ޚަދީޖާ ޖަމީލް އަކީ މާލޭގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ އެވެ. އަދި މޮޅު ފެހުންތެރިއެކެވެ. ވެރިރަށް މާލެއަށް އުފަން ޚަދީޖާ ފެހުމުގެ މަސައްކަތް ކުރަން ފެށީ އުމުރުން އެންމެ 13 އަހަރުގަ އެވެ.
ފަހަން ފެށުނުގޮތް ކިޔައިދެމުން ބުނީ "އެހެންމީހަކު ލައްވާ ފެހި ހެދުމެއް އޮތްގޮތުން ހިންހަމަނުޖެހުނީ. އެހެންވެ އަމިއްލައަށް ފަހަންވެގެން ފަހަންފެށީ. މިހާތަނަށް ފެހުމާއިގުޅޭ އެއްވެސް ކޯހެއް ނަހަދާ އަމިއްލަ މަސައްކަތުން ފަހަން ދަސްކުރީ".

ފެހުމުގެ މަސައްކަތް ފެށިގެން އައިއިރު އެންމެގިނައިން ފަހަނީ އަންހެންކުދިންގެ ހަވީރީ ހެދުމެވެ. "ހުރިހާ ވައްތަރެއްގެ ހެދުން ފަހަން. އަންހެން ކުދިން ބޭނުންކުރާ ހުރިހާ ހެދުމެއް ފަހަން އެގޭ. ވަރަށް މަދުވާނެ ފޮޓޯ އެއް ދައްކާފަ އެގޮތަށް ފަހަން ބުނީމަ ފަހަން ނޭގޭ ހެދުމެއް. ފިރިހެން ކުދިންގެ ގަމީސް ފަޓުލޫނު ސޯޓު ހުރިހާ އެއްޗެއްވެސް ފަހައިދެން"

ފުރަތަމަ ފެހުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ އަމިއްލަ ގޭގައެވެ. އެއިރު ރޭގަނޑު 8 އިން 12 އަށް މިމަސައްކަތަށް ވަގުތު ހުސްކުރަނީ 6 ކުދިން ހިމެނޭ ޢާއިލާއަށް ބޭނުންވާ ވަގުތު ދިނުމަށްފަހުގައި ކަމަށް ފާހަގަކުރިއެވެ.
ޚަދީޖާގެ ކަސްޓަމަރުން ގުނާ ޢަދަދުކުރާވަރަށްވުރެ ގިނަކަން ފާހަގަކުރަމުން ބުނީ ފެހުމުގެ މަސައްކަތް އިތުރަށް ފުޅާކުރުމުގެ ގޮތުން އަމިއްލަ ފަހާތަނެއް މާލޭގައި ހިންގާތާ މިހާރު 10 އަހަރުވެފައިވާ ކަމަށެވެ. " ފެޝަން ގުލެމާ ނަމުގައި ފަހާތަން ހިންގަނީ. ބޭރު މީހުން ގެންގުޅެން ފަހަން. ވަރަށް މަސައްކަތްކުރިން ދިވެހިން މިމަސައްކަތުގަ ބައިވެރިކުރުމަށް. ލިބުނު ދިވެހިންވެސް ދެ މަހެއްހާ ދުވަހު އުޅެފަ ދެން ނައިސްދާނެ. ރަނގަޅު ދިވެއްސެއް ނުލިބުނު ފެހުމުގެ މަސައްކަތްކުރަން"

އަމިއްލަ ފަހާތަނެއް ހިންގަން ފެށިފަހުން އުމުރުން 61 އަހަރުގެ ޚަދީޖާ ފެހުމަށްވުރެ ގިނައިން ކުރަނީ ހެދުން ކަނޑައިދިނުމުގެ މަސައްކަތެވެ. މިހާތަނަށް ކޮށްފައިވާ ފާހަގަކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ރިސޯޓުތަކަށް ކުރުތާ ފެހުމުގެ އިތުރަށް، ކެންގަރޫކިޑްސް ކޮންސެޓުގެ 265 ކުދިންގެ ކޮސްޓިއުމް ފެހުމާއި، ލ. ގަމުގެ ކެޑޭޓު ކުދިންގެ 300 ޔުނިފޯމް ފަހާދިނުން ހިމެނެއެވެ.
" އަދި ޖަމާލުއްދީންގެ ކޮންސެޓަށް ވެސް ފަހާދީފަ ހުންނާނެ. މީގެއިތުރުން ޖުލައިން 26ގެ ޕެރޭޑަށް ސްޓެލްކޯގެ 3 މީހެއްގެ ކޮސްޓިއުމް ފަހައިދިނިން. ވަރަށް ކުރާހިތްވާ ކަމެއް ކޮސްޓިއުމް ފެހުން. ވަރަށް އުދަގޫ ކޮސްޓިއުމް ފަހަން ބޭނުންކުރާ ބާވަތްތައް ރާއްޖެއިން ގަންނަން ނުލިބޭތީ. ބޭނުންވާ ގޮތަށް ނުފެހިފަ އޮންނަނީ އެސަބަބާހުރެ" ޚަދީޖާ ފާހަގަކުރިއެވެ.
ދަބަސް ފެހުމަކީވެސް ޚަދީޖާ ކުރަމުންދާ މަސައްކަތެކެވެ. އެންމެފުރަތަމަ މާލޭގައި މިމަސައްކަތްކުރި އެކަކަށް ޚަދީޖާ ވާނެކަން ފާހަގަކުރަމުން ބުނީ 1980ގެ އަހަރުތަކުގެތެރޭގައި އަމިއްލައަށް ދަބަސް ފެހުމަށްފަހު ފިހާރައެއްގައި ބަހައްޓައިގެން ވިއްކަމުންދިޔަ ކަމަށެވެ.

މޯލްޑިވްސް ވިމެން އެސޯސިއޭޝަންގެ މެންބަރެއްގެ ގޮތުން ޚަދީޖާ ވަނީ އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ދަބަސް ފަހަން ދަސްކޮށްދޭ ކޯހެއް ހިންގާފައެވެ. އަދި އެޖަމްއިއްޔާއާއި ސްކޫލްތަކާއި ގުޅިގެން ފަހަން ދަސްކޮށްދިނުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
ޚަދީޖާ އަކީ ހަމައެކަނި ފެހުންތެރިއެއް ނޫނެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގަލޮޅު އުތުރުދާއިރާގެ މެންބަރެވެ. އަދި މިވަގުތު އެކޮމިޓީގެ ރައީސާ އެވެ.

" ކުރިއަށް އޮތް ދައުރަށް އެމްޑީޕީގެ ޓިކެޓުގަ އަޅުގަނޑު ކުރިމަތިލީ އެމްޑީޕީގެ އެތެރޭގަ ބޭއްވި އިންތިޚާބު ކާމިޔާބުކޮށް ޓިކެޓު ލިބިގެން. އިންތިޚާބު ބޭއްވުމުގެ ކުރިން މިހާރުމިވަނީ އޮޓޯއިން ހޮވިފަ. މިދާއިރާއަށް އިތުރު އެހެން މީހަކު ކުރިމަތިނުލާތީ ހޮވިފަވަނީ"
މިހާތަނަށް އެވޯޑަކަށް ކުރިމަތިނުލާކަން ފާހަގަކުރަމުން ޚަދީޖާ ބުނީ އެންމެބޮޑު ކާމިޔާބެއް ކަމަށް ދެކެނީ ފެހުމުގެ ދާއިރާގައި 48 އަހަރު މަސައްކަތްކުރެވުމެވެ. ފެހުމުގެ ދާއިރާއިން ކުރިއަށްދިއުމަށް އެންމެބޮޑަށް އެހީތެރިވެދެނީ ފިރިމީހާ މުޙައްމަދު ޒަކަރިއްޔާ އަދި ދެމަފިރިންގެ 6 ކުދިން ކަމަށް ޚަދީޖާ ޝުކުރުވެރިކަމާއިއެކު ފާހަގަކުރިއެވެ.