އިހުޒަމާނުގައި ހުވަދުއަތޮޅު ފިޔޯރީ ކައިރީގައި ބޮޑޮހިނިހުއްޓާ ނަމަކަށް ކިޔާ ވަރަށްރީތި ކުޑަ ފަޅުރަށެއް އޮވެއެވެ. މި ރަށަކީ އަތޮޅުގެ އެކިރަށްތަކުން ރޯދަމަހާ ދިމާކޮށް ރޯދައަށް ގެއަށް ވެލިލުމަށްޓަކައި ވެލިނަގަން ދާރަށެކެވެ. އެގޮތުން އެއް ރޯދަމަހެއްގައި ގދ. ފަރެސްމާތޮޑާ ބަޔަކު އެއްރެއެއްގެ ދަންވަރު ގާތްގަޑަކަށް ތިނެއްޖެހިހާއިރު ވެލި ނެގުމަށްޓަކައި އެރަށަށް ގޮސް ފޭބީ އާންމުކޮށް މީހުން އެރަށަށް އަރާ ދިމާއަކުން ނޫނެވެ. އެމީހުން އެރަށަށް ފޭބީ ރަށުގެ ކޮޅު އަކިރިގަނޑާ ދިމާލުންނެވެ.
ރަށަށް ފޭބުމަށްފަހު އަނދިރިކަމުން ފަތިސް ވަންދެން ހުރިހާ އެންމެން ގޮޑުދޮށުގައި ހެދިފައިވާ މަގޫގަސްތަކުގެ ކައިރީގައި ވެލިއަޅަން ގެންދިޔަ ގޯނިތައް އަޅައިގެން އޮށޯވެ ތިބިއިރު އަނދިރި ކަމުން އެކަކު އަނެކަކަށް ނުފެނެއެވެ. އެވަގުތު ގޮޑުދޮށުގައި ހުރި އުނިމާގޭ ރަޤީބު އަށް ފެނުނީ ފަރުމަތީގެ ދެކޮޅުން އަންނަ ދެ އަލިގުޅައެވެ. ރަޤީބު ހުރީ ފަރުވާތެރިވެ މި ދެ އަލިގުޅައަށް ބަލަހައްޓައިގެންނެވެ. އޭނަ އާއި ވަރަށް ކައިރިއަށް މި ދެ އަލިގުޅަ އައިސް ވީނުވީއެއް ނޭނގި ގެއްލުނީ އެވެ.
އިރުކޮޅަކުން އަލިވާންފެށުމާއެކު ކޮވެލީގެ އަޑު ރަށުތެރެއިން އިވެން ފެށިއެވެ. ދެންތިބި މީހުން ބިރުގެންފާނެ ކަމަށް ހީކޮށް އެއްވެސް މީހެއްގެ ގާތުގައި ރަޤީބު އެވާހަކައެއް ނުދައްކައެވެ. ވެލިނެގުމަށްފަހު ރަޤީބުމެން ދިޔައީ ރަށަށެވެ. ދެންވެސް އައި މިފަދަ ދުވަހެކެވެ. ވެލިނެގުމަށް ރަޤީބު އެކަނި ބޮޑުހިނިހުއްޓާ އަށްގޮސް ވެލިނަގާ ނިންމުމަށްފަހު ރަށަށްދިއުމަށް އަތިރިމަތީގައި މަޑުކޮށްގެން ހުރީ އޭނާބަލާ ބޮއްކުރައެއް އަންނަންދެނެވެ.
އިރު އޮއްސި ހަތެއްޖެހިއިރުވެސް އަންނަން ބުނި ބޮއްކުރާ ނާދެއެވެ. ރަށުތެރެ އަނދިރިވެ ފަނި ފަކްސާތަކުގެ އަޑުން ރަށުތެރެ ވަނީ ގުގުމާ ފައެވެ. ރަޤީބުގެ ހިތަށް ވެރިވަމުން ދަނީ ބިރުވެކަމުގެ އިޙްޞާސް ތަކެވެ. މިގޮތަށް އަތިރިމަތީގައި ހުއްޓާ ރަޤީބަށް ފެނުނީ ބޮޑު ދެ އަލިގުޅަ ރަށުގެ ދެކޮޅުން އައިސް ރަށުތެރެއަށް ވެއްޓުނު ތަނެވެ. އަދި އެއާއިއެކު ބާރުގަދަ އަޑެއް އިވުނެވެ. ރަޤީބު ބިރުން ތުރުތުރުއަޅާ، އަޑުއިވުނު ދިމާލަށް ބަލަހަށްޓައިގެން ހުރެ ޤުރުއާން ކިޔަވަމުން ދިޔައެވެ.
ރަށާވީދިމާލުން ކުޑަވަރެއްގެ ފަޑު އައްޔެއް ފެންނަން ފެށުމުން ރަޤީބުގެ އުންމީދު އާވާން ފެށިއެވެ. 'އެއީ އަހަރެން ބަލާ އަންނަ ބޮއްކުރައް' ރަޤީބު ހިތާހިތާ ބުނެލިއެވެ. އެގޮތަށް ހުއްޓާ ދެމާކަނާ ބޯމަތީން ގޮވަމުން ދިޔަ މަންޒަރު ފެނި، މިއީ އާދަޔާ ޚިލާފް ކަމެއްކަން އެނގި ވަރަށް ބާރަށް ކުރުސި ކިޔަވަން ފެށިއެވެ. އެ ދެމާކަނާ އޭނަގެ ބޯމަތީން ދެކޮޅަށް އުދުހެނީ އެވެ. ރަޤީބު ހުއްޓާނުލާ ކިޔަވަމުން ދާތީ އޭނައާއި އެހާ ކައިރިއަކަށް ދެމާކަނާ އަކަށް ނާދެވެއެވެ.
ބޮއްކުރާ ކައިރިވުމުން ބޮއްކުރާގައި ތިބި މީހުންނަށް އަޑުއިވޭވަރަށް ރަޤީބު ބަންގި ގޮވަން ފެށިއެވެ. ރަޤީބު ބަންގިދޭ އަޑުއިވުމުން ބޮއްކުރާގައި ހުރި ރަޙުމާނަށް މިވަނީ ކީއްކަން އެގިއްޖެއެވެ. މިހާރު ބޮއްކުރާ މަތިންވެސް މާކަނާ ގޮވަނީ އެވެ. ރަޙުމާނު ނޫން ހުރިހާ މީހުން ތިބީ ވަރަށް ބިރުންނެވެ. ރަޙުމާނު ވަގުތުން ދުފާ ފޮށިތެރެއިން ކުޑަ ވަޅިއެއް ނެގުމަށްފަހު ކޮންމެވެސް އެއްޗެއް ލިޔެ މައްޗަށް އުކަންފެށިވެ. އެވަގުތު ދެ މާކަނާ ދެ މާރިދުންނަށް ބަދަލުވެއްޖެއެވެ. އެވަރުން ރަޙުމާނު ހުއްޓާލީކީ އެއްނޫނެވެ. ކުޑަވަރެއްގެ ދެކާށި ލިޔެފައި ދެމާރިދުންނާ ދިމާލަށް އެއްލާލުމުން ދެ މާރިދުން ވަރުބަލިވެ ގޮޑޮދޮށަށް ވެއްޓިއްޖެއެވެ. އެވަގުތު ބޮއްކުރާ ފަޅުތެރެއަށް ވަދެ ބީއްސާލިއެވެ. ބިރުން ގޮސް ރަޤީބު ބޮއްކުރައަށް އެރިއެވެ. ވަގުތު ކޮޅަކަށްފަހު ދެމާރިދުން ކަފު ޖަހައިގެން ގޮސް ފިޔޯރީ ކަނޑުގެ ދެފަރާތަށް ދޫކޮށްލީ އެވެ. ބުނެވޭގޮތުގައި ފިޔޯރީ ކަނޑު އެވަރަށް ގަދައީ މި ދެމާރިދުންގެ ސަބަބުން ކަމަށް ކުރީޒަމާނުގެ މީހުން ޤަބޫލު ކުރެއެވެ. މިއީ ފަރެސްމާތޮޑާ މިދިލިގޭ ރެކިފުތު މިހާދިސާ ކިޔައިދިންގޮތެވެ.
ނޯޓް: މިއީ ތުއްތުދީދީގެ 'އެވޭލާ ވާހަކަ' ފޮތުން ނަގައިފައިވާ ހާދިސާ އެކެވެ. އަސްލު ނުގެއްލޭގޮތަށް ބައެއް ޖުމްލަތަކާއި ބަސްތައް ބަދަލުކުރެވިފައިވާނެއެވެ.