September 20, 2024 12:04
Advertisement

-Advertisement-

އެސްފީނާއިން ދަރިން ރައްކާތެރި ކުރާށެވެ!

އެސްފީނާއޭ ބުނުމުން އެއީ ޙަޤީޤަތެއް ނެތް ފުލޯކު ވާހަކަތަކެއް ކަމަށް ޤަބޫލު ކުރާ މީހުން މަދެއް ނޫނެވެ. އަދި އެކަމުން ރައްކާތެރިވުމަށް ދޭ ނަސޭހަތްތަކަށް ބީރުކަންފަތެއް ދޭ މީހުންވެސް މަދެއް ނޫނެވެ. ނަމަވެސް، ވިސްނާލަން ޖެހޭ ކަމަކީ އެސްފީނާއަކީ ޙައްޤުތެދެއްކަމެވެ. އެއީ ޙަޤީޤަތެއްކަމެވެ. އެކަމުން އިންސާނުންނަށް އަސަރު ކުރުވާ ކަމެއްކަމެވެ. އެސްފީނާ އަކީ ޖެހޭ އެއްޗެއްކަން ޘާބިތުވާ އެތަށް ޙަދީޘް ތަކެއްވެއެވެ. މިކަމަށް އިންކާރު ކުރެވޭނެ އެއްވެސް ސަބަބެއް ނެތެވެ. ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. "އެސްފީނާއަކީ ޙަޤީޤަތެކެވެ." (ބުޚާރީ، މުސްލިމް). އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ. "އެސްފީނާއަކީ ޙައްޤުތެދެކެވެ. (އެބަހީ: ޙަޤީޤަތުގައިވެސް ޖެހޭ އެއްޗެކެވެ.) އަދި މާތްﷲގެ ޤަދަރުފުޅަށްވުރެ އެއްވެސް އެއްޗަކަށް އިސްވެގަނެވޭނަމަ، އެސްފީނާ އިސްވެގަތީހެވެ." (މުސްލިމް)

ދަރިންނަކީ މާތްﷲ ދެއްވާފައިވާ ނިޢުމަތެކެވެ. ލޯބި ނިޢުމަތެކެވެ. މައުސޫމު ނިޢުމަތެކެވެ. ކުޑަކުދިން ފެނުމުން މީހުންގެ ހިތް ލޯބިން ފުރާލައެވެ. އަދި އެކުދިންނަށް ހިތް ލެނބުމަކީ އިންސާނީ ފިޠުރަތެވެ. ނަމަވެސް އެކުދިންނާއި ބައްދަލުވާ ކޮންމެ މީހަކީ ހެޔޮ އެދޭނެ މީހެއް ނޫނެވެ. ލޯބިވާނެ މީހެއްނޫނެވެ. ނަފްރަތުގެ ލޯތައް ވާނެއެވެ. ހަސަދައިގެ ލޯތައް ވާނެއެވެ. އަދި އެކުދިންގެ މައިންބަފައިންނާއި ޢާއިލާއާމެދު ޙަސަދަވެރިވާ މީހުންވެސް އުޅޭނެއެވެ. އަދި އެކުދިންނަށް ލިބިފައިވާ ނިޢުމަތަކަށް ހަސަދަވެރިވާ މީހުންވެސް އުޅޭނެއެވެ. ހަސަދައިގެ ސަބަބުން ނުވަތަ އެސްފީނާގެ ސަބަބުން އެކުދިންނަށް އަސަރު ކުރުމަކީ ވަރަށް ގާތް ކަމެކެވެ. ސަބަބަކީ، އެސްފީނާ ޖެހުމުގެ އަޞްލު ސަބަބަކީ މީހަކު އެހެންމީހެއްގެ ކިބައިގައި ހުރި ހުނަރުވެރިކަމެއް ފެނި އެކަމަށް މާބޮޑަށް ޙަސަދަވެރިވެ، އޭނާގެ ނުބައި ހިތް އެކަމެއްގެ މައްޗަށް ފޯރުވުމުންނެވެ. ވީމާ، ތިބާގެ ދަރިފުޅު މޮޅަށް ކިޔެވުން، ތިބާގެ ދަރިފުޅު ސްކޫލުގެ ހަރަކާތްތަކުގައި އުޅުން ނުވަތަ އެހެންވެސް ރަނގަޅު ކަމެއްގެ ސަބަބުން މީހުންގެ ހިތުގައި އުފެދޭ ނަފްރަތުން އެކުއްޖާ ހަލާކުވެ ދިޔުން ގާތެވެ.

އެސްފީނާއަކީ މީހުންގެ އިޚްތިޔާރާއި ލައިގެން އަދި އިޚްތިޔާރަކާ ނުލައިވެސް ޖެހޭ އެއްޗެކެވެ. ބޭ އިޚްތިޔާރުގައި ވިޔަސް ބައެއް ފަހަރު މައިންބަފައިންގެ ކިބައިންވެސް ދަރިންނަށް އެސްފީނާ ޖެހިދާނެއެވެ. އެސްފީނާގެ ސުންޕާކަމުން ދަރިން ސަލާމަތްކޮށް ރައްކާތެރި ކުރުމަށްޓަކައި މައިންބަފައިން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެއެވެ. މީހުންގެ ހަސަދައާއި އެސްފީނާއިން ރައްކާތެރިވާނެ މަގުވެސްވަނީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅުތަކުން ބަޔާންކޮށްދެއްވާފައެވެ.

Advertisement

ދުޢާއަކީ އެންމެ ބާރުގަދަ ހަތިޔާރެކެވެ. އެއީ މުއުމިނުންގެ ހަތިޔާރެވެ. އެ ހަތިޔާރުގެ ބޭނުން ހިފައި އެކުދިން ރައްކާތެރިކޮށް ދިނުމަކީ ކުރަންޖެހޭ ކަމެކެވެ. ހަސަދައާއި އެސްފީނާއިން ރައްކާތެރި ކުރުމަށްޓަކައި، މާތް ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ ކާފަ ދަރިކަލުން ކަމުގައިވާ ޙަސަނުގެފާނާއި ޙުސައިނުގެފާނަށް ރައްކާތެރިކަން ދެއްވުން އެދި ދުޢާކޮށްދެއްވަމުން ޙަދީޘްކުރެއްވިއެވެ. "ތިޔަ ދެ ދަރިކަލުންގެ ބައްޕާފުޅު (އެބަހީ: އިބްރާހީމްގެފާނު) އިސްމާޢީލުގެފާނާއި އިސްޙާޤުގެފާނަށް ރައްކާތެރިކަން ދެއްވުން އެދި މިކަލިމަފުޅުތަކުން ދުޢާކުރެއްވިއެވެ. "أُعِيذُكما بكلماتِ اللهِ التامةِ ، مِن كلِّ شيطانٍ وهامَّةٍ ، وِمن كلِّ عينٍ لامَّةٍ" މާނައީ: "ﷲގެ ފުރިހަމަ ކަލިމަފުޅުތައް މެދުވެރިކޮށް އެންމެހައި ޝައިތާނުންނާއި އެންމެހާ ވިހަލާ ސޫފިތަކާއި އެންމެހައި އެސްފީނާ ޖައްސައިދޭ ލޮލަކުން (ތިޔަ ދެދަރިކަލުންނަށް) ރައްކާތެރިކަން ދެއްވުމަށް އެދެމެވެ."

އެސްފީނާ އިން ސަލާމަތްވުމަށްޓަކައި ފަރުވާވެސް ކުރެވޭނެއެވެ. ފަރުވާ ކުރުމަށް ކުރާނެ ދުޢާއާއި ޛިކުރުތައް ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ޘާބިތުވެގެން އައިސްފައިވެއެވެ. ސޫރަތުލް ފާތިޙާއަކީ ޝިފާއެކެވެ. އަދި ރުޤްޔާގެ ގޮތުގައި ކިޔެވުމަށް އެންމެ ރަނގަޅު އާޔަތްތަކަކީ ފާތިޙާއެވެ. އެ ސޫރަތަށް ޝިފާގެ ނަން ދެވިފައިވަނީވެސް، އެ ސޫރަތުން ޝިފާ ލިބޭތީއެވެ. އަދި ފަލަޤް ސޫރަތާއި ނާސި ސޫރަތުން މާތް ނަބިއްޔާ صلى الله عليه وسلم އެސްފީނާއާއި ޙަސަދައަށް ރުޤްޔާ ކުރައްވާކަން ޙަދީޘްތަކުން އެނގެއެވެ. އާޔަތުލް ކުރުސިއާއި ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތަކީވެސް ރައްކާތެރި ކަމެކެވެ. މި އާޔަތްތައް ކިޔަވާފައި ފެނަށް ފުމެލުމަށްފަހު އެފެނުން ދަރިފުޅު ފެންވެރުވުމާއި، ފެން ބޯން ދިނުމުން މާތްﷲގެ އިރާދަފުޅާއެކު ރައްކާތެރިކަން ލިބޭނެއެވެ. މި އާޔަތްތައް ކިޔެވުމުގައި ތިން ފަހަރު ތަކުރާރު ކުރިޔަސް އަދި އެއް ފަހަރު ކިޔެވިޔަސް ފުދޭނެއެވެ.

ޝިފާއަށް އެދި މާތް ނަބިއްޔާ صلى الله عليه وسلم ދުޢާ ކުރައްވާފައިވެއެވެ. މި ދުޢާތަކުގެ ތެރޭގައި "اللَّهُمَّ رَبَّ النَّاسِ أَذْهِبْ الْبَاسَ اشْفِهِ وَأَنْتَ الشَّافِي لَا شِفَاءَ إِلَّا شِفَاؤُكَ شِفَاءً لَا يُغَادِرُ سَقَمًا" އޭ ﷲ، މީސްތަކުންގެ ރައްބެވެ! ބަލި ގެންދަވާފާންދޭވެ! އަދި އޭނާއަށް ޝިފާ ދެއްވަވާންދޭވެ! އިބަ އިލާހުއީ ޝިފާ ދެއްވަވާ އިލާހެވެ. އިބަ އިލާހު ދެއްވާ ޝިފާ ނޫނީ ޝިފާއެއް ނުވެއެވެ. އެ ޝިފާއަކަށްފަހު ބަލިކަމެއް ދޫނުކުރާނެ ޝިފާއެކެވެ." އަދި ޖިބްރީލުގެފާނު ނަބިއްޔާ صلى الله عليه وسلم އަށް ރުޤްޔާކޮށްދެއްވަމުން އަންނަނިވި ދުޢާއިން ދުޢާކުރެއްވިއެވެ. "بِسْمِ اللهِ أَرْقِيكَ، مِنْ كُلِّ شَيْءٍ يُؤْذِيكَ، مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنٍ حَاسِدٍ، اللهُ يَشْفِيكَ بِسْمِ اللهِ أَرْقِيكَ" މާނައީ: "ﷲގެ އިސްމުފުޅުން ކަލޭގެފާނަށް ރުޤްޔާ ކުރަމެވެ. ކަލޭގެފާނަށް އުނދަގޫކުރުވާ ކޮންމެ އެއްޗަކުންނެވެ. ކޮންމެ ނަފްސެއްގެ ނުބައިކަމުންނެވެ. ނުވަތަ ހަސަދަވެރި ލޮލެއްގެ ނުބައިކަމުންނެވެ. ﷲ ކަލޭގެފާނަށް ޝިފާ ދެއްވާންދޭވެ! ﷲ ގެ އިސްމުފުޅުން ކަލޭގެފާނަށް ރުޤްޔާ ކުރައްވަމެވެ.

ތިބާގެ އަމިއްލަ ނަފްސަށް ނުވަތަ އެހެން މީހަކަށް ތިބާގެ ފުށުން އެސްފީނާ ޖެހިދާނެތީ ކަންތައް ކުރަންވީ ގޮތް ބަޔާންކުރައްވައި ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަޚާގެ ފަރާތުން ނުވަތަ އޭނާގެ ނަފްސުގެ ކިބައިން، ނުވަތަ އޭނާގެ މުދަލުގެ ފުށުން އަޖާއިބުވާފަދަ ކަމެއް ފެނިއްޖެނަމަ ފަހެ ބަރަކާތް ލެއްވުމަށް އެދި ދުޢާކުރާ ހުށިކަމެވެ. ފަހެ ހަމަކަށަވަރުން އެސްފީނާއަކީ ޙަޤީޤަތެކެވެ." (ޞަޙީޙުލް ޖާމިޢު). މިގޮތުން ކުރެވޭނެ ދުޢާއަކީ بَارَكَ اللهُ لَكَ " ތިބާއަށް ﷲ ބަރަކާތް ލައްވާށިއެވެ!" އަދި مَا شَاءَ اللهُ " ﷲ އިރާދަކުރެއްވި ގޮތެކެވެ." މިފަދަ އިބާރާތްތައް ބޭނުން ކުރެވޭނެއެވެ. ތިމާއަށް ނުވަތަ ތިމާގެ ދަރިފުޅަށް ރަނގަޅު ކަމެއް ދިމާވުމުން ހަސަދަވެރި ވާ މީހުން ބައިވަރެވެ. ތިމާއަށް އެނގިގެންނާއި ނޭނގިއެވެ. ވީމާ ދަރިފުޅަށް މީހަކު ތަޢުރީފެއް ކުރުމުންވެސް މިޛިކުރު ކުރުމީ މާތްﷲ ގެ ރައްކާތެރިކަން ލިބޭނެކަމެކެވެ. އަދި ދަރިފުޅުގެ މޮޅު ވާހަކަ ނުވަތަ ރަނގަޅު ވާހަކަ އެހެން މީހެއްކައިރީގައި ދައްކާނަމަވެސް އެވެ.

ތިބާގެ ދިރިއުޅުމުގައި ހިނގާ ކަންކަމާއި ދަރިންނަށް ލިބޭ ތަފާތު އުފާވެރި ޚަބަރުތަކާއި ނިޢުމަތްތަކުގެ ވާހަކަ މީހުން ކައިރީގައި ނުދައްކާށެވެ. އެ ވާހަކަތައް އަޑުއަހައި އެންމެންނަކީ ހެޔޮ އެދޭ މީހުންނެއް ނޫނެވެ. އަދި އެކުދިންގެ ފޮޓޯތަކާއި، އެކުދިންގެ ކިބައިގައިވާ ނިއުމަތްތައް މީސްތަކުންނަށް އިޝްތިހާރުނުކުރާށެވެ. ސޯޝަލް މީޑިއާގައި އެކުދިންގެ ފޮޓޯއާއި ލިބޭ ވަނަތަކާއި ނިޢުމަތްތައް ޙިއްޞާ ނުކުރާށެވެ. އެފަދަ ޚަބަރުތައް ދައުރުކުރުމަކީ ޙަސަދަވެރި ގިނަ ލޯތަކަކަށް ފެންނާނެ ކަމެކެވެ. އަދި އެމީހުންގެ ހިތްތަކުގައި ނަފްރަތުގެ އަލިފާން ރޯވާނެ ކަމެކެވެ. އެހެންކަމުން މިފަދަ ކަންކަމުން ރައްކާތެރިވާން ޖެހޭނެއެވެ. އަދި މިފަދަ ކަންކަން ކުދިންނަށް ޖެހުމުގެ ސަބަބުން ފަހުން ކުދިންގެ އުޅުން ބަދަލުވެގެން ހިގައިދާނެއެވެ. ވަރަށް މޮޅަށް ކިޔަވަމުން އައި ކުއްޖަކު ކިޔެވުންދެކެވެސް ފޫހިވެދާނެއެވެ. ވީމާ، ކުއްޖާގެ ރައްކާތެރިކަމަށްޓަކައި މިކަންކަމާމެދު ރައްކާތެރިވާށެވެ.

+1
5
+1
19
+1
3
+1
1
+1
4
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް