September 20, 2024 11:54
Advertisement

-Advertisement-

އެވޭލާ ލޯބީގެ ވާހަކަ: ބަރުބާދުވި ދިރިއުޅުން!

އިރު އޮއްސެމުން ދިޔަ ވަގުތެވެ. ކޯރެއްގެ އައްސޭރިއެވެ. ރަތްވިލާތަކުން ހިޔަނި އަޅަމުންދާ ވަގުތެވެ. ފިނިފިނި މަޑު ވައިރޯޅި ބީހި ސަނާ ކިޔަމުން ދަނީ ފަރީދާގެ ދިގު ފަން އިސްތަށިގަނޑުގަ އެވެ. އޭނާގެ އަތް ހަރަކާތް ކުރަމުން ދަނީ މޫނުމައްޗަށް ހިޔަނި އަޅަމުންދާ އިސްތަށިތައް އެއްފަރާތް ކުރުމުގައެވެ. ޝާހިދުގެ ކުދިކުދި ލޯބީގެ ތަރާނާ ތަކުން ދެކުދިންގެ މާހައުލު ފަޅުފިލުވަމުން ދެއެވެ. ބައެއްފަހަރު ތުބުން ފުމެލައެވެ. ބައެއްފަހަރު ލޯބީގެ ޢަޒަލެއް އިއްވާލައެވެ. އަރަމުން އަންނަ ސާދަވިލޭރޭގެ ހަނދު ހެކިކޮށް ދެކުދިންގެ ލޯބީގެ އެކިއެކި ވަޢުދުތައް ވަމުން ދަނީއެވެ. ދުވަހަކުވެސް ވަކިނުވުމަށެވެ. ޖެހެމުން ދިޔަ ވައިރޯޅިއަށްވެސް ސިއްރުން ކުރެވުނު އަހުދުތަކަށް ހެކިވާން ހުރީ އެރޭގެ އަރާފަހުރި ހަނދާއި އެ ހަނދުގެ އަލިކަމެވެ.

އަހަރެމެން ލޯބީގެ "ފިލްމުގެ"ތެރޭ އުޅެނިކޮށް ކޮންމެވެސް މީހަކު ބުނި އަޑު އިވުނެވެ. "އަހަރެމެންނަށް ތަންކޮޅެއް ދެވިދާނެތޯއޭ ތިޔަތަނުން." ހުއްދަ ދިނުމުގެ ކުރިން އެއީ ކޮންބައެއްތޯ ބަލާލިއިރު އެއީ އާގިސާ އާއި ނާފިޒު އެވެ. ސަމާސާ ރާގުގައި ޝާހިދު ބުނެލިއެވެ. "އަބަދުވެސް ދާއިމަށް ތިބެވޭނަމަ ތަންކޮޅެއް ދެވިދާނެއެވެ. ދޯ ފަރީދާ." އާގިސާއި ނާފިޒު އަކީވެސް ޝާހިދު އާއި ފަރީދާ ފަދަ ދެ ލޯބިވެރިންނެވެ. އަދި ގާތް އެކުވެރިންނެވެ.

ޖެހެމުން އެދާ ފިނި ވައިރޯޅިއަށް ވެސް މި ހަތަރު މީހުން ފޫއަޅުވާލާފަ ނުދެވޭވަރަށް ލޯބީގެ ދާސްތާނާތަކުން ވަނީ ގުޅިފައެވެ. ހަނދުމެދުން ލެބުމާއެކު ޝާހިދުގެ ގަޑިއަށް ބަލާލެވުނެވެ. އެއިރު އެއްގަޑިބައިވިއެވެ. ހީބިހި ނަގާފަވާ ހަތަރު މީހުން ލޯބީގެ ވައުދު ތަކާއެކު ގެއަށް ދާން ހިނގާގެންފިއެވެ. ޝާހިދު އަހަރެންނާއެކު ގެ ކައިރިއަށް ދިޔައެވެ. އޭގެ ފަހުގައި ޝާހިދުގެ އާދައިގެ މަތީން ގެއަށް ދިޔައީއެވެ.

Advertisement

ޖެހިގެން އައި ހަފްތާގެ ބުދަވިލޭރޭ އަހަރެންނާއި ޝާހިދު ތިބީ އަހަރެންގެ ގޭގެ ބެލްކަނީގައެވެ. " އާދެ! ތިންހަތަރު ގަޑިއިރު އެރޭ ކުރެވުނު އެ ތާރީޚީ ވައުދު ނިންމުމަށް ޝާހިދު ވަރުގަދަ ސަލާމެއް ކޮށްލިއޭ އޭނާގެ މޫނާ ތުންފަތުން." ރޭގަނޑު ކަޅުފޮއި އަނދިރިއަށް ވެސް ސިއްރުކޮށް އޭނާ އަހަރެން ހިމާޔަތް ކުރަމުން އަންނަނީ އޭނާގެ ބާހުގެ ތެރޭގައެވެ. " ވަކިވެގެން ދަމުން އަސަރާއެކީ އޭނާ ބުނި ޖުމްލަތައް އަހަރެންގެ ހިއްސުތައް ފުރިއަރައިގަތޭ ކުރިއަސަރަކުން." ޝާހިދު ދިއުމާއެކު ފަރީދާ ވަނީ ކޮޓަރިއަށެވެ. އެދުގަ އޮށޯތުމަށްޓަކައެވެ. އޮށޯތުމަށްފަހު ވީއުފަލުން ބާލިހުގައި އޮޅުލައިގެނެވުނެވެ. ނިންޖެއްނައެވެ. ފަރީދާގެ ގާތުގައި ޝާހިދެއްނެތެވެ. އޮތީ ބާލީހަކާ ކުޑަ އަލްބަމެކެވެ.

 އޮށޯވެއޮވެ އަލްބަމުގެ ގަނޑުތައް އުކަން އޮށްވާ އެވަގުތު ފެންނަންފެށީ މާޒީވެދިޔަ ލައުލީ ހަޔާތުގެ މަންޒަރު ތަކެވެ. އާދެ! ހުވަފެނުގައެވެ. ނިދިފަ އޮވެވުނީ ކިހާއިރެއްގަ ކަމެއް ނޭނގުނު ނަމަވެސް ހޭލެވުނީ އަށެއްޖެހި އިރު މަންމަ ގޮވި އަޑަށެވެ. މަންމަ ހުރީ ފެންކަޅިވެފައެވެ. އައިސް އަހަރެންގެ ގައިގާ އޮޅުލައިގަތެވެ. ރޮވިފަވާ އަޑަކުން މަންމަ ބުނަންފެށިއެވެ. "ދަރިފުޅާ! ދަރިފުޅުގެ ބައްޕަ ދަރިފުޅާއިމެދު ގޮތެއްނިންމައިފިއެވެ. އެނިންމި ގޮތަކީ ދަރިފުޅުގެ ކައިވެނި ކަތީބު ގޯތި ފަލާހު އާއި ކުރުމަށެވެ. މަންމަ ޝަ،!ޝަ،! އަހަރެންގެ ޝާހިދު ކިހިނެތްވީތޯ!. ފަރީދާ ރޮމުން ބުނެލިއެވެ.

މަންމަ(ނަސްރީނާ): "ބައްޕަ ބުނުއްވަނީ ޝާހިދަކީ ދެރަ ނިކަމެތި އާއިލާއެއްގެ ކުއްޖެކެވެ. ފަލާހު އަކީ މުއްސަދި ޝަރަފްވެރި އާއިލާއަކުން އައިސްހުރި އިއްޒަތްތެރިއެކެވެ. އަދި ކަތީބު ބުނުއްވާފަ އެބައޮތޯ ބައްޕަ އާއި މަންމަ އަށް ރަނގަޅު އާމްދަނީއެއް ލިބޭނެ މަސައްކަތެއް ހޯއްދަވައިދެއްވާނަމޯ."

ފަރީދާ: "ބައްޕަ އާއި މަންމަ ބޭނުންވަނީ ދަރިފުޅަށްވުރެ ޝާނާއިޝައުކަތު އިއްޒަތާއި ޝަރަފް އަދި ފައިސާތޯ".

ދަރިފުޅާ! ފަރީދާ އަހަރެމެންނަށް ފައިސާލިބި ތަނަވަސްވުމުން ދަރިފުޅު ކިހާ އުފަލުގައިތަ އުޅޭނީ.

ނޫން، ނޫން މަންމާ. އަހަރެން ފަލާހެއް ބޭނުމެއްނޫން! އަހަރެންގެ ހިތުގައި ވިންދު ޖަހާހާ ހިނދަކު ޝާހިދަށް ނޫނީ އެންމެ ފަހަރަކުވެސް ހިނިތުންވުމެއް ނުފެންނާނެ. މިއީ އަހަރެންގެ ބަސް. ބައްޕަގާތުގައި ބުނުއްވާ! ފަރީދާގެ މަންމަ ގޮސް މިވާހަކަ ބުނުމުން ރުޅިއައިސް ރަތްވީއެވެ. ނަތީޖާއަކީ ކަތީބު ކައިރީގައި ބުނެގެން ގޭގެ ހަތަރުފަރާތުގައި ފާރައަށް މީހުން ބަހައްޓާ، ފަރީދާ ގެއިން ނުކުމެގެން ނުދެވޭގޮތަށް ގޭގަ ބަންދު ކުރީއެވެ. ފޯރިޔަށް ތިބި ހަތަރުމީހުންގެ ވަޒީފާއަކީ ފަރީދާ ގެއިން ނުކުމެގެންދޭތޯ ބެލުމެވެ. މިގޮތުން ބައްޕަ އެޅި ފިޔަޅުގެ ވާހަކަ ލަހެއްނުވެ މަންމަގެ ފަރާތުން ފަރީދާއަށް އެނގިއްޖެއެވެ.

ފަރީދާ ވަރަށް ބޮޑަށް ކަންބޮޑުވެ ހާސްވެއްޖެއެވެ. ޝާހިދު އާއި ބައްދަލުނުވެ ދުވަސްތައް މާޒީއާއި އެކުވަމުން ދަނީއެވެ. ހަމައެހެންމެ ޝާހިދުގެ ހާލަކީވެސް އެއީއެވެ. ކާއެއްޗެއް ފެންފޮދެއް އަރުގެ ތެރެއަށް ނުގޮސް ދީވާނާވެގެން އުޅޭ ޕަރުވާނާ އަކަށްވުރެ އެފަކީރުގެ ހާލު ދެރައެވެ. ފަރީދާގެ ކުރީގެ ހިނިތުންވެފައިވާ މޫނު މިހާރުވަނީ މޯޅިވެ އަނަރޫފަވެފައެވެ. ކާއެއްޗެއް ނުދިރެއެވެ. މަދުމަދުން ޖޫސްފޮދެއް މެނުވީ އަރުތެރެއަކަށް ނުދެއެވެ. ހީވަނީ މަރަށް ދައުވަތު ދީފަވާހެންނެވެ. މަންމަ ދަރިފުޅު ގާތުގައި ރޮއި އާދޭސް ކުރެއެވެ.

ދަރިފުޅު ފަރީދާގެ ބަހަކީ "މަންމާ، މަންމާ މަގޭ ޝާހިދު ގެނެސްދީބަލަ." "މަންމައަކަށް ތިކަމެއްނުވާނެ ދަރިފުޅާ! ދަރިފުޅުގެ ބައްޕަ އަކީ ގޮތްދޫނުކުރާ ވަރަށް ހަރުކަށިމީހަކަށް ވާތީ، ތިވާހަކަ ދައްކަން މަންމަ އަކަށް ނުކެރޭނެ." ދޮންބީފާނު ކިޔާ ކުއްޖެއްގެ ކައިރީގައި ނަސްރީނާ(މަންމަ) މިވާހަކަ ދެއްކުމުން ދޮންބީފާނު މިވާހަކަ ފަރީދާގެ ބައްޕަ ކައިރީގައި ބުނެފިއެވެ. ސުބުހާނަ ﷲ، ބައްޕަ ހީވަނީ ރޯމަހެއް ތެޅޭހެންނެވެ. ކޮން ޝާހިދެއްތަ! އަހަރެންގެ ދަރިއަކަށް ވާނީ ފަލާހު! ބައްޕަ ވަގުތުން ކަތީބުގެ ގެއަށް ގޮސް ފަލާހު އާއި ދަރިފުޅު ފަރީދާގެ ކާވެނި އަންނަ ބުރާސްފަތި ވިލޭރެ ކުރާގޮތަށް ކަތީބުއާއި ވާހަކަދައްކާ ނިންމީއެވެ. އަދި މިވާހަކަ ނަސްރީނާ ގާތުބުނެ ފަރީދާ އަށް އަންގައިފިއެވެ.

ފަލާހު ވެސް މަދުމަދުން ފަރީދާގެ ބައްޕަ (އާދަމްފުޅާ)އެކު މާފޮޅޭ ގެއަށް ގޮސް އުޅެއެވެ. ނަމަވެސް ފަރީދާ އަކާއި ވާހަކައެއް ނުދައްކައެވެ. ފަރީދާގެ ބަލިހާލުގެ ވާހަކަ މަންމަ ފަލާހު އަށް ސާފުކޮށް ދުވަހުން ދުވަހަށް ކިޔާދެއެވެ. އާދަމްފުޅު(ފަރީދާގެ ބައްޕަ) އިންތިޒާރު ކުރަމުން އައި ދުވަސް އަތުވެއްޖެއެވެ. ކަތީބު ގޯތީގެ މީހުންވެސް ތައްޔާރު ވަމުންދަނީ ފަލާހުގެ އާ ކައިވެނީގެ ރެއަށެވެ. ހުރިހާ އިންތިޒާމް ތަކެއް ވަނީ ނިމިފައެވެ. ރަން ރުހޭބަސް އެހުމަށް މާފޮޅޭގެއަށް ދެމީހަކު ފޮނުވައިފިއެވެ. ނަމަވެސް ފަރީދާއެއް ނުފެނެއެވެ. ނަސްރީނާ ހޯދަން ފަށައިފިއެވެ. މުޅި ގޭގެ އެތަންމިތަން ހޯދުމުންވެސް ފަރީދާގެ ހިލަމެއް ނުވިއެވެ.

އެންމެފަހުން ނަސްރީނާ ގިފިލެތެރެއަށް ވަންއިރު ވަޅުގެ ކައިރިއަށް ފަރީދާ ވެއްޓިފައި އޮތެވެ. ނަސްރީނާ ދުވެގޮސް ބަލާލިއިރު ފަރީދާވަނީ މޫނުވަތަށް ވެއްޓިފައެވެ. މޫނުވަނީ ފެޅިފައެވެ. ދެލޯ ނުކުމެ ލޮދި ފައިބަނީއެވެ. ލޮލުގެ ފެނުން ވަނީ ގެއްލިފައެވެ. މިވަރުންވެސް އާދަމްފުޅު ހިތަކަށް ކުޑަވެސް އަސަރެއް ނުކުރިއެވެ. މުޅިން މާއްދިއްޔަތަށް ގޮސް ހުސްވެފައިވާ ބައްޕަ ދަރިފުޅު ބަލާލާކަށްވެސް ނުދިޔައެވެ. އެންމެފަހުން ނަސްރީނާ ދަރިފުޅު ގޮވައިގެން ލޮލަށް ފަރުވާދޭ ތަނަކަށް ގޮސް ފަރުވާދޭން ފަށައިފިއެވެ. ރަންރުހޭބަސް ހޯދަން ދިޔަ މީހުން ފަރީދާ އަށް ލިބުނު އަނިޔާގެ ވާހަކަ ފަލާހު އާއި ކަތީބު އަށް ކިޔާދިނެވެ. ނަމަވެސް އެމީހުންނަކަށް ކުޑަވެސް އަސަރެއް ނުކުރިއެވެ. ފަރީދާގެ ހާލު ބަލާލަންވެސް ނުދިޔައެވެ. ފަލާހު އުއްމީދު ކުރަމުން އައި ކަންތައް ހާސިލުނުވުމުން ފަރީދާގެމަތިން ހަނދާން ނައްތާލީއެވެ.

ޝާހިދަށް ފަރީދާގެ ހާލުގެ ވާހަކަ އިވުމުން ސިއްރިޔާތުގައި ބޭސްވެރިގެއަށް ގޮސް ފަރީދާއާއި ބައްދަލުކުރަން އެދުނެވެ. ޝާހިދުގެ އަޑު އިވުމާއެކު ފަރީދާ އެކިދިމަދިމާލުގައި އަތްލަމުން ގޮސް ޝާހިދުގެ އަތުގައި ހިފުމާއެކު ދެމީހުންނަށް ބައްދައިގަނެވިއްޖެއެވެ. އެވަގުތު އިޝްގުގެ ޖަޒުބާތުގައި ދެމީހުންނަށް ރޯން ފެށިއްޖެއެވެ. އެދެކުދިން އެހެން ތިއްބާ ފަރީދާގެ މަންމަ އާއި ބައްޕަ ބޭސްވެރިގެއަށް އައިސް ވަދެއްޖެއެވެ.

އެވަގުތު އާދަންފުޅަށް މި ވިސްނުނީ ފަރީދާ ދެކެ ހަގީގީ ލޯބިވަނީ ޝާހިދުކަމެވެ. އިއްޒަތާއި ޝަރަފް އަދި ޝާނާއި ޝައުކަތައްޓަކައި ފައިސާގެ ދަޅައަކަށް ހަގީގީ ލޯބި ނުވިކޭނެކަން ވިސްނިއްޖެއެވެ. ދަރިފުޅުގެ ދެނޫރު ގެއްލުނީއެވެ. އާދަމްފުޅަށް ވެސް ދެކުދިންގެ ގާތަށް ގޮސް ރޯން ފެށިއްޖެއެވެ. ނަމަވެސް ވަގުތު ފާއިތުވެއްޖެއެވެ. ދަރިފުޅުގެ ލޯ އަނދިރިވެ ނުކުޅެދޭ ކުއްޖަކަށްވީއެވެ. އެންމެފަހުން ޝާހިދު ބޭސްކުރާ ދައްތަ އާ ސުވާލު ކުރިއެވެ. ދައްތާ! މަގޭ ފަރީދާގެ ގެއްލުނު ދެނޫރު ލިބޭނެތޯއެވެ. "އިރާދަ ކުރެއްވިއްޔާ އަހަރެންގެ ފަރުވާއަށް ﷲ، ޝިފާ ދެއްވާނެ ކަމަށް ވަރަށް އުންމީދު ކުރެވެއެވެ." ފަރުވާދޭ މީހާ ބުނެލިއެވެ.

އޭގެ ހަމަސް ފަހުން ފަރީދާގެ ދެ ލޯ ރަގަނޅުވެ ޝާހިދާއި ފަރީދާގެ ކައިވެނި ކުރެވުނެވެ.

 

ނޯޓް: މިއީ ތުއްތުދީދީ ގެ 'އެވޭލާ ވާހަކަ' ފޮތުން ނަގައިފައިވާ ހާދިސާ އެކެވެ. އަސްލު ނުގެއްލޭގޮތަށް ވާނީ ބަދަލު ގެނެސްފައެވެ.

+1
0
+1
4
+1
0
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް