ރިނބިދޫ އަކީ ކުރީޒަމާނުގައި މީހުން އާއްމުކޮށް މޫދަށްއެރި މަޖާކޮއްލަން އެރަށަށް ގޮސް އުޅުނު ކޮލަމާފުށީ ކައިރީގައި އޮންނަ ރަށެކެވެ. ދުވަސްވަރަކީ ކޮލަމާފުށީގައި ކުދިން ޚިތާނު ކުރަމުންދިއަ ދުވަސްވަރެކެވެ. ހުރިހާ ގެއަކުންވެސް އެގެއެއްގެ ކުދިން ހިތްހަމަ ޖައްސާލުމަށް ތަފާތު އެކި ކުޅިވަރުތައް ކުޅެހަދައެވެ. އެކި ގޭގެއިން ތަފާތު އެކި ހަރަކާތްތައް ދުވާލާއި ރޭގަނޑު ބާއްވަމުން ދިޔައެވެ. މިގޮތަށް މި ޚިތާނީ ޢީދު ނިމުމުން ހުރިހާ ގެޔަކުންވެސް ކުދިން ގޮވައިގެން މޫދަށް ދިޔައީ ރިނބިދޫ އަށެވެ.
ގެއުޅުލާށިގޭ ފާތުމާފުޅުވެސް އޭނަގެ ދަރިފުޅު ގޮވައިގެން ރިނބިދޫ އަށް ގޮސް ހުއްޓެވެ. ހެނދުނު ނުވައެއްޖެހިއިރު ހުރިހާ ކުދިން ތިބީ މަޖާކުރުމަށްޓަކައި ދޮންވެލިގަނޑު މަތީގައެވެ. ފާތުމާފުޅު ކޮންމެވެސް އެއްޗެއް ކެއުމަށްޓަކައި އެއްގަމަށް ދިއުމަށް ހިނގައިގަތް ވަގުތު އޭނާގެ ހައަރުވީ ދަރިފުޅު ކުއްލިޔަކަށް ދޮންވެލިގަނޑު މައްޗަށް ވެއްޓި އަގައިން ފޮނުއަރަން ފެށިއެވެ.
މިއީ ފާތުމާފުޅަށް ދުވަހަކުވެސް ނުފެންނަ މަންޒަރެކެވެ. ހަދާނެގޮތް ހުސްވެފަ އިންދާ އެތަނަށް ދިޔައީ ކޮލަމާފުށި ސޭބުގޭ ހަސަންބެއެވެ. ހަސަންބެ އަކީ ކޮލަމާފުށީގައި ނަންހިނގާ ސިހުރުވެރިއެއް ކަމުން ހަސަންބެ ފެންތައްޓެއް މަތުރާފައި އެކުއްޖާގެ ގަޔަށް ޖެހުމުން އެ ކުއްޖާ ލޯ ހުޅުވާފައި ބުނެލިއެވެ.
"އެމީހުން ބުނީ އަދި ތިވަރަކުން ދުލެއްނުކުރާނަން. މިރަށަކީ އަހަރުމެންގެ ރަށެއް. އަހަރުމެން މިރަށުގައި އުޅޭތާ އެތަކެއް ގަރުނެއް ވީއިރުވެސް އެކަކުވެސް އަހަރުމެންނަކަށް އުނދަގުލެއް ނުކުރޭ. އެކަމަކު މިއަދު އިންސީންގެ ތެރެއިން ބަޔަކު އައިސް އަހަރުމެންނަށް ގޯނާކުރާތީ އެކަމުގެ ބަދަލު ހިފުމުގެ ރޫޙުގައި މިކުއްޖާއަށް ހަމަލާދިނީ" މި ކުއްޖާ މިހެން ބުނުމުން ހަސަންބެ ރުޅިއައިސް ތިވަރަކުން ދުލެއް ނުދޭނަން. މިހެންކިޔާ ދުންމުޖުމަރާ ހިފައިގެން އައިސް ކިޔަވަންފެށިއެވެ.
ކިޔެވެލި ނުނިމެނީސް އެކި ކުލަކުލައިގެ ދޫނިތައް ހަސަންބެ ކައިރިއަށް އަންނަށް ފަށައިފި އެވެ. މި މަންޒަރު ފެންނަނީ ހަމަ އެކަނި ހަސަންބެއަށެވެ. ފާތުމާ އިނީ ކުއްޖާގެ ކައިރީގައެވެ. ބައެއްފަހަރު ހަސަންބޭ ކުރާ ކަންކަންވެސް ބަލައެވެ. ހަސަންބޭ އަތްހޫރާ މަންޒަރުވެސް ފެނެއެވެ. އަދި ކޮންމެވެސް ބަޔަކާ ވާހަކަ ދައްކާ އަޑުވެސް ފާތުމައަށް އިވެއެވެ. އަތް ހޫރާފައި ކޮންމެވެސް އެއްޗެއް ދުންމުޖުމަރާގެ ތެރެއަށް އަޅާތަންވެސް ފެނެއެވެ.
ހަސަންބޭ ތިކުރަނީ ކޮންކަމެއް؟ ފާތުމަ ބުނެލިއެވެ. ހަސަންބޭ އިޝާރާތުން ވާހަކަ ނުދައްކަން އެންގި އިރު، ހަސަންބޭގެ މި މަންޒަރު އެރަށުގައި ތިބި އެހެންމީހުނަށް ފެނި އެމީހުންވެސް ހައިރާންވިއެވެ. ހަސަންބެ އަކީ ސިހުރުވެރިއެއްކަމުން އެކަކަށްވެސް އޭނައާއި ވާހަކަ ދައްކަން ނުކެރުނެވެ. ހަސަންބޭ ބުނަމުންދިޔައީ. 'ކަލޭމެން މިރަށުން ދޭ. އަހަރެންގެ މަޤްސަދަކީ މި ކުޑަކުޑަ ރިނބިދޫ ޖިންނި ޝައިޡާނުންގެ ކިބައިން ސަލާމަތް ކުރުން.' ހަސަންބޭގެ ވާހަކަތަކުން އަޑުއަހަން ތިބިމީހުނަށް ވެސް މި ވެގެން އުޅޭގޮތް ސާފުވެއްޖެ އެވެ.
މިހާރު ހަސަންބޭގެ ސިހުރުގެ ބާރުން އެރަށުގައިތިބި ހުރިހާ ޖިންނިތައް ޢޭނަގެ ކައިރިއަށް ގެނެސްފިއެވެ. "މިހާރު މިރަށުން ފައިބައިގެން ދޭ. އެހެން ނޫނިއްޔާ ހުރިހާ ޖިންނިތައް އަންދާލާނަން" މިހެންބުނެ ދުންމުޖުމަރާއިން ދުން އަރުވަން ފެށިއެވެ. އެވަގުތު ޖިންނިތައް ބުންޏެވެ. "އަހަރެމެންގެ ވަތަން ދޫކޮށް އެހެންތާކަށް ގޮސް އުޅުމަކީ ފަސޭހަކަމެއްނޫން. ނަމަވެސް މިއަދު ތިކުރާ ކަމަކުން މިރަށުގައި އުޅެވޭނެގޮތެއް ނެތް.".
އެހެން ބުނުމުން ހަސަންބެ "އާ! އަވަހަށްދޭ ކަލޭމެން ދަތުރުކުރަންވާނީ މިރަށާއި ބާރަ މޭލު ދުރުން އަދި ކޮލަމާފުށީގެ އެކަކަށްވެސް ކަލޭމެން އުނދަގުލެއް ކޮށްފިއްޔާ ކަންކުރާނެ ގޮތް އެނގޭނީ މަށަށް" މި ޖިންނިތައް ރިނބިދޫ މަތިން އުދުހިގެން ދަމުން ބުނެލިއެވެ "ރިނބިދޫގައި އަހަރެމެންނަށް އުޅެވޭކަށް ނެތް. އެވަގުތު ފާތުމަގެ ދަރިފުޅު ވެސް އެއްކޮށް ރަނގަޅުވެ "ދެނެއް އެ އެއްޗެހިތައް އެނބުރި ނައައްނާނެ" މިހެން ބުނެލިއެވެ.
ނޯޓް: ތުއްތުދީދީގެ 'އެވޭލާ ވާހަކަ' ފޮތުން ނެގިފައިވާ ހާދިސާއެއް. އަސްލު ނުގެއްލޭ ގޮތަށް ބަސްތަކާއި ޖުމްލަތައް ބަދަލު ކުރެވިފައިވާނެއެވެ.