September 20, 2024 13:45
Advertisement

-Advertisement-

ނަމާދުގައި ކުށެއް ކުރެވޭ ހާލަތުގައި ޢަމަލުކުރާނީ ކިހިނެތް؟

ނަމާދަކީ އެންމެ މާތް އަޅުކަމެވެ. މަތިވެރި އަޅުކަމެކެވެ. އެ އަޅުކަމެއްގެ ޘަވާބާއި ދަރުމަ އެހެން ހުރިހައި އަޅުކަންތަކަށްވުރެ އިތުރުވެގެންވެއެވެ. އެހެން ހުރިހައި އަޅުކަމެއް ފަރުޟު ކުރެއްވުނީ ޖިބްރީލުގެފާނު މެދުވެރިކުރައްވައި ވަޙީގެ ޒަރީއާއިންނެވެ. ނަމަވެސް، ނަމާދު ފަރުޟު ކުރެއްވުނީ އެކަލާނގެ ޙަޟްރަތަށް ގެންދަވައި އިސްރާއާއި މިޢުރާޖުގެ ރޭގައެވެ. މިކަމުންވެސް ނަމާދުގެ މާތްކަމާއި މުހިންމުކަން އެނގިގެން ދެއެވެ. މިހެންކަމުން ކޮންމެ މުސްލިމަކުވެސް ނަމާދަށް ރައްކައުތެރިވާންޖެހެއެވެ. އަދި ނަމާދާއި ގުޅުން ހުރި ޙުކުމްތައް ދެނެގަންނަން ޖެހެއެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތުގައި ނަމާދު ކުރަންވީގޮތް ވަނީ ވަރަށް ފުރިހަމައަށް ބަޔާން ކުރައްވާފައެވެ. ނަމާދުގައި ކުރެވޭ ކުށްތައް އިޞްލާޙު ކުރާނެ ގޮތާއި، ނަމާދުގެ ކިޔާ ތަކެއްޗާއި، ރުކުންތަކާއި ވާޖިބުތަކެވެ. އަދި ނަމާދުގައި ރަކުޢަތާއި މެދު ޝައްކު ކުރެވޭ ނަމަ ހަދާނެ ގޮތް ވެސް ވަނީ ބަޔާން ކުރައްވާފައެވެ. ވީމާ މިކަން ކުރަން ޖެހޭ ގޮތް ނޭނގި ނަމާދު ކުރާ ނަމަ އެއީ ވެވޭ ވަރަށް ބޮޑު އިހުމާލެކެވެ.

ނަމާދުގައި ރުކުނެއް އެޅުނު މީހާ އާއި ވާޖިބެއް އެޅުނު މީހާގެ ޙުކުމް ތަފާތެވެ. އަދި ގަސްދުގައި ރުކުނެއް ދޫކުރާ މީހާ އާއި ހަނދާންނެތިގެން ދޫ ކުރެވޭ މީހާގެ ޙުކުމްވެސް ތަފާތެވެ. ނަމާދުގައި ހަނދާންނެތި ދޫކުރެވޭ ކަންކަމާއި ކުށެއް ކުރެވުމުން އެ ކަމުން ސަލާމަތްވުމަށްޓަކައި ދެ ސަޖިދަ ކުރުމަށް ކީރިތި މާތް ނަބިއްޔާވަނީ އަންގަވާފައެވެ. އަދި ސަލާމް ދިނުމުގެ ކުރިންނާއި ފަހުން ސަޖިދަ ޖަހަން ޖެހޭ ހާލަތްތައްވެއެވެ.

Advertisement

ކުށު ސަޖިދަ ޖަހަން ޖެހޭ ހާލަތްތަކާއި ވަގުތު:

  • އިތުރުވުން: ހަނދާންނެތި ނަމާދުގެ ރުކުނެއް ނުވަތަ ވާޖިބެއް އިތުރަށް ކުރެވިއްޖެ މީހަކު، ކުށު ސަޖިދަ ޖަހާނީ ސަލާމް ދިނުމަށްފަހުއެވެ. މިސާލަކަށް؛ ހަނދާންނެތި ނަމާދުގައި ރުކޫޢެއް އިތުރަށް ކުރެވުން، ސަޖިދައެއް ނުވަތަ ރަކުޢަތެއް އިތުރަށް ކުރެވުނު މީހާ، ނަމާދު ފުރިހަމަކޮށް ސަލާމް ދިނުމަށްފަހު، އަނެއްކާވެސް ދެ ސަޖިދަކޮށް އަލުން ސަލާމް ދޭނީއެވެ.

ގަސްދުގައި ނަމާދުގެ ރުކުނެއް އަދި ވާޖިބެއް އިތުރުކުރި މީހާގެ ނަމާދު ބާޠިލުވާނެއެވެ. އެ މީހަކު ޖެހޭނީ އަލުން ނަމާދު ކުރާށެވެ.

  • މަދުވުން: ނަމާދުގެ ވާޖިބެއް އަދި ރުކުނެއް ގަސްތުގައި އުނި ކޮށްފި މީހެއްގެ ނަމާދު ބާޠިލުވާނެއެވެ. މިސާލަކަށް؛ މީހަކު ގަސްތުގައި ސޫރަތުލް ފާތިޙާ ނުކިޔުން (އެއީ ރުކުނެއް) ނުވަތަ ފުރަތަމަ އައްތަހިޔާތު ނުކިޔުން (އެއީ ވާޖިބެއް)މި ފަދަ ހާލަތުގައި ނަމާދު ބާޠިލުވާނެއެވެ. އެ މީހަކު ޖެހޭނީ އަލުން ނަމާދު ކުރާށެވެ.

ނަމަވެސް ނަމާދުގެ ވާޖިބެއް އަދި ރުކުނެއް ހަނދާންނެތި ދޫ ކުރެވުނު މީހަކު ޢަމަލު ކުރާނީ ތިރީގައި މި ބަޔާންކުރާ ގޮތަށެވެ.

 (ހ) ހަނދާންނެތި ނަމާދުގެ ވާޖިބެއް ދޫކުރެވުން: ނަމާދުގެ ވާޖިބެއް ހަނދާން ނެތި ދޫކުރެވުނު މީހަކު، ނަމާދު ފުރިހަމަ ކުރާނީއެވެ. އަދި ސަލާމް  ދިނުމުގެ ކުރީގައި ދެ ސަޖިދަ ކުރާނީއެވެ.

މިސާލަކަށް: ހަނދާންނެތިގެން ފުރަތަމަ އައްތަހިއްޔާތު ކިޔުމަށް ނުއިށީނދެ ނަމާދައިގެން ކުރިއަށް ދިއުމަށްފަހު، ތިންވަނަ ރަކުޢަތަށް ކޮޅަށް ތެދުވެ ހަމަޖެހުމުގެ ކުރިން އެ ކަން ހަނދާންވެއްޖެނަމަ، އައްތަހިއްޔާތު ކިޔުމަށްޓަކައި އިށީންނަން ޖެހޭނެއެވެ. ފުރިހަމައަށް ކޮޅަށް ތެދުވުމަށްފަހު، ހަނދާންވެއްޖެނަމަ އިށީނުމަކާނުލައި ނަމާދު ފުރިހަމަކޮށް، ސަލާމް ދިނުމުގެ ކުރިން ދެ ސަޖިދަ ކުރާނީއެވެ.

 މިސާލަކަށް: ހަނދާންނެތިގެން ސަމިޢަﷲ ލިމަން ޙަމިދައިގެ ބަދަލުގައި ﷲ އަކުބަރު ކިޔިއްޖެ މީހާ، ސަލާމް ދިނުމުގެ ކުރީގައި ކުށު ސަޖިދަ ކުރުމުން ފުދޭނެއެވެ.

(ށ) ހަނދާންނެތި ނަމާދުގެ ރުކުނެއް ދޫކުރެވުން: ހަނދާންނެތިގެން ނަމާދުގެ ރުކުނެއް ދޫކުރެވުނު މީހާ، އެ ރުކުނެއް އަދާ ކުރެވޭނަމަ ކުރާނީއެވެ. އަދި އެ ރުކުން ނުކުރެވޭ މީހާ، އެ ރަކުޢަތް އަލުން ކުރާނީއެވެ.

މިސާލަކަށް؛ ދެވަނަ ރަކުޢަތުގައި ރުކޫޢު ނުކޮށް ސަޖިދައަށް ދަނިކޮން ހަނދާން ވެއްޖެ ނަމަ އަވަހަށް ތެދުވެ ރުކޫޢުކޮށް އެރަކުޢަތް ފުރިހަމަ ކުރާނީއެވެ. ނަމަވެސް ހަނދާންވީ ސަޖިދައަށް ގޮސް ހަމަޖެހުނު ފަހުން ކަމުގައިވަނީ ނަމަ، އެރަކުޢަތަކީ ނުކުރެވޭ ރަކުޢަތަކަށް ބަލައި އަލުން އެރަކުޢަތް އިޔާދަ ކުރާނީއެވެ. އަދި ސަލާމް ދިނުމުގެ ކުރީގައި ކުށު ސަޖިދަ ކުރާނީއެވެ. ގަސްދުގައި ރުކުނެއް އަޅައިފި ނަމަ ނަމާދު ބާޠިލުވާނެއެވެ. މިގޮތަށް ރަކުޢަތުގެ އަދަދު ފުރިހަމަ ކުރާއިރު ކުރާނީ ތަރުތީބުންނެވެ.

މިސާލަކަށް؛ ފުރަތަމަ ރަކުޢަތުގައި ސޫރަތުލް ފާތިޙާ ނުކިޔަވައި ރުކޫއަތް ދަނިކޮށް ހަނދާންވެއްޖެ މީހާ، އަވަހަށް ތެދުވެ ސޫރަތުލް ފާތިޙާ ކިޔަވައި ނަމާދު ކުރިއަށް ގެންދާނީއެވެ. ނަމަވެސް ރުކޫޢަތް ދިޔަ ފަހުން ހަނދާންވި މީހާ، އެ ރަކުޢަތް ނުކުރެވޭ ރަކުޢަތަކަށް ބަލައި ނަމާދުގެ ރަކުޢަތުގެ ޢަދަދު ހަމަކޮށް ފުރިހަމަ ކުރާނީއެވެ. އަދި ސަލާމް ދިނުމުގެ ކުރީގައި ކުށު ސަޖިދަ ކުރާނީއެވެ. މިގޮތަށް ރަކުޢަތުގެ އަދަދަ ފުރިހަމަ ކުރާއިރު ކުރާނީ ތަރުތީބުންނެވެ.

  • ޝައްކުވުން؛ ނަމާދުގައި ކުރެވުނު ރަކުޢަތުގެ އަދަދާއިމެދު ޝައްކުވާ މީހާ ޢަމަލު ކުރާނީ ޔަޤީނަށެވެ. ޝައްކު ފިލުވައިލައި، އޭނާއަށް ޔަޤީންކަން އޮތް މިންވަރުގެ މައްޗަށް ނަމާދު ފުރިހަމަ ކުރާނީއެވެ.

(ހ) މީހަކު، އޭނާގެ ނަމާދުގައި ކުރެވުނީ 3 ރަކުޢަތްކަން ނުވަތަ 4 ރަކުޢަތްކަން ޝައްކުވާ މީހާ، އޭނާއަށް ބޮޑަށް ޔަޤީންވަނީ 4 ރަކުޢަތްކުރެވުނު ކަމަށެވެ. މި ހާލަތުގައި  އިތުރު ރަކުޢަތެއް ކުރާނެކަމެއް ނެތެވެ. އެއީ ބޮޑަށް ޔަޤީންވަނީ 4 ރަކުޢަތްކަމަށްވާތީއެވެ. ނަމާދު ފުރިހަމަ ކުރުމަށްފަހު، ކުށު ސަޖިދަ ޖަހާނީ ( ކުށު ސަޖިދަ ޖަހަނީ ޝައްކު ވީތީއެވެ.) ސަލާމް ދިނުމުގެ ކުރިންނެވެ. 

(ށ) މީހަކު، އޭނާގެ ނަމާދުގައި ކުރެވުނީ 3 ރަކުޢަތްކަން ނުވަތަ 4 ރަކުޢަތްކަން ޝައްކުވާ މީހާ، އޭނާއަށް ކުރެވުނު ރަކުޢަތުގެ ޢަދަދާއި މެދު ޔަޤީނެއްނޫނެވެ. މި ހާލަތުގައި  އޭނާ ބަލާނީ ކުރެވުނީ 3 ރަކުޢަތްކަމަށެވެ. ސަބަބަކީ އެއީ ކުރެވުނުކަން ޔަޤީންވާ މިންވަރެވެ. ވީމާ، 1 ރަކުޢަތް އިތުރަށް ކޮށްފައި، ކުށު ސަޖިދަ ޖަހާނީ ސަލާމް ދިނުމަށްފަހުގައެވެ.

އިސްވެ ބަޔާންވެ ދިޔައީ ނަމާދުގެ ޙަރަކާތްތުގައި އިތުރުވުން ނުވަތަ މަދުވުން ނުވަތަ ޝައްކުވުމުން ޢަމަލުކުރާނެ ގޮތެވެ. ނަމަވެސް، އެއަށް ޢަމަލުކުރަން އެނގޭނީ ނަމާދުގެ ރުކުނާއި ވާޖިބު ދެނެގަންނަން އެނގިގެންނެވެ. ތިރީގައި މި ބަޔާން ކުރަނީ ނަމާދުގެ ވާޖިބުތަކާއި ރުކުންތަކެވެ.

ނަމާދުގެ ރުކުންތައް:

  • ކުޅަދާނަވެގެންވާ މީހާ ފަރުޟު ނަމާދަށް ކޮޅަށް ހުރުން
  • ތަކުބީރަތުލް އިޙްރާމް
  • ސޫރަތުލް ފާތިޙާ ކިޔުން
  • ރުކޫޢުކުރުން
  • ރުކޫޢުން ތެދުވެ، އިޢްތިދާލުގައި ޤާއިމުވެހުރުން
  • ސަޖިދަ ކުރުން
  • ސަޖިދައިން ތެދުވުން
  • ދެ ސަޖިދަ ދެމެދު އިނުން
  • ދެވަނަ ސަޖިދަ ކުރުން
  • ހުރިހައި ރުކުންތަކެއްގައިމެ މަޑުކޮށްލުން
  • ފަހު އައްތަހިޔާތަށް އިނުން
  • ދެ އައްތަހިޔާތު ދެމެދުގައި އިށީނުން
  • ފަހު އައްތަހިޔާތުގައި ކީރިތި ރަސޫލާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔެވުން
  • ތަރުތީބުން ރުކުންތައް އަދާ ކުރުން
  • ދެ ސަލާމް ދިނުން

ނަމާދުގެ ވާޖިބުތަކަކީ:

  • ތަކުބީރަތުލް އިޙްރާމް ފިޔަވައި އެހެން ހުރިހައި ތަކުބީރެއް
  • سبحان ربى العظيم މަދުވެގެން އެއްފަހަރު ރުކޫޢުގައި ކިޔުން
  • سبحان ربي الأعلى މަދުވެގެން އެއްފަހަރު ސަޖިދައިގައި ކިޔުން
  • سمع الله لمن حمدة އިމާމު މީހާއާއި މައުމޫމުން ކިޔުން
  • ربنا ولك الحمد އިމާމު މީހާއާއި މައުމޫމުން ކިޔުން
  • "رب اغفر لي، رب اغفر لي " ދެ ސަޖިދަދެމެދުގައި ކިޔުން (މި ނޫން އިތުރު ޛިކުރުތައްވެސް ވާރިދުވެގެން އައިސްފައިވެއެވެ.)
  • ފުރަތަމަ އައްތަހިޔާތު
  • ފުރަތަމަ އައްތަހިޔާތުގައި މަޑުކޮށްލުން
+1
4
+1
49
+1
2
+1
8
+1
0
+1
1
+1
3

Advertisement

ގުޅުންހުރި ލިޔުންތައް