September 20, 2024 13:49
Advertisement

-Advertisement-

ހިތުގައި ޙަސަދަވެރިކަމެއް ނުބޭއްވުމުގެ ސަބަބުން ސުވަރުގެ ވަދެވުނު ޞަޙާބީ

އެއްދުވަހަކު ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަރިހުގައި ޞަޙާބީން ތިއްބަވަނިކޮށް ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. ”މިހާރު މިތަނަށް އެއަންނަނީ ސުވަރުގެ ވަންތަވެރިއެކެވެ.“ އެހިނދު އެތަނަށް އައީ އަންޞާރިއްޔަ ޞަޙާބީއެކެވެ. އޭނާ ވަދެގެން އައިރުގަވެސް ހުރީ (ތުނބުޅިފުޅުން) ވުޟޫކުރުމުގެ އަސަރު މުޅިން ނުފިލައެވެ. ދެވަނަ ދުވަހުވެސް ހަމަ އެގޮތަށް ޙަދީޘް ކުރެއްވިއެވެ. މިހެން ޙަދީޘް ކުރެއްވިތާ އިރުކޮޅެއްނުވެ އެ ދުވަހުވެސް ވަދެގެން އައީ ކުރީ ދުވަހު ވަދެގެން އައި ޞަޙާބީއެވެ. ތިންވަނަ ދުވަހުވެސް ހަމަ އެގޮތަށް ޙަދީޘްކުރެއްވިއެވެ. މިހެން ޙަދީސްކުރެއްވިތާ އިރުކޮޅެއްނުވެ ތިންވަނަދުވަހުވެސް ވަދެގެން އައީ ކުރީ ދުވަހު ވަދެގެން އައި ޞަޙާބީއެވެ. ދެން ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެތަނުން ވަޑައިގަތީމާ، ޢަބްދުﷲ ބުން ޢަމްރު ބުން ޢާޞް، އަންޞާރިއްޔަ ޞަޙާބީ ފަހަތްޕުޅުން ވަޑައިގަތެވެ. އަދި ވިދާޅުވިއެވެ.  ”ތިމަންނަޔާއި، ތިމަންގެ ބައްޕާފުޅާއި މައްސަލައެއްޖެހި، ބައްޕާފުޅުގެ އަރިހަށް ތިންދުވަސް ވަންދެން ނުވަނުމަށް ހުވާކޮށްފީމެވެ. މި މުއްދަތުގެ ތެރޭގައި ތިމަންކަލޭގެފާނަށް ހިޔާވަހިކަން ދެއްވާފާނަންތޯއެވެ؟“ އަންޞާރިއްޔަ ޞަޙާބީ އެކަމަށް އެއްބަސްވެލެއްވުމުން ޢަބްދުﷲ ބުން ޢަމްރު ބުން ޢާޞް ތިން ރޭ އަންޞާރިއްޔަ ޞަޙާބީ ގެ ގެކޮޅުގައި ހޭދަކުރެއްވިއެވެ. ދެން ޢަބްދުﷲ ބުން ޢަމްރު ބުން ޢާޞް  ވިދާޅުވިއެވެ. ފުރަތަމަ ރޭ ވެސް މާ ގިނަ ހެޔޮ ޢަމަލުތައް ކުރާތީ ނުފެނެއެވެ. ދަމުނަމާދު ކުރާތީ ނުފެނެއެވެ.

ދެވަނަ ރޭވެސް ހަމަ އެހެންނެވެ. ތިންވަނަ ރޭވެސް ހަމަ އެހެންނެވެ.  ދެން ޢަބްދުﷲ ބުން ޢަމްރު ބުން ޢާޞް،  މި ޞަޙާބީއަށް ދެންނެވިއެވެ. ”ތިމަންކަލޭގެފާނަކާ، ތިމަންކަލޭގެފާނުގެ ބައްޕާފުޅަކާ އެއްވެސް މައްސަލައެއް ނުޖެހެއެވެ. މިގޮތަށް ތިމަންކަލޭގެފާނު ކަންތައް ކުރަން މިޖެހުނު ގޮތަކީ ޖެހިޖެހިގެން ތިން ދުވަހު ޞަޙާބީން ތިއްބެވި މަޖިލީހެއްގައި ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީސްކުރެއްވިއެވެ. ”މިހާރު މިތަނަށް އެއަންނަނީ ސުވަރުގެ ވަންތަވެރިއެކެވެ.“ މި ތިން ދުވަހުވެސް އެ ވަގުތު މަޖިލީހަށް ހާޒިރުވީ ކަލޭގެފާނެވެ. ދެން ކަލޭގެފާނު ކުރިއަރާދިޔަ ޢަމަލަކީ ކޮބައިތޯ ބެއްލެވުމަށް ތިމަންކަލޭގެފާނު ބޭނުންފުޅުވިއެވެ. އެހެންނަމަވެސް މިދިޔަދުވަސް ތަކުގައި ކަލޭގެފާނުގެ ކިބައިން އެހެން ޞަޙާބީންނަށްވުރެ ކަލޭގެފާނަށް ކުރިއަރާދެވޭފަދަ ހެޔޮޢަމަލެއް ކަލޭގެފާނު ކުރައްވާތީ ތިމަންކަލޭގެފާނު ނުދެކެމެވެ. އެހެން ޞަޙާބީންނަށްވުރެ ކަލޭގެފާނަށް ކުރިއަރާދެވޭފަދަ ހެޔޮޢަމަލެއް ކުރައްވާނަމަ އެޢަމަލެއް ވިދާޅުވެދެއްވަންވީ ނޫންތޯއެވެ. އަންޞާރިއްޔަ ޞަޙާބީ ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ޢަމަލުތައް ކަލޭގެފާނަށް މިދިޔަދުވަސް ތަކުގައި ތި ފެނިވަޑައިގަތީއެވެ. އޭގެ އިތުރު ޢަމަލެއް ނުކުރައްވަމެވެ. މިހެންވިދާޅުވުމުން ޢަބްދުﷲ ބުން ޢަމްރު ބުން ޢާޞް މޮޅިވެރިކަމާއިއެކު އެނބުރި ދިޔުމަށް ހިނގައިގަތެވެ. ދެން އަންޞާރިއްޔަޞަޙާބީ އެކަލޭގެފާނަށް ގޮވާލެއްވިއެވެ. ތިމަންކަލޭގެފާނުގެޢަމަލުތައްވާނީކަލޭގެފާނަށްފެނިވަޑައިގެންފައެވެ. އޭގެއިތުރަށް، ތިމަންނާގެ ހިތުގައި އެއްވެސް މީހަކަށް ޙަސަދަވެރިކަމެއް ނުބާއްވަމެވެ. ޢަބްދުﷲ ބުން ޢަމްރު ބުން ޢާޞް ވިދާޅުވިއެވެ. ”ތިޔަ ކުރިއަރައި ދިޔަ ހެޔޮ ޢަމަލަކީ ތިޔައީއެވެ.“

ތިބާ ކުރިއަރައިދާނީ ކޮން ޢަމަލަކުން ކަމެއް ތިބާއަކަށް ނޭނގޭނެއެވެ. ތިބާއަށް ސުވަރުގެ ވަދެވޭނީ ކޮން ޢަމަލަކުން ކަމެއް ތިބާއަކަށް ނޭނގޭނެއެވެ. ތިބާއަށް އެއީ ކިތަންމެ ކުޑަ ހެޔޮ ޢަމަލެއް ކަމުގައިވާ ޢަމަލަކީ މާތްﷲގެ ޙަޟްރަތުގައި އަޖުރައިގެ ގޮތުން ބޮޑު ޢަމަލަކަށް ވެދާނެއެވެ. ވީމާ، ކިތަންމެ ކުޑަ ހެޔޮ ޢަމަލެއްވިޔަސް ދޫކޮށް ނުލާށެވެ. ހެޔޮ ޢަމަލެއްވިއްޔާ ވީ މިންވަރަކުން ކުރާށެވެ. އެއީ ތިބާގެ އަޚާއަށް ހިނިތުންވެލުން ކަމުގައިވެދާނެއެވެ. މަގުމަތީ އެހެން މީހުނަށް އުނދަގޫވާނެ ގޮތަށް އޮތް އެއްޗެއް އެއްފަރާތް ކޮށްލުން ކަމުގައިވެސް ވެދާނެއެވެ. އެއީ ތިބާގެ އަޚާއަށް ދަތިވެފައިވާ ކަމެއް ލުއި ފަސޭހަކޮށްދިނުން ކަމަށްވެސް ވެދާނެއެވެ. އެއީ ތިބާގެ އަޚާ ފެންފޮދަކަށް ބޭނުން ޖެހިފައިވާ ވަގުތުގައި ފެންތައްޓެއް ދިއްކޮށްލުން ކަމުގައިވެސް ވެދާނެއެވެ.

Advertisement

ބައެއް މީހުން ފަރުޟު އަޅުކަންތަކުގެ އިތުރުން ވަރަށް ގިނަ ސުންނަތް ކަންތައް ކުރެއެވެ. ސުންނަތް ނަމާދާއި، ރޯދަ ހިފައެވެ. އެތަށް ފަހަރަކު ޙައްޖުވެއެވެ. ޞަދަޤާތް ދެއެވެ. މި ހުރިހައި ޢަމަލެއް ކުރަމުން ހިތުގައި އަނެއް އަޚާއާއި މެދު ހަސަދަވެރިކަން ބާއްވައެވެ. އަނެއް އަޚާ އަށް ލިބޭ ނިޢުމަތްތަކަށް ނަފްރަތު ކުރެއެވެ. އެ ނިޢުމަތްތައް ގެއްލި ދިއުމަށް އެދެއެވެ. ނޭނގޭކަމީ އަލިފާނުން ދަރު އަންދާ ފަދައިން ޙަސަދައިގެ ސަބަބުން ތިބާގެ ޢަމަލުތަށް ނެތިގެންދާކަމެވެ. މިއީ ކީރިތި މާތް ނަބިއްޔާގެ ޙަދީޘް ބަސްފުޅެވެ. ވީމާ، ތިބާކުރާ ޢަޅުކަންތަކާއިއެކުގައި މާތްﷲ ގެ ޤަޟާ ޤަދަރަށްވެސް އީމާންވާށެވެ. އަދި އަނެއް އަޚާއަށް އިޙްސާންތެރިވެ ހިތްސާފު ކުރާށެވެ. މާފު ކުރަންޖެހެއެވެ. ނަފްރަތްތެރިކަން ދޫކުރަން ޖެހެއެވެ. ޢަދާވާތްތެރިކަން ނައްތައިލަން ޖެހެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، ތަޤްވާވެރިންނަށެވެ."  ތަޤްވާވެރިންނަކީ ކޮބައިކަން ޖެހިގެން އަންނަ އާޔަތުގައި ބަޔާން ކުރައްވައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. "އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. އިޙްސާންތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެއެވެ.

 

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް