April 13, 2025 13:28
Advertisement

-Advertisement-

ވާހަކަ: އޭނާ (ފަނަރަވަނަ ބައި)

އަޝްރަފް ގެއަށް އައިސް ނިދަން އޮށޯތީ ވަރަށް އުފަލުންނެވެ. މިރޭ އުފާވެރި ރެއަކަށް ވީނަމަވެސް، އޭނާގެ ހިތުގައި ދަންވަރު ދިމާވެދާނެ ކަމަކާމެދު ކަންބޮޑުވުން އުފެދިފައިވެއެވެ. ދޮންއާދަނުމެންގެ ގޭގައި ނިދަން އޮތް މުއްދަތު ކުރުވަމުން އަންނަކަން އޭނާއަށް އެނގެއެވެ. އަމީނާއާއެކު ކައިވެނި ކުރުމަށްފަހު، އެ ގޭގައި ދިރިއުޅެން ފަށާނެއެވެ. އަޝްރަފްގެ ސިކުނޑި ތައްޔާރުވެފައި އޮތީ މިރޭވެސް ނުރައްކާތެރި ހާދިސާއަކާ ކުރިމަތިލާންޖެހިދާނެކަމުގެ ވިސްނުމުގައި އޮއްވާ އޭނާ ނިދުނީ ވަރަށް ލަހުންނެވެ. ކުއްލިއަކަށް ދޮރުގައި ތަޅާ އަޑު އިވުނު ކަމަށް ހީވެ، އަޝްރަފް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އޭނާގެ ކުރިމަތީގައި ހުރީ ދޮންއާދަނެވެ.

"އަޝްރަފް، ނުނިދަންތަ؟" ދޮންއާދަނު އަހާލިއެވެ. އޭނާގެ އަޑުގައި ކަންބޮޑުވުމުގެ ކުލަވަރެއް ވެއެވެ.

"އަދި ނުނިދަން. ކީއްވެ، ކޮންކަމެއް ދިމާވީތަ؟" އަޝްރަފް ޖަވާބުދިނެވެ. އޭނާގެ ހިތުގައި ކުރިން އުފެދިފައިވާ ބިރުވެރިކަން އިތުރުވެގެން ދިޔައެވެ.
"އަޑުއެހިންތަ؟ ގޭގެ ބޭރުގައި މީހަކު ހިނގާ އަޑު އިވޭ" ދޮންއާދަނު ވަރަށް ސިއްރު އަޑަކުން ބުންޏެވެ. އަޝްރަފްގެ ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ. ހަމަ އެވަގުތު، ގޭގެ ދޮރުގައި ތަޅާ އަޑު އިވުނެވެ.

Advertisement

"ކާކުބާ؟" އަޝްރަފް ގޮވާލިއެވެ. ޖަވާބެއް ނުލިބުނެވެ. ދޮންއާދަނާއި އަޝްރަފް އެކުގައި ދޮރާ ދިމާއަށް ދިޔައެވެ. ދޮރާ ކައިރިވަމުން ދިޔަވަރަކަށް، އެމީހުންގެ ހިތް ބާރަށް ތެޅެން ފެށިއެވެ.

ކުއްލިއަކަށް ދޮރު ހުޅުވުނެވެ. އެތަނުން ފެނުނީ ހަޑިވެފައިވާ، ލޭ އުނގުޅިފައިވާ މީހެކެވެ. އޭނާގެ މޫނުމަތީގައި ވަނީ ބިރުވެރި ހިނިތުންވުމެކެވެ. އަޝްރަފާއި ދޮންއާދަނު ފަހަތަށް ޖެހުނެވެ. އެ މީހާ އެތެރެއަށް ވަދެ، އެމީހުންނާ ދިމާއަށް ދުވެފައި އައެވެ.

އަޝްރަފާއި ދޮންއާދަނު ބިރުން ފަހަތަށް ޖެހެމުން ދިޔައެވެ. އެ ދެމީހުންގެ މޫނުން ބިރުވެރިކަން ފެންނަން ހުއްޓެވެ. ކުއްލިއަކަށް އަޝްރަފް އޭނާގެ ކޮޓަރި އާއި ދިމާލަށް ދުއްވައިގަތެވެ.

"ދޮންއާދަނު، އަވަހަށް! އަހަރެންގެ ކޮޓަރިއަށް އާދޭ" އަޝްރަފް ގޮވާލިއެވެ. އެ ދެމީހުން އަވަސް އަވަހަށް ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ. އެހެންނަމަވެސް، އެ މީހާ ބާރަށް ދުވެފައި އައެވެ.

ކޮޓަރިއަށް ވަދެވުނު ވަގުތު، އަޝްރަފް އަވަހަށް ކޮންމެވެސް އެއްޗެއް ހޯދަން އުޅުނެވެ. ދޮންއާދަނު ދޮރު ލައްޕާ ތަޅުލިއެވެ. އެހެންނަމަވެސް، އެ މީހާ ދޮރާ ހަމައަށް އައިސް ވަރަށް ބާރަށް ދޮރުގައި ޖެހިއެވެ.

"ކާކު ތިޔައީ؟ ކީއްވެގެން ތިޔަހެން އުޅެނީ؟" ދޮންއާދަނު ބިރުވެރި އަޑަކުން ސުވާލުކުރިއެވެ. އެހެންނަމަވެސް ޖަވާބުގެ ބަދަލުގައި އިވުނީ ބިރުވެރި އަޑެކެވެ.

"ތިޔަ މީހާ މިތަނުން ދުރަށް ދޭ. ނޫނީ އަހަރެން މި ވަޅިން ޖަހާނަން" އަޝްރަފް ކޮޓަރި ތެރެއިން ފެނުނު ވަޅިއެއް ހިފައިގެން އަނެއްކާވެސް ދޮރާ ދިމާއަށް ގޮސް ބާރަށް ގޮވާލިއެވެ.

ކުއްލިއަކަށް، ދޮރުގައި ޖަހާ އަޑު ހުއްޓި ހަމަހިމޭންކަމެއް އައެވެ. އަޝްރަފާއި ދޮންއާދަނު އެކަކު އަނެކަކަށް ބަލާލިއެވެ. ކިހިނެއް ވީބާއޭ ހިތަށް އަރައިގެންނެވެ.

އެ ދެމީހުން ބިރުވެރިކަމާއެކު ދޮރާ ދިމާއަށް ބަލަހައްޓައިގެން ތިބެ، މަޑުމަޑުން ކުރިއަށް ދިޔައެވެ. އަޝްރަފް ވަޅި ހިފަހައްޓައިގެން ހުރީ ތައްޔާރަށެވެ. ދޮންއާދަނު ވަރަށް ފަރުވާތެރިކަމާއެކު ދޮރުގެ ތަޅު ހުޅުވާލިއެވެ.

ދޮރު ހުޅުވުމާއެކު، އެމީހުންނަށް އެއްވެސް މީހެއް ނުފެނުނެވެ. އެ ނުރައްކާތެރި ފަރާތް ވަނީ ގެއްލިފައެވެ. އެ ދެމީހުން ހައިރާންވެ، އެކަކު އަނެކަކާ ދިމާއަށް ބަލާލިއެވެ.

"މިއީ ކިހިނެއް ވީކަމެއް؟" ދޮންއާދަނު ސުވާލުކުރިއެވެ.

"އަހަރެންނަކަށް ނޭނގެ. އެކަމަކު މިހާރު އަހަރެމެން ރައްކާތެރިވާން ޖެހޭނެ" އަޝްރަފް ޖަވާބު ދިނެވެ.

އެ ދެމީހުން ގޭތެރެ ބަލާ ފާސްކުރިއެވެ. އެއްވެސް ތަނަކުން އެ ބިރުވެރި މީހާގެ އަސަރެއް ނުފެނުނެވެ. އެހެންނަމަވެސް، ގޭގެ މައި ދޮރު ކައިރީގައި ލޭ ހޭކިފައި ހުއްޓެވެ. އެ ދެމީހުންގެ ހިތް އަނެއްކާވެސް ބާރަށް ތެޅެން ފެށިއެވެ.

އެ ރޭ އަޝްރަފާއި ދޮންއާދަނަށް ނިދި ނައިސް، ހޭލާ ތިބެން ޖެހުނެވެ. އެމީހުންގެ ހިތުގައި އުފެދުނު ސުވާލަކީ: އެއީ ކާކުބާއޭ؟ އަދި އޭނާ އަނެއްކާވެސް އަންނާނެބާއެވެ. އެޚިޔާލުގައި ތިބެ ދެމީހުން ބޭރަށް ނިކުތެވެ. މުޅި ގޯތިތެރެއަށް ވަނީ އަނދިރިކަން ވެރިވެ ހިމޭންވެފައެވެ.

އެ އަނދިރި ރޭގަނޑުގެ ހިމޭންކަން ފޫއަޅުވާލަމުން، ގަދަ ވައިގެ އަޑު އިވެން ފެށިއެވެ. އަޝްރަފާއި ދޮންއާދަނު، ބިރުވެރިކަމާއެކު އެކަކު އަނެކަކަށް ބަލާލި ވަގުތު ކުއްލިއަކަށް، މުޅި ގެއިން ކަރަންޓް ކެނޑި، އަނދިރިވެގެން ދިޔައެވެ.

"ކިހިނެއް މިވީ" ދޮންއާދަނު ވަރަށް މަޑު އަޑަކުން ސުވާލުކުރިއެވެ.

"އޭތި އަންނަނީކަންނޭނގެ" އަޝްރަފް ވަޅި ހިފަހައްޓައިގެން ހުރެ ޖަވާބުދިނެވެ.

ކުއްލިއަކަށް، ފަހަތުން އަޑެއް އިވުނެވެ. އެއީ ދޮރު ހުޅުވާލި އަޑެވެ. އެ ދެމީހުންގެ ހިތުގެ ވިންދު އިތުރަށް އަވަސްވެގެން ދިޔައެވެ. އަނދިރީގައި، އެމީހުންނަށް ފެނުނީ ހިޔަނި ގޮތަކަށް ހުރި މީހެކެވެ.

"ތިޔައީ ކާކު؟" އަޝްރަފް ބިރުން ހުރެ އަހާލިއެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ. އޭގެ ބަދަލުގައި، އެ ހިޔަނި އެމީހުންނާ ދިމާއަށް ކުރިއަށް އައެވެ.

"ކައިރި ނުވޭ! ނޫނީ މި ވަޅިން ޖަހާނަން!" ދޮންއާދަނު، ބިރުން ފަހަތަށް ޖެހުނު ވަގުތު އަޝްރަފް ވަޅި ހިފައިގެން ކުރިއަށް ދިޔައެވެ.

އެހެންނަމަވެސް، އެ ހިޔަނި ހުއްޓުމެއްނެތި ކުރިއަށް އައެވެ. ކުއްލިއަކަށް، އެ ހިޔަނީގެ ލޮލުގައި ރަތް އަލިގަދަ ކުލައެއް ފެނުނެވެ. އަދި އޭގެ އަތުގައި އޮތް އެއްޗެއް ދިއްލިގެން ދިޔަވަގުތު އެއީ ވަޅިއެއްކަން އެނގުނެވެ.

އަޝްރަފާއި ދޮންއާދަނު، ބިރުވެރިކަމުގެ ތެރޭގައި ގޭގެ ކަނަކަށް ޖެހިލިއެވެ. އެ ހިޔަނި އެމީހުންނާ ދިމާއަށް އައިސް، ކުއްލިއަކަށް ހުއްޓުނެވެ.

ކުއްލިއަކަށް، އަޝްރަފް ހިތްވަރު ކޮށްލައި، އޭނާގެ އަތުގައި އޮތް ވަޅި އެ ހިޔަންޏާއި ދިމާއަށް އެއްލާލިއެވެ. ނަމަވެސް، އެ ހިޔަނި ވަރަށް ފަސޭހައިން އެ ވަޅިން ސަލާމަތްވިއެވެ. އަދި އޭގެ އަތުގައި އޮތް ވަޅި މައްޗަށް އުފުލާލިއެވެ. ދޮންއާދަނު، ބިރުން ފަހަތަށް ޖެހެމުން ދިޔައެވެ. ކުއްލިއަކަށް، އޭނާގެ ފައި ތަނެއްގައި އެޅި، ވެއްޓުނެވެ.

އަޝްރަފް، ބިރުވެރިކަމާއި އެކު، ގޭގެ މައި ދޮރާ ދިމާއަށް ދުއްވައިގަތެވެ. ނަމަވެސް، ދޮރުން އެތެރެއަށް ވަނުމާއެކު، އޭނާއަށް ފެނުނީ އިތުރު ހިޔަނިތަކެއް ތިބި މަންޒަރެވެ. އެ ހުރިހާ ހިޔަނިތަކެއްގެ ލޮލުގައިވެސް ރަތް އަލިކަމެއް ފެނުނެވެ.

"މިހާރު އޭނަ ވަނީ އަހަރެމެންގެ ބާރުގެ ދަށުގަ" ކުއްލިއަކަށް، އެ ހިޔަނިތަކުގެ ތެރެއިން އެކަކު ކުރިއަށް އައިސް އޭގެ ބިރުވެރި އަޑުން ބުނެލިއެވެ.

ކުއްލިއަކަށް، އެ ހިޔަނިތައް އަޝްރަފާ ދިމާއަށް އައިސް، އޭނާގެ ވަށައިގެން ވަށާލިއެވެ. އަޝްރަފަށް އިވުނީ ދޮންއާދަނުގެ ހަޅޭއްލެވުމުގެ އަޑެވެ. ނަމަވެސް އެ އަޑު ދުރުން އިވޭ ކަހަލައެވެ.

ފަތިސް ނަމާދުގެ ބަންގީގެ އަޑު އިވުމާއެކު، ދޮންއާދަނަށް ސަލާމަތްވުމުގެ ފުރުޞަތު ލިބުނެވެ. ފަތިހުގެ އަލިކަން ފެތުރެމުންދިޔަ ވަގުތު، އެ ނުރައްކާތެރި ހިޔަނިތައް ދޮންއާދަނު ދޫކޮށް، ވީނުވީ ތަނެއް ނޭނގި ގެއްލިގެން ދިޔައެވެ.

= ނުނިމޭ =

+1
0
+1
1
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް