November 22, 2024 18:42
Advertisement

-Advertisement-

ހާދިސާ: ހަށިގަޑުތެރެއަށް ޖިންނި ވަނުމުން ދެންވީ ކިހިނެއް؟

މަސްވެރިން ބަޑަހަގޭ ޖަހައިގެން މަސްވެރިކަން ކުރަމުންދާ ކަނޑުއޮޅިއެއްގެ އަނގަމަތީގައި އޮންނަ ކެދަރާ ނަމަކަށް ކިޔާ މި ކުޑަކުޑަ ހިތްފަސޭހަ ރަށަކީ ޒަމާނުއްސުރެން ދަތުރު ވެރިންނާއި މަސްވެރިންނަށް ވަރަށް މަޝްހޫރު ރަށެކެވެ. ރަށުގެ މެދުގައި ހުންނައިރު ހަތަރުފަރާތުން މޫދު ފެންނަ ހިތްގައިމު ރަށަކީ ވަރަށް މަޤުބޫލް ރަށެކެވެ. މީގެ ސަތޭކަ ވިހި އަހަރު ކުރިއެވެ. ދުވަސްވަރަކީ ހުވަދޫ ކަނޑުން ވަރަށް ގިނައިން މަސްބޭނި ދުވަސްވަރެކެވެ. އެހެންވުމުން މުޅި ހުވަދު އަތޮޅުގެ މަސްވެރިން ކެދަރާއަށް އައިސް އެރަށުގައި ބަޑަހަގެ ޖަހައިގެން މަސްވެރިކަން ކުރަމުން ދިޔައެވެ. އެދުވަހު ބާނާމަސް ކައްކާ ހިއްކުމަށްޓަކައި ކޮންމެ ދޯންޏެއްގެ ފަޅުވެރިންގެ ތެރެއިން ދެމީހަކު ތިބެއެވެ. މިގޮތަށް މިކަންކުރުން ދެތިންމަހަށް ދިގުދެމިގެން ދެއެވެ.

އެއްރެއަކު ވަރަށް ދަންވީ ފަހުން މަހުންލެފި ކަނޑުހުޅުދޫ 'މަޖުބޫރާ' ދޯނި ފަޅުތެރެއަށް ވަންއިރު އެ ދޯނިން މަހަށްދިޔަ މީހުނަށްވުރެ އިތުރަށް އެކަކު ހުރުމުން ބަލާލިއިރު ބަޑަހަގޭގައި އެދޯނީގެ ފަޅުވެރިންގެ ފަރާތުން ބެހެއްޓި ދެމީހުންގެ ތެރެއިން އެކަކުކަން އެގުނެވެ. މަޖުބޫރާ ދޯނީގެ ކެޔޮޅު ހަސަންފުތާ ކަންބޮޑުވެ ދޯނި ކައިރިކުރުމާއެކު ދުވެފައި ބަޑަހަގެއަށްގޮސް ބަލާލިއިރު ބަޑަހަގޭގައި ދެމީހުން ތިއްބެވެ. ކަންބޮޑުވެ ހާސްކަންމަތީ އަނެއްކާވެސް ދޯނިދޮށަށްގޮސް ބެލިއިރު އެއްކަލަ އިތުރުވިމީހާނެތެވެ. އަދި ދިޔަ ތަނެއްވެސް އެއްވެސް މީހަކަށް ނޭގުނެވެ.

ބޭނި މަސް ހިފައިގެން އެންމެން ދިޔައީ ބަޑަހަގެއަށެވެ. މަސްކަޑާ ކެއްކުމަށްފަހު އެރޭ ތިންގަޑިބައިވިފަހުން އަނެއްކާވެސް ދޯނި މަހަށް ފުރިއެވެ. ބަޑަހަގޭ ތިބި ދެމީހުން ކުޑަކޮށް ވަރުބަލި ފިލުވާލުމަށްޓަކައި ބަޑަހަގޭގެ ބޭރުގައި އަޅާފައި އޮތް ތޮށަލި ގަޑެއްގެ މަތީގައި އޮށޯވެލި ތަނާ ދެމީހުންނަށް ނިދުނީއެވެ. ކުއްލިއަކަށް އާދަނަށް ހޭލެވުނީ ރީތި އަންހެން ކުއްޖަކު "އާދަނު، އާދަނު! އަވަހަށް އާދޭ" މިހެން ގޮވި އަޑަށެވެ. އާދަނު ލޯ ހުޅުވާ ބަލާލިއިރު ކައިރީގައި ހުރީ ވިހިބާވީސް އަހަރުގެ އަންހެން ކުއްޖެކެވެ. މި އަންހެން ކުއްޖާ އާދަނުގެ އަތުގައި ހިފައިގެން  ހިގައިގަތެވެ. ދިޔަ މަގުމަތީ އަންހެންކުއްޖާ ބުނެލިއެވެ. 'އާދަނު ބިރުނުގަނޭ އަހަންނަކީ ސިފަ ބަދަލުކުރާ މަޚުލޫގެއް. ބައެއްފަހަރު ފިރިހެނެއް، އަނެއްބައިފަހަރު އަންހެނެއްގެ ސިފައިގަ. އަހަރެން ދޯނިތެރޭގައި އުޅުނީ ފިރިހެނެއްގެ ސިފައިގަ. އަހަރެން ދޯނީގައި ހުއްޓާ ކެޔޮޅު ހަސަންފުތާ މަސްބޭނި އޮނުން އަހަރެންގެ ބޮލުގައި ޖެހި. ކެޔޮޅަކަށް މަޢާފެއް ނުކުރާނަން. އާދަނު ބިރުނުގަނޭ. ކަލެއަކަށް ގެއްލުމެއް ނުދޭނަން. ހަސަންފުތާ ކައިރީގައި މިވާހަކަ ބުނެލާތި'. ފަތިހު ކޮވެލި ގޮވަން ފެށުމުން މި އަންހެން ކުއްޖާ ގެއްލިއްޖެއެވެ.

Advertisement

އަނެއްދުވަހު ހެނދުނު އެހިނގި ހާދިސާ އާދަނު ހަދާން ހުއްޓެވެ. އާދަނު އޭނާކައިރީގައި ހުރިމީހާގާތުގައި އެވާހަކަ ނުބުނެއެވެ. ދޯނި އޮތީ އެންދަމަން ފަރުގައެވެ. ހަސަންފުތު ބޮލުގައި ރިއްސާތީ މަޅުމަތީގައި އޮށޯވެލައިގެން އޮތްއިރު އެހެންމީހުންނަށް ނުފެންނަ މަޚުލޫޤު ހަސަންފުތުގެ ކައިރީގައި އިނެވެ. ހަސަންފުތު ހީކުރީ ދޯނީގެ ފަޅުވެރިއެއްކަމަށެވެ. ފެންތައްޓެއް ގެނެސްދީބަލަ. އެ ނުފެންނަ މަޚުލޫޤު ފެންތަށި ދެމުން ހަސަންފުތުގެ ހަށިގަޑުގެ ތެރެއަށް ވަދެއްޖެއެވެ. ހަސަންފުތު ނޭވާ ނުލެވިގެން ތެޅިފޮޅޭތީ ފަޅުވެރިން ދޯނީގައި ކެދަރާއަށް އައިސް އެރަށުގައި ތިބި ދެމީހުންނާއި ތަކެއްޗާއެކު ރަށަށްދާން ފުރިއެވެ. ކެދަރާއިން ކަނޑުހުޅުދުއަށް ދިއުމަށް ފަސްގަޑިއިރު ހޭދަވެއެވެ. ހަސަންފުތުގެ ހާލު ދިޔައީ އިތުރަށް ގޯސް ވަމުންނެވެ. ބައެއްފަހަރު 'އަހަރެންގެ ހަށިގަނޑުން ނުކުމޭ! އަހަރެން މިއޮތްގެން މަރުވަނީއޭ.' ހަސަންފުތު ގޮވަމުން ދިޔައެވެ. ދޯނި ދަތުރު ކުރަމުންގޮސް ކަނޑުހުޅުދޫގެ ނެރުން ވަނުމާއެކު ޙަސަންފުތުގެ އަޑު މަޑުވަމުންގޮސް އަޑުކެޑިއްޖެއެވެ. ބަލާލިއިރު ހަސަންފުތު އޮތީ މަރުވެފައެވެ. އެއްކަލަ ނުފެންނަ މަޚުލޫޤު ހަސަންފުތުގެ ހަށިގަނޑުން ނުކުމެގެން ހިގައްޖެއެވެ.

މިއީ ތުއްތުދީދީ 'އެވޭލާ ވާހަކަ' ފޮތުން ނަގައިފައިވާ ހާދިސާ އެކެވެ. ބައެއް ޖުމްލަތަކާއި ބަސްތައް ވާނީ އަސްލު ނުގެއްލޭގޮތަށް ބަދަލުކުރެވިފައެވެ.

+1
2
+1
7
+1
1
+1
6
+1
7
+1
3
+1
3

Advertisement

ކިޔުންތެރިންގެ ހިޔާލު

  1. ޖިންނި ދިޔައީ ކޮންތާކަށް އެހެން މީހެއްގެ ގަޔަށް ވަންނަންތަ އަނެއްކާ؟

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް