ކަކުންޏެއްގެ ލޭ އެހާ އަގުބޮޑުވެދާނެކަމަށް ހީކުރެވޭ ހެއްޔެވެ. އެޓްލާންޓިކް ހޯސްޝޫކްރެބް ނުވަތަ އެމެރިކަން ހޯސްޝޫކުރެބްއަކީ، އާންމުކޮށް އެޓްލާންޓިކް ކަނޑުގެ އައްސޭރިފަށު (ނޯތްއެމެރިކާ) ގައި، ދިރިއުޅޭ ކަކުނީގެ ވައްތަރެކެވެ. މިބާވަތުގެ ގިނައަދަދެއް ކަކުނި އެމެރިކާގެ ޑެލްވެއަރ ބޭގައި ދިރިއުޅެއެވެ. ކަކުންޏޭ ކީނަމަވެސް މިއީ އާންމުކޮށް މިފެންނަ ކަކުނިތަކާއި ވަރަށް ތަފާތު ކަކުންޏެކެވެ. އޭގެ ބޭރުގައި އޮންނަ ހިލަތޮށިގަނޑު އެންމެ ވައްތަރުވާނީ ހެލްމެޓަކާއިއެވެ. އެހެންކަމުން ބައެއް މީހުން މިކަކުންޏަށް ހެލްމެޓް ކްރެބްވެސް ކިޔައެވެ. މިކަކުނީގެ ލޭ ހުންނަނީ ގަދަނޫކުލައިގައެވެ. ބޭސްވެރިކަމުގެ ދާއިރާގައި އިންސާނުން މިކަކުނީގެ ލޭ ބޭނުންކުރާތާ ޒަމާންތަކެއް ވެއްޖެއެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ދިޔާތަކެއްޗަށް ނަޒަރު ހިންގާލަމާތޯއެވެ. ހަކުރުބަލީގެ މީހުން ބޭނުންކުރާ އިންސިއުލިންގެ އަގަކީ ގާތްގަނޑަކަށް ގެލަނެއް 9,000 (ނުވަހާސް) އެމެރިކާ ޑޮލަރަށެވެ. މަޝްހޫރު ޗެނެލް ނަންބަރު 5 ސެންޓުގެ ގެލަނެއް އުޅޭނީ 26,000 (ސައްބީސް ހާސް) އެމެރިކާ ޑޮލަރަށެވެ. އިންސާނުންގެ ލޭގެ އަގު އުޅެނީ ގެލަނެއް 1,500 (އެއްހާސް ފަސްސަތޭކަ) އެމެރިކާ ޑޮލަރަށެވެ. ނަމަވެސް ހޯސްޝޫކްރެބް ލޭގެ ގެލަނެއްގެ އަގު 60,000 (ފަސްދޮޅަސް ހާސް) އެމެރިކާ ޑޮލަރަށް އަރައެވެ. މިހިސާބުން އުފެދޭ ސުވާލަކީ ހޯސްޝޫކްރެބްގެ ލޭ އެހާ އަގުބޮޑުވަނީ ކީއްވެހެއްޔެވެ. އަދި އެ ގަންނަނީ ކޮންބައެއްހެއްޔެވެ.
ހޯސްޝޫކްރެބް ލޭގައި ބޭނުންތެރި އިމިއުން ސެލްއެއް ވާކަމަށްވެއެވެ. ސައިންޓިސްޓުން މި ސެލްތައް ބޭނުންކުރަނީ Limulus Amebocyte Lysate (LAL) ކިޔާ ޓެސްޓެއް ހެދުމަށެވެ. މީގެ ސަބަބުން އަލަށް އުފައްދާ ވެކްސިންތައް ބެކްޓީރިއާގެ ސަބަބުން ތަގައްޔަރުވާނަމަ އެކަން ދެނެގަނެވެއެވެ. މިއީ މުޅި ދުނިޔެއަށް ކޯވިޑް 19 ޕެންޑަމިކްގެ ދުވަސްވަރެވެ. އެހެންކަމުން ކޮރޯނާ ވައިރަސްއާ ދެކޮޅަށް އުފައްދާ ވެކްސިންތައް އުފެއްދުމުގައިވެސް، ހޯސްޝޫކްރެބްގެ ލެއި އެހީތެރިވެދޭނެއެވެ.
ފާމަސޫޓިކަލް ކުންފުނިތަކުން 600,000 (ހަލައްކަ) ހޯސްޝޫކްރެބް ކޮންމެ އަހަރަކު ހިފާކަމަށްވެއެވެ. އަދި މިގޮތަށް ހިފާ ކޮންމެ ހޯސްޝޫކްރެބެއްގެ ހަށިގަނޑުގައި ހުންނަ ލޭގެ 30 އިންސައްތަ ނެގުމަށްފަހު، ކަކުނި މޫދަށް ދޫކޮށްލެވެއެވެ. މިގޮތަށް ލޭ ނެގުމަށްފަހު ދޫކޮށްލެވޭ ކަކުނީގެ ތެރެއިން 10 އިންސައްތަ އާއި، 25 އިންސައްތަ އާއި، ދޭތެރޭގެ އަދަދެއްގެ ހޯސްޝޫކްރެބް މަރުވާކަމަށް ތިމާވެށި ހިމާޔާތްކުރާ ޖަމްއިއްޔާތަކުން ބުނެއެވެ.
އިންޓަނޭޝަނަލް ޔޫނިއަން އޮފް ދި ކޮންޒަރވޭޝަން އޮފް ނޭޗަރއިން ހާމަކުރާ ގޮތުގައި ހޯސްޝޫކްރެބްތަކަށް އޮތް ނުރައްކާ ހަމައެކަނި އޮތީ މެޑިކަލް އިންޑަސްޓްރީގެ ސަބަބަކުން ނޫނެވެ. މީގެ އިތުރުން ދުނިޔޭގެ ބައެއް ޤައުމުތަކުގައި މަސްބޭނުމަށް ބޭނުންކުރާ އެމެއްގެ ގޮތުގައާއި، އިންސާނުން ކެއުމަށް ހޯސްޝޫކްރެބް ބޭނުން ކުރެވެމުންދާތީ، ހޯސްޝޫކްރެބްއަށް ނުރައްކާ އޮތްކަމަށް ވެއެވެ. އެހެންނަމަވެސް އެޖަމްއިއްޔާ އިން ހާމަކުރާގޮތުގައި ދުނިޔެއިން ނެތިގެން ހިނގައިދާނެކަމުގެ ބިރު އެމެރިކަން ހޯސްޝޫކްރެބްތަކަށް މިހާތަނަކަށް އަދި ނެތެވެ.