Advertisement
header ad
XeeTimesXeeTimes
ޑރ. ޝާފިޔާގެ ގަލަމުން: ސޯޝަލް މީޑިއާއަށް ދެވިހިފުމަކީ ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އޮތް ބޮޑު ނުރައްކަލެއް އިލްމާއި ހިލްމު

ޑރ. ޝާފިޔާގެ ގަލަމުން: ސޯޝަލް މީޑިއާއަށް ދެވިހިފުމަކީ ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އޮތް ބޮޑު ނުރައްކަލެއް

ކޮލަމް ތަޢާރަފް

"ޑރ. ޝާފިޔާގެ ގަލަމުން" މި ކޮލަމަކީ ކޮންމެ ހަފުތާއަކުވެސް، ބެލެނިވެރިންނާއި މުދައްރިސުންނަށް މުހިންމު މަޢުލޫމާތުތަކެއް ފޯރުކޮށްދިނުމަށް ޚާއްޞަކުރެވިފައިވާ ކޮލަމެކެވެ. މި ސިލްސިލާގެ ތެރެއިން، ތަޢުލީމީ އަދި ތަރުބަވީ ދާއިރާތަކުން ހެދިފައިވާ އިތުބާރުހުރި ޢިލްމީ ދިރާސާތަކުގެ އަލީގައި، ކުދިންގެ ކުރިއެރުމަށް ބޭނުންވާ މުހިންމު ކަންކަމަށް އަލިއަޅުވާލެވޭނެއެވެ. މި ކޮލަމުގެ މައިގަނޑު މަޤްޞަދަކީ ހަމައެކަނި މަޢުލޫމާތު ހިއްސާކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، ދިރާސާތަކުގެ ހޯދުންތަކަށް ބިނާކޮށް، ދަރިންގެ ތަރުބިއްޔަތާއި އުނގަންނައިދިނުމުގެ ތެރެއިން އިޞްލާޙުކުރެވިދާނެ ކަންކަމާއި، ޢަމަލީ ގޮތުން ކުރެވިދާނެ ކަންކަމާ މެދު ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުވުމެވެ. އަޅުގަނޑުގެ އުއްމީދަކީ، މި ކޮލަމަކީ ސްކޫލް ޢުމުރުފުރައިގެ ކުދިން ދުޅަހެޔޮ، ފަންނުވެރި، އަދި އަޚްލާޤީ ގޮތުން ފުރިހަމަ ޖީލެއްގެ ގޮތުގައި ބިނާކުރުމަށްޓަކައި ބެލެނިވެރިންނާއި މުދައްރިސުންނަށް ލިބިގެންދާ ބޭނުންތެރި "ޢިލްމީ މަންސައަކަށް" ވެގެންދިއުމެވެ.

ޓެކްނޮލޮޖީއަށް އަންނަމުންދާ ހަލުވި ބަދަލުތަކާއެކު އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހުރިހާ ކަމަކަށް ވެސް ބަދަލުތައް ދަނީ އިތުރުވަމުންނެވެ. ޚާއްޞަކޮށް ސޯޝަލް މީޑިއާއަކީ މިއަދުގެ ޒުވާނުންގެ ދިރިއުޅުމުގެ މުހިންމު ބަޔަކަށް ވަނީ ވެފައެވެ. މަޢުލޫމާތު ބަދަލުކުރުމާއި އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަށް ސޯޝަލް މީޑިއާގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާ ކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. ނަމަވެސް، މިއާއެކު އެ އާލަތްތައް ބޭނުންކުރެވޭގޮތުން ނަފްސާނީ ދުޅަހެޔޮކަމަށް ނުރައްކާތެރި ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ. ހާއްސަކޮށް ޒުވާނުންގެ މެދުގައި ސޯޝަލް މީޑިއާއަށް ދެވިހިފުން އިތުރުވަމުންދިއުމަކީ އެމީހުންގެ ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަމަށް އޮތް ބޮޑު ގޮންޖެހުމެކެވެ. މިއަދުގެ ވާހަކަކޮޅު މި އަމާޒުކޮށްލެވެނީ ސޯޝަލް މީޑިއާއަށް ދެވިހިފުމުގެ ސަބަބުން، ޒުވާންކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރުތައް ދެނެގަތުމަށެވެ. މީގެ ތެރޭގައި އިޖުތިމާއީ އެހީތެރިކަމާއި (Social Support)  ވިލުންތެރިކަން (Resilience)  އަދާކުރާ ދައުރު ދެނެގަތުން ވެސް ހިމެނެއެވެ.

Article - in content
Advertisement

ޒުވާނުންނަކީ ސޯޝަލް މީޑިއާ އެންމެ އާންމުކޮށް ބޭނުންކުރާ އާބާދީ އެވެ (ލިން އަދި އެހެންމީހުން، 2016)، ނަމަވެސް ސޯޝަލް މީޑިއާއަށް ދެވިހިފުމަކީ އެމީހުންގެ ނަފުސާނީ ދުޅަހެޔޮކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވާ ކަމެކެވެ (އެންޑްރިއާސަން އަދި ޕެލެސެން، 2014؛ ހުއަންގް، 2022). ކުރިން ހެދިފައިވާ ދިރާސާތަކުން ދައްކާގޮތުގައި، ސޯޝަލް މީޑިއާއަށް މާބޮޑަށް ބަރޯސާވުމުގެ ސަބަބުން އިޖުތިމާއީ ނުތަނަވަސްކަމާއި، ކަންކަމަށް އޮންނަ ސަމާލުކަން ކުޑަވުމާއި، ނިދި މަދުވުމުގެ އިތުރުން މާޔޫސްވުމާއި ފިކުރުބޮޑުވުން ފަދަ ނަފުސާނީ ބޮޑެތި މައްސަލަތައް އިތުރުވެއެވެ (ކެލެސް އަދި އެހެންމީހުން، 2020؛ ޓްވެންގް އަދި ކެމްޕްބެލް، 2018؛ ވުޑްސް އަދި ސްކޮޓް، 2016). މި ދިރާސާތަކުން ދައްކާ ގޮތުގައި މިއީ އޮންލައިންކޮށް އެހެން މީހުންނާ އަޅާކިޔުމާއި، ވަގުތީ އުފަލެއް ހޯދުމަށްޓަކައި ހަގީގީ ދިރިއުޅުމުގެ ގުޅުންތަކާއި ޖަޒުބާތީ ކޮންޓްރޯލް ދޫކޮށްލުމުގެ ނަތީޖާއެވެ (ބޭކަރ އަދި އަލްގޯޓާ، 2016؛ ޓްވެންގް އަދި ކެމްޕްބެލް، 2018). މީގެ އިތުރުން، ވަރަށް ގިނަ ޒުވާނުން، ސޯޝަލް މީޑިއާ ބޭނުންކުރަނީ ކަންކަމުން ރެކިގެން ދިރިއުޅުމުގެ ކަންކަމާއި މީހުންގެ ފަރާތުން ފިލައިގެން އުޅުމަށެވެ. މިފަދަ އާދަތަކުގެ ސަބަބުން ހަގީގީ ދިރިއުޅުމުގެ ނުތަނަވަސް ކަމާއި ހިތްހަމަނުޖެހުން އިތުރުވެ، ނަފުސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ (ޝެންސާ އަދި އެހެންމީހުން، 2017).

ތަފާތު ނަޒަރިއްޔާތަކަށް ބަލާލާއިރު، ސްޓްރެސް-ބަފަރިންގ ތިއަރީ (ކޯހެން އަދި ވިލްސް، 1985)، ވިލުންތެރިކަމާއި ގުޅޭ ތިއަރީ (މާސްޓެން، 2001) އަދި ވަސީލަތްތައް ރައްކާތެރިކުރުމުގެ ތިއަރީ (ހޮބްފޯލް، 1989) ގައި ނަފުސާނީ ދުޅަހެޔޮކަމަށް އަސއަރު ކުރާ ގޮތްތަކާ ބެހޭގޮތުން މުހިންމު މަޢުލޫމާތުތަކެއް ފޯރުކޮށްދެއެވެ. މި ތިއަރީތަކުގައި ލަފާދޭގޮތުން އިޖުތިމާއީ އެހީތެރިކަމާއި ވިލުންތެރިކަމަކީ ސޯޝަލް މީޑިއާއަށް ދެވިހިފުމުގެ ނޭދެވޭ އަސަރު ކުޑަކޮށްދޭ މުހިންމު ދެ ކަންތަކެވެ (ކޯނަރ އަދި ޑޭވިޑްސަން، 2003؛ ޒާއޯ އަދި އެހެންމީހުން، 2023). ސޯޝަލް މީޑިއާއަށް މާބޮޑަށް ދެވިހިފުމުން ފުރަތަމަ ގެއްލިގެން ދަނީ ހަގީގީ ދިރިއުޅުމުގެ އިޖުތިމާއީ އެހީތެރިކަމުގެ ނިޒާމެވެ (ބްރައިލޯވްސްކާޔާ އަދި އެހެންމީހުން، 2019؛ ހޫ އަދި އެހެންމީހުން، 2019). މިއާއެކު، އެހެންމީހުންނާއެކު އޮންނަ އިޖުތިމާއީ ގުޅުންތައް ހީނަރުވުމުގެ ސަބަބުން މީހާގެ އެތެރޭގެ ވިލުންތެރިކަން (ރެޒިލިއެންސް) ބަލިކަށިވެ، ނުތަނަވަސްކަމާއި ކުރިމަތިލުމުގެ ގާބިލުކަން ކުޑަވެއެވެ (ސިޕެލް އަދި އެހެންމީހުން، 2015؛ ޔަން އަދި މާ، 2022).

މި ތިއަރީތަކާއި އެހެންވެސް އިލްމީ ލިޔުންތަކުން ހާމަވާ ގޮތުގައި، ސޯޝަލް މީޑިއާ ނުރަނގަޅު ގޮތުގައި ބޭނުންކުރުން ވެފައިވަނީ މިޒަމާނުގެ ޒުވާނުންނަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމަކަށެވެ. އަދި މީގެ ސަބަބުން ޚާއްޞަކޮށް ޒުވާންވަމުން އަންނަ ޖީލުތެރެއިން ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމުގެ ކަންބޮޑުވުން ވަނީ މަތީގައި ބަޔާންވެދިޔަ ދިރާސާތަކުން ވެސް ހާމަކޮށްފައިވެއެވެ. މިދެންނެވުނު ކަންކަމަށް ތަފުސީލުކޮށް ބަލާލުމަށް މިއަދު އިޚްތިޔާރު ކޮށްލެވިފައިވާ ދިރާސީ ކަރުދާހަކީ ސްޓްރެސް ކުޑަކުރުމާއި ގުޅޭ ތިއަރީތަކާއި (stress-buffering) ވިލުންތެރިކަމާއި ގުޅޭ ތިއަރީތަކުގެ މައްޗަށް ބިނާކޮށް މޮޑަރޭޓެޑް ޗެއިން މީޑިއޭޝަން މޮޑެލް (moderated chain mediation model) ގެ ވެސް އަލީގައި ހިމަނާލާފައިވާ މައުލޫމާތުކޮޅެކެވެ.

މި ކަރުދާހުގައި އެކުލަވާލުމަށް ބޭނުންކޮށްފައިވާ ދިރާސާއަކީ ޗައިނާގައި ހަދާފައިވާ ދިރާސާއެކެވެ. ޗައިނާގެ 1,020 އަންޑަރގްރެޖުއޭޓް ދަރިވަރުން މިދރާސާގައި ބައިވެރިވިއެވެ. މި ބައިވެރިން ނެގިފައިވަނީ ޗައިނާގެ ތަފާތު ޔުނިވަރސިޓީތަކުން ރެންޑަމްކޮށް (ގުރުއަތުން) އިޚްތިޔާރުކޮށްގެންނެވެ. ދިރާސާ ހަދާފައިވަނީ ސަރވޭ ބޭނުންކޮށްގެންނެވެ. މި ދިރާސާއިން ދައްކާގޮތުގައި، ޖިންސާއި އަދި ކިޔަވަމުންދާ އޭރިއާ/އަހަރު (ގްރޭޑް) ގެ ސަބަބުން ކޮލެޖު ދަރިވަރުންގެ ނަފުސާނީ ދުޅަހެޔޮކަމުގެ މައްސަލަތަކަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ. ދިރާސާގެ އިތުރު ތަޙުލީލުތަކުން އެނގުނުގޮތުގައި، ފިރިހެން ކުދިންނަށްވުރެ އަންހެން ކުދިންގެ ނަފުސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް މާ ނުރައްކާތެރިއެވެ. ދިރާސާގެ އިތުރު ހޯދުންތަކުން ފާހަގަކުރެވުނީ ސޯޝަލް މީޑިއާއަށް ދެވިހިފުމާއި ނަފްސާނީ މައްސަލަތަކާ ދެމެދު ބޮޑު ގުޅުމެއް އޮތްކަމެވެ. ތަހުލީލުން ހާމަވި ގޮތުގައި މިކަން މެދުވެރިވަނީ އިޖުތިމާއީ އެހީތެރިކަމާއި ވިލުންތެރިކަން ކުޑަވުމުގެ ތެރެއިންނެވެ. މި ދިރާސާއަކީ ސޯޝަލް މީޑިއާއަށް ދެވިހިފުމާއި އިޖުތިމާއީ އެހީތެރިކަމާއި، ވިލުންތެރިކަން (ރެޒިލިއެންސް) އަދި ނަފުސާނީ ދުޅަހެޔޮކަމުގެ މައްސަލަތަކާ ދެމެދު އޮތް ގުޅުން އޮތް މިންވަރު ހާމަކޮށް ބަޔާންކޮށްދޭ ދިރާސާއެކެވެ.

ސޯޝަލް މީޑިއާއަށް ދެވިހިފުމުގެ ސަބަބުން ކޮލެޖު ދަރިވަރުންގެ ނަފުސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް ބޮޑުވެގެންދާކަން ދިރާސާއިން ދައްކައެވެ. މި ހޯދުމަކީ 2024 ވަނަ އޮސްމާން ކުރި ދިރާސާއިން ވެސް ކުރިން ހާމަކޮށްފައިވާ ހެއްކެކެވެ. މިގޮތުން ބަލާއިރު، ސޯޝަލް މީޑިއާއަށް މާބޮޑަށް ބަރޯސާވުމުން ހަގީގީ ދިރިއުޅުމުގައި މީހުންނާ ބައްދަލުވެ ވާހަކައްކުމުގެ ފުރުސަތު ކުޑަވެ، އިޖުތިމާއީ ހުނަރުތައް ބަލިކަށިވެ، އެކަނިވެރިކަމާއި ދެރަވުމުގެ އިހުސާސްތައް ބޮޑުވެގެންދާކަން ކުރިންވެސް ވަނީ ދެނެގަނެވިފައެވެ. ސޯޝަލް މީޑިއާއަށް ދެވިހިފާފައިވާ މީހުން މާޔޫސްވުން (ޑިޕްރެޝަން) ފަދަ ނަފުސާނީ ސިއްހަތުގެ މައްސަލަތަކާ ކުރިމަތިލާންޖެހޭ މިންވަރު އިތުރެވެއެވެ (ޗެން އަދި އެހެންމީހުން، 2020؛ ލިން އަދި އެހެންމީހުން، 2016). ވަކިން ހާއްސަކޮށް، ސޯޝަލް މީޑިއާއަށް ދެވިހިފުމަކީ ހަމައެކަނި ޖަޒުބާތީގޮތުން އޭގެ މައްޗަށް ބަރޯސާވުން އިތުރުކުރުވާ ކަމެއް އެކަޏެއް ނޫނެވެ. ހަގީގީ އިޖުތިމާއީ ގުޅުންތަކުގެ ބަދަލުގައި ސޯޝަލް މީޑިއާ ބޭނުންކުރުމުން، ނަފުސާނީ ނުތަނަވަސްކަމާއި އިޖުތިމާއީގޮތުން އެކެހެރިވުން އިތުރަށް ބޮޑުވެގެންދެއެވެ. މި ނަފުސާނީ ހާލަތު މަޑުމަޑުން ބަދަލުވަމުންގޮސް ނުތަނަވަސް ކަމާއި ދެރަވުމާއި، ފިކުރުބޮޑުވުން ފަދަ ނޭދެވޭ ޖަޒުބާތުތަކަކަށް ބަދަލުވެގެންދެއެވެ.

ދިރާސާއިން އިތުރަށް ހާމަވިގޮތުގައި ސޯޝަލް މީޑިއާއަށް ދެވިހިފުމާއި ކޮލެޖު ދަރިވަރުންގެ ނަފުސާނީ މައްސަލަތަކާ ދެމެދު އޮންނަ ގުޅުމުގައި އިޖުތިމާއީ އެހީތެރިކަމަކީ މުހިންމު "މީޑިއޭޓަރ" އެއްކަން ތަޙުލީލުތަކުން ދައްކައެވެ (ހައިޕޯތެސިސް 2 އަށް ތާއީދުލިބެއެވެ). މި ހޯދުމަކީވެސް ކުރިން ޗެން އަދި ލިއު (2022) ގެ ދިރާސާއިން ވެސް ކުރިން ހާމަކޮށްފައިވާ ކަމެކެވެ. މިގޮތުން އެ ޢިލްމުވެރިން ހާމަކުރާ ގޮތުގައި އިޖުތިމާއީ އެހީތެރިކަމަކީ ސޯޝަލް މީޑިއާއަށް ދެވިހިފުމުގެ ސަބަބުން ކޮލެޖު ދަރިވަރުންނަށް ކުރިމަތިވާ މާޔޫސްކަން (ޑިޕްރެޝަން) ކުޑަކޮށްދޭ އައްޑަނައެކެވެ. މީގެ ސަބަބުން ސޯޝަލް މީޑިއާއަށް ދެވިހިފުމާއި ނަފުސާނީ ދުޅަހެޔޮކަމާ ދެމެދު އިޖުތިމާއީ އެހީތެރިކަމުގެ މީޑިއޭޓިންގ(އެހީތެރި އަތެއް) ދައުރު ވަރުގަދަވެގެންދެއެވެ. ޖަޒުބާތީ އެހީތެރިކަމާއި އިޖްތިމާޢީ އަމަލީ އެހީތެރިކަން ލިބުމަކީ ސޯޝަލް މީޑިއާގެ ސަބަބުން އުފެދޭ އެކަނިވެރިކަމާއި، ފިކުރުބޮޑުވުމާއި، މާޔޫސްކަމުގެ އިހުސާސްތައް ކުޑަކުރުވާ ކަމެކެވެ (ބޭކަރ އަދި އަލްގޯޓާ، 2016). ހަރުދަނާ އިޖުތިމާއީ އެހީތެރިކަމެއް ލިބޭނަމަ، މީހާއަށް އަމިއްލަ ނަފުސަށް އޮންނަ އިތުބާރާއި އެހެންމީހުންނާއި އެކު ބައިވެރިވުމުގެ އިހުސާސް ބޮޑުވެއެވެ. އަދި ދެވިހިފުމުގެ އާދަތަކާ ގުޅިގެން އުފެދޭ ނަފުސާނީ ނުތަނަވަސްކަން ކުޑަކުރުމަށް ސިއްހަތަށް ފައިދާހުރި އެހެނިހެން ކަންކަމުގައި އަދި ހަރަކާތްތަކުގައި ބައިވެރިވުމަށް މަގުފަހިވެއެވެ (ޗެން އަދި ލިއު، 2022).

އިސްވެދިޔަ ދިރާސާތަކުގެ ހޯދުންތަކަށް ބަލައި، ދިވެހިރާއްޖޭގެ ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރެވިދާނެ 10 ކަމެއް ތިރީގައި އެވަނީއެވެ:

  1. ސޯޝަލް މީޑިއާ ބޭނުންކުރާ ވަގުތު މިންކުރުން: ދުވާލެއްގެ މައްޗަށް އޮންލައިންކޮށް ހޭދަކުރާ ވަގުތު ކަނޑައެޅުމާއި، ސްކްރީން-ފްރީ ވަގުތުތައް (މިސާލަކަށް ކެއުމާއި ނިދުމުގެ ކުރިން) ދެނެގަނެ ރިކޯޑްތައް ބެލެހެއްޓުން.

  2. ހަގީގީ އިޖުތިމާއީ ގުޅުންތައް ވަރުގަދަކުރުން: ފޯނުގެ ޒަރީއާއިން އެކަނި ގުޅުން ބެހެއްޓުމުގެ ބަދަލުގައި، އާއިލާއާއި ރައްޓެހިންނާއެކު އަމަލީގޮތުން ބައްދަލުކޮށް ވަގުތު ހޭދަކުރުން.

  3. ވިލުންތެރިކަން (ރެޒިލިއެންސް) އަލުން އާލާކުރުން: ދިރިއުޅުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ސާބިތުކަމާއެކު ކުރިމަތިލުމަށް ނުތަނަވަސްކަމާއި ގޮތްހުސްވުން ފަދަ އުނދަގޫ ކަންކަން މެނޭޖުކުރާނެ ހުނަރުތައް ދަސްކުރުން.

  4. އިޖުތިމާއީ އެހީތެރިކަމުގެ ނިޒާމެއް ބިނާކުރުން: މާޔޫސްވާ ވަގުތުތަކުގައި އިތުބާރުކުރެވޭ އެކުވެރިން ނުވަތަ އާއިލާގެ މެންބަރުންގެ އެހީތެރިކަން ހޯދުމަށް ފަސްނުޖެހުން.

  5. އަޅާކިއުމުގެ އާދަ ހުއްޓާލުން: ސޯޝަލް މީޑިއާއިން ފެންނަ "އެހެން މީހުންގެ ފުރިހަމަ ދިރިއުޅުމާ" އަމިއްލަ ދިރިއުޅުން އަޅާނުކިޔައި، އަމިއްލަ ކުރިއެރުމަށް ސަމާލުކަން ދިނުން.

  6. ސިއްހަތަށް ފައިދާހުރި އާދަތައް އަށަގަންނުވުން: ގަވާއިދުން ކަސްރަތުކުރުމާއި، ސިއްހަތަށް ފައިދާހުރި ކާނާ ކެއުމުގެ އިތުރުން ރަނގަޅު ނިދުމުގެ އާދައެއް ހިފެހެއްޓުން.

  1. ޖިންސީ ތަފާތުތަކަށް ބަލައި ނަފުސާނީ އެހީ ހޯދުން: އަންހެނުންނާއި ފިރިހެނުންގެ ނަފުސާނީ ބޭނުންތައް ތަފާތުވާތީ، އަމިއްލަ ޖަޒުބާތީ ބޭނުންތައް ދެނެގަނެ އެއާ އެއްގޮތަށް އެހީތެރިކަން ހޯދުން.

  2. ދީނީ އަދި ރޫހާނީ ކަންކަމަށް ސަމާލުކަން ދިނުން: އަޅުކަންތަކުގައި އަދި ހެޔޮކަންކަމުގައި ބައިވެރިވެ، ހިތްހަމަޖެހުމާއި ރޫހާނީ ތަސައްލީ ހޯދުން.

  3. އިންތިޚާބީ ހަރަކާތްތަކާއި އިޖުތިމާއީ ޚިދުމަތުގައި ބައިވެރިވުން: ޖަމިއްޔާތަކާއި ކްލަބްތަކުން ހިންގާ ބޭނުންތެރި ކަންކަމުގައި ބައިވެރިވެ، މުޖުތަމައަށް ފައިދާހުރި ކަންކަން ކުރުން.

  4. ޕްރޮފެޝަނަލް އެހީތެރިކަން ހޯދުން: ނަފުސާނީ ނުތަނަވަސްކަން ބޮޑުވާނަމަ، ކައުންސިލަރުން ނުވަތަ ސައިކޮލޮޖިސްޓުންގެ އެހީތެރިކަން ކުރީބައިގައި ހޯދުން.

ޖުމްލަކޮށް ބަލާއިރު، ދިވެހިރާއްޖޭގެ ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަކީ ފަރުދީ އަދި އިޖުތިމާއީ ފެންވަރުގައި ގިނަ ފިޔަވަޅުތަކެއް އަޅައިގެން ނޫނީ ހާސިލުކުރެވޭނެ ކަމެއް ނޫނެވެ. އިސްވެދިޔަ ދިރާސާތަކުން އެނގޭ ގޮތުގައި، ސޯޝަލް މީޑިއާ ބޭނުންކުރުން މިންކުރުމާއި، އެހެން މީހުންނާ އަމިއްލަ ދިރިއުޅުން އަޅާކިއުން ހުއްޓާލުމަކީ ނަފުސާނީ ހަމަޖެހުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ. މީގެއިތުރުން، ފޯނުގެ ވަސީލަތްތަކާ ދުރުވެ، ހަގީގީ އިޖުތިމާއީ ގުޅުންތައް ވަރުގަދަކުރުމާއި، އެކުވެރިންނާއި އާއިލާގެ އެހީތެރިކަން ހޯދައި އިޖުތިމާއީ އެހީތެރިކަމުގެ ނިޒާމެއް ބިނާކުރުމަކީ ދިރިއުޅުމުގެ ގޮންޖެހުންތަކަށް ވިލުންތެރިކަން އިތުރުކޮށްދޭނެ ކަންކަމެވެ. އަދި ހަމައެހެންމެ، ސިއްހަތަށް ފައިދާހުރި ކާނާއާއި، ކަސްރަތާއި، ރަނގަޅު ނިދުމުގެ އާދަ ހިފެހެއްޓުމުގެ އިތުރުން، އަޅުކަންތަކާއި ދީނީ ކަންކަމުން ރޫހާނީ ތަސައްލީ ހޯދުމަކީ ނަފުސަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަންކަމެވެ. އިޖުތިމާއީ ޚިދުމަތްތަކުގައި ބައިވެރިވެ މުޖުތަމައަށް ފައިދާހުރި ކަންކަން ކުރުމަކީ ދިރިއުޅުން އާބާދުކުރުމަށް ސަމާލުކަން ދޭންޖެހޭ ކަމެކެވެ. އެންމެ މުހިންމު ކަމަކީ، ނަފުސާނީ ނުތަނަވަސްކަން ބޮޑުވާ ހާލަތްތަކުގައި ފަސްނުޖެހި، ޕްރޮފެޝަނަލް ކައުންސިލަރުންނާއި ސައިކޮލޮޖިސްޓުންގެ އެހީތެރިކަން ކުރީބައިގައި ހޯދުމެވެ. މި ދެންނެވި އާދަތައް ދިރިއުޅުމުގައި އަށަގަންނުވައިގެން މެނުވީ، އުފާވެރި، ދުޅަހެޔޮ އަދި އުފެއްދުންތެރި ޒުވާން ޖީލެއް ބިނާއެއް ނުކުރެވޭނެއެވެ.

ހަވާލާދޭ ލިޔުންތައް

އޮސްމާން، އެމް. (2024). ހިއުމަން ބިހޭވިއަރ އެންޑް އެމަރޖިންގ ޓެކްނޮލޮޖީސް. ދި އެޑްވާސް އިފެކްޓްސް އޮފް ސޯޝަލް މީޑިއާ އެޑިކްޝަން އޮން ފޭސް-ޓު-ފޭސް ކޮމިއުނިކޭޝަން އެންޑް އެމޯޝަނަލް ވެލް-ބީއިންގ، 2024، 1–12.

ބޭކަރ، ޑީ. އެއި.، އަދި އަލްގޯޓާ، ޖީ. ޕީ. (2016). ސައިބަރޕްސައިކޮލޮޖީ، ބިހޭވިއަރ، އެންޑް ސޯޝަލް ނެޓްވަރކިންގ. ދި ރިލޭޝަންޝިޕް ބިޓްވީން އޮންލައިން ސޯޝަލް ނެޓްވަރކިންގ އެންޑް ޑިޕްރެޝަން: އަ ސިސްޓެމެޓިކް ރިވިއު އޮފް ކުއަންޓިޓޭޓިވް ސްޓަޑީޒް*، 19(11)، 638–648.

ޗެން، އެލް.، އަދި ލިއު، ޖޭ. (2022). ޖަރނަލް އޮފް ޔޫތު ސްޓަޑީޒް. ސޯޝަލް ސަޕޯޓް އެޒް އަ މީޑިއޭޓަރ ބިޓްވީން ސޯޝަލް މީޑިއާ އެޑިކްޝަން އެންޑް މެންޓަލް ވެލް-ބީއިންގ އިން ކޮލެޖް ސްޓޫޑެންޓްސް، 25(3)، 341–358.

ޗެން، ޑަބްލިއު.، ޒޭންގް، އެލް.، އަދި ވާންގް، އެކްސް. (2020). ކޮމްޕިއުޓަރސް އިން ހިއުމަން ބިހޭވިއަރ. އިމްޕެކްޓް އޮފް ސޯޝަލް މީޑިއާ އޯވަރޔޫސް އޮން ސައިކޮލޮޖިކަލް ހެލްތް އެމަންގް ޔަންގް އަޑަލްޓްސް، 108، 106320.

ލިން، އެލް. ވައި.، ސިދާނީ، ޖޭ. އީ.، ޝެންސާ، އެއި.، ރަޑޮވިޗް، އެއި.، މިލަރ، އީ.، ކޯލްޑިޓްޒް، ޖޭ. ބީ.، ހޮފްމަން، ބީ. އެލް.، ޖައިލްސް، އެލް. އެމް.، އަދި ޕްރިމެކް، ބީ. އެއި. (2016). ޑިޕްރެޝަން އެންޑް އެންޒައިޓީ. އެސޯސިއޭޝަން ބިޓްވީން ސޯޝަލް މީޑިއާ ޔޫސް އެންޑް ޑިޕްރެޝަން އެމަންގް ޔޫ.އެސް ޔަންގް އަޑަލްޓްސް، 33(4)، 323–331.

 (ނޯޓު: APA މިންގަނޑުގައި ލިޔުންތެރިޔާގެ ނަމުގެ ފަހަތަށް އަންނަނީ ޝާއިއުކުރި އަހަރެވެ. އަދި އޭގެ ފަހަތުން އާޓިކަލްގެ ނަމާއި، ޖަރނަލްގެ ނަން [އިޓެލިކްސްކޮށް]، ވޮލިއުމް ނަންބަރު، އަދި ޞަފުޙާ ނަންބަރުތައް ހިމެނެއެވެ.)*

ބާރލެޓް، ސީ. ޕީ.، އަދި ޖެންޓައިލް، ޑީ. އޭ. (2012). އެޓިޓިއުޑިނަލް ޗޭންޖް، ސައިބަރބުލީއިންގ، އަދި އަނޮނިމިޓީ އިން ދަ އޮންލައިން އެންވަޔަރަންމަންޓް. ކޮމްޕިއުޓަރސް އިން ހިއުމަން ބިހޭވިއަރ, 28(5), 1732–1738.

ޗެން، އެލް.، އަދި ޗެން، ޖޭ. (2020). ސައިބަރބުލީއިންގ ވިކްޓިމައިޒޭޝަން އަދި މެންޓަލް ހެލްތު އަމޮންގ އަޑޮލެސެންޓްސް: އަ މޮޑެރޭޓެޑް މީޑިއޭޝަން މޮޑެލް. ޖަރނަލް އޮފް ޔޫތު އަދި އަޑޮލެސެންސް, 49(8), 1645–1658.

ހިންދޫޖާ، އެސް.، އަދި ޕަޗިން، ޖޭ. ޑަބްލިޔު. (2014). ބުލީއިންގ ބިޔޯންޑް ދަ ސްކޫލްޔާޑް: ޕްރިވެންޓިންގ އެންޑް ރެސްޕޮންޑިންގ ޓު ސައިބަރބުލީއިންގ (2 ވަނަ އެޑިޝަން). ކޯވިން ޕްރެސް.

ކޯވާލްސްކީ، އާރ. އެމް.، ގިއުމެޓީ، ޖީ. ޑަބްލިޔު.، ޝްރޯޑަރ، އެޭ. އެން.، އަދި ލެޓެނަރ، އެމް. އާރ. (2014). ބުލީއިންގ އިން ދަ ޑިޖިޓަލް އޭޖް: އަ ކްރިޓިކަލް ރިވިއު އެންޑް މެޓާ-އެނަލިސިސް އޮފް ސައިބަރބުލީއިންގ ރިސާރޗް އަމޮންގ ޔޫތު. ޕްސައިކޮލޮޖިކަލް ބުލެޓިން, 140(4), 1073–1137.

ލިމްބަރ، އެސް. ޕީ.، ކޯވާލްސްކީ، އާރ. އެމް.، އަދި އަގަޓްސްޓަން، އޭ. (2018). ސައިބަރބުލީއިންގ އަމޮންގ އަޑޮލެސެންޓްސް: މެޝަރސް، ޕްރިވެލެންސް، އެންޑް ޕްރެޑިކްޓަރ ވެރިއަބަލްސް. ޖަރނަލް އޮފް އަޑޮލެސެންޓް ހެލްތު, 63(6), 674–682.

ރީބެލް، އޯ.، ޔޭގަރ، އާރ. އެސް.، އަދި ފިޝަރ، ޔޫ. ސީ. (2012). ސައިބަރބުލީއިންގ އިން ޖަރމަން ސްކޫލްސް: ސައިބަރބުލީއިންގ ފޯމްސް، ރިސްކް ފެކްޓަރސް، އެންޑް އިންޓަރވެންޝަން ސްޓްރެޓެޖީސް. ޖަރނަލް އޮފް މީޑިއާ ޕްސައިކޮލޮޖީ, 24(1), 17–28.

ސްމިތު، ޕީ. ކޭ.، މަހްދަވީ، ޖޭ.، ކަރަވަލްސީ، އެމް.، ފިޝަރ، އެސް.، ރަސެލް، އެސް.، އަދި ތިޕަން، އެން. (2008). ސައިބަރބުލީއިންގ: އިޓްސް ނޭޗަރ އެންޑް އިމްޕެކްޓް އިން ސެކަންޑަރީ ސްކޫލް ޕިއުޕިލްސް. ޖަރނަލް އޮފް ޗައިލްޑް ޕްސައިކޮލޮޖީ އެންޑް ޕްސައިކިއޭޓްރީ, 49(4), 376–385.

ސޮރެންސަން، އެލް. (2021). ޑިސްއިންފޮމޭޝަން އެންޑް ފޭކް ނިއުސް އެޒް ޓޫލްސް އޮފް ސައިބަރބުލީއިންގ އަމޮންގ ޔޫތު. މީޑިއާ އެންޑް ކޮމިއުނިކޭޝަން, 9(2), 112–121.

ޔުނިސެފް. (2019). އެވްރީޑޭ ލެސަންސް: އެންޑް ވަޔޮލެންސް އިން ސްކޫލްސް. ޔުނިސެފް އޮފީސް އޮފް ރިސާރޗް - އިނޮސެންޓީ.

ވަންޑެބޮޝް، އެޗް.، އަދި ވާން ކްލީމްޕުޓް، ކޭ. (2009). ސައިބަރބުލީއިންގ އަމޮންގ ޔަންގްސްޓަރސް: ޕްރޯފައިލްސް އޮފް ބުލީސް އެންޑް ވިކްޓިމްސް. އެގްރެސިވް ބިހޭވިއަރ, 34(4), 377–388.

ވޫ، ޖޭ.، ޝާއޯ، ވައި.، ހޫ، ޖޭ.، އަދި އެހެންބޭފުޅުން. (2026). ދި ރިލޭޝަންޝިޕް ބިޓްވީން ހާޝް ޕޭރެންޓިންގ އެންޑް އެޑޯލެސެންޓް ސައިބަރބުލީންގ: އަ ނެޓްވޯކް އެނަލިސިސް. ބީ.އެމް.ސީ ސައިކޮލޮޖީ، 14(572). https://doi.org/10.1186/s40359-026-04329-4

އެޑިޓަރުގެ ނޯޓް: ޑރ. އާމިނަތު ޝާފިޔާ އާދަމް އަކީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ އެސިސްޓެންޓް ޕްރޮފެސަރ އަދި ސެންޓަރ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންސްގެ ޑީންއެވެ. 2015 ވަނަ އަހަރު ވަނީ ނިއުޒީލޭންޑުގެ ޔުނިވަރސިޓީ އޮފް ވައިކާޓޯގެ ސްކޮލަޝިޕެއްގައި ޑޮކްޓޮރަލް ޑިގްރީ ހާސިލު ކުރައްވާފައެވެ. ޑރ. ޝާފިޔާގެ ދީރާސީ ކަރުދާސްތަކުގެ ދާއިރާތަކުގެ ތެރޭގައި ތަޢުލީމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން، ޓީޗަރ ޕޯޓްފޯލިއޯ، ސްކޫލް ލީޑަރޝިޕް، އޮންލައިން ސްޓޫޑެންޓް އެންގޭޖްމަންޓް، ޕްލޭ-ބޭސްޑް ޕެޑަގޮޖީ، އަދި މިނޫންވެސް ތަޢުލީމީ ދާއިރާއާ ގުޅޭ ތަފާތު ދިރާސާތައް ފާހަގަކުރެވެއެވެ. ޑރ ޝާފިޔާ އަކީ ދިވެހިރާއްޖޭގައި ދިރާސީ މަސައްކަތްތައް ފުޅާކޮށް، ދިރާސީ ސަގާފަތެއް އުފެއްދުމުގެ މަސައްކަތުގައި ހީވާގިކަމާއެކު ޒިންމާދާރު މަސައްކަތްތަކެއް ކުރައްވާ ޢިލްމުވެރިއެކެވެ. ތަފާތު ގިނަ ދާއިރާތަކާއި ގުޅޭ 30 އަށްވުރެ ގިނަ ޢިލްމީ ކަރުދާސް އެކަޑަމިކް ޖާރނަލްތަކުގައި ޝާއިޢުކުރައްވާފައިވެއެވެ. ޑރ ޝާފިޔާ އަކީ މުޖުތަމަޢަށް ފައިދާވަނިވި ގިނަ މަސައްކަތްތަކެއް ހިލޭސާބަހަށް ކުރައްވާ ދިވެހި މުޖުމަޢުގެ ޢިލްމީ ހިއްސާދާރެކެވެ. 

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —