November 23, 2024 00:40
Advertisement

-Advertisement-

ހިޖުރައިން ލިބޭ މަތިވެރި ފިލާވަޅުތައް

ހިޖުރައިން ލިބޭ ފިލާވަޅަކީ އުނދަގޫ ވަގުތުގައިވެސް އީމާންކަމުގެ އަހުލުވެރިން ސާބިތުކަމާއިއެކު ތިބޭނެކަމުގެ ފިލާވަޅެވެ. ރަސޫލާއާ އަބޫބަކުރުގެފާނު ޘައުރު ފަރުބަދައިގެ ހޮހަޅައިގައި ތިއްބެވިއިރު އަބޫބަކުރުގެފާނު ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމް އަށް ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. މައްކާގެ މުޝްރިކުންގެ މީހަކު ގުދުވެ އެމީހުންގެ ފައިތިލަދަށަށް ބަލައިލި ނަމަވެސް ތިމަންބޭކަލުން މިތިއްބެވި ތަން ފެންނާނެއެވެ.

ފަހެ މިހިނދު ރަސޫލާ ޙަދީޘް ކުރެއްވި އާޔަތުގެ މާނައިގައިވެއެވެ. " އޭ އަބޫބަކުރުގެފާނެވެ. ތިމަންމެން ދެބޭލަލުން އެކަނި ތިއްބެވިކަމަށް ހީފުޅު ނުކުރައްވާށެވެ. ތިންވަނަ ފަރާތެއްގެ ގޮތުގައި ﷲ ތިމަން ބޭކަލުންނާއި އެކު ވޮޑިގެންވެއެވެ." މިފަދަ ބަސްފުޅުތަކުން ޢިބްރަތް ލިބިގަނެ ހުރިހާ ވަގުތެއްގައިވެސް އިސްލާމްދީން މަތީގައި ތެދުވެރިކަމާއިއެކު ދެމިތިބުމަށް ޢަޒުމު ކަނޑައަޅައި ތިމާގެ އުޚުރަވީ ޙަޔާތް ބާއްޖަވެރި ކުރެވޭތޯ ވެވުނުހައި މަސައްކަތެއް ކުރަމާ ހިނގާށެވެ.

މިދެންނެވުނު ސާބިތުކަމުގައި ރަސޫލާ ހުންނެވުމުން އެކަލޭގެފާނަށް ޔަޤީންވެ ވަޑައިގެންފައި ވަނީ، މާތް ﷲ އެކަލޭގެފާނު ޙިމާޔަތްކުރައްވައި ނަޞްރު ދެއްވާނެ ކަމެވެ. އެގޮތުން މައްކާގެ މީހުން އެކަލޭގެފާނު ހޯދުމަށް ކުރި މަސައްކަތް މާތް ﷲ ނާކާމިޔާބު ކުރައްވައި އެކަލޭގެފާނަށް ނަޞްރު ދެއްވިއެވެ.

Advertisement

ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާއި މެދު ފުންކޮށް ވިސްނާލުމަކީ މިއަދު ކުރަންވެއްޖެ ކަމެކެވެ. ހިޖުރައިގެ މާނައަކީ ތިމާގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމަށްވުރެ މާފުޅާ މާނައެއް އޮތް ކަމެކެވެ. އެގޮތުން ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައްތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުމެވެ.

ކީރިތި ރަސޫލާ މަދީނާއަށް ކުރެއްވި ހިޖުރައިގައި އެތަކެއް ޢިބްރަތްތަކަކާއި ދަރުސްތައް ވެއެވެ. ހިޖުރައިން ލިބޭ އަގުހުރި އެއްފިލާވަޅަކީ ދީނަށްޓަކައި ޤުރްބާން ވުމުގެ މަތިވެރި ފިލާވަޅެވެ. އެގޮތުން ކީރިތި ރަސޫލާ އެކަލޭގެފާނު އުފަންވެ ވަޑައިގެން ބޮޑުފުޅުވި ރަށާއި ގާތްތިމާގެ މީހުންނާއި ޢާއިލާގެ ބޭފުޅުން ދޫކުރައްވައި މަދީނާއަށް ހިޖުރަ ކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ މިދެންނެވި ކަންކަން އިސްލާމް ދީނުގެ ދިފާޢުގައި ޤުރުބާން ކުރައްވާފައެވެ.

މައުލޫމާތު: ހުކުރު ޚުތުބާ

+1
0
+1
1
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް