September 20, 2024 13:35
Advertisement

-Advertisement-

ތިބާގެ ހިތް

ހިތަކީ އިންސާނުންގެ ހަށިގަޑުގައި ލައްވާފައިވާ އެންމެ ނާޒުކު ގުނަވަނެވެ. އަދި ހަށިގަނޑުގައިވާ ގުނަވަން ތަކުގެ ތެރެއިން އެންމެ ސާފުކަންމަތީ ބަހައްޓަން ޖެހޭ ގުނަވަނަކީވެސް ހިތެވެ. އިންސާނާ ކުރާ ހުރިހައި ޢަމަލެއް އެގުނަވަނެއްގެ މައްޗަށް ބިނާވެފައިވާ ގުނަވަނަކީވެސް ހިތެވެ. ހުރިހައި ބުނުމެއް ގުޅިފައިވަނީވެސް ހިތަށެވެ. ހުރިހައި ޢަމަލެއް ބިނާވެފައިވަނީ ހިތުގެ މައްޗަށެވެ. އަދި ހުރިހައި ޢަމަލެއް ޤަބޫލުވެވިގެން ވަނީ ވެސް ހިތުގެ މައްޗަށެވެ. އެ ގުނަވަން ރަނގަޅު ކުރުމުން އެހެން ހުރިހައި ކަމެއްވެސް ރަނގަޅުވެގެން ދެއެވެ. މުޅި މީހާ ރަނގަޅުވުމުގެ ވަޞީލަތަކީ ހިތެވެ. ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައި ވެއެވެ. "ހަމަކަށަވަރުން (އިންސާނާގެ) ހަށިގަނޑުގައި މަސްކޮޅެއް ވެއެވެ. އެ މަސްކޮޅު އިޞްލާޙު ވެއްޖެނަމަ، މުޅި ހަށިގަނޑު އިޞްލާޙު ވެދެއެވެ. އަދި އެ މަސްކޮޅު ފަސާދަ ވެއްޖެނަމަ، މުޅި ހަށިގަނޑު ފަސާދަ ވެދެއެވެ. ދަންނާށެވެ! އެއީ ހިތެވެ." ވީމާ، ތިބާގެ ހިތް އިޞްލާޙުކުރާށެވެ. އޭރުން މުޅި ހަށިގަނޑު އިޞްލާޙުވާނެއެވެ. އެބަހީ ތިބާގެ ހިތް އިޞްލާޙު ކުރުމުން ޢަމަލުތައްވެސް އިޞްލާޙުވެގެން ދާނެއެވެ. ތިބާގެ ޢަމަލުތަކުން ފެންނަނީ ތިބާގެ ހިތުގައިވާ އެއްޗެކެވެ.

އިންސާނުން ކުރާ ޢަމަލުތައް ޤަބޫލު ކުރެއްވުމުގައިވެސް ބައްލަވަނީ ހިތަށެވެ. ތިބާ އަޅާ ޒީނަތްތެރި ހެދުމަކަށް ނޫނެވެ. ތިބާގެ ރީތި ޞޫރައަކަށްވެސް ނޫނެވެ. އަދި ތިބާގެ ޤަދަރުވެރިކަމާއި ޝަރަފަކަށްވެސް ނޫނެވެ. ތިބާގެ ހިތަށެވެ. ހިތް އިޚްލާޞްތެރިވެއްޖެނަމަ، ތިބާގެ ޢަމަލުތައް ޤަބޫލުވެވިގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައި ވެއެވެ. "ހަމަކަށަވަރުން (އަޖުރަ ދެއްވުމުގައި) ﷲ ތަޢާލާ ބައްލަވާ ވޮޑިގެން ވަނީ ތިޔަބައިމީހުންގެ ޞޫރަތަކަށާއި މުދާތަކަކަށް ނޫނެވެ. އެހެނެއްކަމަކު އެއިލާހު ބައްލަވާ ވޮޑިގެންވަނީ ތިޔަބައިމީހުންގެ ހިތްތަކަށާއި ޢަމަލުތަކަށެވެ." (މުސްލިމް).

ނިޔަތުގެ މަހައްލަކީވެސް ހިތެވެ. އަދި ޢަމަލުތައް ޤަބޫލުވެގެން ވަނީ ނިޔަތް ރަނގަޅުވުމުންނެވެ. އެ މީހަކު ކުރާ ޢަމަލަކަށް ޘަވާބު ދެއްވަނީ ނިޔަތުގެ މައްޗަށެވެ. އެ ޢަމަލެއް ކުރި މީހާގެ ޤަޞްދާއި، އޭނާ އެދުނު ގޮތަށެވެ. އެހެންކަމުން ކޮންމެ މުސްލިމަކަށް ވެސް އޮތީ ހެޔޮ ޢަމަލުތަކުން ކުރެ ތިމާ ކުރާ ކޮންމެ ޢަމަލެއްގައި ވެސް ތިމާގެ ނިޔަތް ﷲ އަށް ޚާލިޞްކުރުމެވެ. އެއީ މާތްﷲ އަށްޓަކައި ކުރާ ޢަމަލެއް ކަމުގައިވުމެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. «وإنما لكل امرئ ما نوى» ”ކޮންމެ މީހަކަށް ވެސް ވަނީ އެ މީހަކު ނިޔަތްގަތް ކަމެކެވެ.“. ވީމާ، ޢަމަލެއް ޞައްޙަތޯ ފާސިދުތޯ ބިނާވަނީ ޢަމަލު ކުރާ މީހާގެ ނިޔަތުގެ މައްޗަށެވެ. ތިބާގެ އަޅުކަންތައް ބޭކާރުވެދިޔަ ނުދިނުމަށް އެ ޢަމަލެއްގައި އިޚްލާޞްތެރިވާން ޖެހޭނެއެވެ. އެއީ މާތްﷲ އަށްޓަކައި ކުރާ ޢަމަލަކަށް ވާންޖެހޭނެއެވެ. ކޮންމެ މީހަކު ވެސް ނަމާދު ކުރުމާއި، ރޯދަ ހިފުމާއި، ޙައްޖާއި ޢުމްރާ ކުރުމާއި، ޞަދަޤާތް ކުރުމާއި، ޢިލްމު އުނގެނުމާއި، ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ހުއްޓުވައި މަނާކުރުމާއި، މައިންބަފައިންނަށް އިޙްސާންތެރިވުމާއި، އަނބިދަރިންނަށް އަޅައިލުމާއި، މިހެން ގޮސް ކޮންމެ ހެޔޮ ޢަމަލެއް ކުރާހިނދު ވެސް ﷲ އަށް ނިޔަތް ޚާލިޞްކުރަން ޖެހޭނެއެވެ. ތިބާކުރާ ޢަމަލަކީ އެހެން މީހުންގެ ޘަނާ އަޑު އެހުމަށް ކުރާ ޢަމަލަކަށް ވެގެން ނުވާނެއެވެ. ތިބާގެ ހިތުގައި ވާ ނިޔަތަށް ރައްކާތެރިވާން ޖެހޭނެއެވެ. އެފަދަ އެއްޗެއް ހިތަށް އަރައިފި މީހަކު، އަވަހަށް އެކަމުން ދުރުވެ މާތްﷲ އަށް އިސްތިޣްފާރު ކުރާށެވެ.

Advertisement

މުއުމިނަކު ކުރާ ހުއްދަ ކޮންމެ ޢަމަލަކީ ވެސް، އޭގައި ރަނގަޅު ނިޔަތެއް އޮވެއްޖެނަމަ، އަޅުކަމަކަށް ބަދަލުވާނެ ކަމެކެވެ. މިގޮތުން އޭނާގެ ދިރިއުޅުމުގެ ކޮންމެ ކަމެއް އަޅުކަމަކަށް ބަދަލު ކުރުމުގެ ބާރު ލިބިފައިވަނީ ހިތަށެވެ. އެއީ ކެއިން ބުއިން، ހެދުން އެޅުން، އެންމެ ކުޑަ ވެގެން، ތިބާގެ ޝަހުވަތްތެރިކަން ފުއްދުމަށްޓަކައި ރޭ ކުރުންވެސް އަޅުކަމަކަށް ހެދޭނެއެވެ. އެއީ މާތްﷲ ގެ އަމުރުފުޅަށް ކިޔަމަންތެރިވެ ޒިނޭއާއި ދުރުވުމުގެ ނިޔަތުގައި ކުރާކަމަކަށްވުމުންނެވެ. ތިމާގެ އަމިއްލަ ނަފްސާއި އަނބިމީހާ ޢިއްފަތްތެރި ކުރުމުގެ ނިޔަތުގައި ކުރާ ކަމަކަށްވުމުންނެވެ. ޙަރާމް ގޮތްތަކާ ދުރުވެ ހުރުމުގެ ނިޔަތް އޮތުމަކީ ވެސް ޘަވާބު ލިބޭ ހެޔޮކަމެކެވެ. މިގޮތުން ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވަނީ: وَفِي ‏ ‏بُضْعِ‏ أَحَدِكُمْ صَدَقَةٌ قَالُوا يَا رَسُولَ ﷲ ‏أَيَأتِي أَحَدُنَا شَهْوَتَهُ وَيَكُونُ لَهُ فِيهَا أَجْرٌ قَالَ أَرَأَيْتُمْ لَوْ وَضَعَهَا فِي حَرَامٍ أَكَانَ عَلَيْهِ فِيهَا وِزْرٌ فَكَذَلِكَ إِذَا وَضَعَهَا فِي الْحَلَالِ كَانَ لَهُ أَجْرًا" މާނައީ: “ކަލޭމެންގެ ތެރެއިން މީހަކު އަނބިމީހާއާ ޖިމާޢުވުމަކީ ވެސް ހެޔޮކަމެކެވެ.“ ޞަހާބީން ދެންނެވިއެވެ: “އަޅުގަނޑުމެން މީހަކު، އޭނާގެ ޝަހުވަތްތެރިކަން ފުއްދުމުން، އޭނާއަށް އެކަމުން ހެޔޮ އަޖުރުވެސް ލިބޭތޯއެވެ؟!“ ރަސޫލާ ޙަދީޘްކުރެއްވިއެވެ. އޭނާ ޙަރާމް ގޮތުގައި އެދުންވެރިކަން ފުއްދައިފިއްޔާ، އޭނާގެ މައްޗަށް ފާފަ އޮންނާނެ ކަމަށް ނުދެކެން ހެއްޔެވެ؟ ހަމަ އެހެންމެ ޙަލާލް ގޮތުގައި އެދުން ފުއްދައިފިއްޔާ ހެޔޮ އަޖުރުވެސް ލިބޭނެއެވެ.“ މާތްﷲ ގެ އޯގާވަންތަކަން ނިކަން ދެކި ބަލާށެވެ. ތިބާގެ އަމިއްލަ އެދުން ފުއްދުމަށް ކުރާ ކަމަކަށްވެސް އެކަލާނގެ ޘަވާބު ދެއްވައެވެ. އެއީ ރަޙުމާންވަންތަ ރަސްކަލާނގެއެވެ.

މާތްﷲ ގެ ރަޙުމަތުން ހެޔޮ ޢަމަލެއް ކުރަން ހިތަށް އެރުމުންވެސް ޘަވާބު ދެއްވައެވެ. އެއީ އެ ޢަމަލު ނުކުރިނަމަވެސް އެވެ. ހަމަ މިފަދައިން ދުޅަހެޔޮ ޞިއްޙަތުގައި ހުރެ ހެޔޮ ޢަމަލު ކުރި މީހާއަށް ބަލިވުމުގެ ސަބަބުން އެ ޢަމަލު ނުކުރެވުނަސް މާތްﷲ އެމީހަކަށް ޘަވާބު ދެއްވައެވެ. އެއީ އެ ޢަމަލު ކުރުމުގެ ނިޔަތް އޮތީތީއެވެ. ވީމާ، ނިޔަތަކީ ވަރަށް މުހިންމު އެއްޗެކެވެ. ނިޔަތް މުހިންމުވުމުން ހިތްވެސް މުހިންމުވެއެވެ. ނިޔަތުގެ މަހައްލު ކަމުގައި ހިތްވާތީއެވެ.

ހިތަކަށް ޖެހޭނެ އެންމެ ބޮޑު ބައްޔަކީ ޣާފިލު ކަމުގެ ބައްޔެވެ. ނުވަތަ ހިތް ގާވުމެވެ. ހެއްދެވި ފަރާތާއި މެދު ޣާފިލުވުމުން އެ ހިތް ބަލިކަށިވެއެވެ. ދެރަ ނިކަމެތި ވެއެވެ. ހިތް ނުތަނަސްވެއެވެ. އުފާވެރިކަން ގެއްލިގެންދެއެވެ. ހިތްހަމަ ޖެހުންނެތިގެން ދެއެވެ. ސަބަބަކީ ހިތުގެ ހަމަޖެހުމާއި އުފާވެރިކަން ގުޅިފައިވަނީ ހެއްދެވި ފަރާތް ހަނދުމަކުރުން ކަމުގައިވުމެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. “އަދި ﷲ ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟” (ރަޢުދު 28). ހިތުގެ ހަމަޖެހުމަކީ ގިނަގިނައިން ﷲ ތަޢާލާ މަތިން ހަނދުމަކުރުމެވެ. އެއީ ފަރުވާއެކެވެ. ހިތުގެ ފަރުވާއެކެވެ. ހިތްތައް މަޑުމޮޅި ކުރުމަށާއި ނަފްސު އިޞްލާޙުކުރުމަށް ހިތަށް ފަރުވާ ކުރާށެވެ. ހިތަކަށް ލިބޭނެ އެންމެ ފައިދާ ހުރި ފަރުވާއަކީ ކީރިތި ޤުރްއާން ކިޔެވުމެވެ. އޭގެ މާނައާ މެދު ވިސްނުމާއެކުގައެވެ. ކީރިތި ޤުރްއާނުގެ އާޔަތްތަކާއިމެދު ވިސްނާ ފިކުރު ކުރުމަށްވުރެ މޮޅު އިތުރު ފަރުވާއެއް ހިތަށް ލިބިގެން ނުވެއެވެ. ތިބާގެ ހިތް މާތްﷲ އަށް ޒިކުރު ކުރުމުގައި މަޝްޣޫލު ކުރާށެވެ. އެކަލާނގެއަށް ޛިކުރުކުރުމުން ހިތް ފުރާލާށެވެ. އެފަދަ ހިތެއް، ހުރިހައި ނުބައި ކަމަކުން ތިބާ ދުރުކުރާނެތެވެ.

އިބްނު ޤައްޔިމް ރަޙިމަހުއްﷲ ވިދާޅުވެފައިވެއެވެ. "ޛިކުރުގެ ސަބަބުން އިންސާނާގެ ހިތާއި މޫނާއި ގުނަވަންތައް އަލިކޮށްދެއެވެ. އެއީ ދުނިޔެމަތީގައި ވެސް އަޅުންނަށް ނޫރެކެވެ. އަދި ބަރުޒަޚާއި ޤިޔާމަތް ދުވަހުގައިވެސްމެއެވެ." "الوابل الصيب 135).

ހިތްހަރުވުމުގެ ސަބަބަކީ ﷲ ތަޢާލާއާ ދުރުވުމެވެ. ފާފައިގެ ކިލަނބުކަމުގެ ތެރެއަށް ވަދެވުމެވެ. އޭނާއަށް އޮތީ ކިނލަބުކަމުން ހިތް ޠާހިރުކުރުމެވެ. ހިތް ސާފުކުރުމަށް، ދޮވެލުމަށްޓަކައި ﷲ ގެ ޙަޟްރަތަށް އަވަހަށް ތައުބާވުމެވެ. ނަބިއްޔާ ޙަދިޘްކުރައްވާފައި ވެއެވެ. “ހަމަކަށަވަރުން އަޅަކު ފާފައެއް ކޮށްފިނަމަ އޭނާގެ ހިތުގައި ކަޅު ތިއްކެއް ޖެހޭނެއެވެ. ފަހެ، އޭނާ އެފާފައަކުން ދުރުވެ، އިސްތިޣުފާރުކޮށް، ތައުބާވެއްޖެނަމަ އޭނާގެ ހިތް އަލިވެ، ސާފުވެދެއެވެ. އޭނާ އެފާފައަކަށް އެނބުރި އަތުވެއްޖެނަމަ އޭނާގެ ހިތް ފޮރުވިއްޖައުމަށް ދާންދެން ތިކިތައް އިތުރުވެދެއެވެ. އެއީ ﷲ ބަޔާންކުރައްވާފައިވާ “الرَّانُ” އެވެ.” (ތިރްމިޛީ 3334).

ހިތަކަށް ޖެހޭނެ އެންމެ ނުރައްކާތެރި ބައްޔަކީ ބޮޑާކަމާއި ކިބުރުވެރިކަމެވެ. ތިމާ ވަރުގެ މީހަކު ނެތްކަމަށް ހިތަށް އަރާ މީހަކު ގެއްލި ހަލާކުވެއްޖެއެވެ. އިބްލީސް ސުވަރުގެއިން ނެރެވުނީ ބޮޑާކަމާއި ކިބުރުވެރިކަމުގެ ސަބަބުންނެވެ. އިބްލީސް ދެކުނީ އާދަމުގެފާނަކީ ދެރަ މަޚްލޫޤެއްކަމަށެވެ. އެއީ ވެލިން ހައްދަވާފައިވާތީއެވެ. އަދި އިބިލީހަކީ އާދަމުގެފާނަށްވުރެ މަތިވެރި މަޚްލޫޤެއްކަމަށް ހިތަށް އަރައި ބޮޑާވެގަތެވެ. އެއީ އަލިފާނުން ހައްދަވާފައިވާތީއެވެ. ވީމާ، މަޤާމުގެ ގޮތުން ނުވަތަ ތަޢުލީމީ ގޮތުންވެސް ތިބާއަށްވުރެ ދަށް މީހުންނަށް އިޙްތިރާމް ކުރާށެވެ. އެއީވެސް އިންސާނުންކަން ދަނެގެން މުޢާމަލާތު ކުރާށެވެ. ޢިލްމީގޮތުން ތިބާއަށްވުރެ ދަށް މީހަކު ނަސޭހަތް ދިނަސް އަޑު އަހާށެވެ. ތިބާގެ ހިތް ކިބުރުވެރިކަމާއި ބޮޑާކަމުން ސާފު ކުރާށެވެ.

ޔަޙްޔާ ބުން މަޢާޛް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ހިތުގެ ބޭހަކީ ފަސް ކަމެކެވެ. އެއީ ތަދައްބަރުކުރުމާއެކު ކީރިތި ޤުރްއާން ކިޔެވުމާއި، ރޯދަ ހިފުމުން ބަނޑު ހުސްކުރުމާއި، އަދި ދަމު ނަމާދު ކުރުމާއި، ހާރުދަމު ވަގުތު ﷲ އަށް ނިކަމެތިވުމާއި ޞާލިޙުންނާއިއެކު އުޅުމެވެ." އެބަހީ މި ކަންކަން ކުރުމުން ހިތް މަޑު މޮޅިވެއެވެ. ހިތް ތިރިވެއެވެ. ސަލާމަތް ރައްކާތެރި ހިތަކަށްވެއެވެ.

ހަށިގަނޑުގެ ބޭރު ފުށް ސާފުކުރާ ފަދައިން ހިތްވެސް ސާފު ކުރަން ޖެހެއެވެ. ރުޅިވެރިކަމާއި، ހަސަދަވެރިކަމާއި، ނަފްރަތްތެރިކަމުންނެވެ. މި ކަންކަމުން ހިތް ޠާހިރުކޮށްގެން މެނުވީ ސަލާމަތްކަމެއް ނެތެވެ. ހިތަކީ ސުވަރުގެ ވަނުމުގެ ވަޞީލަތެކެވެ. މާތްﷲ ގެ މަޚުލޫޤުންނާއި މެދު  ސާފު ހިތެއް ގެންގުޅޭ މީހުންނެވެ. އެހެން މީހުންނަށް މާފު ކުރާ މީހުންނެވެ. މިއަދު އަހަރުމެންގެ ތެރެއިން މަދު މީހަކަށް މެނުވީ ދިރުން ހުރި ހިތެއް ލިބިގެން ނުވެއެވެ. ސާފު ހިތެއް ލިބިގެން ނުވެއެވެ. ހިތުގައި ހަސަދަވެރިކަމާއި ނަފްރަތް ނެތް ހިތެއް ލިބިގެން ނުވެއެވެ. ހިތް ބަރުކޮށްފައިވަނީ ހަސަދައިންނެވެ. ނަފްރަތްތެރިކަމުންނެވެ. ހަމަޖެހޭ ދިރިއުޅުމަށްޓަކައި ސާފު ހިތަކީ ވަރަށް މުހިންމު އެއްޗެކެވެ. ހިތް ސާފު ކުރި މީހާއަށް ސުވަރުގެ ލިބޭނެކަމަށް މާތް ނަބިއްޔާ ޙަދީޘް ކުރައްވާފައިވެއެވެ.  

އެ ދުވަހުން މުދަލާއި ދަރިންގެ ކިބައިން މަންފާ ނުކުރާނެއެވެ. އެ ދުވަހުން މަންފާ ކުރާނީ ސަލާމަތް ހިތަކާއިއެކު ﷲ އާ ބައްދަލުކުރި އަޅަކަށެވެ. އެއީ ޝިރުކުން ސާފުވެފައިވާ ޠާހިރު ހިތެވެ. މާތްﷲ އެއްކައުވަންތަކޮށް އެކަލާނގެއަށް ވަކީލުކުރާ ހިތެކެވެ. ހަސަދައާއި ނަފްރަތުން ޠާހިރުވެފައިވާ ހިތެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ ‎﴿٨٨﴾‏ إِلَّا مَنْ أَتَى ﷲ بِقَلْبٍ سَلِيمٍ ‎﴿٨٩﴾". މާނައީ: "އެދުވަހަކީ، މުދަލެއްވިޔަސް، އަދި ދަރިންނެއްވިޔަސް، މަންފާއެއް ނުކުރާނެ ދުވަހެވެ. ސަލާމަތްވެގެންވާ ހިތަކާއިގެން ﷲ ގެ حضرة އަށް އައިމީހަކަށް މެނުވީއެވެ."

+1
0
+1
2
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް