"އަހަރެން އަބަދުވެސް އުޅޭހިތްވަނީ އެކިމީހުންނަށް އެކިވައްތަރުގެ މަސައްކަތް ކޮއްދީގެންނެވެ. އެގޮތުން ކަނޑުހުޅުދޫ އާބަކުރު އަހަންނާއި ހަވާލުކުރި މަސައްކަތެއް ކުރުމަށްޓަކާއި މާވާރުލުގައި އަހަރެން އެތަކެއް އަހަރު އުޅެންޖެހުނެވެ. އެ ރަށުގައި އަހަރެން ކުރަންޖެހުނު މަސައްކަތަކީ ދަނޑުވެރިކަމެވެ. އެ ރަށަކީ އާދައިގެ ރަށަކަށްވުރެ ބޮޑުވެފައި ޖަންގަލީ ބޮޑު ރަށެކެވެ. އަހަންނާއެކު ހަތަރު މީހުން އާބަކުރު އެ ރަށަށް ފޮނުވިއެވެ. އަދި ކެއްކުމަށްޓަކައި އިތުރު އަންހެނަކުވެސް ފޮނުވިއެވެ." އިސްމާޢީލްފުތާ ކިޔާދިނެވެ.
އަހަރެމެންގެ ހަތަރު މީހުން މަސައްކަތްކޮށްގެން ދަނޑުތަކުގައި ގޮވާމު ކުރަންފެށުނީ އޭގެ ފަނަރަ ދުވަސް ފަހުންނެވެ. މިދެންނެވި ރޭތަކުގެތެރެއިން ރެއެއްގައި އިސްމާޢީލްފުތާ ނިދިފައި އޮއްވާ ހޭލެވުނީ ހޫނުވުމުން ދާހިއްލައިގެންނެވެ. އޭނާ އަކީ ވަރަށް ދުފާމީހެކެވެ. ޖެހިލުމެއްނެތި ދުފާ މަނޑިސީލަ ހިފައިގެން ނުކުތީ ފިނިކޮށްލުމުގެ ނިޔަތުގައި އަތިރިމައްޗަށް ދިއުމަށެވެ. މަޑުމަޑުން ހިނގާފަގޮސް އިރުމަތީ ފަރާތުގެ އަތިރިމަތީގައި ބޯށިގަހެއްގެ ކައިރީގައި އިށީދެ އިދެ ދުފަން ފަށައިފިއެވެ. އެ ވަގުތު ކުޑަކޮށް އަލިވާހެން ހީވުމުން ބަލާލިއިރު އޭނައަށް ފެނުނީ އުދަރެހުގައި ހުރި ބޮޑު އަލިގުޅަ އެކެވެ.
އިސްމާޢީލްފުތާ ހީކުރީ އެއީ ފަޖުރުއްސާދިގު އަލި ފާޅުވާއިރު އަރާ ތަރި ކަމަށެވެ. އެކަމަކު އެވަގުތަކީ ތިނެއްޖެހި ވަގުތެވެ. ނަމަވެސް އެއްވެސް ބިރެއްނެތި އިސްމާޢީލް ހަމަ ދުފާލަ ދުފާލާ އިނީއެވެ. މިހެން އިދެފަވެސް ބައެއް ފަހަރު އެ އަލިގުޅަ އާއި ދިމާލަށް ބަލަމުންދެއެވެ. ބައެއްފަހަރު ކައިރިވާހެންވެސް ހީވެއެވެ. އަނެއްބައިފަހަރު ދުރުވާހެންވެސް ހީވެއެވެ. ނަމަވެސް ކުޑަވެސް ބިރެއް ނުގަނެއެވެ.
އިސްމާޢީލް "ދެން މިރޭ ފިނިވެސް ވެއްޖެ. ދެން ދާންވީ" މިހެން ހިތަށް އެރުމަށްފަހު މަޑިސީލަ ހިފައިގެން ގެއަށް ވަނީއެވެ. ގެ ހުންނަނީވެސް އަތިރިއާއި ދުރެއްގައެއް ނޫނެވެ. މިގޮތަށް ކޮންމެ ރެއަކުވެސް އިސްމާޢީލް ދަންވަރު ހަމަ އެގަޑީގައި ފިނިކުރަން ނިކުމެ ހަމަ އެ ބޯށިގަސް ކައިރީގައި ދުފާލަން އިދެއެވެ. އެ އަލިގުޅަ ކޮންމެ ރެއަކުވެސް ފެންނަން ހުރެއެވެ. އެކަމަކު ބިރުވެރިކަން އިހުސާސެއް ނުވެއެވެ.
އިރު އެރުމުން ދެންތިބި މީހުންނާއެކު އިސްމާޢީލް ދަނޑުތަކުގެ މަސައްކަތް ވަރަށް ފޯރީގައި ކުރަމުން ދިޔައެވެ. މިގޮތުން ޒުވާރި، ބަރަބޯ، އަދި ކުދިބަތް ދަނޑުތައް ހެދެމުން ދަނީއެވެ. އެއްދުވަހަކު އާބަކުރު ކަތީބު ދަނޑުވެރިންގެ މަސައްކަތް ބަލާލުމަށް މާވާރުލާ އަށް އައިސް ދަނޑުތައް ބަލާލުމާއެކު، އާބަކުރު މި ހަތަރު މީހުންގެ މަސައްކަތް ފެނިފަ ހައިރާންވިއެވެ. "ވަރަށް ފުރިހަމަ، ހާދަ ރަނގަޅޭ، މަސައްކަތަށް ހިތްވަރު ދެއްވަމުން އާބަކުރު ބުނެލިއެވެ. ދުވަސްތަކާއި ރޭތައް ފާއިތުވަމުން ދަނިކޮށް އެއްރެއެއްގެ ދަންވަރު އިސްމާޢީލް ތެދުވެ މަޑިސީލް ހިފައިގެން ނިކުތްއިރު ކަމަކުދާކަށް ނެތެވެ. އެއްކަލަ އަލި ގުޅަ މިހުރީ އޭނައާއި ވަރަށް ކައިރީގައެވެ. އެ އަލިގުޅައިގެ ތެރެއިން ވަރަށް ސިފަ ހުތުރު މޫނެއް އެބަފެނެއެވެ.
އަދި އަޑުގަދަކޮށް ހެމުން ބުންޏެވެ. "މިރެއަކު ސަލާމަތެއް ނުވެވޭނެ. މިރޭ ދެމީހުންކުރެ އެކެއްގެ މަރު ކުރިމަތިވާނެ" މިހެން ބުނެ އިސްމާޢީލް އާއި ދިމާކޮށްލިއެވެ. އެވަގުތު އިސްމާޢީލް ހިތަށްއެރިއެވެ. "މިރޭ ހުރި ހިތްވަރެއް ދައްކާލަން ޖެހޭނެއެވެ." އިސްމާޢީލް އަކީ ވަރަށް ބިރުކުޑަ ބާރުގަދަ ފިރިހެނެކެވެ. ޖެހިލުމެއްނެތި އެ އަލިގުޅައިގެ ތެރެއިން ފެންނަ އެއްޗަކާއި ހަމަލަދޭން ފެށިއެވެ. އިސްމާޢީލާއި އެއެތީގެ ކުރިމަތިލުން ވަރަށް ހޫނުވެއްޖެއެވެ. ހީވަނީ ހަމަ އަލިގުޅަ ފިލައި ހިގައިދާނެ ހެންނެވެ.
އިސްމާޢީލް ގައިން ލޭ އޮހޮރެން ފަށައިފިއެވެ. އިސްމާޢީލް ހިތުގައިޖެހުނެވެ. އެހާހިސާބުން ހިތްވަރުކޮށްފައި ވަރުގަދަ ހަމަލާއެއް ދިނުމުން އަލިގުޅަ މަޑުމަޑުން ފަހަތަށް ދަމުންގޮސް ގޮނޑުދޮށާ ހަމައަށް ވެއްޓުނީއެވެ. އެވަގުތުވެސް އޭގެ އަލިކަން ފަޑުވެގެން ނުދެއެވެ. އެއަށްފަހު އަލިގުޅަ ފަޅައިގެން ގޮސް ގޮނޑޮދޮށް އެކީ އަލިވެގެން ދިޔައެވެ. މި އަލިވުމާއެކު އިސްމާޢީލް އެކުވެރިންވެސް ދިޔައީ ގޮނޑޮދޮށަށެވެ. އެއިރު އިސްމާޢީލް ހުރީ ވަރަށް ވަރުބަލިވެ، ފެންފޮދަކަށް ބޭނުން ވެފައެވެ.
ވަރުބަލި ފިލުވުމަށް އިސްމާޢީލް ދޮންވެލިގަނޑުގެ މަތީގައި އިށީނުމާއިއެކު އަނެއް ތިންމީހުން އަލިގުޅައިގެ ތެރޭގައި އޮތް ނަން ނޭގޭ މަޚުލޫގް ގެންގޮސް މާވާރުލުގައި ވަޅުލީއެވެ. އޭގެފަހުން އެތިންމީހުން އައިސް އިސްމާޢީލް ގައިގައި ލޭއައިސް ހުރި ތަންތަނުގައި ބޭސްއެޅިއެވެ. ފަރުވާއަށްފަހު ހަފްތާއެއްހާ ދުވަހުގެތެރޭ ރަނގަޅުވުމުން އިސްމާޢީލް ބުނެލިއެވެ. "އެރޭ އަހަރެން ސަލާމަތްވީ އަހަރެންގެ ބާރަކުން ނޫނެވެ. އެއީ ﷲގެ ކުޅަދުންވަންތަކަމެވެ." އޭގެފަހުގައި މިއަދާ ހަމައަށް ވެސް އެރަށުން މީހަކު ގޮވާ އަޑު އިވެއެވެ. މާ ގިނައެއްކޮށް ނޫނެވެ. ދުވާލަކު ތިންފަހަރު އެވެ. މިއީ ޙަޤީޤަތުގައި މިހާރުވެސް ހިނގަމުން އަންނަ ކަމެއްކަމަށް ވެއެވެ.
ނޯޓް: މިއީ ތުއްތުދީދީގެ 'އެވޭލާ ވާހަކަ' ފޮތުން ނަގައިފައިވާ ހާދިސާއެކެވެ. އަސްލު ނުގެއްލޭގޮތަށް ބަދަލު ގެނެސްފައިވާނެއެވެ.