September 20, 2024 11:59
Advertisement

-Advertisement-

ކޮންމެ ވަގުތަކުވެސް ހަޔާތުގެ ނޫރު ނިވިދާނެ!

ދުނިޔެއަކީ ވަގުތީ ތަނެކެވެ. މަޚްލޫޤުން ޚަލްޤު ކުރައްވާފައިވަނީ ވަކި އަޖަލަކަށެވެ. އެއަޖަލު އައިސް ޖެހުމުން ކޮންމެ އެއްޗެއްވެސް ނެތި ފަނާ ވެގެންދާނެއެވެ. އިންސާނުންވެސް ޚަލްޤު ކުރައްވާފައިވަނީ މިފަދައިންނެވެ. ދިރިހުރުމާއި މަރުގެ ދަތުރަކީ މިދުނިޔަވީ ޙަޔާތުގައި ލައްވާފައިވާ ދެކަމެވެ. އިންސާނުންނަށް ދިރުން ދެއްވައި، އަދި އެ ދިރުން އަނބުރައި ގެންދަވަނީ އެކަލާނގެއެވެ. މަރުވުމާއި ދިރިހުރުން ޚަލްޤު ކުރައްވާފައިވަނީ އިންސާނުން އިމްތިޙާނު ކުރުމަށެވެ. އެންމެ ހެޔޮ ޢަމަލު ކުރާ އަޅުން ދެނެގަތުމަށެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ އަމަލު ރަނގަޅީ ކާކުތޯ އިމްތިހާން ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ." (އަލްމުލްކު 2)

ދުނިޔޭގެ ދިރިއުޅުމުގައި އިންސާނާއަށް ޔަޤީންކުރެވޭ ހަމައެކަނި ކަމަކީ މަރުވާނެކަމެވެ. މަރަކީ ޔަޤީންކަމާއެކު ކޮންމެ މީހަކުވެސް ކުރިމަތިލާނެ ކަމެކެވެ. އެމަރަށް ފިލަން ދުވެވޭނެ އެއްވެސް މަޚްލޫޤަކުނެތެވެ. އެއީ، ތިބާއަކީ ކިތަންމެ ބާރުގަދަ މީހެއްކަމުގައި ވިޔަސް، އަދި ކިތަންމެ ގިނަ ފައިސާ އެއް ހުރިކަމުގައި ވިޔަސްމެއެވެ. އާރާއި ބާރަކުން، މަރުގެ ސަކަރާތަކުން މިންޖެއް ނުވެވޭނެއެވެ. އެ މީހެއްގެ އަޖަލު ޖެހުމުން މަރުހިތްޕަވާނެއެވެ. އަޖަލު ޖެހުމުން އެންމެ ހިނދުކޮޅަކަށްވެސް ލަސްނުކުރެވޭނެއެވެ. އިންސާނާ މަރުވާނެ ދުވަސްވަނީ ކަނޑައެޅި ނިމިފައެވެ. ތިބާ މަންމަގެ ބަނޑުގައި އޮއްވައި އަޖަލު ލިޔެވިގެން ދެއެވެ. ތިބާ ދުނިޔެއަށް އަންނަ އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަޖަލު ގުނެމުންދެއެވެ. ހަޔާތުން ދުވަހުން ގެއްލެމުން ދިއުން އަންގައިދެނީ ތިބާގެ އަޖަލު ކައިރިވެއްޖެކަމެވެ. ތިބާގެ އަޖަލު ލިޔެވިފައިވަނީ ކިހާ ދުވަހަށް ކަމެއް ޚުދު ތިބާއަކަށްވެސް ނޭނގޭނެއެވެ. އެއީ މާތްﷲ ގެ ޣައިބުގައިވާ ކަންކަމެވެ.

މިދުނިޔޭގައި އިންސާނުންނަކީ، އެބައިމީހުންގެ މަންޒިލް މަޤްޞޫދަށް ވާޞިލުވުމަށްޓަކައި ދަތުރުކުރާ ދަތުރުވެރިން ތަކެކެވެ. އެއީ ދާއިމީ މަންޒިލެވެ. އެ މަންޒިލްގައި ހެޔޮ ޢަމަލުކުރި މީހުނަށް ޘަވާބާއި ދަރުމައެވެ. އަދި ނުބައި ޢަމަލު ކުރި މީހުނަށް ވޭންދެނިވި ޢަޒާބެވެ. ވީމާ އަޅުގަނޑުމެންގެ ދާއިމީ މަންޒިލް އުފާވެރި ތަނަކަށް ހެދުމަށް މަސައްކަތް ކުރަންޖެހޭނެއެވެ. އެއީ ބާއްޖަވެރިންގެ ގޮތުގައި މިދުނިޔެ ދޫކުރުމެވެ. ބާއްޖަވެރިންނަކީ ނަރަކައިން މިންޖުވެ ސުވަރުގެ ވަދެވޭ މީހާއެވެ.

Advertisement

މަރަކީ ވަގުތު ކަނޑައެޅިގެން އަންނަ އެއްޗެއް ނޫނެވެ. އަދި މަރަށް އިންތިޒާރު ކުރަންވީ ބަލިވީމައެއްނޫނެވެ. ގަދަވެ ސަލާމަތުން ތިއްބައި ކުއްލި ޙާދިޘާތަކުގައި މަރުވާ މީހުން މަދެއް ނޫނެވެ. އެއިން ކޮންމެ މީހަކީވެސް މާދަމާ ދުނިޔޭގައި ހުންނާނެ ކަމުގެ އުއްމީދުގައި މިއަދު ފޮނި އުއްމީދުތަކެއް ކުރަމުން ދިޔަ މީހުންނެވެ. މިދުނިޔެމަތީގައި ގިނަ މީހުން މަރުވެ ގޮސްފައިވަނީ މަރަށް ތައްޔާރު ނުވެވިއެވެ. މަރުވުމުން ތިބާގެ ޢަމަލުތައް ހުއްޓިގެން ދެއެވެ. އާޚިރަތުގައި ފައިދާވަނީ ތިބާ މިދުނިޔެމަތީގައި ކުރި ރަނގަޅު ޢަމަލުންނެވެ. ބުއްދިވެރިންނަނީ ކޮންމެ ވަގުތަކުވެސް ހަޔާތުގެ ހުޅުކޮޅު ނިވިދާނެކަމުގެ އިންތިޒާރުގައި ތިބޭ މީހުންނެވެ.

މަރަށް ތައްޔާރު ވުމުގެ ގޮތުން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ގިނަގިނައިން މަރުމަތިން ހަނދާން ކުރުމެވެ. ތިބާ މަރުމަތިން ހަނދާންކުރުމަކީ ހިތްތިރިވާ ކަމެކެވެ. ﷲ އަށް ބިރުވެތިވެ އެކަލާނގެ ޙަޟްރަތަށް ދާންޖެހިދާނެކަމަށް އިންތިޒާރުކުރެވޭ ކަމެކެވެ. އެ މަރަށް ތައްޔާރުވުމަށްޓަކައި ބާރު އަޅައިދޭ ކަމެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ލައްޒަތުތައް މެދުކަނޑާލާ ކަންތައް ތިޔަބައިމީހުން ގިނަގިނައިން ހަނދުމަކުރާށެވެ. ( އެބަހީ މަރެވެ.)" މަރުމަތިން ހަނދާން ނައްތާލާ މީހާ ކުށްކުރުމަށް ބިރު ނުގަންނާނެއެވެ. އަދި ދުނިޔޭގައި ގިނަ ދުވަހު އުޅޭނެކަމުގެ ޔަޤީންކަމުގައި ނުބައި ފާޙިޝް ޢަމަލުތަށް ކުރާނެއެވެ. ނަމަވެސް އަބަދުވެސް ތިމާ މަރުވެދާނެކަމަށް އިންތިޒާރު ކުރާ މީހަކު ނުބައި ޢަމަލު ތަކުން ދުރުވާނެއެވެ. އެކަމަށް މަސައްކަތް ކުރާނެއެވެ. އޭނައަށް ދުނިޔެއަކީ އެއްވެސް އަގެއްހުރި އެއްޗެއް ކަމުގައި ނުވާނެއެވެ. އަދި ދުނިޔޭގެ މަޖަލާއި ލައްޛަތުގައި މުޅި އުމުރު ހޭދަ ނުކުރާނެއެވެ. އާޚިރަތަށްޓަކައި ގަދަ އަޅައި މަސައްކަތް ކުރާނެއެވެ.

ދެވަނަކަމަކީ މަރުވެދާނެކަމަށްޓަކައި، ފާފަތަކުން ތަޢުބާވުން އަވަސްވުމެވެ. އެނގިގެން ކުރެވޭ ފާފަތަކާއި ނޭނގި ކުރެވޭ ފާފަތަކެވެ. އަދި އެންމެހައި ކުދި ބޮޑު ފާފަ ތަކެވެ. ސިއްރުގައާއި ފާޅުގައި ކުރާ ފާފަތަކެވެ. ތިބާއަށް ކުރެވޭ ފާފަތަކަށް އަބަދުވެސް ތައުބާވާށެވެ. އަޅުގަނޑުމެން އިންސާނުންނަކީ ނޭނގި އެތަށް ފާފަތަކަށް އަރައިގަނެވޭ ބަޔެކެވެ. ވަރަށް ކުޑަ ކަމެއްކަމަށް ވިސްނައި ބޮޑެތި ފާފަވެސް ކުރެވެއެވެ. ވީމާ، ފާފަތަކުން ތައުބާވެގެން ހުރުމީ އެމީހަކު މިންޖުވާނެކަމެކެވެ. އެންމެ ރަނގަޅު މީހުންނަކީ ފާފައެއް ކުރެވުމުން ތައުބާވުމަށް އަވަސްވެގަންނަ މީހުންނެވެ. އަދި އެ ފާފައަށް އަލުން އަރައި ނުގަތުމަށް ގަދައަޅައި މަސައްކަތްކުރާ މީހުންނެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ.

އަޅުކަންކުރުމުގައި މުރާލިވުމަކީ މަރަށް ތައްޔާރުވުމުގައި ކުރެވޭ އެންމެ މުހިންމު މަސައްކަތެވެ. ހެޔޮ ޢަމަލުތައް ކުރުމުގައި މުރާލިވުމެވެ. އެދުވަހުން މަންފާ ކުރާނީ ތިބާ ކުރި ހެޔޮ ޢަމަލުތަކުންނެވެ. ވަރަށް ގިނަ ހެޔޮ ޢަމަލުތަކުން ފަތް ފުރާލުމުންނެވެ. ހެޔޮ ކަމުގެ ތިލަފަތް ބަރުވެގެން މެނުވީ އެދުވަހުން މިންޖެއް ނުވާނެއެވެ. މާތްﷲ އަށް ބިރުވެތިވެ ދެއްކުންތެރިކަމުން ދުރުހެލިވެ ހެޔޮ ޢަމަލުތައް ގިނަ ކުރާށެވެ. ތިބާއަށް ލިބިފައިވާ ޙަޔާތުގެ ތިލަފަތް ހެޔޮ ޢަމަލުން ބަރުކުރާށެވެ. މާތް ﷲ ރުއްސަވާ ކޮންމެ ޢަމަލަކީ ހެޔޮ ޢަމަލެކެވެ. އެހެން މީހުނާ ކުރާ މުޢާމަލާތުގައެވެ. ތިބާ އަޅާ ހެދުމުގައެވެ. އެންމެ ކުޑަ މިނުން ތިބާގެ އަނބިމީހާ ނުވަތަ ފިރިމީހާއާއެކު އެއްދާންކުރުމަކީވެސް ހެޔޮ ޢަމަލެކެވެ. މިއިން ކޮންމެ ކަމަކީވެސް ﷲ ގެ ރުއްސެވުން ހޯދުމަށް ކުރެވޭ ކަމަކަށްވެއްޖެ މީހާއަށެވެ.

މި ވަގުތީ ދުނިޔޭގައި ހޭދަކުރާ ދުވަސްކޮޅުގެ އުފަލަށްޓަކައި ދާއިމީ ޙަޔާތުގެ އުފާ ގެއްލުވާނުލާށެވެ. އަބަދުވެސް މަރަށް ތައްޔާރުވެގެން ހުންނާށެވެ. އެ ތައްޔާރުވުމަކީ ތިބާގެ އާޚިރަށް ބާއްޖަވެރި ކުރުމަށްޓަކައި ކުރެވުނު އަޅުކަންތަކެވެ. އެއަޅުކަން ކުރުމުގައި ދެމިހުރެވުނު މިންވަރެވެ. އަދި ތިބާއަށް އާޚިރަތަށް ގެންދިއުމަށްޓަކައި އެއްކުރެވުނު ހެޔޮ ޢަމަލެވެ. އެ ޢަމަލުތަކުގެ ސަބަބުން ނަރަކައިން މިންޖުވެ ސުވަރުގެ ވަދެވޭނެ ޢަމަލުތަކެވެ. ދުނިޔޭގެ މި ވަގުތީ ޙަޔާތަށްޓަކައި ސުވަރުގޭގެ މަތިވެރި ނިޢުމަތް ގެއްލުވާލާނީ މޮޔައެކެވެ.

+1
0
+1
2
+1
0
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް