November 13, 2024 06:43
Advertisement

-Advertisement-

ހާދިސާ: ކާޑެއްދޫ ގޮއިމަކަލޯ

މިއީ ކުރީޒަމާނުގައި ހުވަދު އަތޮޅު ކާޑެއްދޫގައި ހިނގިކަމަށް ލިޔެފައިވާ ހާދިސާއެކެވެ. ކާޑެއްދޫ އަކީ ވަރަށްގިނަ މީހުން އުޅުނު ރާއްޖޭގެ ރަށްތަކާ އަޅާބަލާއިރު ބޮޑު ރަށެކެވެ. އެއިރު ކާޑެއްދޫގައި ފަންޑިތަވެރިއަކު އުޅުނެވެ. އޭނާގެ ނަމަކީ ގޮއިމަކަލޯއެވެ. މީނާގެ ޒުވާން ފިރިހެން ދަރިއަކު އުޅުނެވެ. މިއީ ވަރަށްރީތި ކަމަށްބުނާ ކުއްޖެކެވެ. އެދުވަސްވަރު ހުވަދު އަތޮޅު ވާދޫގައިވެސް ފަންޑިތަ ވެރިއަކު ހުއްޓެވެ. މީނާއަށް ކިޔާނީ ވާދޫ ބޮޑުކަންވެރިކަލޭގެފާނެވެ. މީނާ ކަންވެރިކަމަށް މޮޅުކަމުން އެރަށުގެ މީހުން މީނާދެކެ ގަންނަނީ އަމަށަކު ބިރެއްނޫނެވެ.

މީނާގެ ރީތި އަންހެން ދަރިއަކު ހުއްޓެވެ. މިކުއްޖާގެ ރީތިކަމުގެ ވާހަކަ މުޅިއަތޮޅަށް އޮންނަނީ ފެތުރިފައެވެ. މިކުއްޖާގެ ރީތިކަން މީހުން ސިފަކުރަނީ ސާދަ ފަނަރަ ވިލޭރޭގެ ހަނދުފަދައިންނެވެ. މިގޮތަށް ދުވަސްތައް މާޒީއާއިއެކުވެގެން ދެއެވެ. ކާޑެއްދޫ ގޮއިމަކަލޯގެ ފިރިހެން ދަރިފުޅާއި ވާދޫ ކަންވެރިކަލޭގެފާނުގެ އަންހެން ދަރި،  މި ދެކުދިން ހިތާވިއެވެ. ނަމަވެސް މި ދެކުދިން ތިބެންޖެހިފައިވަނީ މާދުރުގައި ކަމުން މިކަން މިދެކުދިންނަށް ވަރަށް އުދަގޫ ކަމަކަށް ވެއްޖެއެވެ.

މިދެކުދިންނަކީ ބޮޑު ދެފަންޑިތަވެރިންގެ ދަރިންކަމުން މިދެކުދީންނަށް ވަނީ ފަންޑިތަވެރިކަން ވާރުތަ ކޮށްފައެވެ. މޮޅެތި ފަންޑިތަ ހެދުމުން އެދެކުދީންނަށް ދިމާވެފައިވާ ހުރަސްތައް އެދެކުދިން ހައްލުކުރިއެވެ. ދެރަށެއްގައި ތިބެގެން ބައްދަލުކޮށް ހަދަނީ ފަންޑިތައިގެ ބާރުގައެވެ. އެހެންކަމުން ދެރަށުގައި ތިބެެންޖެހުމުގެ ހިތާމަ އިޙުސާސް ކުރާކަށް ނުޖެހެއެވެ. ދެކުދިންގެ ބައްދަލުވުން ބަރާބަރަށް ކުރިއަށްދެއެވެ. ދުވަސްކޮޅެއް ފަހުން މިކަން ވާދޫ ކަންވެރިކަލޭގެފާނަށް އެގިއްޖެއެވެ. ކާޑެއްދޫ ގޮއިމަކަލޯގެ ފިރިހެން ދަރިފުޅާއި އޭނާގެ ދަރިފުޅު ހިތާވުމަކީ އޭނާ ވަރަށް ނުޤަބޫލު ކަމެެކެވެ. މިހެންވުމުން މިކަން ހުއްޓުވާލުމުގެ ބޭނުމުގައި މީނާ ފަންޑިތައެއް ހެދިއެވެ. ނަތީޖާއަކަށްވީ ފަންޑިތައިގެ ބާރުން ކުރަމުންދާ ބައްދަލުވުންތަކަށް ހުރަސްއެޅުމެވެ.

Advertisement

ގިނަދުވަސް ތަކަކަށް ބައްދަލުނުވެ ތިބެން ޖެހުމުން ދެރަވެ ހިތާމަ ކުރަންޖެހިއްޖެއެވެ. ކާއެއްޗެއް ދިރުވާނުލެވޭވަރަށް ހިތާމައިގެ ދުވަސްތައް ތަހައްމަލު ކުރަމުންދިއައެވެ. ކަންތައް މިހިސާބަށް ދިޔަތަނާ ކާޑެއްދޫ ގޮއިމަކަލޯއަށް މިކަން އެގިއްޖެއެވެ. މިދެމީހުންނަކީ އެކަކު އަނެކަކަށް ކުފޫހަމަނުވާ ދެމީހުން ކަމަށް އަންހެން ކުއްޖާގެ ބައްޕަ ބުނަމުންދާތީ ފިރިހެން ކުއްޖާގެ ބައްޕަ ގޮއިމަކަލޯ ވަރަށް ރުޅި އަތުވެއްޖެއެވެ. އަދި ގޮއިމަކަލޯ ހިތަށް އެރިއެވެ. އަހަރެންތޯ ނޫނީ ކަންވެރިކަލޭގެފާނުތޯ މޮޅީ، ވާދޫ ކަންވެރިކަލޭގެފާނަށް ދައްކާލާނަމެވެ.

ގޮއިމަކަލޯ ގަސްތުކުރީ ވާދޫ ފަޅުރަށަކަށް ހެދުމެވެ. މިކަން ކުރުމަށްޓަކައި މީނާ ކުދި އޮޑިއާއި ގުރާބު ފަދަ ތަކެތި ތައްޔާރުކޮށް އެއަށް ފަންޑިތަ ހަދާފައި ވާދުއަށް ފުރުވާލިއެވެ. އެހާހިސާބުން މިދެމީހުންގެ ފަންޑިތައިގެ ކޯޅުންގަނޑު ފެށުނީއެވެ. ކަންވެރި ކަލޭގެފާނަށް މިތަކެތި އަންނަކަން އެގިގެން އަތިރިމައްޗަށް ނުކުމެއްޖެއެވެ. އަދި އަންނަ ކޮންމެ އޮޑިއަކާއި ގުރާބް ފަންޑިތާއިގެ ބާރުން އަބުރައި އައިކޮޅަށް ފޮނުވާލައެވެ. މިކަމުގެ ސަބަބުން ދެމީހުންނަށްވެސް މާބޮޑު ކުރިއެރުމެއް ނުލިބުނެވެ.

މިދެމީހުންގެ ވާދަވެރިކަމުގެ ޖޯޝުގައި ދެރަށުގައި ދެމަސްދޯނި ބަނދެ ދެދޯނި މަހަށް ފުރުވައިލިއެވެ. މިއީ މިދެމީހުންގެ ފަންޑިތައިގެ ބާރު ދެއްކުމުގެ ގޮތުން ދެމީހުން ކުރި ދެވަނަ ޓެސްޓެވެ. މަހަށް ގޮސްގެން ކޮންމެ ދުވަހަކުވެސް ދެމީހުންގެ ދޯނި މަސްބާނަނީ އެއްވަރަކަށެވެ. ފަންޑިތައިގެ ބާރުން ދެމީހުންވެސް ބަލަމުން ދަނީ މަދުން މަސްބޭނެނީ ކޮން ދޯންޏަކަށްތޯއެވެ. ކޮށްމެ ދުވަހަކު ދޯނި މަހުން ލަފާއިރު ދެދޯނީގައި މަސް ހުންނަނީ އެއްވަރަކަށެވެ. މިކަމާހުރެ ދެމީހުންވެސް ވަރަށް ކަންބޮޑު ވެއްޖެއެވެ. މިގޮތަށް އެތައްދުވަހެއްވީފަހުން އެއްދުވަހަކު މިދެދޯނި މަހުން ލެފިއިރު ކާޑެއްދޫ ގޮއިމަކަލޯގެ ދޯނި އެއްމެ މަހެއްވެސް ނުބާނައެވެ. ވާދޫ ކަންވެރިކަލޭގެފާނުގެ ދޯނި އައީ ހައްސަ ބާނައިގެންނެވެ.

މިޚަބަރު ގޮއިމަކަލޯއަށް ލިބުމުން ރުޅިއައިސް އޭނާގެ ދޯނިން ވާދުއަށް ފުރައިފިއެވެ. ވާދޫ ފަޅަށް ވަންއިރު ކަންވެރިކަލޭގެ ދޯނި މަސް އެއްގަމަށް އެރުވުމަށްޓަކައި މޫދަށް އުކަނީއެވެ. ވަގުތުން ގޮއިމަކަލޯ އެއުކާފައިވާމަސްތައް ނަގައިގެން ކާޑެއްދުއަށް ހިގައްޖެއެވެ. ކަންވެރިކަލޭގެއަށް މިކަންއެނގި ރުޅިއައިސްގެން ކާޑެއްދުއަށް ގޮސް އެމަސްތައް އޭނަގެ ދޯއްޏަށް އަރުވައިގެން ވާދުއަށް ގެންދިއައެވެ. ދެވަނަފަހަރަށް ގޮއިމަކަލޯ ގޮސްގެން އެމަސްތަށް އަތުޖެހޭ ގޮތެއް ނުވިއެވެ. ގޮއިމަކަލޯ އެކަމާ ރުޅިއައިސް ދެރަވެ އެބުރި ކާޑެއްދޫ އަށް ދިޔައީއެވެ.

ދުވަސް ކޮޅެއްގެ ފަހުން ވާދޫ ކަންވެރި ކަލޭގެފާނު ފަންވަތެއް ލިޔެ ގޮއިމަކަލޯއަށް ފޮނުވިއެވެ. ގޮއިމަކަލޯ ފަންވަތް ނިއުޅުވާ ބެލިއިރު އާއިލާ ނައްތާލާނެކަމުގެ އިންޒާރު ކޮށްފައިވެއެވެ. އޭގެފަހުން ގޮއިމަކަލޯ މިކަމަށް ތައްޔާރުވާން ފަށައިފިއެވެ. އަންނަން އުޅޭހަމަލާއިން ދިފާޢު ވުމަށްޓަކައި ކުރިކަމަކީ ބާސްމާނު ނަމަކަށްކިޔާ ގުޅައެއް ތައްޔާރުކުރިއެވެ. ފަންޑިތައިގެ ބާރުގައި ޖިންނިއެއް ގެނެސް އެގުޅަވަރު ހަވާލު ކޮށްފިއެވެ. އަދިި ޖިންނިއަށް އެންގީ ވާދޫ ކަންވެރިކަލޭގެފާނު ކާޑެއްދުއަށް އަންނަން އެބައުޅޭކަމަށާއި އޭނާ ފުރަތަމަ ވަންނާނީ މިގެއަށް ކަމަށެވެ. އަދި ވަންނަތަނުން އޭނާގެ ބޯމައްޗަށް މިގުޅަ ވައްޓާލުމަށް އަމުރުކުރިއެވެ. ގުޅަވަރު ވައްޓާލަންވީ ވަގުތުގެ ކުރިން ވައްޓާލައިފިނަމަ ކާޑެއްދޫއިން އެކަކުވެސް ސަލާމަތް ނުވާނެކަމަށްބުނެ އިންޒާރު ކުރިއެވެ. ވަރަށް އަވަހަށް ވާދޫ އެނދުރުކަލޭގެފާނު އަންނާނެވާހަކަ ބުންޏެވެ.

ޖިންނިއާއި މިކަންތައް ހަވާލުކުރުމަށްފަހު ގޮއިމަކަލޯ ކާޑެއްދޫ އަތިރިމައްޗަށް ނުކުމެ ފަންޑިތަ، ސިހުރު އަދި ޖާދޫގެބާރުން ކާޑެއްދޫ ފަޅުމަތީގައި ހިމަދިގު ދެފިނޮޅު ހިއްކާލުމަށްފަހު އެރަށަށް ވަންނަ ނެރުވެސް ނުފެންނަ ގޮތަށް ހަދާލީއެވެ. ވަގުތު ކުޑަތަންވެ، ހަމަލާ ދިނުމަށްޓަކައި ކަންވެރިކަލޭގެފާނު ވާދޫން ފުރައިފިއެވެ. ކާޑެއްދުއަށް ކައިރިކޮށް ހޯދާހޯދާ ކާޑެއްދޫ ނެރެއް ނުފެނުނެވެ. އެއްމެފަހުން ފަރުމަތިން ފަޅުތެރެއަށް ވަންތަނުން ފެނުނީ ހިކިފައޮތް ފިނޮޅެކެވެ. މިފިނޮޅުގައި ދޯނީގެ ފަށަން ބީހުމުން ފައިބައިގެން ގޮސް ބެލިއިރު ކާޑެއްދޫގެ ފަސްގަޑުވެސް ކަންވެރި ކަލޭގެއަށް ނުފެނުނެވެ. ފެނުނީ ފެންމަތީގައި ހުރި ކުޑަ ގެއެކެވެ. އެއީ ގޮއިމަކަލޯގެ ގެއެވެ. އެހެން އެއްވެސް ތަނެއްނުފެނެއެވެ.

މިހާދިސާ ހިގަމުން ދިޔައިރު ގޮއިމަކަލޯ އޮތީ ރުކަކަށްއަރާ ސިއްރުން ބަލަހައްޓައިގެންނެވެ. ކަންވެރިކަލޭގެ އަވަސްވެގަތީ ގޮއިމަކަލޯއަށް ހަމަލާ ދިނުމަށެވެ. ކަންވެރިކަލޭގެފާނު ބާރަށް އަންނަތަން ފެނުމުން އެއްކަލަ ބާސްމާނުގުޅަ ހަވާލުކޮށްފައިވާ ޖިންނި ވަރަށް ބޮޑަށް ބިރުގަނެ ތުރުތުރު އެޅުމަށްފަހު ބާސްމާނުގުޅަ ޖިންނިއަތުން ދޫވެގެން ބިންމައްޗަށް ވެއްޓިއްޖެއެވެ. ގުޅަ ބިންމައްޗަށް ވެއްޓުމާއެކު ރަށުގެ އެއްމެން މަރުވެއްޖެއެވެ. ގޮއިމަކަލޯވެސް މަރުވެ ކަންވެރިކަލޭގެފާނު ހޭނެތުނެވެ. ހަމައެކަނި ދިރިހުރި ޖިންނި ކުރިކަމަކީ ހޭނެތިފައި އޮތް ކަންވެރިކަލޭގެފާނު ވާދުއަށް ގެންދިއައީއެވެ. ޖިންނި ވާދޫއިން އެނބުރި ކާޑެއްދުއަށް ދިޔައިރު ގެއްލުނު ރަށް އޮތީ ފެންނާށެވެ. ފިނޮޅުތައް ފެންނާކަށެއް ނެތެވެ.

ނޯޓް: މިއީ ކުރީގެ ހުވަދު އަތޮޅު، މިވާހަކައިގައި ނ.ތ.ހަސަންދީދީ ލިއުއްވި ލިއުމެއްގެ ނަކަލައެކެވެ. މިލިޔުމުގައިވާ ބައެއް ބަސްތަކާއި ޖުމްލަތައް މިހާރު ބޭނުންކުރާ ގޮތަށް ބަދަލު ކުރެވިފައިވާނެއެވެ.

+1
1
+1
5
+1
0
+1
16
+1
2
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް