September 21, 2024 07:47
Advertisement

-Advertisement-

މަރީ: ފާހަގަކޮށްލެވޭ ވޮލަންޓިއަރ އެއް، ޓީޗަރެއް!

ކިޔަވައި ދިނުމަކީ ވަރަށް ބުރަ ކަމެކެވެ. އޮންލައިންކޮށް އަދި މެނުއަލް ކުލާހެއްގައި ކިޔަވައި ދިނުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކަކީ ވަކި ކުޑަ ތައްޔާރީއެއް ނޫނެވެ. ކުލާހަށް ވަނުމަށްފަހު ކޮންމެ ޓީޗަރެއްގެ ވެސް އަމާޒަކަށް ވާނީ ކުދިންނާ ޓީޗަރާ ދެމެދު ރަނގަޅު ބޮންޑެއް އުފައްދައި އުފާވެރި މަޖާ މާހައުލެއްގައި ކުދިންނަށް ކިޔަވައިދިނުމެވެ. "ޓީޗަރުންނަކީ ކުދިންގެ ދެވަނަ މަންމަ" މިއީ މަރީ ޓީޗަރ، ދަރިވަރުންނާއި އޭނާއާ ދެމެދު އޮންނަ ބޮންޑު ރަނގަޅު ކުރުމަށް ވަރަށް ގިނައިން ފާހަގަކުރައްވާ ޖުމްލައެކެވެ.

ވެރިރަށް މާލެއަށް އުފަން މަރްޔަމް ޝަރީފް އާންމު ނަމުންނަމަ މަރީ އަކީ 2007ވަނަ އަހަރުން ފެށިގެން ކިޔަވައިދިނުމުގެ ދާއިރާގައި ހަރަކާތްތެރި ކުޅަދާނަ އެދުރެކެވެ. މިގޮތުން އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް، ކެންގަރޫކިޑްސް، ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލް ގައި ވަނީ ކިޔަވައިދެއްވާފައެވެ. މިހާރު މަސައްކަތްކުރައްވަނީ ތާޖުއްދީން ސްކޫލުގައެވެ.

އަދި ހަމަ އެހެންމެ މަރީ އަކީ ވޮލަންޓިއަރ މަސައްކަތުގައި ވަރަށް ހަރަކާތްތެރި ކަނބަލެކެވެ. ވޮލަންޓިއަރ މަސައްކަތް އަދި ކިޔަވައިދިނުން ވެފައިވަނީ އޭނާގެ ހަޔާތުގެ ވަރަށް މުހިންމު ބާބަކަށެވެ.

Advertisement

" އަބަދުވެސް ކުޑަ ކުދިންދެކެ ވަރަށް ލޯބިވޭ. ދެން 2007ވަނަ އަހަރުގަ އެންމެ ފުރަތަމަ ޕްރީ ސްކޫލް ޓީޗަރ އެއްގެ ގޮތުގަ މަސައްކަތްކުރަން ފެށީ. އޭރުއްސުރެ ކިޔަވައި ދިނުމުގެ ދާއިރާގައި އުޅެން." ކިޔަވައިދިނުމުގެ ދާއިރާ އަށް ވަދެވުނު ގޮތް ކިޔައިދެއްވަމުން މަރީ ވިދާޅުވިއެވެ.

 ކިޔަވައިދެއްވި ކުދިން ކާމިޔާބު ކުދިންތަކެއްގެ ގޮތުގައި ފެންނަމުން ދިޔުމަކީ އޭނާ އަށް ވެސް ލިބޭ ކާމިޔާބީ އެކެވެ. އެހެނީ ދަރިވަރުން ކާމިޔާބު ކުދިންނަށް ހެދުމަކީ ޓީޗަރުންގެ ޒިންމާއެއްވެސް  މެއެވެ. ކިޔަވައި ދިނުމުގެ އެންމެ ފޮނި ހަނދާންތަކުގެ ތެރޭގައި ބެލެނިވެރިން އޭނާގެ މަސައްކަތް ބަލައިގަތުމާއި، ކިޔަވައިދެއްވި ކުދިންނާއި މަގުމަތިން ދިމާވުމުން އެކުދިން ގޮވާލުން ފާހަގަކުރެއްވިއެވެ. އަދި އޭނާ ކިޔަވައިދެއްވި ކުދިން ކާމިޔާބު ކުދިންގެ ގޮތުގައި ފެނުން މިއީ ހިންހަމަޖެހުމެއްކަމަށް ވިދާޅުވިއެވެ.

"މި ދާއިރާ އަކީ ކެރިގެން މަސައްކަތް ކުރާ ޓީޗަރުންނަށް ކުރި އަރަން ފަސޭހަ ދާއިރާއެއް. ބޭނުންވަނީ ހިތްވަރާއިއެކު ގަދަ އަޅާ މަސައްކަތް ކުރުން." މިއީ ކިޔަވައި ދިނުމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް މަރީ ދެއްވަން ބޭނުންވާ މެސެޖެވެ.

މަރީ ފާހަގަކުރެއްވި ގޮތުގައި ވޮލަންޓިއަރ މަސައްކަތަކީ މަޖަލަކަށް ކުރަން ފެށުނު ކަމެކެވެ. އެހެންނަމަވެސް މޯލްޑިވިއަން ރެޑް ކްރެސެންޓް އާއި ގުޅުނު ހިސާބުން، ކުރާ ވޮލަންޓިއަރ މަސައްކަތުގެ އަގު ވަޒަން ކުރާކަމުގެ އިހުސާސް ކުރެވެން ފެށުނެވެ. ކޮންމެ އަކަސް މަޖަލަކަށް ހުސްވަގުތު ފުރުމުގެ ގޮތުން ކުރަންފެށި ކަމެއް މިހާރު ވެފައި ވަނީ އޭނާގެ ދިރިއުޅުމުގެ ބައެއް ކަމުގައެވެ.

މަރީ އެންމެ ފުރަތަމަ ވޮލަންޓިއަރ މަސައްކަތް ކުރެއްވީ މޯލްޑިވްސް ގާރލް ގައިޑް އެސޯސިއޭޝަން ގައެވެ. އެތަނަށް ވޮލަންޓިއަރ ކުރަންފެށީ 2008ވަނަ އަހަރުގައެވެ. ނަމަވެސް ހަޔާތުގައި ދިމާވި ބައެއް ކަހަލަ ކަންތައްތަކެއްގެ ސަބަބުން އެތަނުން ދުރަށް ދިޔައީއެވެ. އަދި އޭގެ ފަހުން މޯލްޑިވިއަން ރެޑް ކްރެސެންޓް ގެ ބައެއް ޓްރެއިނިންގ ފުރިހަމަކުރެއްވިއެވެ. އޭގެ ތެރޭގައި ބޭސިކް ފަސްޓް އެއިޑް، ސްޓޭންޑާޓް ފަސްޓް އެއިޑް، ޓްރެއިނާރ އޮފް ޓްރެއިނިންގ އޮފް ފަސްޓް އެއިޑް ފަދަ ޓްރެއިނިންގ މަރީ ފުރިހަމަކުރެއްވިއެވެ. މިހާރުވެސް ދެމިހުންނެވީ އެ މަސައްކަތުގައެވެ.

 މޯލްޑިވިއަން ރެޑް ކްރެސެންޓް ގެ ވޮލަންޓިއަރ ގެ ދަށުން އިންސިޑެންޓް ކޮމާންޑް ޕޮއިންޓްސް އެއް ހިންގުމުގައި މަރީ އިސްވެ އުޅުއްވިއެވެ. އަންނަ ފޯނު ކޯލުތަކަށް ޖަވާބު ދިނުމާ އެ މީހުން ބޭނުންވާ ކަންކަން ކޮށްދިނުމަށް މަސައްކަތް ކުރުމާ، މާލޭގެ އެކި ހިސާބުތަކަށް އެސްޓީއޯ އިން ބޭސް ފޯރުކޮށްދިނުމާއި ރާއްޖެއިން ބޭރުން އަންނަ ބޭސް އެފަރާތްތަކަށް ފޯރުކޮށްދިނުމާއި، ބިދޭސީންގެ ހާލަތު ބެލުމާއި، އެޗްޕީއޭ ރީޕްރެސެންޓް ކުރާ މީހެއްގެ ގޮތުގައި ފިހާރަ އަދި ރެސްޓޯރެންޓް އިންސްޕެކްޓް ކުރި ޓީމުގައިވެސް މަރީ ހިމެނެއެވެ. މިއީ ފުރަބަންދުގައި ވޮލެންޓިއަރެއްގެ ގޮތުގައި މަރީ ކުރެއްވި މަސައްކަތް ކަމަށް ފާހަގަކުރެއްވިއެވެ.

"ވޮލަންޓިއަރ ކުރާ އިރު ވަރަށް ގިނަ ކަންކަން ދިމާވޭ. މަޖާ ކަންކަމާ ހަނދާނުން ފުހެލަން ދަތި ކަންކަން. މިސާލަކަށް މާލޭގަ ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާގައި އެތަށް ގެއެއް އަނދާ އަޅިޔަށްވި ދުވަސް ހަނދާނުން ނުފިލާނެ. އެއީ ދިވެހިންނާއި  ބިދޭސީން އެއްބާރުލުން ދެއްކި ހާދިސާއެއް ވީމަ." މަސައްކަތުގައި އުޅުއްވަނިކޮށް ދިމާވި ހާދިސާއެއް ހިއްސާކުރެއްވިއެވެ.

ވޮލަންޓިއަރ މަސައްކަތް ކުރުމަށް އާއިލާގެ އެއްބާރުލުން ފެށުނީއްސުރެ ލިބޭ ކަމަށާއި ކޮންމެ ގަޑިއެއްގައި ތާކަށް ދާން ޖެހުނަސް އެއްވެސް ޝަކުވާއަކާ ނުލާ ފޮނުވާކަން ފާހަގަކުރެއްވިއެވެ. އަބަދުވެސް ކަންކަމާ ކެރިގެން ކުރިމަތިލާން ހިތްވަރުދޭ ކަމަށް ވެސް ވިދާޅުވިއެވެ.

"އާންމުކޮށް ނޯމަލް ހާލަތުގަ ވޮލަންޓިއަރ މަސައްކަތް ކުރަނީ މަސައްކަތު ގަޑިއަށް ބުރޫ ނާރާ ގޮތަށް ލިބޭ ހުސް ވަގުތުގައި. ނަމަވެސް ދިމާވާ ކުއްލި ހާލަތުގައި މަސައްކަތް ކުރި އަދި މަސައްކަތް ކުރާ ސްކޫލްގެ އެއްބާރުލުން ލިބި ރިލީސް ކޮށްދޭ." ވޮލަންޓިއަރ މަސައްކަތް ކުރަމުން ކިޔަވައި ދިނުމުގެ މަސައްކަތް ކުރުމަށް ޓައިމް މެނޭޖް ކުރައްވާގޮތުގެ ތަފްސީލް ދެއްވަމުން ވިދާޅުވިއެވެ.

ބެޗެލަރ އޮފް އެޑިޔުކޭޝަން އިން ޕްރައިމަރީ ފުރިހަމަކުރައްވާފައިވާ އަދި ސްޕެޝަލް އެޑިޔުކޭޝަން ނީޑް (ސެން) ކްލާސްތަކަށް ކިޔަވައިދެއްވާ މަރީ ޓީޗަރ އަކީ، ދަރިވަރުންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސް ދެމުން ވޮލެންޓިއަރ މަސައްކަތް ކުރައްވާ ޤައުމު ފަޚުރުވެރިވާފަދަ ދަރިއެކެވެ.

+1
2
+1
10
+1
1
+1
0
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް