September 20, 2024 13:59
Advertisement

-Advertisement-

ޖިސްމާނީ އަދި ނަފްސާނީ ގޮތުންވެސް އަނބިންނަށް އަނިޔާވެރިވުން ޙަރާމް!

ފަހަކަށް އައިސް ދުނިޔޭގެ ފެންވަރުގައްޔާއި، އަދި ޤައުމީ ފެންވަރުގައި އަންހެނުންނަށް ކުރެވޭ އަނިޔާގެ ވާހަކަ ދެކެވެއެވެ. އަދި، މިކަމަކީ މުސްލިމު މުޖުތަމަޢުގައި އޮތްކަމެއްކަމާއި އިސްލާމްދީނުގައި އަންހެނުންނަށް އަނިޔާވެރިވުމަށް ބާރު އަޅާކަމަށްވެސް ބުނެއެވެ. މި ހުރިހައި ވާހަކައެއް ދެކެވެނީ އިސްލާމްދީނަކީ އަނިޔާވެރި ދީނެއްކަން އިޙްސާސްކޮށްދިނުމަށެވެ. އަދި އަންހެނުންނަށް އެއްވެސް ޙައްޤެއް ދެއްވާފައިވާ ދީނެއްނޫންކަން ދެއްކުމަށްޓަކައެވެ. އަނބިމީހާއަށް އަނިޔާކުރުން ނުވަތަ ޖެހުން އެއީ ފިރިމީހާއަށް ދެއްވާފައިވާ ޙައްޤެއްކަމަށް ބުނާ މީހުންވެސް މަދެއްނޫނެވެ.  އަދި ތިމަންނަ މި އަނިޔާ ކުރަނީ އެ ޙައްޤުގެ ދަށުންކަމަށް ބުނާ މީހުން މަދެއް ނޫނެވެ. އެއަށްވުރެ ދެރަކަމަކީ އެއީ ޙައްޤެއްކަމަށް ދެކި އެއަށް ޢަމަލުކުރާ މީހުންނެވެ.

ހަޤީޤަތަކީ އެމީހުންނަށް އިސްލާމް ދީން ރަނގަޅަށް ނޭގުމެވެ. މި ދީނުގެ ޙުކުމްތައް އެނގޭ މީހަކު އަނބިންނަށް އަނިޔާވެރިއެއް ނުވާނެއެވެ. ފިރިމީހާއަށް އަމުރުވެވިގެންވަނީ އަނބިމީހާއަށް އޯގާތެރިވުމަށެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް އަނިޔާވެރިވުން ޙަރާމް ކުރައްވާފައިވެއެވެ. އަނބިންނަށް އޯގާތެރިވުމަށާއި ލޯބި ދިނުމަށާއި އަޅައިލުމަކީ އިސްލާމްދީނުގައި އަނބިންނަށް ލިބިދީފައިވާ ޙައްޤެކެވެ. ކީރިތި ޤުރްއާނުގެ އެތަށް އާޔަތެއްގައި އަނބިންނަށް އޯގާތެރިވުމަށް ފިރިންނަށް އަމުރުކުރައްވާފައިވެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "އަދި، ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ!" (ނިސާއު 19).  ހެޔޮ ގޮތުގައި އަނބިމީހާއެކު ނޫޅެވޭނަމަ، ހެޔޮ ގޮތުގައި ދޫކޮށްލުމަށްވެސް އަމުރު ކުރައްވާފައިވެއެވެ. މިކަން ބަޔާން ކުރައްވައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. "ވަރިކުރުން އޮތީ ދެފަހަރުއެވެ. ދެންއޮތީ ހެޔޮގޮތުގައި (އެކަނބަލުންނާ) އިނދެގެން އުޅުމެވެ. ނުވަތަ ހެޔޮކޮށް ހިތުމާއެކު (އެކަނބަލުން) ދޫކޮށްލުމެވެ." (ބަޤަރާ 229).

އިސްލާމުދީނުގައި  ފިރިމީހާއަށް ޖެހުމުގެ ޙައްޤުދެއްވާފައިވާ ކަމަށްބުނެ އަނބިމީހާ ގައިގައި ޖެހުން ދީން ހުއްދައެއްނުކުރެއެވެ. އެހެނީ ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ އެނަމޫނާ ދައްކަވާފައެވެ. އެކަލޭގެފާނު ދުވަހަކުވެސް އަނބިކަނބަލެއްގެ ގައިގައި ޖައްސަވާފައިނުވެއެވެ. އެއީ ޚިޔާލު ތަފާތުވުމާއި ހަމަނުޖެހުން އުފެދުނުކަމުގައިވިޔަސް މެއެވެ. މާތްނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވައިފައިވެއެވެ. [ތިޔަބައިމީހުންކުރެ އަނބީންނަށް ހެޔޮ މީހަކު، ފަހަރެއްގައި ވެސް އޭނާގެ އަނބިމީހާގެ ގައިގައި ނުޖަހާހުއްޓެވެ.] (ރަވާހު ބައިހަޤީ ، ޙަސަން ދަރަޖައިގެ ޙަދީޘެއް/ޝެއިޚް އަލްބާނީ) މިފަދަ އެހެން ބަސްފުޅެއްގައިވެއެވެ. [އަޅު މީހެއްގެ ގައިގައި ތަޅާގޮތަށް ތިޔައިން އެކަކު ވެސް، ތިމާގެ އަނބިމީހާގެ ގައިގައި ނުޖަހާހުށިކަމެވެ. އެހެނީ (އޭނާގެ ގައިގައި ތެޅުމަށްފަހު) ރޭގަނޑު އޭނާއާ އެއްދާންކުރަންވެސް ޖެހެއެވެ.] 

Advertisement

 މާތްﷲ ވަޙީކުރައްވާފައިވެއެވެ. "އެކަނބަލުން ނުކިޔަމަންތެރިވެދާނެކަމަށް، ތިޔަބައިމީހުން ބިރުގަންނަނަމަ، ފަހެ، އެކަނބަލުންނަށް نصيحةދޭށެވެ! އަދި، އެކަނބަލުންނާއެކު އެއްދާންކުރުން ދޫކޮށްލާށެވެ! އަދި، އެކަނބަލުންގެ ގައިގައި (ހާނީއްކަ ނުވާގޮތުން) ޖަހާށެވެ!" (ނިސާއު). އިސްލާމްދީނުގައި އަނބިމީހާއަށް އަނިޔާވެރިވުމަކަށް ބާރެއް ނާޅުއްވައެވެ. ނަމަވެސް މި އާޔަތުގައި "ޖެހުން" މިބަސް އައިސްފައިވަނީ ކޮން މާނައެއްގަތޯއެވެ؟

 "ޖެހުން" މިބަހުގެ އަޞްލު މާނައަކީ އަނބިމީހާ ނުކިޔަމަންތެރި ވެއްޖެނަމަ، އޭނާ އިޞްލާޙުކުރުމެވެ. ކިޔަމަންތެރިކުރުވުމެވެ. ނުވަތަ އެއީ ނުރުހިފައި ހުރިކަން އަނބިމީހާއަށް އިޙްސާސްކޮށްދިނުމެވެ. ޢިލްމުވެރިން ވިދާޅުވަނީ އެއީ އަނިޔާނުވާ ގޮތަށް އަނބިމީހާ އަދަބުވެރި ކުރުވުންކަމުގައެވެ. އަދި އެއީ ސިވާކު ދަނޑިކޮޅަކުން އަނބިމީހާގެ މޫނާއި ނާޒުކު ގުނަވަންތައް ފިޔަވައި އެހެން ތަންތާގައި ޖެހުންކަމުގައެވެ . ނަމަވެސް މީގެ މާނައަކީ ހިތުހުރިގޮތަކަށް އަނބިމީހާގެ ގައިގައި ތެޅުމުގެ ހުއްދަ ފިރީންނަށް ދެއްވުމެއްނޫނެވެ. އަދި ހިތުހުރިހައި އެއްޗެއް އަނބިމީހާއަށް ކިޔުމެއްވެސް ނޫނެވެ. ތިމާގެ އަތާއި ދުލުންވެސް އަނބިންނަށް ހިމާޔަތްތެރިކަން ދޭން ޖެހޭނެއެވެ.

 ކައިވެނީގެ މައިގަޑު މަޤްޞަދަކީ އޯގާތެރިކަމާއި ކުލުނާއި ރަހުމެވެ. ޤުރުއާނުގެ އެތަށް ތަނެއްގައި އަންހެނުންނަށް ހެޔޮކޮށް ހިތުމަށް އައިސްފައިވެއެވެ. ވީމާ ހަމައެކަނި މިއާޔަތުގައި ޖެހުން އައިސްފައިވަނީ އެހެން މާނައެއްގައިކަން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ. އަދި ޖަހައި އަނިޔާކުރާ ކައިވެންޏަކީ އިސްލާމްދީނުގެ މަޤްޞަދުގައިވާ ކައިވެނި ދެމެހެއްޓުމަށް އެޅޭ ހުރަހެކެވެ. ވީމާ ކައިވެނި ދެމެހެއްޓުމާއި، އަނބިމީހާ ބެލެހެއްޓުމަށް އަމުރުކުރެއްވުމަށްފަހު ޖަހަން އަމުރުކުރާނަމަ އެއީ ފުޝޫއެރުމެކެވެ. އިސްލާމްދީނުގައި އެއްވެސް ކަމެއްގައި ފުޝޫ އެރުމެއްނުވެއެވެ. އަދި ތިމާ ހިތުހުރިގޮތަކަށް އަނބިމީހާގެ ގައިގައި ތެޅުމުގެ ހުއްދަ ފިރީންނަށް ދެއްވުމެއްނޫނެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި، ދެމަފިރިންނަކީ އެކަކު އަނެކަކަށް އޯގާތެރި، ލޯބިވާ ބަޔަކުކަމުގައިވުމުން، އެއިން އެކެއްގެ ވެސް، ވަކިންޚާއްޞަކޮށް ފިރިމީހާގެ ކޮންމެ ބީހިލުމަކީ، ކުލުނުވެރި، މަޑުމައިތިރި، ލޯބިވެރި ބީހުމެކެވެ. އެފަދަ މީހަކު ފުށްއިނގިލިކުރިން ޖަހައިލުމަކީ ވެސް، އަނބިމީހާގެ ޙައްޤުގައި [ހާނީއްކަނުވާގޮތަށް ޖެހުނު ޖެހުމެއް] ކަމުގައިވާނެއެވެ. (ރިޔާޟުއް ޞާލިޙީން)

 ޤަވާމަތަކީ (ރައްކާތެރިކަމަކީ) ފިރިމީހާގެ މައްޗަށް އިސްލާމްދީން ކަޑައަޅުއްވާފައިވާ ވަރަށްބޮޑު މަސްއޫލިއްޔަތެކެވެ. އިސްލާމް ދީނުގައި މިކަން ފިރިމީހާގެ މައްޗަށް ވާޖިބުކުރައްވައި އަނބިމީހާއަށްޓަކައި ފިރިމީހާ ޒިންމާދާރު ކުރައްވާފައިވުމީ އަންހެނާއަށްޓަކައި ކަނޑައަޅާފައިވާ ވަރަށްބޮޑު ޢިއްޒަތެކެވެ. ޝަރަފެކެވެ. މާތްﷲ ޞުބުޙާނަހޫ ވަތަޢާލާ ހުއްދަކުރައްވާފައިވާ ގޮތުގައި ކައިވެނީގެ ގޮތުން ގުޅިފައިވާ އަންހެނާ ރައްކާތެރިކުރުމަށްޓަކައި، އޭނާގެ ބެލެހެއްޓުން ފިރިމީހާއާއި ޙަވާލުކުރެވި، އޭނާގެ މަޞްލަޙަތުއޮތް ކަންތައްތަކަށާއި އުފަލާއި ހިތްހަމަޖެހުމަށް ރިޢާޔަތްކުރުމަށް ބާރުއަޅައި އޭނާގެ ޚިދްމަތުގައި ފިރިމީހާ ލައްވައިފައިވެއެވެ. އިބްނު ޖަރްޖީރު މިއާޔަތުގެ މާނައިގައި ވިދާޅުވެފައިވަނީ ފިރިމީހާއަކީ އަނބިމީހާގެ ބެލެހެއްޓުންތެރިޔާކަމަށާއި އެކަނބުލޭގެ އަދަބުވެރިކުރުމާއި ދީނުގައި އަންގަވައިފައިވާކަންތައް ކުރުވުމަކީ ފިރިހެނާގެ މައްޗަށް ލާޒިމުކަމެކެވެ. އަނބިމީހާގެ މައްޗަށް ފިރިމީހާ އައުލާކަންބޮޑުވެ މަތިވެރިވެފައިވަނީ އަނބިމީހާއަށް ރަން ދިނުމުގައްޔާއި، ޚަރަދު ދިނުމުގައްޔާއި، ބެލެހެއްޓުން ވާޖިބު ކުރައްވާފައިވުމުންނެވެ.

މިއާޔަތުގައި ބުނެފައިވާ "ނުކިޔަމަންތެރިވާ އަންހެނުންގެ" މި ބަސް ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ރަނގަޅަކަށްނޫނެވެ. ތިމާ ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު އަނބިމީހާ ނުކިޔަމަންތެރިވީކަމަށްބުނެ އަނިޔާކުރާ މީހުން މަދެއްނޫނެވެ. ނަމަވެސް މިއާޔަތުގައި ނުކިޔަމަންތެރިކަން އައިސްފައިވަނީ އެންމެ މަތީ ދަރަޖާގައި ނުކިޔަމަންތެރިވާ އަންހެނުންނަށެވެ. އަދި، އެކަހަލަ އަންބަކަށްވެސް އަނިޔާވެރިވުން ހުއްދަކުރައްވާފައެއް ނުވެއެވެ. އަނިޔާވާފަދަ ގޮތަކަށް، ނުވަތަ އަންހެންމީހާއަށް ގެއްލުމެއް ލިބޭފަދަގޮތަކަށް ޖެހުން ހުއްދަކުރައްވާފައެއް ނުވެއެވެ. އެއީ ނުކިޔަމަންތެރިކަން އަދާކުރިނަމަވެސްހެއެވެ. ނަމަވެސް ހުއްދަކުރައްވާފައިވަނީ އެއަނބިމީހާ އަދަބުވެރިކުރުމެވެ. އެކަމުންވެސް ނުކިޔަމަންތެރިވެއްޖެނަމަ ހެޔޮގޮތުގައި ދޫކުރުން އައުލާވެގެންވެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "ތިޔަބައިމީހުންގެ އަނބިން ވަރިކޮށް އެކަނބަލުންގެ ޢިއްދާ ހަމަވާން ގާތްވެއްޖެނަމަ، ހެޔޮގޮތުގައި ތިޔަބައިމީހުން އެކަނބަލުން (ރުޖޫޢަކޮށް) ހިފަހައްޓާށެވެ! ނުވަތަ، ހެޔޮގޮތުގައި އެކަނބަލުން ދޫކޮށްލާށެވެ! އަދި، ގެއްލުންދިނުމުގެ ގޮތުން އަނިޔާވެރިވުމަށްޓަކައި އެކަނބަލުން ނުހިފައްޓާށެވެ! އަދި، އެކަން އެގޮތަށް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ އަމިއްލަ ނަފްސަށް އަނިޔާކޮށްފިކަން ކަށަވަރެވެ. އަދި މާތްﷲ ގެ އާޔަތްތައް އެއީ ހެއްވާއެއްޗެއްކަމުގައި، ނުވަތަ ކުޅިވަރެއްކަމުގައި، ތިޔަބައިމީހުން ނަހަދާށެވެ!".

 ޢާއިޝާ ރަޟިޔައްﷲ އަންހާ ރިވާކުރައްވާފައިވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ދުވަހަކުވެސް އެއްވެސް އެއްޗެއްގައި ޖައްސަވާފައެއްނުވެއެވެ، އަންހެނެއް އަދި ޚާދިމެއްގެ ގައިގައިވެސް ޖައްސަވާފައެއްނުވެއެވެ" (ރަވާހު މުސްލިމް)

 ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ޙަދިޘްކުރައްވާފައިވެއެވެ. "އަންހެނުންނާއިމެދުގައި ތިޔަބައިމީހުން ރައްކާތެރިވާށެވެ. ފަހެ ހަމަކަށަވަރުން އެކަނބަލުންނަކީ ތިޔަބައިމީހުންގެ ގާތުގައިވާ އެހީތެރިންނެވެ. އެކަނބަލުން ތިޔަބައިމީހުން ލިބިގަތީ ﷲގެ އަމާނާތެއްގެ ގޮތުގައެވެ. އަދި އެކަނބަލުންގެ ލަދުވެތި ގުނަވަންތައް ތިޔަބައިމީހުން ހުއްދަކޮށްގަތީ ﷲގެ ކަލިމައިންނެވެ. އަދި ތިޔަބައިމީހުން ގެ މައްޗަށް އެކަނބަލުންނަށް ކާންދިނުން ވެއެވެ. އަދި އެކަނބަލުންނަށް ފޭރާންދިނުމެވެ." (ރަވާހު މުސްލިމް)

 އަންހެނުންނަކީ ނިކަމެތި ބައެއްކަމަށް ދެކި، ތިމާ ބޭނުން ގޮތަކަށް ކަންތައްކުރެވިދާނެކަމަށް ޤަބޫލުކުރުމަކީ ކޮށްގެންވާނެކަމެއްނޫނެވެ. އަންހެނުންނަކީ ތިމާ ބޭނުންގޮތެއް ހަދަންޖެހޭ މީހެއްކަމަށްވެސް ޤަބޫލުކޮށްގެން ނުވާނެއެވެ. ނަމަވެސް އަޅުގަނޑުމެންގެ މުޖުތަމައުގައި ބައެއް މީހުންގެ ފަރާތުން ފެންނަނީ ވަރަށް ނޭދެވޭ މަންޒަރެކެވެ. އަދި މިއީ އިސްލާމްދީނުގައި އޮތް ގޮތޭބުނެ އެކަންކުރާ މީހުންވެސް މަދެއްނޫނެވެ. އަނބިމީހާއަށް އަނިޔާވެރިވުމަކީ އިސްލާމީ ޝަރީޢަތުގައި އޮތްކަމެއްނޫނެވެ. ނަމަވެސް ބައެއް މުސްލިމުންގެ ގައިގައި ހިފައިފާ ހުންނަ ނޭދެވޭ އަޚްލާޤެވެ. ޖާހިލިއްޔަ ޒަމާނުގެ އަޚްލާޤެވެ. އެނުބައި އަޚްލާޤު ނައްތައި ލެއްވުމަށްޓަކައި މާތްﷲ ބާވައިލެއްވި ޝަރީޢަތާވެސް މުޅިން ޚިލާފުކަމެކެވެ. ޢާއިޝާ ރަޟިޔައްﷲ ޢަންހާ ރިވާކުރައްވާފައިވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ، އެމީހެއްގެ އަހުލުންނަށް (އެބަހީ: އަނބިންނަށް) ހެޔޮ މީހާއެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން އަހުލުންނަށް އެންމެ ހެޔޮ މީހަކީ ތިމަންކަލޭގެފާނެވެ." ކީރިތި ރަސޫލާ صلى الله عليه وسلم ގެ އެހެން ޙަދީޘް ބަސްފުޅެއްގައިވެއެވެ.  (خيركم من لا يضرب)  "ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ އަނބިންގެ ގައިގައި ނުޖަހާމީހުންނެވެ."  مصنف ابن أبي شيبة - (8 / 368).

ރަސޫލު الله صلى الله عليه وسلم ސުވަރުގެ ވަޑައިގެން އާލާސްކަންފުޅުގައި، އުއްމަތަށް އެންމެފަހުންކުރެއްވި ވަޞިއްޔަތުގައި ވެސް ނަމާދަށް ރައްކައުތެރިވުމަށާއި، އަނބީންނަށް ހެޔޮކޮށްހިތުމަށް އަމުރުކުރައްވައިފައި ވެއެވެ. ކީރިތި ޤުރްއާނާއި ރަސޫލާ  صلى الله عليه وسلم ގެ އެތަށް ޙަދީޘްބަސްފުޅެއްގައި އަނބިންނަށް އޯގާތެރިވުމާއި އަނިޔާވެރިނުވުމަށް އައިސްފައިވެއެވެ. މިހެން މިކަން އޮތްއިރު، އަނބިންގެ ގައިގައި ތެޅުމަކީ ފިރިންނަށް ހުއްދަވެގެންވާ ކަމެއްކަމުގައި ނުބުނެވޭނެއެވެ. އެމީހަކީ އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ އިމުން ބޭރުވެފައިވާ މީހެކެވެ. އިސްލާމްދީނުގެ އިމަކީ އޯގާތެރިވުމެވެ. އަނިޔާވެރިނުވުމެވެ. އަދި އެކަނބުލޭގެއަކީ ތިބާއާ ހަވާލު ކުރެވިފައިވާ އަމާނާތެކެވެ. އެއީ މާތްﷲ އަމުރުފުޅާ އެއްގޮތަށް އެކަނބުލޭގެ ހުރިހައިކަމެއް ބެލެހެއްޓުމުގެ ޒިންމާއެވެ. އެ ޒިންމާއަށް ރައްކައުތެރިވާށެވެ.

+1
3
+1
7
+1
9
+1
0
+1
2
+1
1
+1
1

Advertisement

ގުޅުންހުރި ލިޔުންތައް