Advertisement
header ad
XeeTimesXeeTimes
ހާދިސާ: ލޭ ބޯލުމަށްފަހު މަރާލީ ބަލަންހުއްޓާ! ހާދިސާ

ހާދިސާ: ލޭ ބޯލުމަށްފަހު މަރާލީ ބަލަންހުއްޓާ!

ކުރީޒަމާނުގައި ހުވަދު އަތޮޅު ކެރަމިއްތާ ކިޔާ ފަޅުރަށެއްގައި ގޮތްނޭނގޭ ދެމަފިރިއަކު އުޅުނެވެ. އެރަށުގެ ގޮޑުދޮށުން މިދެމަފިރިން ފެންނަކަމަށް ވެއެވެ. އެރަށަށް އެކި ބޭނުންތަކަށް ގޮސްއުޅޭ މީހުންނަށް ރަށުތެރެއިން މީހަކު ނުފެނި ފުރަން ދާއިރަށް ގޮޑުދޮށުން އެ ދެމަފިރިން ފެނެއެވެ. މި ފިރިހެންމީހާގެ ނަމަކަށް ކިޔާއުޅެނީ މާރިދުއެވެ. އަންހެންމީހާގެ ނަމަކީ ދިޔަދޫ ރެކިބީފާނެވެ.

އެއްރެއަކު މި މާރިދު އަތިރިމަތީގައި ހުރެފައި ރެކިބީފާނު ގާތުގައި ދަރިންގެ ހާލު ދެކިލާފައި އެބައަންނަމޭ ބުނެ މޫދަށްފޭބިއެވެ. އެދިޔަގޮތަށްގޮސް ދިޔަދޫ ގޮޑުދޮށާއި ވަރަށްކައިރީގައި ހުރި ގެއަކަށް ވަންއިރު ކުޑަ ތިންކުދިން އެއްއެދެއްގައި ތިއްބެވެ. މާރިދަށްވުރެ ކުރިން ރެކިބީފާނު އައިސް އެގޭގެ އެއްކަނެއްގައި ފިލާއޮތެވެ. ރެކިބީފާނު ހީކުރީ މިއީ އަސްލު އިސާނެއްކަމަށެވެ. ނަމަވެސް އެރޭ އެކުދިންގެ ހާލުބަލަން އައި މާރިދު އެ ތިންކުދިންގެ ތެރެއިން އެންމެ ދޮށީ ކުއްޖާގެ ލޭ ބޯންފެށިއެވެ. ރެކިބީފާނު ބިރުން ތުރުތުރު އަޅަނީއެވެ. މާރިދު އެކުއްޖާގެ ލޭ ބުއިމުން އެކުއްޖާ މަރުވީއެވެ. އޭގެފަހުގައި ކުއްޖާގެ މަސްގަނޑު ކެއުމަށްފަހު އެއްފައިގެ ފަލަމަސްގަނޑު ނުކައި ބޭއްވިއެވެ. ވަރުބަލިވެގެން މާރިދު އެގޭތެރޭގައި ހުރި އަށިގަޑެއްގެ މަތީގައި އޮށޯތުމާއެކު ގަދަޔަށް ނިދި ގުގުރި ދަމަން ފެށިއެވެ. އެވަގުތު ރެކިބީފާނު ސިއްރުސިއްރުން ނުކުމެގެން ކެރެމިއްތާ އަށް ދިޔައީއެވެ.

އެއްކަލަ މާރިދު އެއްގަޑިއިރުވީފަހުން ތެދުވެ، ނުކައި ބޭއްވި ފައި އަލިފާނުން ފިހެލަމުން ބާރަށް ހެވިފައި ބުނެލިއެވެ. މީ މަގޭ ރެކިބީފާނުގެ ހެނދުނުގެ ނާސްތާ! ފަތިހުގެ ހާ ގޮވުމުގެ ކުރިން މާރިދު ކެރެމިއްތާއަށް ދިޔައިރު ރެކިބީފާނު އިނީ ގޮޅާ ކައްކާށެވެ. މާރިދު ފެނުމުން މާދަމާ މިއުޅެނީ ރޯދަހިފާށޭ، މިއަދު މަސްކޮޅެއް ގެނެސްދޭންވާނެ ކަމަށް ބުނިތަނާ އެއްކަލަ ފިހެފައިއޮތް ފައި ދިއްކޮށްލުމަށްފަހު މިއޮތީ މަގޭ ރެކިބީފާނަށް ގެނައި މަސްބުރިއެއް. ކާނީ ދެމީހުން އެކުގައިދޯ! އޭ ބުނެ މާރިދު ބޭރަށް ދިޔައެވެ. އެންމެ ރަގަނޅު ކަމަށްބުނެ ރެކިބީފާނު ފަތިހުއްސުރެ ކައްކަމުންދާ ގޮޅާ ކައްކަމުން ދިޔައެވެ.

Article - in content
Advertisement

މާރިދު ބޭރުންއައިސް ވަންތަނުން އަވަހަށް ކާންވީދޯއޭ ބުނެ ދެމީހުން އެއްކޮށް ބަދިގެއަށް ވަދެ ވެލިގަނޑުމަތީ މާރިދު އިށީދެ ހަމަނުޖެހެނީސް ރެކިބީފާނު ކުރިކަމަކީ އުނދުނުމަތީ ހުރި ހޫނު ގޮޅާ ގަރުދިޔަތެލި މާރިދުގެ ބޮލަށް އޮއްސާލިއެވެ. މާރިދު ބިންމައްޗަށް ދެމިއްޖެއެވެ. އަނެއްދުވަހު ހެދުނު ރަތަފަންދޫ ބަޔަކު އެރަށަށް ދަރުހޮވަން އައިސް އުޅެނިކޮށް ގޮޑުދޮށުން އަންހެނަކު ފެނިގެން ޚަބަރު އަހާލީމާ ބުނީ 'އަހަންނަކީ ދިޔަދޫ އަންހެނަކީމެވެ. ބޮޑު މާރިދަކު އަހަރެން ގަދަކަމުން ގެނެސް ކެރެމިއްތާ އަށް ލީކަމަށެވެ.' ރަތަފަންދޫ މީހާ މާރިދު ކޮބައިތޯ ސުވާލު ކުރުމުން އަރެން ބަލަންހުއްޓާ އަހަރެންގެ ދަރިފުޅު މަރާލުމަށްފަހު ކާލައި ދެންތިބި ދަރީން ކެއުމުގެ ކުރިން އަހަރެން އޭނާގެބޮލަށް ހޫނު ގޮޅާ ގަރުދިޔަތެލި އަޅާ މަރާލީ. އަހަރެންގެ ދަރިފުޅުގެ މަސް ފިހެގެން އަހަންނަށް ކާންދޭން އުޅެފައިވާތީ އަހަރެންވެސް އޭނާ ފިހެލާފައިވާނެ ކަމަށް ރެކިބީފާނު ބުނެލިއެވެ. ރަތަފަންދޫ މީހުންނާއިއެކު ރެކިބީފާނު ގޮސް ބަދިގެތެރެ ބަލާލިއިރު މާރިދު އޮތީ މުޅަވެފައެވެ.

 ރަތަފަންދޫ މީހުން އެވަގުތު ބުންޏެވެ. މާރިދުގެ އުދަގުލާހުރެ މިރަށަކަށް ނާދެވެއެވެ. މާރިދުގެ އުދަގުލުން އަހަރުމެން ސަލާމަތްވީއެވެ. ދެން އޭގެ ފަހުގައި އެމީހުން ދަރު ކޮށުމަށްފަހު ރެކިބީފާނު ގޮވައިގެން ރަތަފަންދޫ އަށް ދިޔައީއެވެ. އަދި ރެކިބީފާނުގެ ދެދަރިން ދިޔަދޫއިން ގެނެސް އޭނައާއި ހަވާލުކުރިއެވެ. އޭގެފަހުގައި ރެކިބީފާނު އުޅެމުންދިޔައީ ރަތަފަންދޫގައެވެ.

ނޯޓް: މިއީ ތުއްތުދީދީގެ 'އެވޭލާ ވާހަކަ' ފޮތުން ނަގާފައިވާ ހާދިސާއެކެވެ. މިހާދިސާ ވާނީ އަސްލު ނުގެއްލޭގޮތަށް ޖުމްލަތަކަށް ބަދަލުގެނެސްފަ އެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —