ﷲ އަށް އިސްތިޣުފާރުކުރާށެވެ. އިސްތިޣުފާރުކުރުމަކީ، އެކަލާނގެ ހަޟުރަތުގައި ފާފަ ފުއްސެވުމަށް އެދި ދެންނެވުމެވެ. އެކަލާނގެއީ ތައުބާވާ މީހުންގެ ތައުބާ ޤަބޫލުކުރައްވައި ފާފަފުއްސަވާ ރަސްކަލާނގެއެވެ.

ނިމިގެން މިދާ ރަމަޟާންމަހު ތިބާގެ ޢަމަލުތައް ހުރި ގޮތާމެދު ވިސްނައިލާށެވެ. ރަމަޟާންމަހުގައި ފަރުޟު ފަސް ނަމާދު ޤަވާއިދުން ބަރާބަރަށް ކުރި ފަދައިން އެ މަހަށް ފަހުގައިވެސް އެ ގޮތުގައި ދެމި ހުންނާށެވެ. ކޮންމެ ދުވަހަކު ޤުރްއާނުން ސަފްހާއެއް ނަމަވެސް ކިޔެވޭތޯ ބަލާށެވެ. ހެޔޮ ޢަމަލު ކުރުމުގައި ހީވާގިވާށެވެ.  

އަހަރެމެންނަށް ހެޔޮ ކަމެއް ކުރެވިއްޖެނަމަ އެ ހެޔޮ ކަމެއް ކުރެވުމުން އޭގެ ފަހުގައި އެ އަމަލުތައް ކުރުން މަތީ ދެމިތިބޭން ޖެހެއެވެ. ކުރެވުނު ޢަމަލެއްގެ މޮޅުކަމަކުން ނުވަތަ ގިނަކަމުން ސުވަރުގެ ޔަޤީންވީކަމަށް އަހަރެމެން ދެކިގެން ނުވާނެއެވެ.

ބައްޔެއްގެ ސަބަބުން ނުވަތަ ދަތުރެއްގެ ސަބަބުން ނުވަތަ ވަރުބަލިކަމުގެ ސަބަބުން ނުވަތަ ހަނދާންނެތިގެން ވިޔަސް އަޅުކަމެއް ދޫވެއްޖެނަމަ އެކަމާ ދެރަނުވާށެވެ. ވީހައި އަވަހަކަށް އެ އަޅުކަމެއް ކުރާށެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް