September 20, 2024 13:49
Advertisement

-Advertisement-

ޢިބުރަތްތެރި ވާހަކަ: ބަލިޖެހިފައިވާ ތިން މީހުން އިމްތިހާނު ކުރެވުނު ގޮތް!

ބަނޫއިސްރާއީލުންގެ ތެރޭގައި (މުސީބާތްޖެހިފައިވާ) ތިން މީހަކު ތިއްބެވެ. އެއިގެތެރެއިން އެކަކީ، ބަރަޞްބަލި ޖެހިފައިވާ މީހެކެވެ. އަނެކަކީ، އޭނާގެ ބޮލުގެ އިސްތަށި ފައިބައިފައިވާ މީހެކެވެ. އަދި އަނެކަކީ، އޭނާގެ ދެ ލޯކަނުވެފައިވާ މީހެކެވެ. ފަހެ، اللَّهُ ސުބުޙާނަހޫވަތަޢާލާ އެބައިމީހުން އިމްތިޙާނުކުރެއްވުމަށް އިރާދަކުރައްވައި، އެބައިމީހުންގެ ގާތަށް (އިންސާނެއްގެ ސިފައިގައި) މަލާއިކަތަކު ފޮނުއްވިއެވެ.

ބަރަޞްބަލިޖެހިފައިވާ މީހާގެގާތަށް ވަޑައިގަތުން

ފަހެ، އެ ކަލޭގެފާނު (އެބަހީ: މަލާއިކަތާ) ބަރަޞްބަލިޖެހިފައިވާ މީހާގެގާތަށް ވަޑައިގެން ވިދާޅުވިއެވެ. ތިބާއަށް އެންމެބޮޑަށް ބޭނުމީ ކޮން ކަމެއް ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އަޅުގަނޑުގެ ގައިގެކުލަ ރީތިވުމާއި، ގައިގެ ހަން ރީތިވުމެވެ. އަދި އަޅުގަނޑުދެކެ މީސްތަކުން ފޫހިވެ ނަފުރަތުކުރާ މި ބަލި ފިލައިދިޔުމެވެ! ފަހެ، އެ ކަލޭގެފާނު އޭނާގެ ގައިގައި އަތްޕުޅުން ފިރުންމަވައި ލެއްވުމުން، އޭނާގެ ކިބައިގައިހުރި ފަކުރުވެރި ބަލިމަޑުކަން ފިލައިގެން ހިނގައްޖެއެވެ. އަދި ގައިގެ ކުލަވެސް އަލިވެއްޖެއެވެ! ދެން އެ ކަލޭގެފާނު އޭނާގެ ގާތުގައި އެއްސެވިއެވެ. މުދަލުގެ ތެރެއިން ތިބާ އެންމެބޮޑަށް ބޭނުމީ ކޮން އެއްޗެއްހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އަޅުގަނޑު އެންމެބޮޑަށް ބޭނުމީ ޖަމަލެވެ. ފަހެ، އެ ކަލޭގެފާނު، އޭނާއަށް މާބަނޑު ޖަމަލެއް ދެއްވިއެވެ. އަދި ވިދާޅުވިއެވެ. ތިބާއަށްޓަކައި މި ޖަމަލުގައި اللَّهُ ބަރަކާތް އިތުރުކޮށްދެއްވާށިއެވެ!

Advertisement

ބޮލުގެ އިސްތަށި ފައިބައިފައިވާ މީހާގެ ގާތަށް

އެއަށްފަހު ބޮލުގެ އިސްތަށި ފައިބައިފައިވާ މީހާގެ ގާތަށް އެ ކަލޭގެފާނު ވަޑައިގަތެވެ. އަދި އޭނާއަށް ވިދާޅުވިއެވެ. ތިބާއަށް އެންމެ ބޮޑަށް ބޭނުމީ ކޮން ކަމެއް ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އަޅުގަނޑު އެންމެ ބޮޑަށް ބޭނުމީ، ބޮލުގައި ރީތި އިސްތަށިގަނޑެއް އޮތުމެވެ. އަދި އަޅުގަނޑުދެކެ މީސްތަކުން ފޫހިވެ، ނަފުރަތުކުރާ މި ބަލި ފިލައިދިޔުމެވެ!! ފަހެ، އެ ކަލޭގެފާނު އޭނާގެ ގައިގައި އަތްޕުޅުން ފިރުންމަވައިލެއްވުމުން، އޭނާގެ ކިބައިގައިހުރި ބަލިމަޑުކަން ފިލައިގެން ހިނގައްޖެއެވެ. އަދި ރީތި އިސްތަށިގަނޑެއް އޭނާއަށް ދެއްވުނެވެ. ދެން އެ ކަލޭގެފާނު، އޭނާގެ ގާތުގައި އެއްސެވިއެވެ. މުދަލުގެ ތެރެއިން ތިބާ އެންމެބޮޑަށް ބޭނުމީ، ކޮން އެއްޗެއްހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އަޅުގަނޑު އެންމެ ބޭނުމީ ގެރި އެވެ. ފަހެ، އެ ކަލޭގެފާނު އޭނާއަށް މާބަނޑު ގެރިއެއް ދެއްވިއެވެ. އަދި ވިދާޅުވިއެވެ. ތިބާއަށްޓަކައި މި ގެރީގައި اللَّهُ، ބަރަކާތް އިތުރުކޮށްދެއްވާށިއެވެ!

ދެ ލޯކަނު މީހާގެގާތަށް

އެއަށްފަހު، ދެ ލޯކަނު މީހާގެގާތަށް އެ ކަލޭގެފާނު ވަޑައިގަތެވެ. އަދި އޭނާއަށް ވިދާޅުވިއެވެ. ތިބާއަށް އެންމެބޮޑަށް ބޭނުމީ ކޮން ކަމެއްހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އަޅުގަނޑު އެންމެބޮޑަށް ބޭނުމީ، އަޅުގަނޑުގެ ދެލޮލުގެ ފެނުން މާތް اللَّهُ އަނބުރައި އަޅުގަނޑަށް ލިބިދެއްވުމެވެ. އަދި އެ ދެލޮލުން އަޅުގަނޑު މީސްތަކުން ދުށުމެވެ!! ފަހެ، އެ ކަލޭގެފާނު، އޭނާގެ ގައިގައި އަތްޕުޅުން ފިރުންމަވައިލެއްވުމުން، اللَّهُ އޭނާގެ ދެ ލޮލުގެ ފެނުން އޭނާއަށް އަބުރައި ލިބިދެއްވިއެވެ. ދެން އެ ކަލޭގެފާނު އޭނާގެ ގާތުގައި އެއްސެވިއެވެ. މުދަލުގެ ތެރެއިން ތިބާ އެންމެބޮޑަށް ބޭނުމީ ކޮން އެއްޗެއްހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އަޅުގަނޑު އެންމެ ބޭނުމީ، ބަކަރިއެވެ. ފަހެ، އެ ކަލޭގެފާނު އޭނާއަށް ވިހައިގެންއޮތް ބަކަރިއެއް ނުވަތަ ބަނޑު ބޮޑު ބަކަރިއެއްދެއްވިއެވެ.

ފަހެ، އެ ދެމީހުންނަށް ދެއްވުނު ޖަމަލާއި ގެރިއާއި، އަދި މި މީހާއަށް ދެއްވުނު ބަކަރި ވިހައި، މި ހުރިހައި ތަކެތި އިތުރުވެ ގިނަވިއެވެ. ފަހެ، އެ މީހާގެ އަތުގައި  ވާދީއެއް ފުރެންދެން ޖަމަލުތައް އޮތެވެ. އަދި އަނެކެއްގެ އަތުގައި ވާދީއެއް ފުރެންދެން ގެރިތައް އޮތެވެ. އަދި އަނެކަކުގެ އަތުގައި ވާދީއެއް ފުރެންދެން ބަކަރިތައް އޮތެވެ.

ދެން އެއަށްފަހު (އަނެއްކާ) އެ ކަލޭގެފާނު، އެ ބަރަޞްބަލި ޖެހިފައިވި މީހާގެ ގާތަށް، އޭނާގެ ސިފައިގައި އެ ޙާލަތުގައި ވަޑައިގަތެވެ. (އެބަހީ: ކުރިން އޭނާ ބަރަޞްބަލި ޖެހިފައިހުރިއިރު ހުރިހެން ބަލި ޙާލަތުގައި އެ ސިފައިގައި ވަޑައިގަތެވެ.) އަދި ވިދާޅުވިއެވެ. ތިމަންނާއަކީ ވަރަށް އެކަނިވެރި މިސްކީނަކީމެވެ. ދަތުރުމަތީގައި މި ވަނީ ޙާލުގައިޖެހި ކާނޭބޯނޭ ފަދައެއް ވެސް ނެތިފައެވެ. މިއަދު ތިމަންނާ އެހީއަކަށްއެދުމަށް، اللَّهُ ފިޔަވައި އެހެން ފަރާތެއް ނުވެއެވެ. ދެން ތިބާގެ އެހީތެރިކަމަށް އެދުންނޫން ގޮތެއް ނެތެވެ. ތިބާއަށް ތިޔަފަދަ ރީތި ގައިކުލަ އާއި އޮމާން ހަމާއި، މުދައު ދެއްވި ފަރާތުގެ ޙައްޤުގައި، އަހަރެންގެ މި ދަތުރުގައި ސަވާރުވުމަށްޓަކައި ޖަމަލެއް ދިނުމަށް ތިބާގެކިބައިން އެދެމެވެ. ފަހެ، އޭނާ ދެންނެވިއެވެ. އަހަރެން އަދާކުރަންޖެހޭ ޙައްޤުތައް ވަރަށްގިނައެވެ. (ވީމާ ޖަމަލެއް ދެވޭކަށް ނެތެވެ.) ފަހެ، އެ ކަލޭގެފާނު އޭނާއަށް ވިދާޅުވިއެވެ. އަހަރެން މީގެ ކުރިން ވެސް ކަލޭ ދުށް ހަނދާންވެއެވެ! ކަލެއަކީ ބަރަޞްބަލިޖެހިގެން، މީސްތަކުން ކަލޭދެކެ ފަކުރުހީވެ، އެކަނިވެރިވެފައިވި، ނިކަމެތި ފަޤީރު މީހާ ނޫންހެއްޔެވެ؟ ފަހެ، اللَّهُ، ކަލެއަށް ތިޔަފަދަ ބޮޑު މުދާވެރިކަން ދެއްވީ ނޫންހެއްޔެވެ؟ އޭނާދެންނެވިއެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. މިއީ އަހަރެންގެ ކާބަފައިންގެ ފަރާތުން މިރިމިނީން ވާރުތައިން ލިބިފައިވާ ތަކެއްޗެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. ކަލޭ ތިޔަ ބުނާ ބަހުގައި ކަލެއަކީ ދޮގުވެރިޔަކުކަމުގައި ވަނީނަމަ، ކަލޭ ކުރިންހުރި ނިކަމެތި ޙާލަށް މާތް اللَّهُ، ކަލޭ އަނބުރާ ރައްދުކުރައްވާށިއެވެ!

ދެން އެ ކަލޭގެފާނު ވަޑައިގަތީ، ބޮލުން އިސްތަށިވެރިފައިހުރި މީހާގެ ގާތަށެވެ. އޭނާ ކުރިންހުރި ސިފައިގައި، އެ ޙާލަތުގައި ވަޑައިގެން، ކުރީ މީހާގެ ގާތުގައި ވެސް ވިދާޅުވިފަދައިން އާދޭސްކުރައްވައި، އެހީއަކަށް އެދިވަޑައިގަތެވެ. ފަހެ، މި މީހާ ވެސް ކުރީ މީހާ ދެންނެވިކަހަލަ ގޮތަކަށް އެ ކަލޭގެފާނަށް ދެންނެވިއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. ކަލޭ ތިޔަ ބުނާ ބަހުގައި، ކަލެއަކީ ދޮގުވެރިއަކުކަމުގައި ވަނީނަމަ، ކަލޭ ކުރިންހުރި ނިކަމެތި ޙާލަށް މާތް اللَّهُ، ކަލޭ އަނބުރާ ރައްދުކުރައްވާށިއެވެ!!

ދެން އެކަލޭގެފާނު ވަޑައިގަތީ، ދެ ލޯކަނު މީހާގެ ގާތަށެވެ. އޭނާ ކުރިންހުރި ސިފައިގައި، އެ ޙާލަތުގައި ވަޑައިގެންނެވިއެވެ. އަދި ވިދާޅުވިއެވެ. ތިމަންނާއަކީ ވަރަށް އެކަނިވެރި މިސްކީނަކީމެވެ. ދަތުރުމަތީގައި މި ވަނީ ޙާލުގައިޖެހި، ކާނޭބޯނޭ ފަދައެއް ވެސް ނެތިފައެވެ. މި އަދު ތިމަންނާ އެހީއަކަށްއެދުމަށް اللَّهُފިޔަވައި އެހެން ފަރާތެއްނުވެއެވެ. ދެން ތިބާގެ އެހީތެރިކަމަށް އެދުންނޫން ގޮތެއްނެތެވެ. ތިބާއަށް ދެ ލޮލުގެ ފެނުންދެއްވި  މާތްރަސްކަލާނގެ ޙައްޤުގައި، އަހަރެންނަށް ތިޔަތަނުން އެންމެ ބަކަރިއެއް ދިނުމަށް ތިބާގެ ކިބައިންއެދެމެވެ. ފަހެ، އޭނާ ދެންނެވިއެވެ. އަޅުގަނޑަކީ، ކުރީގައި ދެ ލޯކަނު މީހަކީމެވެ. މާތް اللَّهُ، އަޅުގަނޑުގެ ދެލޮލުގެ ފެނުން އަނބުރާ ލިބިދެއްވިއެވެ. ފަހެ، މިތަކެތީގެ ތެރެއިން ތިބާ ބޭނުންފުޅު މިންވަރަކަށް ނަންގަވައިފައި، އެއްޗެއް ބަހައްޓަވަން ފެނިލައްވަނީނަމަ ބަހައްޓަވާށެވެ!. اللَّهُ ގަންދީ ދަންނަވަމެވެ. اللَّهُ ގެ މަގުގައި ތިބާ ކޮންމެ އެއްޗެއް ނެންގެވިއަސް، އަޅުގަނޑު ހުރަހެއްނާޅާހުށީމެވެ! އެ ކަލޭގެފާނު ވިދާޅުވިއެވެ. ކަލޭގެ މުދައު ކަލޭ ބަހައްޓާށެވެ! ހަމަކަށަވަރުން، މާތް اللَّهُ ކަލޭމެން (ތިން މީހުން) އިމްތިޙާނުކުރެއްވީއެވެ. ހަމަކަށަވަރުން، اللَّهُ، ކަލެއަށް ރުއްސަވައިފިއެވެ. އަދި ކަލޭގެ އެކުވެރި އަނެއް ދެ މީހުންނަށް އެކަލާނގެ ކޯފާލައްވައިފިއެވެ. (ރިޔާޟުއް ޞާލިޙީން).

މާތް اللَّهُ ޞުބުޙާނަހޫ ވަތަޢާލާ އަހަރެމެންނަށް ވަރަށް ގިނަ ގުނަ ވެގެންވާ ނިޢުމަތްތަކެއް ދެއްވިއެވެ. އެއީ އަހަރެމެން އެ ނިޢުމަތްތަށް ގުނާ ޢަދަދު ކުރަން އުޅެފިނަމަ ޢަދަދު ނުކުރެވޭނޭހާ ގިނަ ނިޢުމަތް ތަކެކެވެ. އަހަރެމެންނަށް އޮތީ އެ ނިޢުމަތުގެ މައްޗަށް ބޮޑާ ވުމަކާ ނުލާ ނިޢުމަތް ދެއްވިފަރާތަށް ހެޔޮގޮތުގައި ޝުކުރު ކުރުމެވެ. އެ ނިޢުމަތް ތަކަށް ޝުކުރުވެރިވުމުގެ ގޮތުން އެނިޢުމަތުގެ ބޭނުން އެއިލާހު ރުހިވޮޑިގެންވާ ގޮތުގައި ހިފަންޖެހޭނެއެވެ. އަދި ބޮޑާވެ ކިބުރުވެރިވެގެން ނުވާނެއެވެ. މާތް اللَّهُ ތިބާއަށް ވިޔަފާރީގެ ގޮތުން ކުރިއެރުން ދެއްވިއެވެ. ތަޢުލީމު ދެއްވިއެވެ. ރީތިކަން ދެއްވިއެވެ. ރަނގަޅު ޢާއިލާއެއް ދެއްވިއެވެ. ގެދޮރު ދެއްވިއެވެ. މި ހުރިހައި ކަމަކީވެސް އެކަލާނގެ ފަޟުލުވަންތަވެރިކަމެވެ. އެންމެ ހިނދު ކޮޅަކަށްވެސް ހިތަށް އަރުވައިގެން ނުވާނެ މި ކަންކަން މެދުވެރިވީ ތިމާގެ މޮޅުކަމުންނެވެ. ނުވަތަ ތިމަންނަގެ ހުރި ޢިލްމުންނެވެ. މާތްﷲ ގެ އިރާދަފުޅައިލައިގެން މެނުވީ އެއްވެސް ކަމަކަށް މަގުފަހި ނުވާނެއެވެ. ވީމާ، އަބަދުވެސް ތިބާއަކީ ޝުކުރުވެރިވާ އަޅަކަށް ވާށެވެ. އޭރުން މާތް اللَّهُ ތިބާއަށް ނިޢުމަތްތައް އިތުރުކޮށް ދެއްވާނެތެވެ. އަދި  ކުފުރުވެރި ނުވާށެވެ. ބޮޑާ ނުވާށެވެ. އެހެނީ އެ ނިޢުމަތް ދެއްވި ފަރާތުން އަނބުރާ އަތުލުމުގެ ކުޅަދާނަކަންވެސް ލިބިގެންވެއެވެ. އެކަން އިސްވެދިޔަ އިބްރަތްތެރި ވާހަކައިންވެސް އެނގިގެން ހިނގައްޖެއެވެ. އެ ވާހަކައަކީ މާތް اللَّهُ، އެ ކަލޭގެފާނަށް ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ ކިބައިން ރިވާވެގެންވެގެން ބުޚާރީ އާއި މުސްލިމްގައި އައިސްފައިވާ ވާހަކައެކެވެ.

މާތް اللَّهُ ވަޙީ ކުރައްވާފައިވެއެވެ. "ތިޔަބައި މީހުން ޝުކުރު ކޮށްފިނަމަ ތިމަން އިލާހު ތިޔަބައިމީހުންނަށް އިތުރު ކޮށްދެއްވާހުށީމެވެ. އަދި ތިޔަބައި މީހުން (އެ ނިޢުމަތްތަކަށް) ކުފުރުވެރި ވެއްޖެނަމަ ދަންނާށެވެ! ތިމަންއިލާހުގެ ޢަޛާބު ގަދަފަދަ ވެގެންވާކަން ކަށަވަރެވެ." (އިބްރާހީމް 7).

+1
0
+1
20
+1
2
+1
5
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް