September 20, 2024 13:29
Advertisement

-Advertisement-

އެންމެ ގިނަ މީހުން ނަރަކައިން މިންޖު ކުރެވޭ ދުވަސް

މާތްﷲ އެހެން ހުރިހައި މަޚްލޫޤުންގެ ތެރެއިން އިންސާނުން މާތް ކުރެއްވިއެވެ. އިންސާނުންގެ ތެރެއިން ރަސޫލުބޭކަލުން މާތް ކުރެއްވިއެވެ. އަހަރުގެ 12 މަސްދުވަހުގެ ތެރެއިން ރަމަޟާން މަސް މާތް ކުރެއްވިއެވެ. ހުރިހައި ރޭ ތަކެއްގެ ތެރެއިން ލައިލަތުލް ޤަދްރި ވިލޭރޭ މާތް ކުރެއްވިއެވެ. ހަފްތާގެދުވަސްތަކުގެ ތެރެއިން ހުކުރުދުވަސް މާތްކުރެއްވިއެވެ. ދުވަސްތަކުގެ ތެރެއިން ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް މާތް ކުރެއްވިއެވެ. އަދި މުޅި އަހަރުގެ ދުވަސްތަކުގެ ތެރެއިން ޢަރަފާތްދުވަސް މާތްކުރެއްވިއެވެ. އެއީ ޙައްޖުމަހުގެ 9 ވަނަ ދުވަހެވެ.

މާތް ދުވަސްތަކުގެ ތެރޭގައި ހިމެނޭ އެންމެ މާތް ދުވަހަކީ ޙައްޖު ދުވަސް ނުވަތަ ޢަރަފާތު ދުވަހެވެ. އެދުވަހު ޙައްޖު ބިމަށް ޖަމާވެފައި ތިބޭ ޙައްޖުވެރިންގެ ފާފަތަށް މާތް ﷲ ފުއްސަވައިދެއްވައެވެ. އެއީ ފާފަ ފުއްސެވުމާއި އަފޫކުރެއްވުމުގެ ދުވަހެވެ. ނަރަކައިން ދިންނަވާ މުއްތި ކުރެއްވުމުގެ ދުވަހެވެ. ޢަރަފާތްދުވަސް މާތްވުމުގެ ވަރަށް ގިނަ ސަބަބުތަކެއްވެއެވެ. އެންމެ މުހިންމު އެއްސަބަބަކީ އެންމެ ގިނަ މީހުން ނަރަކައިން މިންޖު ކުރައްވަނީ ޢަރަފާތްދުވަހުގައެވެ. ކީރިތި ރަސޫލާ ޙަދީޘްކުރައްވެއެވެ. " މާތް ﷲ ޞުބުހާނަހޫ ވަތަޢާލާ އެންމެ ގިނައިން އެކަލާނގެ އަޅުން ނަރަކައިން މިންޖު ކުރައްވަނީ ޢަރަފާތްދުވަހުގައެވެ." (رواه مسلم).

އިސްލާމްދީނަކީ އިންސާނުންނަށް ދެއްވި ނިޢުމަތެކެވެ. އެނިޢުމަތް ފުރިހަމަ ކުރެއްވި އާޔަތް ބާއްވައި ލެއްވުނީ ޢަރަފާތްދުވަހުގައެވެ. އެއީވެސް ޢަރަފާތްދުވަސް މާތްވުމުގެ ސަބަބެކެވެ. އެއްފަހަރަކު ޔަހޫދީއަކާއި ބައްދަލުވެ، އެޔަހޫދީ ބުންޏެވެ. "އޭ އަމީރުލް މުއުމިނީންއެވެ! ތިޔަބައިމީހުންގެ ފޮތުގެ ( ޤުރްއާނުގެ) އާޔަތެއް ތިޔަބައިމީހުން ކިޔަވަމުއެވެ. އެއާޔަތް އަޅުގަނޑުމެން ޔަހޫދީންގެ މައްޗަށް ބާވައިލެއްވިނަމަ، އެދުވަސް ޢީދުދުވަހެއް ކަމުގައި ހެދީމުހެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ. އެއީ ކޮން އާޔަތެއް ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އެއީ "މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗައް ތިމަން ރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ." ޢުމަރުގެފާނު ވިދާޅުވިއެވެ. ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް އެއާޔާތް ބާވައިލެއްވި ދުވަހާއި ތަން އަހަރެމެންނަށް  އެނގެއެވެ. އެ އާޔަތް ބާވައިލެއްވުނީ ހުކުރު ދުވަހު އެކަލޭގެފާނު ޢަރަފާތުގައި ހުންވަނިކޮށެވެ." (ބުޚާރީ/މުސްލިމް).

Advertisement

މާތްﷲ އަކީ އޯގާވަންތަ ރަސްކަލާނގެއެވެ. ރަޙުމާންވަންތަ ރަޙީމުވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ އޯގާވަންތަކަމަކީ ހުރިހައި އަޅުންނަށް ތަނަވަސްވެގެންވާ ކަމެކެވެ. ހުރިހައި ހާލަތެއްގައިވެސް އެކަން އިންސާނުންނަށް ހެކި ދައްކައެވެ. މާތް ﷲ ގެ އޯގާވަންތަ ކަމާއި ތަނަވަސް ރަޙުމަތުން ޙައްޖުގެ އަޅުކަން އަދާކުރުމުގެ ނަޞީބު ނުލިބޭ މީހުންވެސް މި ދުވަހުގެ ޘަވާބުން މަޙުރޫމެއް ނުކުރައްވައެވެ. ޢަރަފާތު ދުވަހުގެ މާތްކަމާއި ދަރުމަ ޙާޞިލު ކުރުމަށް ކުރެވޭނެ ކަންތައްތަކެއްވަނީ ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގައި ބަޔާން ކުރައްވާފައެވެ.

 ޙައްޖަށް ދިއުމުގެ ނަޞީބު ނުލިބޭ މީހުން ޢަރަފާތު ދުވަހުގެ މާތްކަމާއި ދަރުމަ ޙާޞިލު ކުރުމަށް ކުރެވޭނެ ކަންތައްތަކީ ކޮބައި ހެއްޔެވެ؟

ޢަރަފާތު ދުވަހު ރޯދައަށް ހުރުން:

އިންސާނުންނަކީ އަބަދުވެސް ކުށް ކުރެވޭ ބައެކެވެ. ރެއާއި ދުވާލު އެނގިގެންނާއި ނޭނގި ނަމަވެސް ކުށް ކުރެވޭ އިންސާނުންނަށް މިވަރުގެ ރަނުގެ ފުރުޞަތެއް ލިބޭނެ ހެއްޔެވެ؟ ކުރެވިފައިވާ ކުށްތައް ފަސޭހަކަމާއިއެކު ފޮހެލުމަށްޓަކައި ޢަރަފާތު ދުވަހު ރޯދައަށް ހުރެލާށެވެ. އެންމެ ދުވަހެއްގައި ހިފައި ރޯދައަކުން އިސްވެ ދިޔަ އަހަރާއި އަދި ކުރިއަށް އޮތް އަހަރުގެ ފާފަ ( ކުދި ފާފަތައް) ފުއްސަވައެވެ. ދެ އަހަރުގެ ފާފަތައް ފޮހެވިގެން ދިއުމަކީ ކުޑަކަމެއް ނޫނެވެ. އެއީ ވަރަށް ބޮޑުކަމެކެވެ. އެއީ ތިބާގެ ނުބައި ކަމުގެ ތިލަފަތަށް ލިބޭ ލުޔެކެވެ. އަދި އެދުވަހުގައި ރޯދައަށް ހުރުމުގެ ދަރުމައާއި ޘަވާބު ހެޔޮކަމުގެ ތިލަފަތަށް ލެވިގެންދާނެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅުގައިވާ ގޮތުން ޢަރަފާތު ދުވަހު ރޯދަ ހިފުމަކީ އޭގެ ކުރީ އަހަރާއި ފަހު އަހަރުގެ ކުށްފާފަތަކުން (ކުދި ފާފަތައް) ރައްކާތެރިކޮށްދޭނެ ކަމެކެވެ. އިތުރު އެކަލޭގެފާނު ޙަދީސްކުރައްވާފައިވެއެވެ. " ތިމަންކަލޭގެފާނު އުންމީދު ކުރައްވަނީ ޢަރަފާތު ދުވަހުގެ ރޯދައިގެ ސަބަބުން އެދުވަހުގެ ކުރީ އަހަރާއި ޖެހިގެން އަންނަ އަހަރުގެ ފާފަތައް މާތް ﷲ ފުއްސަވާދެއްވާނެކަމަށެވެ." (رواه ابن حبان).

ޢަރަފާތު ދުވަހުގައި ޤަޟާ ރޯދަ ހިފުން:

ގެއްލިފައިވާ ރޯދަތައް ޤަޟާކުރުމުގެ ނިޔަތުގައި ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގައިވެސް އަދި ޢަރަފާތު ދުވަހުވެސް ރޯދަ ހިފޭނެއެވެ. އޭރުން ޤަޟާ ރޯދައާއި ޙައްޖުމަހުގެ 9 ވަނަ ދުވަހުގެ (އެބަހީ ޢަރަފާތު ދުވަހުގެ) ރޯދަވެސް ހިފުނީއެވެ. ރޯދަ ޤަޟާ ކުރެވުމުގެ ޘަވާބާއި ދަރުމަ ލިބުމާއިއެކު ޢަރަފާތު ދުވަހުގެ ރޯދަ ހިފިކަމުގެ ޘަވާބާއި ދަރުމަވެސް ލިބޭނެއެވެ. އިންޝާ ﷲ.

ޢަރަފާތު ދުވަހުގެ ދުޢާ:

ދުޢާއަކީ މުއުމިނުންގެ ހަތިޔާރެވެ. އައްޑަނައެވެ. މާތްﷲ ޤަޟާ ޤަދަރުގައި ލިޔުއްވާފައިވާ ކަމެއް ބަދަލު ކުރުމުގެ ބާރު ލިބިފައިވަނީ ތިބާ ކުރާ ދުޢާގައެވެ. މި ދުވަހުގައި ގިނަގިނައިން ދުޢާ ކުރާށެވެ. ދުނިޔަވީ ޙަޔާތާއި އުޚްރަވީ ޙަޔާތުގައި ތިބާ އެދޭ ހުރިހައި ކަމަކަށް އެދޭށެވެ. މި ދުވަހުގެ ކުރެވޭ ދުޢާއަކީ އެންމެ މާތް ދުޢާއެވެ. عبد الله بن عمرو بن العاص ކީރިތި ރަސޫލާ އަރިހުން ރިވާކުރެއްވި ޙަދީޘްބަސްފުޅެއްގެ މާނައިގައިވަނީ:" "ޢަރަފާތްދުވަހުގައި ކުރެވޭ ދުޢާއަކީ އެންމެ މާތް ދުޢާއެވެ. އަދި ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ ކުރިން ފޮނުއްވުނު ނަބިއްޔުން ކިޔުއްވި އެންމެ މާތް ދުޢާއަކީ " لَا إِلهَ إِلاَّ اللهُ وَحْدَهُ لَا شَرِيْكَ لَهُ ، لَهُ الْمُلْكُ ، وَلَهُ الْحَمْدُ ، وَهُوَ عَلىَ كُلِّ شَيْءٍ قَدِيْر" މިއެވެ. (رواه الترمذي  وحسَّنه الألباني). މާނައީ: "ﷲ މެނުވީ އިލާހަކު ނުވެއެވެ. އަދި އެކަލާނގެއަށް ޝަރީކަކުނުވެއެވެ. ހުރިހައި ކަމެއް މިލްކުވެވޮޑިގެންވަނީ އެކަލާނގެއަށެވެ. އަދި ޙަމްދުހުރީ އެކަލާނގެއަށެވެ. އަދި އެކަލާނގެ ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ ވޮޑިގެންވެއެވެ."

މިދުވަހުގައި ދުޢާކުރުން މާތްކަންބޮޑީ ﷲ މަތިން ހަނދުމަކުރުން ގިނަވުމުންނެވެ. ޘަވާބާއި ދަރުމަ މަތިވެރިވުމުންނެވެ. ޢަރަފާތްދުވަހުގައި ކުރެވޭ ދުޢާ އިޖާބަކުރެއްވުން ގާތްކަމުންނެވެ. ޢަރަފާތްދުވަހުގެ މާތްކަން އެންމެނަށް ލިބިގެންވެއެވެ. ޙައްޖުވެރިންނާއި ޙައްޖާޖީންނޫން މީހުންނަށެވެ. ޘަވާބާއި ދަރުމާގައެވެ.

ޢަރަފާތު ދުވަހުގެ ތަކުބީރު ކިޔުން:

ޛުލް ޙިއްޖާ މަސް ފެށުނީއްސުރެ ތަކުބީރު ކިޔުމަކީ ސުންނަތެކެވެ. މުޠުލަޤުކޮންނާއި މުޤައްޔަދުކޮށްވެސް ޙައްޖުމަހުގައި ތަކުބީރު ކިޔޭނެއެވެ.

މުޠުލަޤުކޮށް ތަކުބީރު ކިޔުމަކީ؛ މިއީ ވަކި ވަގުތެއް ޚާއްޞަވެގެން ނުވާ ތަކުބީރެވެ. ޛުލް ޙިއްޖާ މަހުގެ 1 ވަނަ ދުވަހުން 13 ވަނަ ދުވަހުގެ އިރުއޮއްސުމާ ހަމައަށް އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ތަކުބީރު ކިޔަންވީއެވެ.

މުޤައްޔަދުކޮށް ތަކުބީރު ކިޔުމަކީ؛ މިއީ ވަކި ވަގުތަކަށް ޚާއްޞަވެގެންވާ ތަކުބީރެވެ. މި ތަކުބީރު ކިޔާނީ ޢަރަފާތު ދުވަހުގެ ފަތިސް ނަމާދުށް ފެށިގެން 13 ވަނަ ދުވަހުގެ އިރުއޮއްސުމާ ހަމައަށް ކޮންމެ ފަރުޟު ނަމާދަށް ފަހުގައެވެ.

ތަކުބީރުގެ ކިޔާނެ ގޮތް:

اللهُ أكبرُ اللهُ أكبرُ اللهُ أكبرُ ، لا إلهَ إلَّا الله، واللهُ أكبر اللهُ أكبر، ولله الحَمد

އެހެނިހެން ހެޔޮ ޢަމަލުތައް ގިނަ ކުރުން:

މާތްﷲ އަމުރުފުޅުތަކަށް ކިޔަމަންތެރިކަން އަދާ ކުރުމާއި އެކަލާނގެ ފަރުޟު ކުރައްވާފައިވާ އަޅުކަންތަކަށް ރައްކައުތެރިވާށެވެ. އަދި ޙަރާމް ކުރައްވާފައިވާ ކަންކަމުން ދުރުހެލިވާށެވެ. މީގެ އިތުރުން ސުންނަތް އަޅުކަންތައް ކުރުމާއި، ޛިކުރު ކުރުމާއި، އިސްތިޣްފާރު ކުރުން ގިނަ ކުރާށެވެ. ގިނަގިނައިން އިސްތިޣްފާރުކޮށް މާތްﷲ އަށް ތައުބާވާށެވެ. އަދި މިދުވަސްތަކުގައާއި ޢަރަފާތު ދުވަހުގައި ތަކުބީރު ކިޔުމާއި ތަހްމީދު ކުރުމާއި ތަސްބީޙަ ކިޔުމާއި ތަޙްލީލު ކިޔުމުން ތިބާގެ ދޫ ތެއްކުރާށެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި އަޅައިލުމާއި ރަޙިމުގެ ގުޅުން ގާއިމު ކުރުމަކީވެސް މި ދުވަހުގެ ޘަވާބާއި ދަރުމަ ހޯދުމަށް ކުރެވޭނެ ހެޔޮ ޢަމަލެވެ. މާތްﷲގެ ޙަޟްރަތުގައި ސުންނަތް އަޅުކަން އަދާ ކުރުމަށްވުރެ މައިންބަފައިންނަށް ޚިދުމަތް ކުރުމުގެ ދަރުމައާއި ޘަވާބު ބޮޑެވެ. މި ދުވަސްތަކުގައި އެމީހުނަށް ޚިދުމަތް ކުރުން އިތުރުކުރާށެވެ. ދުރުގައިވާ މައިންބަފައިންގެ ހާލު ބަލާށެވެ. އޯގާތެރިކަމާއެކު މުޢާމަލާތު ކުރާށެވެ. އަނބިދަރިންނަށް ލޯބި ދީ ވަގުތު ދޭށެވެ. ގޭތެރޭގައި އަނބިމީހާއަށް އެހިތެރިކަމުގެ އަތެއް ދިއްކޮށްލާށެވެ. އެއީވެސް ކީރިތި މާތް ނަބިއްޔާ صلى الله عليه وسلمގެ ސުންނަތެވެ. އަދި އަނބިންވެސް ފިރިންނަށް ޚިދުމަތްކުރުމާއި ކިޔަމަންތެރިކަން އަދާކުރާށެވެ.

ޙައިޟުވެރިޔާއާއި ނިފާސްވެރިން މި ދުވަހުގެ ދަރުމަ ހޯދުން؛

ރަމަޟާން މަސް ނުވަތަ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް އަދި ޢަރަފާތު ދުވަސްތަކުގައި ޙައިޟު ނުވަތަ ނިފާސްކަމާއި ބައެއް  އަންހެން ކަނބަލުން ކުރިމަތިލާން ޖެހެއެވެ. އަދި މިފަދަ މަތިވެރި ދުވަސްތަކެއްގައި ޙައިޟުވުމުން އަންހެން ކަނބަލުން އެކަމާ ވަރަށް ހިތާމަ ކުރެއެވެ. އެއީ މި ދުވަސްތަކުގެ ޘަވާބާއި ދަރުމަ ނުލިބިދާނެކަމަށްޓަކައެވެ.  ޙައިޟްވެރިޔާއަށް ރޯދަ ހިފުމާއި، ނަމާދު ކުރުމާއި ޠަވާފުރުކުމަކީ ޝަރީޢަތުގައި ޙަރާމްކަމެކެވެ. އަދި އެކަމުގެ ސަބަބުން ރަމަޟާންމަހާއި ޙައްޖުގެ އަޅުކަމުގެ ހެޔޮ ޘަވާބާއި ދަރުމަ މަޙުރޫމު ވެގެންދާނެކަމަށް ބައެއް އަންހެންބޭކަނބަލުން ދެކެވަޑައިގަންނަވައެވެ. ނަމަވެސް މިއީ މިކަން އޮންނަ ގޮތެއް ނޫނެވެ. ޙައިޟުވުމަކީ ދަރުމައާއި ޘަވާބު އުނިވެގެންދާ ކަމެއް ނޫނެވެ. ޙައިޟުވެރިޔާއާއި ނިފާސްވެރިޔާއަށް މި ދުވަސްތަކުގެ ދަރުމައާއި ޘަވާބު ހޯދޭނެއެވެ. މިގޮތުން؛

(ހ) ނިޔަށް ޚާލިޞްކުރާށެވެ. މި ދުވަސްތަކުގައި ހެޔޮ ޢަމަލު ކުރުމަށް އަޒުމް ކަނޑައަޅާށެވެ. ބޭނުންވަނީ އިޚްލާޞްތެރި ނިޔަތެކެވެ. އެމީހަކަށް ދަރުމައާއި ޘަވާބު ލިބުން ބިނާވަނީ ނިޔަތުގެ މައްޗަށެވެ. ކީރިތި މާތް ނަބިއްޔާ ޙަދީޘްކުރައްވާފައިވެއެވެ. "ހަމަކަށަވަރުން ޢަމަލުތައް (ޞައްޙަވުން) ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ. އަދި ހަމަކަށަވަރުން، ކޮންމެ މީހަކަށް އެމީހަކު ނިޔަތްގަތް ގޮތެއްގެ މަތިން އެ ކަމެއް ލިބިގެންވެއެވެ."

(ށ) ނަމާދު ކުރުމާއި ރޯދަ ހިފުން ފިޔަވައި އެހެން ހުރިހައި އަޅުކަމެއް ކުރެވޭނެއެވެ. ކީރިތި ޤުރްއާން ކިޔެވުމާއި ޛިކުރު ކުރުމާއި، އިސްތިޣްފާރު ކުރުމާއި ރަހިމުގެ ގުޅުން ޤާއިމު ކުރުމާއި ޢާއިލާގެ ކަންކަން ބެލެހެއްޓުމެވެ. މާތްﷲ ރުހިވޮޑިގެންވާ ކޮންމެ ކަމަކީ ހެޔޮ ޢަމަލެކެވެ. ކޮންމެ ހެޔޮ ޢަމަލަކީ އަޅުކަމެކެވެ. ޢަރަފާތު ދުވަހުގެ މާތްކަން ލިބުން ބިނާވަނީ ނަމާދާއި ރޯދައިގެ މައްޗަކަށް ނޫނެވެ. އެހެންކަމަކު ތިބާ އިޚްލާޞްތެރިކަމާއެކު ކުރާ ކިތަންމެ ކުޑަ ޢަމަލަކުންވެސް އެދުވަހުގެ ދަރުމައާއި ޘަވާބު ހޯދޭނެއެވެ.

(ނ) ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. " އަޅާ ބަލިވެއްޖެނަމަ ނުވަތަ ދަތުރުމަތީގައިވާނަމަ އޭނާ ހެޔޮ ހާލުގައި ހުރިއިރު އަދި ރަށުގައި ޤާއިމްވެ ހުރިއިރު ކޮށް އުޅުނު ޢަމަލުތަކުގެ އަޖުރަ ލިބޭނެއެވެ." (އެބަހީ: ޘަވާބު ލިބޭނެއެވެ.) (رواه البخاري).

 ޙައްޖު ދުވަހަކީ އަހަރަކު އެއް ފަހަރު އަންނަ ދުވަހެކެވެ. މިއީ ތިބާގެ ހަޔާތުގައި އަންނަ އެންމެ ފަހު ޙައްޖު ދުވަހަށްވެސް ވެދާނެއެވެ. މަރަކީ ކުށްލިއަކަށް އަންނަ މެހެމާނެކެވެ. އެއީ މުސްކުޅިއެއް ޒުވާނެއް ވަކި ކުރުމެއްނެތި ބައްދަލު ކުރާ މެހެމާނެކެވެ. މިދިޔަ އަހަރުގެ ޙައްޖު ދުވަހު ދުނިޔޭގައި ތިބި ކިތަށް މީހުން މިއަހަރުގެ ޙައްޖު ދުވަހާއި ބައްދަލު ނުވެ ދުނިޔެ ދޫކޮށްފި ހެއްޔެވެ؟ މި ފުރުޞަތު ނަގައިނުލައި މި ދުވަހުގެ ބޭނުން ހެޔޮ ގޮތުގައި ހިފާ ބަޔަކަށް ވަމާތޯއެވެ. މާތްﷲ ރުއްސަވާ ކޮންމެ  ކަމަކީ ހެޔޮ ޢަމަލެކެވެ. އެއީ އަޅުކަމެކެވެ. ވީމާ، ތިބާއަށް ވީ މިންވަރަކުން މި ދުވަހުގައި ހެޔޮ ޢަމަލުތައް ގިނަ ކުރާށެވެ. އަދި ގިނަގިނައިން ފާފަ ފުއްސެވަމާއި ނަރަކައިން ދިންނެވުމަށް ދަންނަވާށެވެ.  އަހަރަކު އެއްފަހަރު އަންނަ ޢަރަފާތްދުވަހުގެ ދަރުމައާއި ޘަވާބު ހޯދައި ފުރުސަތުނަގައި ނުލާށެވެ. ދެވަނަ ފުރުޞަތު ލިބުމެއްނުވާ، އުޚްރަވީ ޙަޔާތާއި ކުރިމަތި ލުމުގެ ކުރިން ދުނިޔަވީ ޙަޔާތުގައި ކޮއްތު އެއްކުރާށެވެ. ހެޔޮ ކަމުގެ ކޮއްތެވެ. އެއީ ތިބާގެ ހެޔޮ ކަމުގެ ތިލަފަތް ބަރުކުރާނެ ކޮއްތެވެ.

+1
0
+1
6
+1
15
+1
0
+1
2
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް