November 23, 2024 00:57
Advertisement

-Advertisement-

އެވޭލާ ވާހަކަ: ރީތި ކަމަށް މަޝްހޫރު ހަސީނުގެ ރަންއަޑު އަދި ނިމިދިޔަ ގޮތް!

ހަސީނަކީ ކުރީޒަމާނުގައި ރާއްޖޭގެ ރަށެއްގައި އުޅެމުންއައި ޒުވާނެކެވެ. އަބަދުވެސް އެދުވަސްވަރާއި ގުޅޭ ރީތި ހެދުން އަޅައި ޗާލުވެ، ވަރަށް ފަރިދައްކަމުންދިޔަ ވިހި އަހަރުގެ ޅަދޮޅު ފިރިހެނެކެވެ. އޭނާ އަކީ އެރަށުގައި އެދުވަސްވަރު އުޅުނު ރީތި ފިރިހެނާއޭ ބުނުމަކީ ދޮގަކަށްނުވާނެއެވެ.

އަބަދުވެސް ފެންވަރާ ރީތި ހެދުން ލައިގެން ފަރި ދެއްކުމަކީ ހަސީނުގެ އުފަލެކެވެ. ހެނދުނު ނިދިން ތެދުވެ ހަސީނު ކުރާކަމަކީ ރީތި ހެދުން ލައިގެން ގޮސް މަހަށްދޫ އަތިރިމަތީގައި ހުންނަ މަރިޔާދު ގޭގައި އިންނަނީ އެވެ. އެގޮތަށް އިންނައިރު އެރަށުގައި އުޅޭ އެކި އުމުރުފުރައިގެ އަންހެން ކުދިން ތެލި ދޮންނަން ނުވަތަ ކުނިއުކަން މަރިޔާދުގެ ކައިރީން އަޅާފައި ގޮޑުދޮށަށް ދާތީ ހަސީނަށް ފެނެއެވެ.

އަބަދުވެސް އުދޯލި ހެއްލަމުން ރީތި ރާގެއް ހަސީނު ވައިގެ ތެރެއަށް ފޮނުވާލައެވެ. އޭނަ އަބަދުވެސް އެންމެ ގަޔާވެ، ފޯރީގައި ކިޔާ ލަވައަކީ ހިންދީ ލަވައެކެވެ. މީގެ ޒަމާން ތަކެއްގެ ކުރިން މިލަވައަކީ ދިވެހީންގެ ތެރޭވެސް ވަރަށް މަޝްހޫރު ލަވައެކެވެ. ޚާއްސަކޮށް މުސްކުޅި ފުރައިގެ މީހުންނަށެވެ. ލަވައަކީ "ޔެރާތޭ ޔެމޯސުމް ނަދީކާ ކިނާރާ ޔެޗަމްޗަލް ހަވާ" މިރީތި ލަވައިގެ އެކި ބައިތު ވަކިވަކިން މާޅޮސްކެޔޮ ފަތުގައި ލިޔެގެން ގޮސް ފަހަރަކު ބައިތެއް ކިޔަމުން ދަނީއެވެ.

Advertisement

އެއްދުވަހަކު ހަސީނު މަރިޔާދުގޭގައި އިންދާ އެރަށު ކުރެދިފަލު ދޮންކަނބުލޯ އަށް ފެނިގެން އަހާލިއެވެ.

"ހަސީނު އެވެ. ހަސީނުގެ ރީއަޑުން އެއްފަހަރު ތި ލަވަ ތަކުރާރު ކޮށްދީފާނަންތޯއެވެ. ހަސީނު މިފަހަރު އެހެންބައިތެއް ކިޔާލިއެވެ. "ކަހަދޯ ދިލޯނެ ކެހަމް ކަރު ކަބީ ހަމް ނަ ހޯންގީ ޖުދާ" ހަސީން ހާދަރީއްޗޭ ދޮންކަނބުލޮ ބުނެލިއެވެ. ކޮންމެ ދުވަހަކުވެސް މިލަވައިގެ ކޮންމެވެސް ބައިތެއް ހަސީނު ތަކުރާރު ކުރަމުންދެއެވެ. ދޮންކަނބުލޯގެ ހަށިގަނޑުގެ އެންމެ ހިމަނާރުތަކާއި ކުޅެލީ ހަސީނުގެ ރީތި އަޑާއި މިލަވަކަމަށް ވަނީ ވެފައެވެ. ދޮންކަނބުލޯ އަކަށް ރޭގަނޑު ނުއެއް ނިދެއެވެ. އަބަދުވެސް ހަނދާންވަނީ ހަސީނުގެ ރީތި އަޑުން މި އިއްވާލި މިއަސަރުގަދަ ރީތި ލަވައެވެ.

ދުވަސްތައް މާޒީއާއި އެކުވެ ދަނިކޮށް އެއްދުވަހަކު ދޮންކަނބުލޯގެ ބޭއިޚުތިޔާރުގައި ހަސީނުގެ ކައިރީ ބުނެލިއެވެ. އަހަންނާއި ކާވެނި ކުރަންވީ ނޫންހޭ. މިސުވާލުގެ ޖަވާބުގައި ހަސީނު ވަރަށް ވިސްނުން ތެރިކާމާއެކު ބުނެލިއެވެ. "ތިސުވާލުގެ ޖަވާބު މައިންބަފައިންނާއި ވާހަކަ ދެއްކުމަށްފަހު ދޭނަމެވެ." ކަނބުލޯ އަށް މިޖެހުނީ އިންތިޒާރުގެ ދުވަސްތައް ގުނާށެވެ. އޭގެ ދެތިން ދުވަސްފަހުން އެއްކަލަ މަރިޔާދު ގެއިން އެދެމީހުން ބައްދަލުވެއްޖެ އެވެ. މި މަރިޔާދު ގެއަކީ ހަސީނުގެ ބައްޕަ އެރަށު އަތިރިމަތީ އަޅާފައި ހުރި އުދޯލިގެއެކެވެ. މިއުދޯލިގެއަށް މަރިޔާދުގެ ކިޔަނީ ހަސީނު އެކަންޏެވެ. މި ބައްދަލުވި ދުވަހު ހަސީނު ޖަވާބު ދިނެވެ. "މަންމަމެންގެ ޖަވާބަކީ ކުރެދިފަލު ދޮންކަނބުލޯ އާއި އިނދެވިދާނެ. "އެކަމަކު ކަނބުލޯގެ މައިންބަފައިންގެ ރުހުންވެސް ހޯދަންޖެހޭނެ ކަމަށެވެ." ތިކަންތައް އޮތީ ވާހަކަދެކެވި އެއްބަސްވުމަކަށް އާދެވިފައި. ދެން ގިނަދުވަހެއްކުރާނެ ކަމެއްނެތެއްނޫން ދޯ ހަސީނު. އެއްމެރަނގަޅު ހަސީނު ބުނެލިއެވެ.

ޖެހިގެން އައި ހަފްތާ ތެރޭގައި ދެއާއިލާގެ މީހުން އެއްތަންވެ ކާވެނީގެ ވަލީމާ އެއިރު އޮންނަ އުސޫލުން ތައްޔާރުކޮށް ކާވެނިކޮށް ނިންމާލިއެވެ. މިކާވެނީގެ ރަނެއްގެ ގޮތުގައި ހަސީނު ކަނބުލޯ އަށް ދިނީ ކުރިން މިދެންނެވި ލަވަ ފަތްކެޔޮ މޯޅިއެއްގައި ލިޔެފަ ކަމަށް މުސައްނިފް ފާހަގަކޮށްފަވެއެވެ. އެދެމީހުންގެ ހަޔާތުގެ ދުވަސްތައް  ވަރަށް އުފަލުގައި ހޭދަކުރަމުން ދަނިކޮށް އެއްދުވަހަކު ހަވީރު ހަސީނު އޭނަގެ މަރިޔާދު ގޭގައި އިންދާ ދޮންކަނބުލޯ އައިސް މަރިޔާދުގޭގެ ކާރީގައި މަޑުކޮއްލިއެވެ.

އެހެންދުވަސް ދުވަހު ކަނބުލޯ އައިސް އިންނަނީ ހަސީނުގެ ކައިރީގަ އުދޯލީގައެވެ. ނަމަވެސް މިއަދު ދުރުގައި ހުރުމުން ހަސީނު ބުނެލިއެވެ. "ދުރުގަ ތިހުރީ ކީއްވެ؟ ކައިރިއަށް އާދޭ." ހަސީނުގެ އެދުމަށް ކަނބުލޯ ނާދެއެވެ. ހަސީނު މަޑުމަޑުން ތެދުވެ ގޮސް ކަނބުލޯގެ އަތުގައި ހިފިތަނާ ކަނބުލޯ ވަރަށް ބާރަށް ހީގަތެވެ. އަދި ބުނެލިއެވެ. "މިރެއަކީ އަހަރެންގެ އެދުން ފުރިހަމަވާ ރެއެވެ. މިހެންކިޔާފަ ހޭން ފެށުމުން ހަސީނު އަށް ކޮންމެވެސް ވަރެއްގެ ޝައްކެއް ވުމުން ދުރަށް ޖެހިލިއެވެ. އަދި ބުނެލިއެވެ. ތިއީ ހަމަ އަހަރެންގެ ކަނބުލޯ ހެއްޔެވެ. ނޫން މިއީ ކަލޭގެ ކަނބުލޯއެއް ނޫން. މިއީ ކަނބުލޯގެ ސިފައިގައި އައި ޕަރީއެއް. ހަސީނު ބިރުން ދުއްވައިގަތެވެ. އޫހު! ތިޔަހެން މިރެއަކު ނުދެވޭނެ. އަހަރެންގެ އަތްދަށުވެފައި އެކަކަށްވެސް ދެވިފަކާނެތް. ކަލޭ ގަޟާހާޖަތް ކުރަމުންދަނީ އަހަރެންގެ ގަޔަށް. މިރޭ ކަލޭގެ ދުވަސް ދުއްވާލާނަމެވެ. ޕަރީ މިހެން ބުނުމާއެކު ހަސީނު ޚަބަރު ހުސްވެގެން ވެއްޓުނެވެ. އެވަގުތު ޕަރީގެ ޝިކާރައަކަށް ހަސީނު ވެއްޖެއެވެ.

ހަސީނު ލަސްވުމުން ދެ އާއިލާގެ މީހުން މަރިޔާދުގެ ކައިރިއަށް އައިއިރު ހަސީނު ވަނީ މަރިޔާދުގެ ކައިރިއަށް ވެއްޓިފައެވެ. ކަނބުލޯ އަށް ފެނުމުން ދުވެގޮސް ވެއްޓިފަ އޮތް ހަސީނުގެ ގައިގައި އޮޅުލައިގަތެވެ. ނަމަވެސް ހަސީނު ވަނީ ބަސްހުއްޓިފައެވެ. އޭގެ ދެދުވަސް ފަހުން ހަސީނު ހޭޖެހުމުން ވަރަށް މަޑުމޮޅި ރާގަކަށް ހަސީނު ބުނެލިއެވެ. "ހާސްކަމާ ހިތްދަތި ކަމުގެ ދުނިޔެ އިން މިނުކުންނަނީ، 'އާސްމާނުވާލޭ ތޭރޭ ދުންޔާސެ ޖީ ގަބުރާ ވެގެން'. މިބައިތު ނިމުމަށް ފަހު ކުޑައިރު ކޮޅަކަށް ފަހު ހަސީނުގެ ފުރާނަ ދިޔައީއެވެ. މީގެ ކުޑަ ދުވަސްކޮޅެއް ފަހުން ދޮންކަނބުލޯ ވެސް މަރުވެ ދިޔައީކަމަށް މުސައްނިފް ލިޔެފައިވެއެވެ.

ނޯޓް: މިއީ ތުއްތުދީދީ ގެ 'އެވޭލާ ވާހަކަ' ފޮތުން ނަގައިފައިވާ ހާދިސާ އެކެވެ. މިހާދިސާ އަށް ވާނީ އަސްލު ނުގެއްލޭގޮތަށް ކުދިކުދި ބަދަލު ގެނެސްފައެވެ.

+1
0
+1
3
+1
1
+1
18
+1
2
+1
1
+1
5

Advertisement

ގުޅުންހުރި ލިޔުންތައް