November 23, 2024 00:50
Advertisement

-Advertisement-

ބިރުވެރި ހާދިސާ: ރަހަދޫ ބޮޑުގެރި

ރަހަދޫ އަކީ އެއްޒަމާނެއްގައި ވެސް މީހުން އެހާ ގިނައިން ދަތުރު ކުރާ ރަށެއް ކަމަށް އެނގިފައެއް ނުވެއެވެ. މަދުން ނަމަވެސް މީހުންގޮސް އައިސް އުޅުނު ރަށެއް ކަމަށް ފާހަގަ ކުރެވެއެވެ. ރަށުގެ ގޮޑުދޮށް ފެންނަނީ ވަރަށް ސާފުތާހިރުކޮށެވެ. މޫދު ވިނަކޮޅެއްވެސް ފެންނަން ނެތެވެ. ހީވަނީ ބަޔަކުގޮސް ސާފުކޮށްފަ އޮތްހެންނެވެ. ގޮޑުދޮށް ހީވަނީ ރިހީގެ ދޫލައެއް ފަތުރާފައި އޮތްހެންނެވެ. އެހާވެސް ދޮންވެލިގަނޑު ސާފުވެފައި ރީއްޗެވެ. އިންސާނީ ހިތްތަކަށް ތަސައްވަރު ނުކުރެވޭހާ ރީއްޗެވެ. މިއިން ދުވަހަކުވެސް ބަޔަކު އެރަށަށް ދިޔަހެން ހީނުވެއެވެ. ނަމަވެސް ފެންނަ މަންޒަރުތަށް އެހާމެ ރީއްޗެވެ. އަހަރެމެންގެ މި ދަތުރަކީ ތިލަދުންމަތީ ގަމަށް ކުރާ ދަތުރެކެވެ.

މި ދަތުރުގައި ކެއްކުމަށް ބޭނުން ކުރާ ކާށިކޮޅެއްގެ ބޭނުމުގައި އޮޑި ބަނދަރުކުރީ ރަހަދުއަށެވެ. އެއިރު ގާތްގަޑަކަށް ހަވީރު ފަހެއް ޖަހަނީއެވެ. އޮޑި ހައްޔަރު ކުރުމަށްފަހު ކުދިންކޮޅު އަވަސްވެގަތީ ކާށިކޮޅެއް ފެނޭތޯއެވެ. ތުއްތުބެއާއެކު ހަތަރު މީހުން ފޭބިއެވެ. ރަށުތެރެއިން ކާއްޓެއް ނުފެނުނެވެ. ރުއްރުކުގެ ކޮޅުގައި ހުރި ކާށިއަޅަން ތުއްތުބެ ފެށީ ރުކަށް އަރާށެވެ. ރަށުތެރެ ކުޑަކޮށް އަނދިރިވަމުން އަންނާތީ އަވަހަށް ކާށިކޮޅެއް އެޅޭތޯ ތުއްތުބޭ މަސައްކަތް ކުރަނީއެވެ. މިހާރު ތުއްތުބެ އެއޮތީ ރުކެއްގެ ކޮޅުގައެވެ. ބަލާކަށްނެތި އިހަލެއްގައި ކަތިވަޅިން ޖަހާލިއެވެ. ކަމަކުދާކަށް ނެތެވެ. ތުއްތުބެގެ މޫނުމަތި އަނދިރި ވާންފެށިއެވެ. އެއާއެކު ތުއްތުބެގެ އަޑެއްވެސް ނުނިކުތެވެ. ކާއްޓަށް ނުބަލާ ތުއްތުބޭ ރުކުން ފޭބޭތޯ މަސައްކަތް ކުރަނީ އެވެ.

ރުކުން ފޭބިތަނުން ފެނުނީ ބޮޑު ގެރިއެއް ކަހަލަ ޖަނަވާރެކެވެ. ތުއްތުބެ އަށް ހުރެވުނު ތަނެއްވެސް ނޭގުނެވެ. ވަރަށް ބާރަށް ގޮވަން ފެށިއެވެ. ނަމަވެސް އަޑުއަހާނެ މީހެއް ކައިރިއަކު ނެތެވެ. ގެރި އޮވެގެން ހަޅޭއްލަވަނީއެވެ. ' އޭތި ބުނާކަހަލަ، އަހަރެމެންގެ އައުވާނުންގެ ކިބައިން ސަލާމަތެއް ނުވެވޭނެ. ތުއްތުބޭގެ ގޮވުމުގެ އަޑަށް އަނެއް ތިންމީހުންވެސް އޭނަގެ ކައިރިއަށް ދެވޭތޯ މަސައްކަތް ކުރަމުން ދަނީ އެވެ. ނަމަވެސް ރަށުތެރެ އަނދިރިވުމުން ތުއްތުބޭގެ ކައިރިއަށް ދާނެ މަގެއް ނޭނގި، އަޑު އަންނަ ދިމާލަށް ދެވޭތޯ މަސައްކަތް ކުރަނީއެވެ. އެ މީހުންނަށް ވަރަށް ކައިރިން އަޑު އިވޭހެން ހީވެއެވެ. ހަމަ އެއާއެކު އެ އަޑު ދުރުންވެސް އިވެއެވެ. މިވަނީ ކީއްކަންވެސް އެމީހުންނަށް ނޭނގެއެވެ. މި ދެވެނީ ކިހިނެއް ކޮންތާކަށް ކަންވެސް ނޭނގޭއެވެ.

Advertisement

މިހާރު އެމީހުންނާއި ދުރުނޫން ހިސާބެއްގައި އަލިފާނުގެ ހުޅުގަނޑެއް ފެނިގެން އެ ދިމާއަށް ދަނީއެވެ. އެހިސާބަށް ދެވުނުއިރު ކަމަކުދާކަށްނެތެވެ. 'ތުއްތުބޭ މިވަނީ ހޭނެތިފައި. ގެރިތަކުގެ އަޑުތަކުން މުޅި އެހިސާބު ވަނީ ގުގުމާފަ.' އެ ތިންމީހުން ތުއްތުބޭ ނަގައިގެން ގެންދެވޭތޯ މަސައްކަތް ކުރަނީއެވެ. މި ތިންމީހުންގެ މަސައްކަތުން ގޮވައިގެން ދަނީއެވެ. އަދިރިވުމުން އެހާފަސޭހަ ކަމަކަށް ނުވެއެވެ. އަދި އިވޭ އަޑުތަކުގެ ސަބަބުން ތިން މީހުންވެސް ތިބީ ވަރަށްބޮޑަށް ބިރުގެންފައެވެ. ނަމަވެސް ބުރަ މަސައްކަތާއެކު ގޮނޑުދޮށާ ހަމައަށް ދެވުނުއިރު ތިންމީހުންވެސް ތިބީ ވަރަށްބޮޑަށް ވަރުބަލިވެފައެވެ. އެހެންވެ ވަރުބަލިފިލުވުމަށް ކުޑަވަގުތުކޮޅެއް ގޮނޑުދޮށުގައި މަޑުކުރަންޖެހުނެވެ. އެއިރުވެސް ތުއްތުބޭ އޮތީ ހޭނެތިފައެވެ. ކުރީގެ ބިރުވެރި ކަމަށްވުރެ މާ ބޮޑު ބިރެކެވެ. މިހާރު މުޅިރަށް ވަނީ ދިއްލިފައެވެ. ގޮޑުދޮށުގައި ބައިވަރު ގެރި އެއްކޮޅުން އަނެއްކޮޅަށް ދުވަނީއެވެ. ތިންމީހުން ނުލާހިކު ބިރުންތިބެ ތުއްތުބޭ ނަގައިގެން އޮޑިއަށް އެރުވުމަށްފަހު އޮޑި އެރަށު ފަޅުން ބޭރުކޮއްލީއެވެ. އެމީހުން ހޯދަންދިޔަ ކާށިކޮޅެއްވެސް ނުފެނުނެވެ.

މަޑުމަޑު ވައިރޯޅިއެއްގައި އޮޑި ދަތުރު ކުރަމުންގޮސް ބަދަރުކުރީ ގއ.ނިލަންދު އަށެވެ. އެރަށުން ބައްދަލުވީ ކަތީބު އަހްމަދު ތަކުރުފާނާއެވެ. ތަކުރުފާން: 'ކޮންރަށެއްގެ އޮޑިއެއްތަ؟

އަލިފުތު: މިއީ އައްޑޫ އޮޑިއެއް. ދަތުރުކުރަމުން ގޮސް ރަހަދޫ ކާރިއަށް މަޑުކުރީ.

ތަކުރުފާން: އަސްތަޢްފިރުﷲ، ތިރަށަކީ ފުރޭތަ ގެރީގެ ހާއްޔެއް. ތިރަށަށްދާ މަދުބަޔަކު ނޫނީ ސަލާމަތް ނުވާނެ.

އަލިފުތު ކުއްލިއަކަށް ތުއްތުބޭމަތިން ހަދާންވިއެވެ. އަދި ބުނަންފެށިއެވެ. 'އަހަރެމެން ކާށިކޮޅެއްގެ ބޭނުމުގައި އެރަށަށް ފޭބީ އެ ރަށުން ވަރަށް ބިރުވެރި ހާދިސާއަކާއި ދިމާވި. އަހަރެމެންގެ ތުއްތުބޭ އެއޮތީ ހޭނެތިފައި. ވަރަށްގިނަ ގެރި ފެނުނު'.

ތަކުރުފާން، ތުއްތުބެއަށް ރަނގަޅުކުރެވޭތޯ ކުރި މަސައްކަތުން ތުއްތުބެ ރަނގަޅުވެއްޖެ އެވެ. އަދި ބުންޏެވެ. ނަމަނަމަ ރަހަދޫއާއި ކައިރި ނުކުރާތި. މިއަތޮޅުގެ ގިނަމީހުން އެރަށަށް ފަހެއްގެ ފަހަކުން ނުފައިބާނެ. ދެން އެރަށުން ކާށިކޮޅެއް ހޯދައިގެން އެމީހުން ދަތުރު ފެށީއެވެ. މިއީ އައްޑޫ ހުޅުދޫ ފުއްލާގޭ އަލިފުތަށް ލޮލަށްފެނި ތަޖުރިބާ ކުރި މިހާދިސާ ކިޔައިދިންގޮތެވެ.

 

 ނޯޓް: މިއީ ތުއްތުދީދީ ގެ 'އެވޭލާ ވާހަކަ' ފޮތުން ނެގިފައިވާ ހާދިސާ އެކެވެ. އަސްލު ނުގެއްލޭގޮތަށް ބަދަލުގެނެސްފައިވާނެއެވެ.

+1
1
+1
0
+1
0
+1
2
+1
3
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް