November 25, 2024 04:59
Advertisement

-Advertisement-

ހާދިސާ: މާރަންދޫ ކަތީބުގެ ޖާފަތް ކާންދިޔަ މީހުންނަށް ދިމާވިގޮތް

މިއީ ރާއްޖޭގައި ބުޑިސްޓުން އުޅުނު ޒަމާނުގެ ކުރިން ހުވަދު އަތޮޅު ރަށެއްގައި ހިނގާފައިވާ ހާދިސާ އެއްކަމަށް މުސައްނިފު ލިޔެފައިވެއެވެ. އެއީ މާރަންދޫ އެވެ. އެޒަމާނުގައި އެރަށުގައި އުޅުނު ދެމަފިރިއެކެވެ. ނަމަކީ ވަލުގޭ ދޮންފުތާއެވެ. ދޮންފުތުގެ އަންހެނުންނަކީ ކަށިކެއުވަލު މަރީނާ އެވެ. މާރަންދޫ އަކީ މި ދެމަފިރިން ފިޔަވާ އިތުރު ބަޔަކު އުޅޭ ރަށެއްނޫނެވެ. މި ދެމަފިރިން ކެއުމަކަށް ބޭނުން ކުރަނީ ރާކަނި މަހާއި ކާއްޓެވެ. ބައެއްފަހަރު ބަރަބޮލާއި ކައްޓަލަ ވެސް ކައިއުޅެއެވެ. މިދެބާވަތަކީ އެ ދެމަފިރިން އެ ރަށުގައި ހައްދާ ދެބާވަތެވެ. އެގޮތަށް ދިރިއުޅުމުގެ ދުވަސްތައް ވޭތުކުރަމުންދަނިކޮށް މި ދެމަފިރިންނަށް ހަކުދިން ލިބުނުކަމަށް ވެއެވެ. މިއިން އެއްކުއްޖަކަށްވެސް ނަމެއް ނުކިޔައެވެ. ކުދިންނަށް ގޮވަނީވެސް ފުރަތަމަ ކޮއި، ދެވަނަކޮއި، މިތަރުތީބުންނެނެވެ.

މިގޮތަށް އެދެމަފިރިން ޒަމާން ވޭތުކުރަމުން ދަނިކޮށް އެއްދުވަހަކު މަރީނާ ދޮންފުތު ކައިރީގައި ބުނެލިއެވެ. " ދޮންފުތާ އެވެ. މިހާރު އަހަރެމެންވެސް މި ތިބެގެން މުސްކުޅިވަނީ އެވެ. ވީމާ އަހަރެމެންނަށް މިލިބިފައިވާ ތަނަވަސްކަމުގެ ތެރެއިން މިންވަރެއް އެހެންބަޔަކަށް ހިއްސާކުރަމާ ހިގާށެވެ. އެއިރުން އަހަރެމެންގެ ނަންވެސް ދުނިޔެމަތީގައި ދެމިހުންނާނެއެވެ."

ދޮންފުތު ބުނެލިއެވެ. "ބަލަ މަރީނާ، ކިހިނެއް އަހަރެމެން ބަޔަކަށް އެއްޗެއް ދޭނީ، މި ރަށަކީ ބަޔަކުމީހުން އަންނަ ރަށެއްނޫން. އަހަރެމެންނަށް އެހެން ރަށަކަށް ދެވެނީކީއެއްނޫން. މަވެސް ތިކަންކުރާހިތްވޭ. އެއިރުން ރާކަނިމަހުގެ ހުރި މީރުކަންވެސް މީހުންނަށް އެގިދާނެ ނޫންދޯ މަރީނާ" ދޮންފުތު ސަމާސާ ރާގަކަށް ބުނެލިއެވެ.

Advertisement

މަރީނާ ކުޑަ ވަގުތު ކޮޅަކަށް އިސްޖަހައިގެން އިދެފައި "ދޮންފުތާ މިގޮތަށް ކަންތައް ކުރަމާ ހިނގާ" ބުނާ އިރަށް ދޮންފުތު ބުންޏެވެ.

ކޮންގޮތެއް މަރީނާ؟

މަރީނާ:  "އެއްދުވަހު ރާކަނި ނަގަންދާނީ. ދެން ކެއްކުމަށްފަހު ބަރަބޮލާއި ކައްޓަލަ މަޑުކޮށްފަ ކާށި ކޮށާފައި އަތިރިމަތީ ހޮޅުއަށީގައި ސުފުރާ ހަދާފައި ކެއުން ތައްޔާރު ކުރާނީ. އޭގެ ފަހުގައި އަހަރެމެން ކުދިންކޮޅު ގޮވައިގެން ގެއަށް ވަންނާނީ."

ދޮންފުތު: "ދެން އެކާނީ ކޮންބައެއް؟"

މަރީނާ: "ކޮންމެވެސް އެއްބަޔަކު އެ ސުފުރާ ހުސްކުރާނެ! އެއިރުން ކޮންމެވެސް ހެވެއް އަހަރެމެންނަށް ލިބިދާނެތާ!"

މިހެންކިޔާފައި ސުފުރާ ތައްޔާރުކުރުމުގެ ތެރޭގައި މާދުރުނޫން ހިސާބެއްގައި އޮންނަ ކުރެއްދޫ ކިޔާ ފަޅުރަށެއްގައި ބަޔަކު ކޮންމެވެސް ކަމެއްގައި އުޅެމުންދާތީ މިމީހުންނަށް ފެނުނެވެ. ވަގުތުން ފޮތިކޮޅަކުން ދިދައެއް ނެގިއެވެ. މި ދިދަ ކުރެއްދޫ ތިބި މީހުންނަށް ފެނިގެން މާރަންދޫ އާއި ދިމާއަށް އަންނަން ފަށައިފިއެވެ. މަރީނާ އާއި ދޮންފުތު އަވަސް އަވަހަށް ސުފުރާ ތައްޔާރުކޮށްފައި ކުދިން ގޮވައިގެންގޮސް ގަހެއްގެ ހިޔަލުގައި ބަލަހައްޓައިގެން ތިއްބާ މިމީހުން ކަނދުފޮއްޗެއްގައި މާރަންދޫ އަށް އައިތަނާ އެމީހުންނާއި ބައްދަލުކުރަން ދޮންފުތު މެން ސުފުރާކައިރިއަށް ނުކުމެއްޖެއެވެ.

 ކަނދުފޮތީން އައީ ހަތަރު މީހުންނެވެ. މާރަންދޫގައި ތިބި ހަ ކުދީންނާއި ދެމަފިރިންނާއި އެކު ޖުމްލަ އަށް މީހުންނާއި މެހުމާނުންގެ ހަތަރު މީހުންނާއި ޖުމްލަ ބާރަ މީހުނާއިއެކު ޖާފަތުގައި ހުރި އެއްޗެހި ކައި ނިންމާލީއެވެ. ކަނދުފޮތިން އައި މީހުންނަށް މި ޖާފަތް ވަރަށް ކަމުދިޔައެވެ. ޚާއްސަކޮށް ރާކަނި މަސް މީރުވުމުން ރާކަނި ހޯދައިދިނުމަށް ދޮންފުތު ކައިރިން ކަނދުފޮތީން އައި މީހުން އެދުނެވެ. ދޮންފުތު ބުންޏެވެ. "މާދަމާ ދިޔަވަރު ހިކުނީމާ ތިކަމާއި އުޅޭނީ" އެވެ. ދޮންފުތު މިހެން ބުނުމުން ކަނދުފޮތީން އައި މީހުންވެސް އެރޭ މަޑުކުރީ މާރަންދޫގައެވެ.

ޖެހިގެންއައި ދުވަހު ހެނދުނުގައި އެންމެން އެކީގައި ނާސްތާ ކުރުމަށް ފަހު ކަނދުފޮތީން އައި މީހުން ބުނެލިއެވެ. "ކަތީބު ދޮންފުތުބޭ ރާކަނި ނަގަން ދަމާ ހިނގާށެވެ." ތިބުނީ ކީކޭތަ؟ ދޮންފުތު އަހާލިއެވެ. "މިރަށުގައި އަމުރު މައުރޫފް ހިންގާ އުޅޭ މީހަކީ ކަތީބު އެވެ. އެހެންވީމަ އެބަސް ބޭނުން ކުރީއެވެ. އެދުވަހުން ފެށިގެން ދޮންފުތު އަށް ކަތީބުގެ ލަގަބުން މުޚާތަބު ކުރަން ފެށުނެވެ. ދިޔަވަރު ހިކިފައި އޮތުމުން ކަނދުފޮތީގެ ހަތަރު މީހުންނާއި ދޮންފުތު ދިޔައީ ރާކަނިނަގާށެވެ.

ގެންދިޔަ ގޯނީގެ މެދަކާހަމައަށް ނެގުނުތަނާ ކަނދުފޮތީގެ އެކަކަށް ވަރަށް ރީތި ފޮޅިފައި އިން މަލެއް މުރަކަތަކުގެ މަތީން ފެނުނެވެ. މީނަ ބަލާކަށް ނުހުރެ އެމާ ނަގައިފިއެވެ. ހަމަ އެވަގުތު އޭނާ ހޭނެތިގެން ވެއްޓިއްޖެއެވެ. މިމަންޒަރު ފެނިގެން ދޮންފުތު އޭނަގެ ކައިރިއަށް ދިޔައިރު އެމީހާ އޮތީ ޚަބަރު ހުސްވެފައެވެ. ރަނގަޅަށް ކައިރިއަށް ނަޒަރު ހިންގާލިއިރު ވެއްޓިފައޮތް މީހާގެ ކައިރީގައި މިއޮތީ ހީލަހީލާ އިން މަލެކެވެ. ދޮންފުތާ އަށް އެއީ ކޯއްޗެއްކަން އެނގުނެވެ. އެއީ އަފްރުމަލެކެވެ. (ޖިންނި މަލެއް) އެންމެން މީނާ ނަގައިގެން ގޮޑުދޮށަށް އައިއިރު ގޮޑުދޮށުގައި ހަމަ އެމާ އެބައިނެވެ. މިއީ އާދައިގެ ކަމެއް ނޫންކަން ދޮންފުތަށް އެނގުނަސް ދެންތިބި މީހުންނަށް މިއީ ކިހާވަރެއްގެ ކަމެއްކަން ނޭގެއެވެ.

ދޮންފުތު ދުވެގޮސް މަރީނާ ގޮވައިގެން އަތުވެއްޖެއެވެ. މަރީނާއަކީ ކޮންމެވެސް ވަރަކަށް ފަންޑިތަ ދަންނަ މީހެއްކަން ތަޖުރިބާގެ ގޮތުން ދޮންފުތު އަށް އެގެއެވެ. މަރީނާ އެއްކަމެއްފަހު އަނެއްކަމެއް ކުރަމުންގޮސް އެއްމެފަހުން ހޭނެތިފައި އޮތްމީހާ ހޭއަރައިފި އެވެ. މަރީނާ އެމީހާ އާއި ވާހަކަ ދެއްކުމުން މިއީ އެމަލުގެ ތެރޭގައި އިން ޖިންނިއެއް ކަން އެގުނެވެ. މަރީނާ ކުރި މަސައްކަތުން އެންމެފަހުން އެމީހާ ރަނގަޅުވެއްޖެއެވެ. އަދި މަރީނާގެ އިރުޝާދަކީ ފަރުމަތީގައި ހުންނަ އެވައްތަރުގެ މަލުގައި އަތް ނުލުމެވެ. އޭގެ ވަގުތުކޮޅެއްގެ ފަހުން ކަނދުފޮތީން އައި މީހުން މާރަންދޫ އިން ފުރައިގެން ކުރެއްދު އަށް ދިޔައީއެވެ.

 

ނޯޓް: މިއީ ތުއްތުދީދީގެ 'އެވޭލާ ވާހަކަ' ފޮތުން ނަގައިފައިވާ ހާދިސާއެކެވެ. އަސްލު ނުގެއްލޭގޮތަށް ކުދިކުދި ބަދަލުގެނެސްފައި ވާނެއެވެ.

+1
9
+1
17
+1
5
+1
43
+1
14
+1
10
+1
7

Advertisement

ޖުމްލަ 2 ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް