November 22, 2024 19:23
Advertisement

-Advertisement-

އެކަކު އަނެކަކަށްވުރެ ކުރިއަރައިދާށެވެ!

ދިރިއުޅުމަކީ ރޭހެކެވެ. އެންމެންނަކީވެސް ވާދަވެރިންނެވެ. އެއްބަޔަކު އަނެއްބަޔަކަށްވުރެ ކުރިއަރައިދިއުމަށް މަސައްކަތް ކުރާ ބައެއްކަމުގައި އިންސާނުންވެއެވެ. އެއީ ވިޔަފާރީގެ ގޮތުން ނުވަތަ މުދަލުގެ ގޮތުންނެވެ. ތަޢުލީމާއި މަޤާމުގެ ގޮތުންނެވެ. ޖާހާއި ޝަރަފުގެ ގޮތުން އެއްބަޔަކު އަނެއްބަޔަކަށްވުރެ މޮޅުވާން ބޭނުންވެއެވެ. ކުރިއަރައިދާން ބޭނުންވެއެވެ. އެކަމަށް މަސައްކަތް ކުރެއެވެ. އަދި އަނެކާއަށްވުރެ ތިމާ ކުރިއަރައިދާނެ ގޮތަކާއިމެދު ވިސްނައެވެ. އަދި ތިމާއަށް ލިބިފައިވާ މުދަލުގެ ގިނަކަމުގެ މޮޅު ވާހަކަ ދައްކައި އެކަމުގެ މައްޗަށް ފަޚުރުވެރިވެއެވެ. އަނެކާއަށްވުރެ ދަރިން ގިނަކަމަށްޓަކައިވެސް ފަޚުރުވެރިވެއެވެ. ވީމާ، ދުނިޔޭގެ މި ދިރުޅުމަކީ ރޭހުގެ މައިދާނެކެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ފެންވަރުން ރޭހުގައި ބައިވެރިވެ ކާމިޔާބު ހޯދަން މަސައްކަތް ކުރެއެވެ. މިކަން ބަޔާން ކުރައްވައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. "ތިޔަބައިމީހުން ދަންނާށެވެ! ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ ކުޅިވަރެއް ކަމުގައެވެ. އަދި މަޖަލެއް ކަމުގައެވެ. އަދި ޒީނަތެއް ކަމުގައެވެ. އަދި ތިޔަބައިމީހުންގެ މެދުގައި އެކަކު އަނެކަކުގެ މައްޗަށް ބޮޑާވެގަތުމެއް ކަމުގައެވެ. އަދި މުދާތަކާއި، ދަރިންތަކާމެދު، އެކަކު އަނެކަކަށްވުރެ ގިނަކަމަށްބުނެ މޮޅުވާހަކަ ދެއްކުމެއް ކަމުގައެވެ." (އަލްޙަދީދް ސޫރަތުގެ 20).

ދުނިޔޭގައި ދިރިއުޅުމަކީ ކުޅިވަރެކެވެ. މަޖަލެކެވެ. ތިބާ ދުނިޔޭގައި އެއްކުރާ މުދަލަކީ ވަގުތީ އެއްޗެކެވެ. މަޤާމަކީ ވަގުތީ އެއްޗެކެވެ. ދަރިންނަކީވެސް ވަގުތީ އެއްޗެކެވެ. ވީމާ ދުނިޔޭގެ ދިރިއުޅުމަކީ ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއް ކަމުގައި މެނުވީ ނުވެއެވެ. އިންސާނުން އެ ވަގުތީ އުފަލުގެ ފަހަތުން ދުވުމުގައި ޙަޔާތުގެ ދުވަސްތައް ހޭދަ ކުރަމުން ދެއެވެ. ނަމަވެސް ޙަޤީޤީ ކާމިޔާބީއަށް ވާޞިލުވުމުގެ މަގު އޮންނަނީ ފަހަތުގައެވެ. އެއީ އާޚިރަތުގެ ދާއިމީ ގޮވެއްޗެވެ. އެގޮވެތީގެ ދަރުމައާއި ޘަވާބެވެ. ދާއިމީ ސުވަރުގެއެވެ. އެތަނުގައި މަރުވުމެއް ނުވެއެވެ. ދާއިމަށް ދިރިދެމި ހުރެއެވެ. އެ ނިޢުމަތްތަކުގެ ތެރޭގައެވެ. އަދި އާޚިރަތުގެ ހެޔޮކަން ބޮޑެވެ. ދާއިމަށް ދެމިހުރެއެވެ. އެހާލުގައިވެސް އިންސާނުން ދުނިޔޭގެ ދިރިއުޅުން އިސްކުރެއެވެ.

މި ދުނިޔޭގައި ލިބޭ ނިޢުމަތްތަކުގެ މިސާލަކީ ވާރޭ ފެނުގެ މިސާލެވެ. ވާރޭ ފެނުން ފެން ލިބިގެން ގަސްތައް ފަޅައެވެ. އަދި އެގަސްތައް ފެނި ދަނޑުވެރިން އަޖައިބުވެއެވެ. އެއީ ގަސްތަކުގެ ރީތިކަމާއި ތާޒާ ކަމުގެ ސަބަބުންނެވެ. ފުރިހަމަ ކަމުންނެވެ. ނަމަވެސް އެގަސްތައް ދާއިމަށް އެރީތިކަމާއި ތާޒާކަމުގައި ނުހުރެ ހިކިގެން ދެއެވެ. އަދި ގަހުގެ ފަތްތައް ރީނދޫވެގެންދެއެވެ. އަދި އެ ފަތްތައް ހުއި ތަކަކަށް ބަދަލުވެގެން ހަލާކުވެގެންދެއެވެ. ދުނިޔޭގެ ދިރިއުޅުމުގައިވެސް ތިބާއަށް ލިބޭ ކޮންމެ ނިޢުމަތަކީ މިފަދަ ކަމެކެވެ. އެ ކަމުން ވަގުތީ އުފާ ޙާޞިލުވެގެން ދެއެވެ. ވަގުތު ޖެހުމުން އެ އެއްޗެއް ނެތި ފަނާވެއެވެ. ނުވަތަ ގެއްލިގެންދެއެވެ. އަދި އެ އެއްކުރާ މުދާތައް ދޫކޮށް ތިބާ މި ފަނާވަނިވި ދުނިޔެއާއި ވަކިވެގެން ދާން ޖެހެއެވެ.

Advertisement

ދިރިއުޅުމުގައި  ކުރިއަރައި ދާންވީ ކޮންކަމަކުން ހެއްޔެވެ؟ ދާއިމަށް ތިބާއަށް މަންފާ ކުރާނެ ކަމަކުންނެވެ. ތިބާ ކުރާ މަސައްކަތް ގެއްލިގެން ނުދާނެ ކަމަކުންނެވެ. އެ ކަމަކުން ދުނިޔެއާއި އާޚިރަތުގައިވެސް މަންފާ ކުރާނެ ކަމަކުންނެވެ. އެ ކަމަކުން ތިބާގެ ޚަޒާނާއަށް އިތުރުވާނެ ކަމަކުންނެވެ. އެ ކަމަކުން ތިބާގެ ތިލަފަތް ބަރުވާނެ ކަމަކުންނެވެ. އެއީ ދުނިޔެމަތީގައި ކުރާ ހެޔޮ ޢަމަލެވެ. ތިބާގެ ނަޖާވުމާއި މިންޖުވުން ގުޅިފައިވަނީ ކުރި ހެޔޮ ކަމަކުންނެވެ. ވީމާ، ހެޔޮ ޢަމަލުތައް ކުރުމުގައި ހީވާގިވެ، ހެޔޮ ކަންތައްތައް ކުރުމުގައި ކުރިއަރައިދާށެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿فَاسْتَبِقُوا الْخَيْرَاتِ﴾ ﴿ސޫރަތުލް ބަޤަރާ 148﴾ "ފަހެ، ހެޔޮކަންތައްކޮށް އުޅުމުގައި ތިޔަބައިމީހުން އެކަކު އަނެކަކާ ވާދަކޮށް، (އެކަކު އަނެކަކަށްވުރެ) ކުރިއަރައިދާށެވެ!

ހެޔޮ ކަންތައްތަކުގައި ވާދަކުރާއިރު އެނގެންޖެހޭ އެއް ކަމަކީ ހެޔޮ ޢަމަލަކީ ކޮބައިކަމެވެ. އެއީ ނަމާދު ކުރުމާއި ރޯދަ ހިފުން ހެއްޔެވެ؟ އެއީ މާތްﷲ އަމުރު ކުރެއްވި ކަންކަން ކުރުމާއި ނަހީ ކުރެއްވި ކަންކަމުން ދުރުވުން ހެއްޔެވެ؟ ހެޔޮ ޢަމަލީ ކޮބައިތޯއެވެ؟ ބައެއް މީހުންނަށް ހީވެފައި އޮންނަނީ ހެޔޮ ޢަމަލަކީ ހަމައެކަނި ނަމާދުކުރުމާއި ރޯދަ ހިފުމާއި އަދިވެސް އެހެނިހެން އަޅުކަންތައްތައްކަމެވެ. ނަމެވެސް "ހެޔޮ ޢަމަލު" މިބަހުގެ މާނަ ވަރަށް ފުޅާވެގެންވެއެވެ. އަދި ވަރަށް ގިނަވެގެންވެއެވެ. އެއީ މުޅި ހަޔާތް އެކަމުގައި ޝާމިލުވާ ކަމެކެވެ. އިންސާނުންނާއި ދުނިޔެއާއި އަދި ޙަޔާތަށް މަންފާކުރާނެ ފައިދާ ކުރާނެ ކޮންމެ ޢަމަލަކީ ހެޔޮ ކަމެކެވެ. އެ ޢަމަލުގައި އިޚްލާޞްތެރިކަންވާ ކޮންމެ ޢަމަލެކެވެ. މާތްﷲ ގެ ރުހުން އެދިގެން ކުރާ ކޮންމެ ކަމަކީ، ބުނާ ބަހަކީ ހެޔޮ ޢަމަލެކެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިޔާ ވިދާޅުވަނީ "އެއީ މާތްﷲ ލޯބިވެވޮޑިގެންވާ އަދި އެކަލާނގެ ރުހުންލިބިވޮޑިގެންވާ ކޮންމެ ޢަމަލެކެވެ. އެއީ ބުނެވޭ ބަހެއްވިޔަސް އަދި ކުރެވޭ ޢަމަލެއްކަމުގައިވިޔަސް މެއެވެ. އަދި އެތެރެފުށާއި ބޭރުފުށުގެ ޢަމަލުވެސް ހިމެނެއެވެ. ވީމާ، ތިބާގެ ހަޔާތުގައި ކުރާ ކޮންމެ ކަމަކީވެސް ހެޔޮ ޢަމަލެއްކަމުގައި ހެދޭނެއެވެ. މުހިންމީ ހިތުގެ އިޚްލާޞްތެރިކަމެވެ.

ތިބާ ދުނިޔޭގައި ކުރިއަރައި ދިއުމަށް ތިކުރާ މަސައްކަތްވެސް ހެޔޮ ޢަމަލަކަށް ހެދޭނެއެވެ. ތިބާ ކުރާ ވިޔަފާރިއަކީ ދުނިޔޭގައި ތަނަވަސްކަމުގައި އުޅުމަށް ކުރާ މަސައްކަތެވެ. ދުނިޔެމަތީގައި ލިބޭ މަންފާއެކެވެ. ނަމަވެސް އެކަން ހެޔޮ ޢަމަލަކަށް ހެދުމަށްޓަކައި ޒަކާތް ދޭށެވެ. ގިނަގިނައިން ޞަދަޤާތްކޮށް ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިވާށެވެ. އެކަމުގައި ތިބާގެ އެހެން އަޚުންނަށްވުރެ ކުރިއަރައިދާށެވެ. އޭރުން ތިބާގެ މުދަލުގައި މާތްﷲ ބަރަކާތް ލައްވާނެތެވެ. އަދި އިތުރު ކުރައްވާނެއެވެ. އަދި ތިބާ ކުރާ ވިޔަފާރިއަކީ ހެޔޮ ކަމެއްކަމުގައި ލައްވާނެތެވެ.

ތިބާ އެދެންވީ، ތިބާއަށް ގެއްލުން ނުވާނެ ވިޔަފާރިއަކުންނެވެ. އެ ވިޔަފާރިއަކުން ފައިދާވާނެ ވިޔަފާރިއަކުންނެވެ. އެއީ ކޮން ވިޔަފާރިއެއްކަން ބަޔާން ކުރައްވައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. "ހަމަކަށަވަރުން، ﷲ ގެ ފޮތް ކިޔަވައި، އަދި ނަމާދު ޤާއިމުކޮށް، ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ސިއްރާއި ފާޅުގައި ހޭދަކޮށް އުޅޭ މީހުންނީ، ގެއްލުން ނުވާނެ ވިޔަފާރިއަކަށް އެދޭ ބަޔެކެވެ." (ފާޠިރު ސޫރަތުގެ 29). ހަމަ ޔަޤީންނުވެސް މިކަންކަމަކީ ގެއްލިގެން ނުދާނެ ކަންކަމެވެ. ތިބާ ކެތްތެރިކަމާއިއެކު މާތްﷲ ގެ ވަޖުފުޅު އެދިގެން ކުރި މި ޢަމަލުތަކުގެ މަންފާ އާޚިރަތުގައިވެސް ކުރާނެއެވެ. ޒައްރެއްގެ މިންވަރުގެ ގެއްލުމެއްވެސް މި ވިޔަފާރީގައި ނުވާނެކަމީ ޔަޤީންކަމެކެވެ.

ތިބާ ފަޚުރުވެރިވަނީ ކޮން ކަމަކަށް ހެއްޔެވެ؟ ތިބާގެ މަޤާމަށް ހެއްޔެވެ؟ ތިބާއަކީ އަނެކާއަށްވުރެ މޮޅު މީހަކަށްވީތީ ހެއްޔެވެ؟ ތިބާގެ ތި ފަޚުރުވެރިކަން ދެމި އޮންނަނީ ކިހާ ދުވަހަކަށްކަން ވިސްނާލަބަލާށެވެ. ފަޚުރުވެރިކަމާއެކު އުޅޭނީ ކިހާ ދުވަހަކު ތޯއެވެ؟ މިކަމާމެދު ވިސްނާލީމު ހެއްޔެވެ؟ ތިބާގެ ވަގުތު ޖެހުމުން އެންމެ ވަގުތު ކޮޅަށްވެސް ލަސްނުވާނެއެވެ. އެއްވެސް ބާރެއް، ތަނަވަސްކަމެއް، ތަޢުލީމެއް ނެތް މީހާ ފަދައިން ތިބާގެ ފުރާނަވެސް ގެންދެވޭނެއެވެ. އެކަމަށް ހުރަހެއް ނޭޅޭނެއެވެ. މަކަރެއް ނެހެދޭނެއެވެ. އެދުވަހުން ތި ހޯދި ކުރިއެރުމަކުން ކުރާނެ މަންފާއެއް ނެތެވެ. ހަމައެކަނި ތިބާ އަނެކާއަށްވުރެ ގިނައިން ކުރި ހެޔޮ ޢަމަލަކުން މެނުވީއެވެ. ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. "މައްޔިތާއާއެކު ތިނެއްޗެއްވެއެވެ. އޭގެ ތެރެއިން  ދެ އެއްޗެއް އޭނާއާ ވަކިވެގެން ދެއެވެ. އަދި އޭނާއާއެކުވަނީ އެންމެ އެއްޗެކެވެ. އޭނާއާ ވަކިވެގެންދަނީ ޢާއިލާއާއި މުދަލެވެ. އަދި އޭނާއާއެކުވަނީ ޢަމަލުތަކެވެ. (އެބަހީ: ހެޔޮ ޢަމަލާއި ނުބައި ޢަމަލެވެ.). ވީމާ، ތިބާއަށް އާޚިރަތުގައި މަންފާ ކުރާނީ ކޮއްފައިވާ ހެޔޮ ޢަމަލުތަކުންނެވެ. ތިބާ ސުވަރުގެ ވަނުމުގެ ވަޞީލަތަކަށްވަނީވެސް ހެޔޮ ޢަމަލެވެ. ތިބާ ކުރިއަރައި ދާންވީ ހެޔޮ ޢަމަލުތަކުންނެވެ. ތިބާ ނަރަކައިން މިންޖުވެ ސުވަރުގެ ވަދެވުމުގެ ސަބަބަކީވެސް ހެޔޮ ޢަމަލުތަކެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. “އެއުރެންނީ، އީމާންވެ، ޞާލިޙު ޢަމަލުތައްކުޅަ މީހުންނެވެ. އެއުރެންނަށް އުފާވެރިކަމާއި، އަދި އެނބުރިދަނިވި ރިވެތިވެގެންވާ ތަނެއްވެއެވެ.” އެތަނަކީ ސުވަރުގެއެވެ. ސުވަރުގޭގެ މަތިވެރި ނިޢުމަތްތަކެވެ. މާތްﷲގެ ރުއްސެވުމެވެ. އެކަލާންގެ ދީދާރުފުޅު ފެނުމެވެ. އެތަނުގެ ތާޒާ މޭވާތަކެވެ. ރާ ގެ ބުއިންތަކެވެ. ފެނުގެ ކޯރުތަކެވެ. އެ ނިޢުމަތް ހޯދުމަށް އެއްބަޔަކު އަނެއްބަޔަކާއި ކުރިއަރައިދާށެވެ. "އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، تقوى ވެރިންނަށެވެ."

މާތްﷲ ވަޙީކުރައްވާފައިވެއެވެ. "ހަމަކަށަވަރުން، ހެޔޮލަފާ މީހުންވަނީ، نعمة ގެ ސުވަރުގޭގައިކަން ކަށަވަރެވެ. ދާންތަކުގެ މަތީގައި (نعمة ތަކަށް) ބަލަބަލައެވެ. އެއުރެންގެ މޫނުތަކުގެމަތިން، نعمة ގެ އުފާވެރިކަން ތިބާޔަށް އެނގޭނެތެވެ. ސިއްކަޖައްސަވައި ބަންދުކުރައްވާފައިވާ (މަސްތުވުމެއްނެތް) ސާފު ރާގެ ބުއިމަކުން، އެއުރެންނަށް ބޯންދެއްވާނެތެވެ. އެބުއިން ނިމޭހުށީ، ކަސްތޫރި ވަހުންނެވެ. ވާދަކޮށް ކުރިއަރައިދާ މީހުން އެއާމެދުގައި ވާދަކޮށް ކުރިއަރައިދާ ހުށިކަމެވެ! "

މި އާޔަތުގައި ބަޔާން ކުރައްވާފައިވާ ހެޔޮލަފާ މީހުންނަކީ ހެޔޮ ޢަމަލުކޮށް އުޅުނު މީހުންނެވެ. އެ މީހުންނަށް ދެއްވާ މަތިވެރި ނިޢުމަތަކީ ސުވަރުގެއެވެ. އެތަނުގެ ނިޢުމަތްތަކުގެ ވާހަކަ ބަޔާން ކުރައްވައި މާތްﷲ ވަޙީ ކުރައްވާފައި އެވަނީ ވާދަކޮށް ކުރިއަރައިދާ މީހުން އެ އާމެދުގައި ވާދަކޮށް ކުރިއަރައި ދިއުމަށެވެ. އެބަހީ ސުވަރުގެ ހޯދުމަށް ވާދަކުރާށެވެ.

 

+1
0
+1
3
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް