އަޅުގަނޑުމެންގެ ހިތްތަކުގެ މޭވާ، ހިތުގެ ފިނިކަމާއި ހަމަޖެހުން، ލޮލުގެ ނޫރު ކަމުގައިވާ އަޅުގަނޑުމެންގެ ދަރިންނަކީ މާތްﷲ ދެއްވާފައިވާ ވަރަށް އަގުހުރި ނިޢުމަތެކެވެ. އެ ނިޢުމަތުގެ އަގު މިންނުކުރެވޭ ފަދަ ނިޢުމަތެކެވެ. ދަރިންނަކީ މާތްﷲ އިންސާނުންނަށް ދެއްވި ގިނަގުނަ ނިޢުމަތްތަކުގެ ތެރެއިން އެންމެ ބޮޑު އެއްނިޢުމަތެވެ. މިނިޢުމަތުގެ އަގު ބޮޑުވަނީ ސަބަބެއްނެތިއެއްނޫނެވެ. ހުރިހައި އެންމެނަށް ދަރިންނެއް ނުދެއްވައެވެ. ދަރިންގެ އުފަލުން މަހުރޫމުވެފައިވާ އެތައް އިންސާނުން ދުނިޔޭގައި އުޅެއެވެ. އެހުރިހައި އިންސާނުންގެ ތެރެއިން ވެސް ތިބާއަށް ދަރިއަކު ދެއްވުމަށް އެކަލާނގެ އިރާދަފުޅުގައިވުމީ ކިހައި ބޮޑު ނިޢުމަތެއްތޯއެވެ؟
މާތްﷲ ވަޙީބަސްފުޅެއްގެ މާނައިގައިވެއެވެ. "އުޑުތަކާއި، ބިމުގެ ވެރިކަންވަނީ ﷲއަށެވެ. އެކަލާންގެ އިރާދަކުރައްވާ އެއްޗެއް އެކަލާނގެ ހައްދަވަތެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް އަންހެންދަރިން ދެއްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފިރިހެންދަރިން ދެއްވަތެވެ. ނުވަތަ އެއުރެންނަށް ފިރިހެންދަރިންނާއި، އަންހެންދަރިން ދެއްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާމީހަކު، ދަރިމައިނުވާމީހަކު ކަމުގައި ލައްވަތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށްދެނެވޮޑިގެންވާ، ކުޅަދުންވަންތަ ރަސްކަލާނގެއެވެ." (الشورى 49 – 50).
ދުނިޔެ ތަރައްޤީވެ، ބޭސްވެރިކަން ކުރިއަރައި ހިނގައްޖެއެވެ. ގުދުރަތީ ގޮތުން ދަރިން ލިބުމުން މަހުރޫމުވެފައިވާ ދެމަފިރިން އައި.ވީ.އެފް ހަދައިގެން ދަރިން ހޯދުމަށް މަސައްކަތް ކުރެއެވެ. ނަމަވެސް، ބޭސްވެރިކަން ކިތަންމެ ކުރިއަރައި ދިޔަކަމުގައި ވިޔަސް، އެ ގޮތުންވެސް ދަރިން ލިބެނީ މާތްﷲ އެބަޔަކަށް ދަރިން ދެއްވުމަށް އިރާދަކުރެއްވި އަޅަކަށެވެ.
މި ނިޢުމަތް ހަވާލުކުރައްވާފައިވަނީ އެނިޢުމަތަށް އަދާކުރަންޖެހޭ ޙައްޤުތަކެއްވެސް ލައްވާފައެވެ. އެއީ އެކުދިންނަށް ޚަރަދުކުރުމާއި، އަޅައިލުމާއި، އޯގާތެރިވުމާއި، ތަޢުލީމު ދިނުމެވެ. ރައްކާތެރި މާޙައުލެއްގައި އެކުދިން ބޮޑު ކުރުމެވެ. ދެދުނިޔެ ބާއްޖަވެރި ކުރުމަށްޓަކައި އެކުދިންނަށް ރަނގަޅު ތަރުބިއްޔަތު ދިނުމެވެ. އާޚިރަތް ހޯދައިދިނުމެވެ. ވީމާ، ދަރިންނަކީ މައިންބައިންނާއި ހަވާލު ކުރައްވާފައިވާ އަމާނާތެކެވެ. މާތްﷲގެ އަމާނާތެކެވެ. އިންސާނުންގެ ދަރިފަސްކޮޅު ލައްވައި، އެދަރިފަސްކޮޅު ރަނގަޅު ގޮތުގައި އާރާސްތު ކުރުމަށްޓަކައި އެކުދިންގެ ބެލެހެއްޓުންތެރިންގެ ގޮތުގައި މައިންބަފައިން ލެއްވިއެވެ. ވަރަށް ބުރަ، ބޮޑު މަސްޢޫލިއްޔަތެއްގެ ގޮތުގައެވެ. އެކުދިންނަށް ހިމާޔަތްދީ ރައްކާތެރިކޮށް ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގެ މަސްޢޫލިއްޔަތާއި އެކުއެވެ. ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަކީ މައިންބަފައިންގެ މައްޗަށް ވާޖިބު ކުރައްވާފައިވާ ކަމެކެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "ކޮންމެ މީހަކީވެސް މަސްޢޫލުވެރިއެކެވެ. އެމީހަކު ބަލަހައްޓަންޖެހިފައިވާ ކަމެއްގައި އެމީހަކު މަސްޢޫލު ވާންޖެހޭނެއެވެ. އިމާމު މީހާއަކީ މަސްޢޫލުވެރިއެކެވެ. އޭނާ ބަލަހަށްޓަންޖެހިފައިވާ މީހަކާމެދުގައި މަސްޢޫލު ވާންޖެހޭނެއެވެ. ފިރިހެނުންވަނީ ގޭގެ އަހުލުވެރިންގެ މަސްޢޫލުވެރިޔާއަށެވެ. އެމީހުން ބަލަހައްޓަންޖެހިފައިވާ މީހަކާމެދުގައި މަސްޢޫލު ވާންޖެހޭނެއެވެ. އަންހެނުންވަނީ ފިރިމީހާގެ ގޭގެ ކަންކަން ބެލުމުގައި މަސްޢޫލުވެރިޔަކަށެވެ. އަނބިމީހާ ބަލަހައްޓަންޖެހޭ ކަންކަމުގައި އޭނާ މަސްޢޫލު ވާންޖެހޭނެއެވެ"
ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަކީ އަޅުކަމެކެވެ. ޘަވާބާއި ދަރުމަ ލިބޭނެ ޢަމަލެވެ. ސުވަރުގެ ވަދެވުމުގެ ސަބަބެއްވެސް މެއެވެ. އަދި ދަރިންގެ ހެޔޮ ދުޢާގެ ސަބަބުން ޤިޔާމަތް ދުވަހުން މައިންބަފައިންގެ ދަރަޖަ އުފުލި މަތިވެރިވެއެވެ. ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރާ ދަރިންނަކީ މައިންބަފައިންގެ ޒީނަތްތެރިކަމެވެ. އެކުދިންގެ ރިވެތި އަޚްލާޤާއި އަޅައިލުމާއި ލޯބީގެ ސަބަބުން މައިންބަފައިންނަށް ލިބޭ ރީތިނަމެވެ. އުފާވެރިކަމެވެ. ފަޚުރުވެރިކަމެވެ. މާތްﷲ ވަޙީކުރައްވަނީ (الْمَالُ وَالْبَنُونَ زِيْنَةُ الْحَيَاةِ الدُّنْيَا) (سورة الكهف 46). މާނައީ: "މުދަލާއި ދަރިންނަކީ ދުނިޔޭގެ ދިރިއުޅުމުގައި ޒީނަތްތެރިކަމެވެ."
ވީމާ، ދަރިންނަކީ ތިބާގެ ހިތުގެ މޭވާ ކަމުގައި ވުމަށްޓަކައި އެކުދިން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރާށެވެ. ޒީނަތްތެރިވާން އެދޭ މީހާ ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތު ކުރާށެވެ. މާތްﷲ ގެ އަމާނާތަށް ރައްކާތެރިވާން އެދޭމީހާ ދަރިންނަށް ރަނގަޅު ތަޢުލީމާއި ތަރުބިއްޔަތުދޭށެވެ. ސުވަރުގޭގައި ދަރަޖަ މަތިވެރިވާން އެދޭމީހާ ޞާލިޙު ދަރިއަކު ދޫކޮށްފައިދާށެވެ.