November 22, 2024 23:48
Advertisement

-Advertisement-

ކުޑަކުދިންގެ ހާދިސާ: ތަރުކާރީ އާއި މޭވާ ކެއުމުން ޒައިން އަށް އައި ބަދަލު

ޒައިން ހުންނަނީ ކުޑައިރުއްސުރެ ރީތި ވަރަކަށް ފަލަކޮށެވެ.

ޒައިންގެ މަންމަ ރަޝީދާ، ތަރުކާރީ އާއި މޭވާގެ ބާވަތްތަކުން ކިތަންމެ މީރު އެއްޗެއް ތައްޔާރުކޮށްފައި ޒައިން އަށް ކާންދޭން އުޅުނަސް ޒައިން އަށް ކެވޭކަމަކަށް ނުވެއެވެ.

އާއްމުކޮށް ޒައިން އަށް މީރީ ފަލަވާ ފާޑުގެ ބާވަތްތަކެވެ.

Advertisement

އެއީ ރޮށްޓާއި، ތެޔޮ ހެދިކާ، ބަޓަރާއި، ޖޭމާއި އަދި ތަފާތު ފޮނި ބާވަތްތަކެވެ.

އެއްދުވަހަކު ޒައިން ރަށްޓެހި ކުދި ބަޔަކާއި އެއްކޮށް ކުޑަބަނޑޮހަށް ދަތުރަކު ދިޔައެވެ.

ހުރިހާ ކުދިންތައް ސައިބޮއި ހަދައިގެން މޫދަށްގޮސް ސަކަރާތްޖަހަން ފަށައިފިއެވެ.

ޒައިން މޫދަށް އެރި ކުޑަ އިރުކޮޅެއްވިތަނާ ވަރަށްބޮޑަށް ވަރުބަލިވާތީ އެއްގަމަށްގޮސް ގަހެއްދޮށުގައި އިށީނދެގެން އިންދާ މޭވާއާއި ތަރުކާރީގެ ގުރޫޕެއް އައިސް ޒައިން އިށީނދެގެންއިން ގަސްދޮށަށް މަޑުކޮށްލައިފިއެވެ.

ޒައިން އޭރުވެސް ހުރީ ވަރުބަލިވެފައެވެ.

ކުއްލިއަކަށް އެތަނުން ފަހަރަކު މޭވާއަކާއި ތަރުކާރީއެއް ޒައިންއާއި ވާހަކަ ދައްކަން ފަށައިފިއެވެ.

ޓޮމާޓޯ: ކީއްވެ! އެކަނި މި ގަސްދޮށުގައި އިށީނދެގެން ތިޔައިނީ.

ޒައިން: ފިނިކޮށްލަން މަޑުކޮށްގެން ހުރީ.

އާފަލު: ހާދަހާ ވަރުބަލިހެން ހީވެއޭ! އަހަރެމެންނަށް އެނގޭ ތިޔައިނީ ވަރުބަލިވެގެންކަން.

ޒައިން: އެހެންވީއިރު އަހަނީ ކީއްކުރަން.

ބޮނޑިކޮޕީ: ޒައިން މިހާރު ރުޅިއައީތަ! އަހަރެމެން ޒައިންއާއި ވާހަކަ ދައްކާހިތުންނޭ މިވާހަކަ ދައްކަނީ .އަހަރެމެންނަކީ މީހުންނާއި އަރާރުންވާ ބައެއްނޫނޭ.

އަހަރެމެންނަކީ ކުޅޭ ޓީމެކޭ. އަހަރެމެންގެ ޓީމުގެ ނަމަކީ ތަރުކާރީ މޭވާޓީމް.

ކެރެޓު: އަހަރެމެންނަށް އެނގެއޭ ހުރިހާ ކަމެއްވެސް.

ޒައިން: ކޮން ހުރިހާ ކަމެއްތަ!

އޮރެންޖު: ޒައިން ތަންކޮޅެއް ފަލަވީމަ ކިރިޔާ ކުޅެލާއިރަށް ވަރުބަލިވާކަންވެސް. ކުދިންނާއި އެއްކޮށް ރޭސް ޖަހަން ނުގޮސް މިތާ ތިޔައިނީ އެހެންވެކަން.

ޒައިން: އެއީ މަގޭ އަމިއްލަކަމެއްނު. އަހަރެން ތިޔަ ތަރުކާރީތަކަކާ މޭވާތަކަކާ ވާހަކައެއް ނުދައްކަމެއްނު.

ފޭރު: އަހަރެމެން ޒައިންއާ މިވާހަކަ ދައްކަނީ ޒައިން އަށް ރަނގަޅަކަށޭ. މާއަވަހަށް ރުޅި ނައިސް އަހަރެމެން މިދައްކާ ވާހަކަ އަޑު އަހާބަލަ!

ޒައިން: އާނ. ބުނެބަލަ!

ފަޅޯ: އަހަރެމެން ބުނަން މިއުޅެނީ ތަރުކާރީތަކާއި ހުރިހާ މޭވާތައް ވެސް ތާޒާކަންމަތީ ކެއުމަށް ބޭނުންކޮށް އަހަރެމެން ކުނި ވަށިގަނޑަށް ނުލާ ރޮލަށާއި ފެނުކައްކައިގެންނާއި ސަޓަނި ހަދައިގެން ކާށޭ. ފަލަވާފާޑުގެ ބާވަތްތައް ކެއުން މަދުކޮށް ވީހާވެސް ގިނައިން އަހަރެމެންގެ ބޭނުންކުރާށޭ.

އަނބު: ތެޔޮ ބާވަތްތައް ނުކައި، އާދަކޮށް އަހަރެމެން ކަންޏާ ތިޔަހާއަވަހަށް ރުޅި ނާންނާނެ. އަދި ފަލައެއްވެސް ނުވާނެ.

ދޮންކެޔޮ: އަހަރެމެންނަކީ މީހުންނަށް ހާދަހާ ފައިދާއެއް ކޮށްދޭ ބައެކޭ. މިހާރު ވެސް އަހަރަމެންގެ ތަރުކާރީ މޭވާޓީމް މިއައީ ޒައިންގެ ރަށްޓެހި ކުދިންތަކާއި އެއްކޮށް ރޭސްޖަހަން.

ބަށި: އަހަރެމެން މިތިބީ ރޭސްޖަހަން ތައްޔާރުވެގެން. އެއިރުން އެމީހުންނަށް މަޖާވެފަ ކަސްރަތު ލިބޭނެއްނު.

ފާގަ: ޒައިން! އަވަހަށް ހިނގާ! އަހަރެމެންނާއި އެއްކޮށް ރޭސްޖަހަން.

ހުރިހާ ތަރުކާރީއަކާއި މޭވާތައް ވާހަކަ ދައްކަންފެށުމުން ޒައިންވެސް ރުޅިމަޑު ވެއްޖެއެވެ. އެހެންވެ ޖަވާބުދިނެވެ.

ޒައިން: މަށެއް ރުޅިއެއްނާދެއޭ! އަހަރެން ހީކުރީ އަހަރެން ފަލަކޮށް ހުންނާތީ މަލާމާތް ކުރީކަމަށް! އެހެންވެ އެހެންބުނީ. އެކަމަކު މިއަދަކު ރޭސް ޖަހާކަށް ނުދެވޭނެ. އިރާދަކުރެއްވިއްޔާ ދެން ދަތުރުއަންނަ ދުވަހަކަށް ދުވެލެވޭވަރު ކޮށްގެން އަންނާނަން.

ބަރަބޯ: އެހެންވިއްޔާ އަހަރެމެން ދަނީ.

ޒައިން: އާނ. އެންމެ ރަނގަޅު.

ޒައިން އެހެންބުނުމުން ތަރުކާރީ މޭވާޓީމް ޒައިން އާއި ސަލާންކޮށްފައި ރޭސްޖަހަން ހިނގައްޖެއެވެ.

އޭގެފަހުން ޒައިން ވަރަށް މަސައްކަތުން ތެޔޮ ބާވަތްތައް ކެއުން ހުއްޓާލާ ތަރުކާރީއާއި މޭވާގެ ބާވަތްތައް ކެއުމުގެ އިތުރަށް ގިނައިން ކަސްރަތުކޮށްގެން ހިކިއްޖެއެވެ.

+1
1
+1
3
+1
0
+1
0
+1
1
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް