November 23, 2024 03:31
Advertisement

-Advertisement-

ނެސްކެފޭ ހަނދަށް ގެންދެވުނު، އެނގެނީ ކިހާވަރަކަށް؟

ނެސްކެފޭއަކީ ސްވިޒަރލެންޑްގެ ނެސްލޭ ކުންފުނީގެ އުފެއްދުމެކެވެ. ނެސްލޭއަކީ ދުނިޔޭގޭ ދަޅުކާނާ އުފައްދާ އެންމެ ބޮޑު ކުންފުންޏެވެ. އެކުންފުނިން ނެސްކެފޭ ބޭނުންކުރަނީ ކޮފީގެ ބްރޭންޑް ނަމެއްގެ ގޮތުގައެވެ. ނެސްކެފޭއަށް ނަންދީފައިވަނީ  ނެސްލޭ ކިޔާއިރު ބޭނުންކުރާ NES މިތިންއަކުރުގެ ތެރެއަށް CAFE މިއަކުރުތައް އިތުރުކޮށް ގުޅުވާލައިގެން NESCAFE ކިޔޭގޮތަށެވެ. ނެސްލޭއިން، ނެސްކެފޭ ތަޢާރަފްކޮށް ދުނިޔޭގޭ ބާޒާރަށް ނެރުނީ މީގެ 83 އަހަރު ކުރިންނެވެ. ދުނިޔޭގެ އެންމެ ފުރަތަމަ އިންސްޓެންޓް ކޮފީ ނެރުނީ ސަޓޯރޭ ކޭޓޯ، 1901 ވަނަ އަހަރުއެވެ. އެދުވަސްވަރު ސަޓޯރޭ އީޖާދުކުރި ކޮފީ ބޭނުންކުރި %80 މީހުންނަށް ކޮފީގެ ރަހައާއިމެދު އެހާ ގަޔާވާގޮތްނުވުމުން އެ ކޮފީ ވައިގައި ހިފާގޮތެއްނުވިއެވެ.

ނެސްކެފޭ ވުޖޫދައް އައުމުގައި ތަފާތު ކަމެއް ހިނގިއެވެ. ނެސްކެފޭ ކޮފީ ނެރެން ދިމާވީ ބްރެޒިލްގެ ސަރުކާރުން ނެސްލޭ ކުންފުނީގައި އެދުނު އެދުމަކަށް ކަމަށްވެއެވެ. އެދުވަސްވަރު ދުނިޔޭގޭ މާކެޓަށްއައި ހީނަރުކަމާއި އެކު ކޮފީގެ އަގު ވަރަށް ބޮޑަށް ދަށަށް ދިއައެވެ. އޭރު ބްރެޒިލްގެ ގުދަންތަކުގައި ނުވިކިހުރި ކޮފީބީންތަށް ބައިވަރު ހުއްޓެވެ. އޭގޭ ސަބަބުން ބްރެޒިލްގެ އިޤްތިސާދައް ދިއައީ އަސަރުކުރަމުންނެވެ. އެހެންކަމުން ބްރެޒިލްގެ ސަރުކާރުން ނެސްލޭ ކުންފުނީގައި އެދުނީ މީހުން ގަޔާވާނެ އިންސްޓެންޓް ކޮފީއެއް ތައްޔާރުކޮށްދިނުމަށެވެ. އެއަށްފަހު ނެސްލޭއިން ހަތްއަހަރު ދުވަސްވަންދެން ކުރި ދިރާސާތަކަށްފަހު، ސްވިޒަރލެންޑްގެ ކެމިސްޓް ޑރ. މެކްސް މޯގަންތާލާ ނެސްކެފޭ އީޖާދުކުރިއެވެ.

ޑރ. މެކްސް މޯގަންތާލާ

ނެސްކެފޭ އުފެއްދުމުގެ ދިރާސާ މަރުހަލާގައި އެނގިގެންދިއައީ ކޮފީ ހަކުރާ ކިރާއި އެއްކޮށް ހިމުންކުރުމުން ގިނަދުވަށް ހަލާކުނުވެ ހުންނަކަމެވެ. އެކަމަކު ދެންދިމާއިވީ އެހެން މައްސަލައެކެވެ. މިގޮތަށް އުފައްދާ ކޮފީ، ފެނާއި އެކުނުވުމުން ފަސޭހައިން ގިރައިނުލެވުމެވެ. ދިރާސާކުރާ ފަރާތްތަކުގެ އަމާޒަކަށްވީ މި ކޮފީ ފަސޭހައިން ގިރާލެވޭގޮތެއް އޮތްތޯ ބެލުމެވެ. ހުއްޓާނުލައި ކުރި މަސައްކަތުން މިކަން ކާމިޔާބުކުރިއެވެ. އެއަށްފަހު މަޝްހޫރު ނެސްކެފޭކޮފީ ދުނިޔޭގެ ބާޒާރާށް ނެރުނީ 1 އޭޕްރީލް 1938ގައެވެ. ނެސްކެފޭ ވެގެންދިއައީ ރަހަމީރު، މީހުންގެ މެދުގައި މަޤްބޫލު ކޮފީއަކަށެވެ. ދެވަނަ ބޮޑުހަނގުރާމައިގައި އެމެރިކާއާއި އިނގިރޭސިވިލާތުގެ ސިފައިން ނެސްކެފޭ ކޮފީ ވަރަށްގިނައިން ބޭނުންކުރިކަމަށްވެއެވެ. އެއީ މައިގަނޑުގޮތެއްގައި ހަށިގަނޑުގައި ވަރުޖެއްސުމަށް ބޭނުންކުރާ ޑްރިންކެއްގެ ގޮތުގައެވެ. ހަމައެއާއިއެކު އެމެރިކާއާއި، އިނގިރޭސި ވިލާތުގައި މީހުން ކޮފީ ބޭނުންކުރާ މިންވަރު ވަރަށްބޮޑަށް އިތުރުވެގެންދިއައެވެ. މިކަމުގެ ސަބަބުން ކޮފީ އުފައްދާ ދެ ކާރުހާނާ އެ ދެގައުމުގައި ހުޅުވަން ޖެހުނެވެ. އަދި ދުވަހަކަށްފަހު ދުވަހެއް ނެސްކެފޭކޮފީގެ މަޤުބޫލްކަން އިތުރުވަމުންގޮސް ހުޅަނގުގެ ޤައުމުތަކުގައި، ޒުވާނުންގެ މެދުގައި ނެސްކެފޭގޭ މަޤުބޫލްކަން އިތުރުވުމުން އެޤައުމުތަކުގައި ކޮފީބާތައް ކުއްލިއަކަށް އިތުރުވެގެން ދިއައެވެ. ޖީލަކަށްފަހު ޖީލަކަށް ނެސްކެފޭގެ މަޤްބޫލްކަން ދިއައީ އިތުރުވަމުންނެވެ.

Advertisement

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮންމެ ސިކުންތަކު 5،500 ތަށީގެ ކޮފީ އިންސާނުން ބުއިމަށް ބޭނުންކުރެވެއެވެ. ޑްރިންކްސް ތަކުގެ ތެރެއިން ނެސްކެފޭ ކޮފީއާއި ވާދަކުރެވޭ އެއްވެސް ޑްރިންކެއް އިންސާނުންނަށް މިހާތަނަށް އުފެއްދިފައެއް ނުވެއެވެ. ދުނިޔޭގެ އެކި ޤައުމުތަކުގައި ނެސްކެފޭކޮފީއަށް އޮތް ޑިމާންޑް ބޮޑުވުމުން އާވައްތަރުގެ ކޮފީ މެޝިންތައް އުފައްދަން ޖެހުނެވެ. އެއީ ބަޓަންއަކަށް ފިތާލުމުން އޮޓަމެޓިކުން ގިރާލެވިގެން ނުކުންނަ މެޝިންތަކެވެ. މިހާރު ބްރެޒިލްގެ އިތުރުން ނެސްކެފޭކޮފީ ދުނިޔޭގޭ 85 ޤައުމެއްގައި ބޭނުންކުރެވެއެވެ.

ނެސްކެފޭއަކީ ހަމައެކަނި އޮރިޖިނަލް ބްރޭންޑް ނަމެއް ނޫންނެވެ. އަހަރުތަކަކަށްފަހު ނެސްކެފޭގެ އުފެއްދުންތައް ވަނީ އިތުރުވެފައެވެ. ނެސްކެފޭގެ ނަމުގައި ތަފާތު އުފެއްދުންތައް މިހާރު ވަނީ ތައާރަފްވެފައެވެ. މިގޮތުން ކަޕަޗިނޯއާ، އެކްސްޕްރެސޯ، ލާޓޭ، ހޮޓްޗޮކްލެޓް، ގޯލްޑަން ބްލެންޑް ކޮފީއަކީވެސް ނެސްކެފޭ ބްރޭންޑްގެ ކޮފީތަކެވެ. ފުރަތަމަ މައުންޓް އެވަރެސްޓަށް އެރި އެޑްމުންޑް ހިލަރީގެ އޮފިޝަލް ޑްރިންކަކީވެސް، ނެސްކެފޭކޮފީއެވެ. އެހެންކަމުން ދުނިޔޭގޭ އެންމެ އުސްފަރުބަދައަށް އެރިއިރު އޭނާއާއިއެކު ނެސްކެފޭ ކޮފީވެސް ގެންދެވުނެވެ.

 އަދި ނެސްކެފޭ ބްރޭންޑްގެ ކޮފީ ހަނދަށް ގެންދެވުނު ވާހަކަ އަޑުއެހިން ހެއްޔެވެ. ފުރަތަމަ ހަނދަށް ދިއަ ނީލްއާމްސްޓްރޯންގްއާއި އޭނާގެ އެޕޯލޯ މިޝަންއިން އޮފިޝަލް ޑްރިންކެއްގެ ގޮތުގައި ހިޔާރުކުރީވެސް ނެސްކެފޭއެވެ. މިކަމުން ދޭހަކޮށްދެނީ ނެސްކެފޭގެ ނަން، ހަނދާއި މައުންޓް އެވަރެސްޓަށް ގޮސްގެން ހަމައެކަނި އުހަށް އެރީނޫންކަމެވެ. ހަމައެއާއި އެކު ފެންވަރު ރަނގަޅު އުފެއްދުމެއްގެ ގޮތުގައި މީހުންގެ މެދުގައި ނެސްކެފޭކޮފީ މަޤްބޫލްކަން ހޯދާ މީހުންގެ ހިތްތަކުގައިވެސް ނެސްކެފޭގެ ނަން އުހަށްއެރިއެވެ. 

+1
0
+1
37
+1
2
+1
0
+1
12
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް