November 24, 2024 21:00
Advertisement

-Advertisement-

ޢިބުރަތްތެރި ވާހަކަ: ގޯސް ރައްޓެހިން އިޚްތިޔާރު ކުރުމުން މުސްތަފާ ބަދަލުވި ގޮތް

ފަސް އިނގިލި އެއްވަރު ނުވާނޭ ބުނުމުން މީގެ މާނަ އެކި ގޮތްގޮތަށް ދޭހަވާ މީހުން އުޅޭނެކަމީ ދެބަސްވުމެއް ނެތް ހަޤީޤަތެކެވެ. މުޖުތަމައުގައި ދިރިއުޅޭނީ ތަފާތު ގިންތީގެ މީހުންނެވެ. އެއްބަޔަކީ އެމީހުންގެ ވަރުގަދަ އީމާންތެރިމަކާއިއެކު ސާބިތުވެތިބޭ މީހުންނެވެ. ނަމަވެސް ބައެއް މީހުން އެދިމާވާ ބައެއްގެ ސަބަބުން ވަގުތުކޮޅަކަށް ނަމަވެސް މަގުން ކައްސާލައިގެންދާކަމީ ހަޤީޤަތެކެވެ. 

މުސްތަފާ އަކީ އަޚްލާޤު ރަނގަޅު ކިޔަމަންތެރި ދީނީ ކަންތައްތައް ބަރާބަރަށް އަދާކުރަމުންދިޔަ މުޖުތަމައުގައި ބަސްވިކޭ މީހެކެވެ. ހެދުން އެޅުމުގައިވެސް މުޖުތަމައު ބަލައިގަންނަ މިންގަނޑުތަކާއި އެއްގޮތަށް އަމަލުތައް ބަހައްޓަމުންދިޔަ މީހެކެވެ. ދިމާވާ ތަފާތު ރައްޓެހިންނަށް ރަނގަޅު ނަސޭހަތް ދެމުންދިޔަ މީހެކެވެ.

ބަދަލު އައުން

Advertisement

މުސްތަފާގެ ރައްޓެއްސަކާއި އެއްދުވަހަކު މަގުމަތިން ދިމާވެގެން ހާލުއަހުވާލު އެހުމަށްފަހު ދެމީހުން ސައެއް ބޯލަން ވަނީ ހޮޓަލަކަށެވެ. ސައިބޯން ތިބެ ދެކެވުނު ވާހަކަތަކުން މުސްތަފާއަށް ރައްޓެހިމީހާގެ ފަރާތުން ރާއްޖެއިން ބޭރަށް ދިއުމަށް ދައުވަތެއް ލިބުނެވެ. މި ދައުވަތު ފަރަތަމަ ޤަބޫލުނުކޮށް އިންކާރު ކުރިއެވެ. ނަމަވެސް ދެމީހުންގެ ދެމެދުގައި ދެކެވުނު ވާހަކަތަކަށްފަހު އެންމެފަހުން މުސްތަފާ ވަނީ އެދަތުރުގައި ބެންކޮކަށް ދާން އެއްބަސްވެފައެވެ.

މި ދަތުރުގައި މުސްތަފާ ހިމެނޭހެން 5 މީހުން ދިޔައެވެ. މުސްތަފާ ފިޔަވައި އެންމެންވެސް ތިބީ ތަހުޒީބު މުޖުތަމައޭ ބައެއް މީހުންކިޔާ ޒަމާނާ އެއްގޮތަށް ހެދުން އަޅާފައެވެ. މުސްތަފާ ތަފާތު ގޮތަކަށް ހުރުމުން އެންމެންވެސް ސަމާސާ ގޮތަކަށް ދިމާކުރަމުންދިޔައެވެ. ނަމަވެސް މުސްތަފާ ފަރަތަމަ އެކަމާ އެހާބޮޑަކަށް އަޅައެއްނުލައެވެ.

މި ދަތުރުގައި ބެންކޮކަށްގޮސް މުސްތަފާ އުޅުނީ ބެލުން ތިރިކޮށްގެންނެވެ. ނަމަވެސް ރައްޓެހިންގެ މަލާމާތުގެ ސަބަބުން މަޑުމަޑުން މުސްތަފާ އިސްއުފުލާ ދިމަދިމާލަށް ނަޒަރު ހިންގަން ފެށިއެވެ. ކައިރީގައި އުޅުނު ރައްޓެހިން ދާތަނަކަށް އެމީހުންނާއެކީ ދާންފެށިއެވެ. އަދި އެމީހުން އުޅޭގޮތަކަށް އުޅެން މާގިނަ ދުވަހެއް ނުނެގިއެވެ. ދަތުރު ނިންމާ އެނބުރި ފުރަންދިޔައިރު މުސްތަފާ ހުރީ އެކުގައިދިޔަ އެހެން މީހުންނަށްވުރެން ދެގުނަ ކުރީގައެވެ. ޒަމާނީ ޖިންސުލުމުގެ އިތުރަށް ބޮލީވުޑް ފިލްމު ތަކުގައި ތަރިން އަޅާ ވައްތަރުގެ ޖެކެޓުލާ މިހާރުގެ ފެޝަނަށް ހެދުން އަޅާފައެވެ. މާލެއައިސް ފެރީއިން ފޭބިތަނާ ރައްޓެއްސަކު މުސްތަފާއޭ ކިޔާ ގޮވާލުމުން "އެއީކާކު މީ މުސްތަފާއެއް ނޫން މަށަށް ކިޔަނީ ކިރިސްޓޮފާ" ކަމަށް ބުންޏެވެ.

ޢިބުރަތް: "އަހިވަކާ ޖެހި އަހިވަށް ފާވުން" ގޯސް ރައްޓެހިން އިޚްތިޔާރު ކޮށްފިނަމަ ގޯސް މަގުން ދިއުމަށް މަގުފަހިވެއެވެ.

+1
0
+1
0
+1
2
+1
10
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް