September 20, 2024 22:51
Advertisement

-Advertisement-

އާދައިގެ ފިހާރައަކުން މާސިންގާ ކުންފުންޏަކަށް

ޖަޕާނުގެ އަޅުވެތިކަމުގައި ކޮރެއާ އޮތް ކަޅުއަނދިރި ދުވަސްތަކަށްފަހު، އެ ޤައުމަށް މިނިވަންކަން ލިބުމުން ކޮރެއާގެ ޒުވާނެއްގެ ހުވަފެނަކީ ސިނާއީގޮތުން ޤައުމު އާރާސްތުކުރުމުގައި އޭނާއަށް އެހީތެރިވެދެވޭނީ ކޮންގޮތަކުންތޯއެވެ. މިޤަބޫލުކުރުންމަތީ އެޒުވާނާ ދެމިހުރެ ދޫދިނުމެއްނެތި ގަދަ ހިތްވަރާއި އެކު ކުރި މަސައްކަތުން، 1938 މާރިޗް 1 ވަނަ ދުވަހު، ސައުތް ކޮރެއާގެ ޓޭގޫގައި ވިޔަފާރިއެއް ފެށިއެވެ. މިއީ ލީބިޔުންގ ޗުލްގެ "ސެމްސަންގ" ކުންފުނި އުފެދިގެން އައި ގޮތުގެ ވާހަކައެވެ. އުމުރުން 29 އަހަރުގައި، ލީ އޭނާގެ ވިޔަފާރި ފަށައިގަތީ އެންމެ 27 ޑޮލަރުގެ އިންވެސްޓްމަންޓަކުންނެވެ.

ލީބިޔުންގ ޗުލް

ގްރޯސަރީ ސްޓޯރަކުން ފެށުނު ލީގެ ވިޔަފާރީގައި އޭނާގެ މުވައްޒަފުންގެ ގޮތުގައި އޭރުތިބީ 40 ވަރަކަށް މީހުންނެވެ. ހިކި މަހާއި، ތަރުކާރީއާއި، ނޫޑުލްސް، ވިއްކަމުން ގޮސް، ކޮރެއާގެ އިތުރުން ޗައިނާގެ ބައެއް ޕްރޮވިންސްތަކަށް މިތަކެތި އެކްސްޕޯރޓްކުރަން ފެށިއެވެ. 1947ވަނަ އަހަރު ކުންފުނީގެ ވިޔަފާރި ރަނގަޅުވެ ފުޅާވުމުން ކޮރެއާގެ ވެރިރަށް ސޯލްއަށް ކުންފުނީގެ ވިޔަފާރި ބަދަލުކުރިއެވެ. ނަމަވެސް 1950ވަނަ އަހަރު ފެށުނު ކޮރެއާ ހަނގުރާމައާ ގުޅިގެން ލީ ގަސްތުކުރީ ސޯލްއިން ބޫސާންއަށް އޭނާގެ ވިޔަފާރި ބަދަލުކުރުމަށެވެ. އެއަށްފަހު އެތަނުގައި ފެކްޓްރީއެއް ހަދާ ހަކުރު އުފައްދަންފެށިއެވެ. ހަނގުރާމައިގެ ސަބަބުން ކޮރެއާގެ އިޤްތިސާދާއި އިންފްރާންސްޓްރަކްޗަރ އަށް ލިބުނު ބޮޑުގެއްލުން ފޫބެއްދުމަށް ލީގެ ސެމްސަންގުން އޭރު ދިއައީ މުހިންމު ރޯލެއް އަދާކުރަމުންނެވެ. އެއަށްފަހު ލީގެ ވިޔަފާރި ދެން އަނބުރާލީ ފޮތި އުފެއްދުމުގެ ސިނާއަތަށެވެ.

އަހަރުތައް ފާއިތުވަމުން ގޮސް ވިޔަފާރީގެ އެކި ދާއިރާތަކުން ސެމްސަންގަށް ބޮޑެތި ކުރިއެރުން ލިބެމުން ދިއައެވެ. މިގޮތުން އިންޝުއަރެންސާއި، ސެކިއުރިޓީސް، ރީޓެއިލް ވިޔަފާރީގައި ސެމްސަންގގެ ވިޔަފާރި ވަރަށް ބޮޑަށް ކުރިއަރައިގެން ދިއައެވެ. 1960ވަނަ އަހަރު އިލެކްޓްރޯނިކް ވިޔަފާރީގެ ތެރެއަށް ސެމްސަންގ ވަނެވެ. 1970ވަނަ އަހަރު އެކުންފުނީގެ ފުރަތަމަ އިލެކްޓްރޯނިކް އުފެއްދުން ކަމުގައިވާ ސެމްސަންގ ބްލެކް އެންޑް ވައިޓް ޓީ.ވީ ދުނިޔޭގެ މާކެޓަށް ނެރެވުނެވެ. ސެމްސަންގުގެ ފުރަތަމަ ކޮންޕިއުޓަރ ދުނިޔޭގެ މާރކެޓަށް ނެރެވުނީ 1983ވަނަ އަހަރުއެވެ. ސެމްސަންގ އިލެކްޓްރޯނިކް ފުޅާވެ އިލެކްޓްރޯނިކް އެތަށް އައިޓަމެއް އެކުންފުނިން އުފައްދާ ދުނިޔޭގެ މާކެޓަށް ނެރެމުންދިއައެވެ. 1993 އިން ފެށިގެން ސެމްސަންގ އިލެކްޓްރޯނިކްސްއަކީ ދުނިޔޭގެ އެންމެ ބޮޑު މެމޮރީ ޗިޕް އުފައްދާ ކުންފުންޏެވެ.

Advertisement

ބައެއް އައި ފޯނުތައްވެސް ހިންގަނީ ސެމްސަންގުން އުފައްދާ މެމޮރީ ޗިޕް ބޭނުންކޮށްގެނެވެ. 1996ވަނަ އަހަރުން ފެށިގެން ޓީ.ވީ އުފެއްދުމުގެ ސިނާއަތުގައި ސެމްސަންގއަކީ ދުނިޔޭގެ އެންމެ ބޮޑު ކުންފުންޏެވެ. ސްމާރޓް ފޯނު ވިޔަފާރީގައި ސެމްސަންގ ކުރިއަރައިގެން ދިޔައީ ވާދަވެރި ކުންފުނިތަށް ކިހިލި ޖަހާލާފައެވެ. ސެމްސަންގ ގެލެކްސީ  ސީރީޒްގެ ނަމުގައި ބާރުގަދަ ސްމާރޓް ފޯނުތައް ދުނިޔޭގެ ބާޒާރަށް ނެރެންފެށި ސެމްސަންގ ކުންފުންޏަކީ، މިއަދު ސްމާރޓް ފޯނުގެ ވިޔަފާރިއާ، ސްމާރޓް ފޯނު އުފެއްދުމުގެ ސިނާއަތުގައި ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް ކުންފުންޏެވެ. ދިރިއުޅުމުގެ ކޮންމެ ދުވަހެއްގައި، ސެމްސަންގގެ އުފެއްދުމެއް ނުފެނި ދިއުމަކީ މިހާރު ނާދިރުކަމެއް އެހެންނޫތޯއެވެ. އެހާވެސް ސެމްސަންގެ އުފެއްދުންތަށް ގިނައެވެ.

ދެން އުފެދޭނެ ސުވާލަކީ ސެމްސަންގ ކުންފުންޏަކީ ކިހާ ބޮޑުކުންފުންޏެއް ހެއްޔެވެ. ޖަވާބަކީ ސެމްސަންގއަކީ ތިޔަ ހީކުރާވަރަށްވުރެ ބޮޑުކުންފުންޔެކެވެ. ގިނަ މީހުންނަށް ސެމްސަންގ އެނގިފައި އޮންނަނީ އިލެކްޓްރޯނިކް ތަކެތި އުފައްދާ ކުންފުންޏެއްގެ ގޮތުގައެވެ. އެކަމަކު ހަޤީގަތަކީ އެއީއެއް ނޫނެވެ. އެކުންފުނީގެ ކުޑައިގެ ދަށުގަ  ތަފާތު 80 ދާއިރާއަކުން ވިޔަފާރި ކުރިއައްގެންދެއެވެ. މިގޮތުން ސެމްސަންގ އިންޖިނިއަރިން ކޮންސްޓަރަކްޝަންއާއި، ސެމްސަންގ ޓްރޭޑިން އެންޑް އިންވެސްޓިމެންޓް، ސެމްސަންގ އިލެކްޓްރޯނިކްސް، ސެމްސަންގ އިލެކްޓްރޯ މެކޭނިކްސް، ޓެކްވިން، ސެމްސަންގ މިލިޓަރީ އާރމްސް، ސެމްސަންގ މޮބައިލް ޑިސްޕްލޭ، ސެމްސަންގ ޑިޖިޓަލް އިމޭޖިން، ސެމްސަންގ ހެވީ އިންޑަސްޓްރީޒް، ސެމްސަންގ ލައިފް އިންޝުއަރެންސް، ސެމްސަންގ އިންވެސްޓްމަންޓް ޓްރަސްޓް މެނޭޖްމަންޓް، ސެމްސަންގ ޕެޓްރޯ ކެމިކަލްސް، ސެމްސަންގ ބީ.ޕީ ކެމިކަލްސް، ހިމެނެއެވެ. މީގެ އިތުރުންވެސް ސެމްސަންގއިން ހޮޓެލްސްއާއި ރިޒޯޓްތަކާއި، މެޑިކަލް ސެންޓަރާއި، އިކޮނޮމިކް ރިސާރޗް އިންސްޓިޓިއުޓްއަކާއި، ކަލްޗަރަލް ފައުންޑޭޝަންއަކާއި، ލައިފް އެންޑް ވެލްފެއަރ ފައުންޑޭޝަނެއްވެސް ހިންގައެވެ.

ބުރުޖު ޚަލީފާ

 ދެން އޮތީ އިމާރާތްކުރުމުގެ ދާއިރާއެވެ. މިދާއިރާގައިވެސް ސެމްސަންގ އުޅެނީ ވަރަށްކުރީގައި އެކުންފުނިން ދުނިޔޭގެ އެންމެ އުސް އިމާރާތްތައް ހަދައެވެ. މެލޭޝިއާގެ ޕެޓްރޮނާސް ޓަވަރާއި ދުބާއީގެ ބުރުޖު ޚަލީފާވެސް އިމާރާތްކުރީ ސެމްސަންގ ކުންފުނިންނެވެ. މިހާހިސާބުން ސެމްސަންގ ކުންފުނިން ނުކުރަނީ ކޮންކަމެއްތޯއޭވެސް ހިތައް އަރާފާނެއެވެ. ސެމްސަންގުން ޖެޓް އިންޖީނުވެސް އުފައްދައެވެ. މިލިޓަރީ ރޮބަޓާއި، ހަނގުރާމައިގަ ބޭނުންކުރާ ޓޭންކްތަކާއި، ބިޔަ ބޯޓްތައްވެސް ބަނދެއެވެ. ކޮރެއާގެ އެންމެ ބޮޑު ތީމް ޕާރކް ހިންގަނީވެސް ސެމްސަންގ ކުންފުނިންނެވެ. އަދި މިނޫނަސް ބައިވަރު ވިޔަފާރި އެންޓިޓީތައް އެކުންފުނިން ހިންގައެވެ.

ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ސެމްސަންގ ޓައުންކިޔާ ޓައުނެއް އޮވެއެވެ. ސެމްސަންގ ކުންފުނީގެ އޮފީސް އިމާރާތްތައް ހުންނަނީ މިޓައުންގައި އެކުންފުނިން ބިނާކޮށްފައިވާ އުސް ޓަވަރތަކުގައެވެ. 40 މުވައްޒަފުންނާއި އެކު ފެށި ސެމްސަންގ ކުންފުންޏަކީ މިހާރު 287،439 (ދެލައްކަ އަށްޑިހަ އަތްހާސް ހަތަރުސަތޭކަ ތިރީސް ނުވައެއް) މުވައްޒަފުން ތިބި ކުންފުންޏެއް. ދެކުނު ކޮރެއާ އިޤްތިސާދީގޮތުން ކުރިއަށްދިއުމުގައި އެކުންފުނީގެ ނުފޫޒު ވަރަށްބޮޑެވެ. ކޮރެއާގެ އިޤްތިސާދުގެ 17% (ސަތާރަ ޕަސަންޓް) ހިއްސާކުރަނީވެސް ސެމްސަންގ ކުންފުނިންނެވެ. 2020 ވަނަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 236.81 ޓްރީލިއަން ސައުތްކޮރެއަން ވޮން ލިބިފައިވެއެވެ. މިއީ 212.3 ބިލިއަން ޔޫ.އެސް ޑޮލަރެވެ. މި ހިމަނާލެވުނީ ސެމްސަންގގެ ބައެއް ވާހަކަތަކެވެ. ގްރޯސަރީ ސްޓޯރަކުން ފެށުނު ސެމްސަންގއަކީ މިހާރު މާސިންގާ ބިޔަ ކުންފުންޏެކެވެ.

+1
0
+1
28
+1
0
+1
0
+1
10
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް