އެއްދުވަހަކު ގުރައެއް މާބޮޑަށް ބަނޑުހައިވެގެން ކާއެއްޗެއް ހޯދަން އެކި ގަސްގަހަށް ތިރިކުރަމުން ބަލަމުން ދަނިކޮށް ދޮންމަދު ގަހެއް ފެނިގެން ވަރަށް އުފަލުންއައިސް ގަހަށް ތިރިކޮށްލިތަނާ ކާޅެއް ފާޑެއްގެ އަޑެއް ލައްވާފައި ގޮވާލި އަޑުއިވުނެވެ.
ކާޅު: އޭބަލަ ގުރަޔާ! ކީއްކުރަންތަ މިގަހަށް ތިޔައައީ. މިގަހަކީ އަހަރެންގެ ގެއޭ!
ގުރާ: މިގަސް މިއޮތީ ދޮންމަދު އަޅާ ފުރިފަ. އަހަރެން މިގަހުން މަދެއް ކާލިއަކަސް ކާޅަކަށް މަދެއްނުވާނެ!
ކާޅު: ގުރަޔާ ދާންވީނު ކުދިބަތް ކާން!
ގުރާ: ބަލަ ކާޅާ! އަހަރެމެން ކާންޖެހެނީ ހަމައެކަނި ކުދިބަތެއް ނޫނޭ. ހުރިހާ ވައްތަރެއްގެ މޭވާއެއްވެސް ކެވިދާނެ. ކާޅާ ހާދަހާ މޮޔައޭ ދޯ!
ކާޅު: އަހަރެންތަ ކުދިބަތް ކާންދެނީ؟ ގުރާތައް އޮޅުކޮށްގެން ގެންގުޅޭ މީހުންނެއްނު!
ގުރާ: ކުދިބަތަކީ ހަމައެކަނި ގުރާ ކާން ހުންނައެއްޗެއް ނޫނޭ. މީހުން ކާންވެސް ފައިދާހުރި އެއްޗެކޭ!
ކާޅު: ދެން ދޮންމަދަކީ ގުރާ ކާން އެކަނިހުރި އެއްޗެއްތަ؟
ގުރާ: ނޫނޭ ދޮންމަދަކީ ފައިދާހުރި އެއްޗެއް! ކާޅުތައް އެކަންޏެއް ނޫނެއްނު ކާނީ!
ކާޅު: ފާޑުފާޑުގެ ބަހަނާ ދައްކާނެކަމެއްނެތް. ހަމަމިހާރު މިގަހުން އުދުއްސައިގަނޭ!
ކާޅު އެހެން ބުނުމުން ގުރާ އެގަހުން މަދެއް ބިނދެގެން އުދުއްސައިގެން ގޮސް ޖެހިގެންހުރި ގަހުގައި އިށީނދެގެން އިނދެ މަދު ކާންފެށިއެވެ.
ކާޅަށް އެމަދު ފެނިގެން ވަރަށްބާރަށް ހަޅޭއްލަވައިގަތްތަނާ އެހެންދިޔަ ކުދިބަޔަކަށް އެއަޑު އިވިގެން މަތިބަލާލައިފިއެވެ.
އެވަގުތު އެކުދިންނަށް ގަސް ފެނުނެވެ.
އެގަހުން ދޮންމަދު ފެނިގެން އަވަސް އަވަހަށް ގަހަށްއަރާ ކާޅު ފައްސާލާފައި މަދު ބިންނަންފެށިއެވެ.
ކާޅުއައިސް ގުރާ އިށީނދެގެން އިން ގަހުގައި ޖައްސާލައިފިއެވެ.
ގުރާ މަދު ކައިނިމިގެން ބަލާލިއިރު ކާޅު މާދެރަވެފައި އިންދާ ފެނިގެން ކާޅާއި ދިމާއަށް ބުންޏެވެ.
ގުރާ: ދަހިވެތިކަން މާބޮޑުވަންޏާ ވާނީ އެހެން. އަހަރެންނަށްވާ އެއްމަދު ލިބިއްޖެތާ. ކާޅަކަށް ނުލިބުނެއްނު އެއްމަދުވެސް.
ގުރާ އެހެން ބުނުމުން ކާޅު ގަތްލަދުން އަނގައިންވެސް ނުބުނެ އުދުއްސައިގެންފިއެވެ.