November 22, 2024 19:55
Advertisement

-Advertisement-

ކަނޑުމަތީގެ ބިރުވެރި ހާދިސާ: ދެމައިންގެ ވަކިވުން، ދަތުރެއްގެ ނިމުން!

އިރު އޮއްސެނީއެވެ. އެއާއެކު އަނދިރިކަމުގެ ތެރެއަށް ކަޅު އަނދިރިކަން ވެރިވެގަތީ ވިއްސާރައިގެ ކަޅު ވިލާ ތަކުންނެވެ. ދަތުރު ކުރަމުން މިދަނީ ތ. އަތޮޅު އެތަރަވަރީންނެވެ. ހީވަނީ ކުރިމަތީން ފެންނަ ރަށަކީ ބުރުނީ ކަމަށެވެ. މިއީ މާލެއިން ފުރައިގެން ނިޔާމަ ދަތުރެއްގައި އާދެވުނު ހިސާބެވެ. މިހިސާބުން ފަޒާގެ ގަދަވަޔާއި ކަނޑުގެ ބިޔަ ރާޅުތަކުގެ މަތީގައި ބަރުބަރީ ބޯޓް ދެފުށަށް ތަޅަމުން އޮވެދެއެވެ. ޖަހާ ވިދުވަރުން ހީވަނީ ލޮލުގެ ނޫރު ހިނގައިދާނެ ހެންނެވެ. އެއާއިއެކު ގުގުރީގެ އަޑު އެހާގަދަވެފައި ރަށްރަށަށް ހޮނު އަޅާހެން ހީވެއެވެ.

ބޯޓް ތެރޭގައި ހުރީ ވަރަށް ފަޑު އަލިކަމެކެވެ. އެންމެ ފާނޫޒެކެވެ. އަންހެނުންނާއި ކުޑަކުދިން ގިސްލަ ގިސްލާފަ ރޮނީއެވެ. ގަދަވަޔާއި ބޯވާރޭގެ ސަބަބުން ބޭރު ބަލާލަންވެސް ނުކެރެއެވެ. ނަގާ ބޮޑެތި ރާޅުތައް ބޯޓުގެ އެއްފަރާތުން އަރާ އަނެއްފަރާތުން ފައިބަމުން ދެއެވެ. އެރެއަކީ ހޭނަކަތުން ނުވަވަނަ ރެއެވެ. ކަނޑު ގަދަވުމުން ނެވި މީހާއަށް ބޯޓް ކޮންޓްރޯލް ނުވެ ދެފަރާތަށް ބޯޓް ހޫރެނީއެވެ. ބޯޓްގެ ދިޔަގަނޑު ބޮޑުވުމުން ފަޅުވެރި ކުދިން ބާލިދީ ހިފައިގެން އައިސް ދިޔަގަނޑު ހިއްކޭތޯ މަސައްކަތް ކުރަނީއެވެ. މިތޫފާނުގައި ގިނަ ވަގުތު ހޭދަވެއްޖެއެވެ. ގަޑިން މެންދަމު ދޭއްޖެހީއެވެ. މިހާރު ކުޑަކޮށް ވައި މަޑުވެ ވާރޭވެސް ތުނިކޮށްފިއެވެ. މާލިމީ ބުނިގޮތުން މިހާރު ބޯޓް މިވަނީ ލާމު އަތޮޅު ހުރަސްކޮށް ހުވަދޫ ކަނޑުގައެވެ.

ބޯޓްގެ އެތެރެއިން އަޖައިބެއްފަދަ ބާރު ރުއިމެއްގެ އަޑު އިވެން ފަށައިފިއެވެ. ފަޅުވެރިން ދުވެގޮސް ބަލާލިއިރު ދޮޅު އަހަރުގެ ކުއްޖަކު ތައްޓުމަތީގަ އޮވެގެން ތެޅިފޮޅެނީއެވެ. ތަގިއްޔު ގޮސް އެކުއްޖާ ނަގާ އުރާލިއެވެ. ނަމަވެސް ބައި ގަޑިއެއްހާއިރު ތެރޭ ތަގިއްޔުގެ ލޯބިލޯބި އެ ކުޑަދަރިފުޅު މަރުވެ ދިޔައީއެވެ. ތަގިއްޔުގެ އަންހެނުން ނަސީމާ ހީވަނީ ރޯމަހެއް ތެޅޭ ހެންނެވެ. ތަގިއްޔު އަކަށްވެސް އޭނައާއި ކައިރިވާކަށް ނުކެރުނެވެ. ކައިރި ނުވުމަށް އަތުން އިޝާރާތްކޮށް ހަޅޭއްލަވަނީއެވެ.

Advertisement

ބޯޓުގެ ފަޅުވެރިން ވެސް ހާސްވެ ކަންބޮޑުވެފަ ތިބީއެވެ. ބޯޓުގެ މާލިމީ ފެން ކިޔަވާފަ ނަސީމާ ދިމާއަށް ފެން އުކަނީއެވެ. ގަޑިން ތިންގަޑިބައި ވީއިރު ނަސީމާ ވަރުބަލިވެ ތައްޓުމައްޗަށް ދެމިއްޖެއެވެ. ހީވަނީ ނިދުނީ ހެންނެވެ. ތަގިއްޔުގެ އަތްދަޑިމަތީގަ މަރުވެފައޮތް ތުއްތު ދަރިފުޅު މަޑުމަޑުން ތައްޓު މަތީ ބާލީސް ޖަހާފައި ބޭއްވިއެވެ. ނަމަވެސް ތަގިއްޔުގެ ހިތާމަ ވަކި ކުޑައެއް ނުވިއެވެ. އެނބުރި އަންހެނުންނާ ދިމާއަށް ބަލާލެވިއްޖެއެވެ. އަސްތާ! ކަމަކުދާކަށް ނެތެވެ. އަންހެނުންގެ ދެމިޔަކަނުން ފޮނު ފައިބަނީއެވެ. ތަގިއްޔު އަށް ބާރަށް ގޮވާލެވިއްޖެއެވެ. މަގޭ އަންހެނުން މަރުވަނީ އެވެ. ނެވިމީހާ ދުވެއައިސް ބަލާލި އިރު ނަސީމާ ވަނީ މަރުވެފައެވެ. އެވަގުތު ބޯޓްގެ ތެރެއިން ހީވީ ވިދެއްޖެހިހެންނެވެ. ދިރުބާކޮޅުން ވިދުވަރު ފެނުމާއެކު އަނެއްކޮޅުން ފައިބައިގެން ދިޔައީއެވެ. ނެވިމީހާ ބޭރު ބަލާލިއިރު  ކަނޑުމަތިން ގަބުރު ތިލަވެ ބޯޓް ވަށައި ގަބުރު ދުވަނީއެވެ. ނެވިމީހާ އޭނަ އަށް އެނގުނު ހެޔޮ އެއްޗެއް ކިޔަވަނީއެވެ.

ގަބުރުތައް ބޯޓާއި ދުރަށްދާން ފަށައިފިއެވެ. ހުވަދު އަތޮޅުގެ ރައްތަށް ފެންނަން ފަށައިފިއެވެ. ނެވިމީހާ ރަނގަޅަށް މިސްރާބު ބަލާލިރު ބޯޓް މިއޮތީ މާމުޓާ ދިމާ ދޮޅުގަޑި އިރު ބޭރުގައެވެ. އެއިރު ގަޑިން ހެދުނު ހަތެއް ޖެހީއެވެ. މާމުޓު ކަނޑުން ވަދެ ބޯޓް ފުރަތަމަވެސް ބަދަރުކުރީ ކުރެއްދޫ އަށެވެ. ކުރެއްދޫގައި ދެގަބުރު ވަޅުލުމަށްފަހު ތަގިއްޔުގެ ރަށަށް (ކޮލަމާފުއްޓަށް) ބޯޓް ދިޔައީއެވެ. މިއީ ބިރުވެރި ދަތުރެއް ނިމިދިޔަ ގޮތުގެ ހަގީގީ ހާދިސާއެއް ކަމަށް ބުނެވެއެވެ.

ނޯޓް: މިއީ ތުއްތުދީދީ ގެ 'އެވޭލާ ވާހަކަ' ފޮތުން ނަގައިފައިވާ ހާދިސާ އެކެވެ. މިހާދިސާ އަށް ވާނީ އަސްލު ނުގެއްލޭ ގޮތަށް ބަދަލު ގެނެސްފައެވެ.

 

+1
7
+1
7
+1
1
+1
8
+1
27
+1
0
+1
4

Advertisement

ގުޅުންހުރި ލިޔުންތައް