September 20, 2024 11:50
Advertisement

-Advertisement-

ރަމަޟާން މަހަށް ތައްޔާރުވުމަށް ކުރަންޖެހޭ މުހިންމު ކަންތައްތައް!

މާތްﷲ ހުރިހާ އިންސާނުންގެ ތެރެއިން ނަބިއްޔާ صلى الله عليه وسلم މާތް ކުރެއްވިއެވެ. މަލާއިކަތް ބޭކަލުންގެ ތެރެއިން ޖިބްރީލުގެފާނު މާތް ކުރެއްވިއެވެ. ބިންތަކުގެ ތެރެއިން ޙަރަމް މާތް ކުރެއްވިއެވެ. ހަތް ދުވަހުގެ ތެރެއިން ހުކުރު ދުވަސް ވަނީ މާތް ކުރައްވާފައެވެ. އަދި ބާރަ މަސްދުވަހުގެ ތެރެއިން ރަމަޟާން މަސް މާތް ކުރެއްވިއެވެ. އަދި އެމަހުގަ އެއްހާސް މައްސަރަށްވުރެ މަތިވެރިވެގެންވާ ރެއެއް ލައްވާފައިވެއެވެ. މިކަމުންވެސް ރަމަޟާންމަހުގެ މަތިވެރިކަމާއި މާތްކަން އެނގި ހާމަވެގެންދެއެވެ.

މި މަތިވެރިވެގެންވާ މަސް އަޅުގަނޑުމެންނާ ބައްދަލުކުރަން ގިނަ ދުވަހެއް ނެތެވެ. ބަރަކާތުން ފުރިގެންވާ މަހެކެވެ. ރަހުމަތުގެ މަހެވެ. ފާފަ ފުއްސެވުމުގެ މަހެވެ. ނަރަކައިން ދިންނެވުމުގެ މަހެވެ. ތަވްބާގެ މަހެވެ. މިމަހުގެ ހެޔޮ ކަމާއި ޘަވާބާއި ދަރުމަ ހޯދުމަށް ގަދައަޅައި މަސައްކަތް ކުރަން ޖެހެއެވެ. މި މަހައް މަރުހަބާ ކިޔުމަށް ތައްޔާރުވާންޖެހެއެވެ.

މިމަހަށް މަރުހަބާ ކިޔުމަށް އަޅުގަނޑުމެން ކުރަންޖެހޭ ވަރަށް މުހިންމު ކަމެއްވެއެވެ. އެއީ ރަމަޟާން މަހަށް ތައްޔާރުވުމެވެ. މިހެން ބުނުމުން ގިނަ ބޭފުޅުންނަށް ހީފުޅުވެއްލައްވާނީ ގޭތެރެ ސާފު ކުރުމެވެ. ކުލަލައި ގޭތެރެ ޒީނަތްތެރި ކުރުމެވެ. ރަޙުމަތްތެރިންނާއި އެކު މާހެފުމެއް ބޭއްވުމެވެ. ކާބޯތަކެތި ގެއަށް ވެއްދުމެވެ. ރަމަޟާންމަހު ކައްކާނެ މެނޫއާއި ދަޢުވަތުދޭނެ މީހުން ކަނޑައެޅުމަކީ ރަމަޟާންމަހަށް ތައްޔާރުވުމަށް އާއްމުގޮތެއްގައި ކުރެވޭ ކަންކަމެވެ. ނަމަވެސް، ވިސްނާލަންވީ ކަމަކީ މި ކަންކަމުން ކުރާނެ އުޚްރަވީ ފައިދާއެއް ނެތްކަމެވެ. ރަމަޟާން މަހަށް ތައްޔާރު ވުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު ކަންތައްތަކަކީ ކޮބައިތޯއެވެ. އެކަމަކުން ރަމަޟާންމަހުގެ ދަރުމަޢާއި ޘަވާބު ޙާޞިލުވާނީ ކޮން ކަމަކުންތޯއެވެ. މިއީ ވިސްނާލަންޖެހޭ ކަމެކެވެ. މިއީ އެނގެންޖެހޭ ކަމެކެވެ.

Advertisement

ރަމަޟާންމަހަށް ތައްޔާރުވުމަށް އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ތެދުވެރި ތައުބާއަކުން ތައުބާވުމެވެ. ކުދިބޮޑު އެންމެހައި ފާފަތަކުން ތައުބާވެ އެފާފަތަކަށް އަރައި ނުގަތުމަށް އަޒުމް ކަނޑައެޅުމެވެ. ރަމަޟާން މަސް އައުމުގެ ކުރިން މީހާ ރޫޙު ތާޒާކުރަންވާނެއެވެ. ފާފަތަކުން ހަށިގަނޑު ޠާހިރުކުރަންވާނެއެވެ. ތިބާގެ ގައިގައި ހުންނަ ނަޖިސް ފިލުވުމަށް ހަށިގަނޑުގެ ބޭރުފުއް ސާފުކުރާ ފަދައިން ނުބައި ފާޙިޝް ޢަމަލުތަކުންނާއި ހިތުގެ ޢަމަލުތަކުން ހަށިގަނޑުގެ އެތެރެފުށް ސާފު ކުރަންވާނެއެވެ. ރޫޙާނީގޮތުން ޠާހިރު ވާންވާނެއެވެ. މިކަމަށް ބޭނުންވަނީ ތެދުވެރި، އިޚްލާޞްތެރި ތައުބާއެވެ.

ރަމަޟާންމަހާއި ގުޅުންހުރި ދީނީ މަޢުލޫމާތު ހޯދައި ބެލުމަކީ ރަމަޟާންމަހަށް ތައްޔާރުވުމަށް އެޅޭނެ މަތިވެރި ފިޔަވަޅެކެވެ. މިގޮތުން ރަމަޟާންމަހާއި ގުޅުންހުރި ދީނީ ދަރުސްތައް އަޑުއަހައި ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ހޯދޭނެއެވެ. އިސްލާމީ ޝަރީޢަތުގައި ރޯދައިގެ ޙުކުމްތައް ބަލައި ދެނެގަތުމެވެ. 

ރަމަޟާންމަހަށް ތައްޔާރުވުމުގައި އަޅުކަން ކުރާނެ ގޮތުގެ ތާވަލެއް ތައްޔާރު ކުރުމަކީ މިކަމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ. ރަމަޟާންމަހުގައި ކުރާނެ ހެޔޮ ޢަމަލުތަކާއި އަދި އެކަންކަމަށް ވަގުތުދޭނެ ގޮތުގެ ތާވަލެކެވެ. ޚާއްޞަ ގޮތެއްގައި އަންހެން ކަނބަލުން މިކަމާ ވިސްނާލުން ވަރަށް މުހިންމެވެ. އަންހެނުންނަކީ އޮފީހާއި ފިރިމީހާ އަދި ދަރިންގެ ކަންތައްތަކުގެ އިތުރުން ގޭތެރޭގެ ކަންކަމުގައި ވަރަށް ބުރަކޮށް މަސައްކަތްކުރާ ބައެކެވެ. ވީމާ، ކިތަންމެ މަދު ވިޔަސް ދާއިމީ ގޮތެއްގައި ކުރެވޭނެ ކަންތައްތަކެއް ރާވައިލުން މުހިންމެވެ. ހެޔޮ ޢަމަލު ކުރުމަށް ޢަޒުމް ކަނޑައެޅުމާއި، ހެޔޮ ކަންތައްތައް ކުރުމަށް އަޒުމް ކަނޑައެޅުމަކީ އެކަމަށް ލިބޭނެ ބާރެކެވެ. އަދި އެގޮތުގައި ޘާބިތުވުމަށް މަސައްކަތް ކުރަންވާނެއެވެ.

ރަމަޟާންމަހަކީ އެމަހެއްގައި ޤުރްއާން ބާވައިލެއްވުނު މަހެވެ. އެއީ އަޅުގަނޑުމެންނަށް ތެދުމަގު ދެއްކެވުމަށް މާތްﷲ ބާވައިލެއްވި އެކަލާނގެ ކަލާމްފުޅެވެ. އެހެން ހުރިހައި މަހަށްވުރެ ގިނައިން މިމަހުގައި ޤުރްއާން ކިޔަވައި، އެ ޤުރްއާނާއިމެދު ވިސްނާ ފިކުރު ކުރަންވާނެއެވެ. ރަމަޟާންމަހުގައި ޤުރްއާން ކިޔަވާނެ މިންވަރެއް ކަނޑައަޅައި އެމިންވަރުގައި ހިފެހެއްޓުމަށް މަސައްކަތް ކުރަންވާނެއެވެ.

ފަރުޟު ފަސް ނަމާދަށް ރައްކާތެރިވުމަށް އަޒުމް ކަޑައަޅައި އެކަމަށް ތައްޔާރުވާން ޖެހޭނެއެވެ. ޚުޝޫއަތްތެރިކަމާއި ބިރުވެތިކަމާއެކު ނަމާދު ކުރުމަށް ނަފްސު ތައްޔާރުކުރަންވާނެއެވެ. އަދި އޭގެ އިތުރުންވެސް ރަވާތިބު ސުންނަތާއި ދަމު ނަމާދާއި ތަރާވީހް ނަމާދު ކުރުމަށް ތައްޔާރުވާން ޖެހެއެވެ.  ފަރުޟުގެ އިތުރުން ސުންނަތް ނަމާދު ކުރުމަށް ވަގުތު ދޭނެ ގޮތެއް ކަނޑައަޅަން ޖެހެއެވެ. ކުރާނެ މިންވަރާއި ކުރާނެ ވަގުތެވެ.

ޞަދަޤާތް ކުރާނެގޮތަކާއި މެދު ވިސްނުމަކީވެސް ރަމަޟާންމަހަށް ތައްޔާރުވުމަށް ކުރެވޭނެ މުހިންމު ޢަމަލެކެވެ. ޞަދަޤާތަކީ އެކަމުގެ ދަރުމައާއި ޘަވާބު ބޮޑުވެގެންވާ ކަމެކެވެ. ރަމަޟާންމަހު ޞަދަޤާތް ދޭނެ ގޮތުގެ ތާވަލެއް ހެދިދާނެއެވެ. އެމީހަކަށް ޞަދަޤާތް ކުރެވޭނެ މިންވަރެއް ބަލައި، ކޮންމެ ދުވަހަކުވެސް ޞަދަޤާތުގެ ގޮތުގައި ވަކި މިންވަރެއް ކަނޑައަޅައި އެ މިންވަރަށް ފައިސާ ރައްކާކުރެވޭނެއެވެ. ކޮންމެ ދުވަހަކު ނުކުރެވޭ މީހާއަށް ފަހު 10ގައި ކުރެވޭނެއެވެ. އެމީހަކަށް ވީ މިންވަރަކުން ޞަދަޤާތް ކުރުމަށް ނިޔަތް ކަނޑައަޅައި އެކަމަށް ފައިސާ ރައްކާ ކުރެވޭނެއެވެ. އަދި ފައިސާއިން ޞަދަޤާތް ކުރެވޭނެ ތަނަވަސްކަން ނެތް މީހުން، އެހެން މީހުންނަށް އެހީތެރިވުމާއި ހިނިތުންވުމުން ޞަދަޤާތް ކުރާށެވެ. ތިބާގެ އަޚާއަށް ޖެހިފައިވާ އުނދަގުލެއް ލުއިކޮށްދޭށެވެ. އެއީ ގޭތެރޭގައި ކުރާ މަސައްކަތަކުންވިޔަސްމެއެވެ.

މައިންބަފައިންނަށް އޯގާތެރިވުމާއި، ލޯބިވުމާއި އަޅައިލުމަކީ ރަމަޟާންމަހުގެ ދަރުމައާއި ޘަވާބު ހޯދުމަށް އެޅޭނެ މަތިވެރި ބިންގަލެކެވެ. ދުނިޔެމަތީގައި މާތްﷲ ލައްވާފައިވާ ޢަމަލުތަކުގެ ތެރެއިން އެންމެ މަތިވެރި އެއް ޢަމަލަކީ މައިންބަފައިންނަށް އޯގާތެރިވުމެވެ. ރަމަޟާންމަހުގައި މައިންބަފައިންނަށް އަޅައިލުމާއި އޯގާތެރިވުމާއިއެކު އެމީހުންނަށް ކުރާ ޚިދުމަތްތަކަށް އިތުރަށް ފަރުވާތެރިވާށެވެ. މީގެ އިރުތުންވެސް ރަޙިމުގެ ގުޅުން ޤާއިމުކުރަން ޖެހޭނެއެވެ. ޢާއިލާ ތެރޭގައި މައްސަލައެއް ޖެހިފައިވާނަމަ، އެކަމެއް ތިބާ އިސްވެ އިޞްލާޙު ކުރާށެވެ. އަދި އެ ގުޅުން ދަމަހަށްޓަން މަސައްކަތްކުރާށެވެ. ހާލު ބަލާށެވެ. ޢާއިލާ މީހުނާއެކު އުޅޭއިރު ދިމާވާ ކަންކަމުގައި ކުނި މޫނު ނުދައްކައި އެކަންކަމަށް މާފު ކުރާށެވެ. މާފު ކުރުމަކީ މަތިވެރި އަޅުކަމެކެވެ. ޘަވާބާއި ދަރުމަ ބޮޑުވެގެންވާ ޢަމަލެކެވެ. ރަމަޟާންމަހަށް ތައްޔާރުވުމަށްޓަކައި ޢާއިލީ ގުޅުން ދަމަހައްޓާނެ ގޮތަކާއި މެދު ވިސްނާ އެކަމަށް ތައްޔާރުވުމަކީ ކުރަންޖެހޭ ކަމެކެވެ.

ރޯދަވެރިޔާ މީހުންނަށް އެއްޗެހި ކިޔުމާއި ޣީބަބުނުމުން  ދޫ ރައްކާތެރިކުރުމަށް ވަރަށް ސަމާލުކަންދޭންވާނެއެވެ. އެހެނީ މިކަންތައްތަކަކީ މިކަންކުރުމުގެ ސަބަބުން އެމީހެއްގެ ޘަވާބައް އުނިކަން އަންނާނެކަމަކަށްވާތީއެވެ. ވީމާ، ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ބޭކާރު ވާހަކަ ދެއްކުމުން ދުރުހެލިވާންވާނެއެވެ. ތިބާއާއި ނުބެހޭ ކަންކަމާއި ދުރުހެލިވާންވާނެއެވެ.  

ރަމަޟާންމަހަށް ތައްޔާރުވާނީ މިއީ ތިބާގެ އެންމެ ފަހު ރަމަޟާން މަސްކަމަށް ދެކިގެންނެވެ. ދެން އަންނަ އަހަރުގެ ރަމަޟާންމަހާ ބައްދަލުނުވެދާނެކަމަށް ހިތަށް ގެނެސްގެންނެވެ. މަރަކީ ޔަޤީން އެއްޗެކެވެ. ދެން އަންނަ ރަމަޟާންމަސް އަންނަންވާއިރު ދުނިޔޭގައި ހުންނާނެ ކަމުގެ ގެރެންޓީއެއް ނެތެވެ. ވީމާ، މި ރަމަޟާންމަހަކީ ތިބާގެ އެންމެ ފަހު ރަމަޟާންމަސްކަމަށް ދެކި މިމަހުގެ ދަރުމައާއި ޘަވާބު ހޯދުމަށް މަސައްކަތް ކުރާށެވެ. ވީ މިންވަރަކުން ހެޔޮ ޢަމަލުކުރާށެވެ. އާދައިގެ މަސްމަހުގައި ކުރާ އަޅުކަމަށްވުރެ ރަމަޟާންމަހުގައި ކުރާ އަޅުކަންތައް އިތުރު ކުރާށެވެ. ފަރުޟު ކަންތައްތަކުގެ އިތުރުން ސުންނަތް ކަންތައް ވެސް ކުރާށެވެ.

+1
0
+1
3
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް