September 12, 2024 11:03
Advertisement

-Advertisement-

ތަފާތު ބަލިތަކުގެ މީހުންނަށް ބޭނުންކުރެވޭ އެންމެ ފައިދާހުރި ތެޔޮ!

ޒައިތޫނި ނުވަތަ އޮލިވް ހިމެނެނީ މޭވާގެ ތެރޭގައެވެ. ފެހި، ދަނބު، ކަޅު އަދި ބައެއް ފަހަރަށް ފިޔާތޮށި ކުލައިގެ ޒައިތޫނި ހުރެއެވެ. ޒައިތޫނި ގަސް ހެދެނީ މެޑިޓެރޭނިއަން ސީ ނުވަތަ އެޓްލާންޓިކް ކަނޑުގެ ސަރަހައްދުތަކަށް ނިސްބަތްވާ ގައުމުތަކުގައެވެ. ދުނިޔޭގެ ހޫނުގަދަ ހިސާބުތަކުގައި ޒައިތޫނި ގަސް ހެދޭއިރު، މޭވާ އެޅުމަށް ކުޑަކޮށް ފިނިމޫސުމެއް ވެސް މި ގަހަށް ބޭނުންވެއެވެ. ގާތްގަނޑަކަށް 29 އާއި 49 ފޫޓު ޒައިތޫނި ގަހުގައި ހުންނަ އިރު، އަހަރެއްގެ ތެރޭގައި ގަސް ހެދެނީ 1 ނުވަތަ 2 ފޫޓަށެވެ. ގަސް ހެދެނީ ވަރަށް ލަހުންކަން މިއިން ދޭހަވެއެވެ.

ޒައިތޫނި ގަހުގެ ފަތްތައް ހުންނަނީ ދިގުކޮށް ވައްކޮށްނެވެ. ފަތުގެ ކުލަ އެހާ ފެހި ނުވި ނަމަވެސް، ފަތްތައް ހުންނަނީ ވަޅުފެހި ކުލައިގައެވެ. ޒައިތޫނި ގަހުގައި އަޅާ މާ، ހުންނަނީ ހުދު ކުލައިގައެވެ. އަދި ގަހުގައި މާ އަޅަނީ 4 އަހަރުގެ ތެރޭގައެވެ. އެންމެ އަވަހަށްވެސް ޒައިތޫނި އަޅާކަމަށް ދިރާސާތަކުން ދައްކަނީ 15 އަހަރުގެ ތެރޭގައެވެ.

މުޅި ދުނިޔެއަށް ބަލާއިރު، 800 މިލިއަން ޒައިތޫނި ގަސް ހުރި ކަމަށް ރެކޯޑްތަކުން ދައްކާއިރު، ޒައިތޫނި ގަހެއް ރަނގަޅަށް ބަލަހައްޓާނަމަ އުމުރަކީ 2000 އަހަރު ކަމަށް ވެއެވެ. ރަނގަޅަށް ނުބެލެހެއްޓޭނަމަ، ޒައިތޫނި ގަހެއްގެ އުމުރަކީ 300 ނުވަތަ 600 އަހަރެވެ. ދުނިޔޭގައި މިހާތަނަށް އެންމެގިނަ ދުވަސް ވެފައިވާ ޒައިތޫނި ގަސް ހުންނަނީ ގްރީސްގެ ކްރީޓް އައިލެންޑްގައެވެ. މިގަހަކީ 3000 އަހަރުވެފައިވާ ގަހެއް ކަމަށް ބުނެވޭއިރު އެ ގަހުގައި އަދިވެސް ޒައިތޫނި އަޅައެވެ.

Advertisement
ދުނިޔޭގެ އެންމެ ގިނަދުވަސްވީ ޒައިތޫނި ގަސް/ ފޮޓޯ:ރެޑިޓް

ކުކުޅު ބިހެއްގެ ބައްޓަމަށް ހުންނަ މޭވާއެއްކަމަށްވާ ޒައިތޫނީގައި ހުންނަނީ 1.5 ނުވަތަ 2 ސެންޓިމީޓަރެވެ. ޒައިތޫނި ދޮންވުމުން ދަނބު ކުލައަށް ބަދަލުވެއެވެ. އަދި ޅަ އެއްޗެހި ހުންނަނީ ފެހި ކުލައިގައެވެ. ޒައިތޫނި ބިނުމަށްފަހު "ލައި" ނުވަތަ ލޮނުފެން ބޭނުންކޮށްގެން ދޮންނަންޖެހެއެވެ. މިއީ ޒައިތޫނީގައ ހުންނަ ހިތި ރަހަ ކެނޑުވުމަށެވެ.

ޒައިތޫންޏެއްގައި 20 އިންސައްތަ ތެޔޮ އެކުލެވިގެންވާއިރު، އަހަރެއްގެ މައްޗަށް މުޅި ދުނިޔޭގައި 2.25 މިލިއަން ލީޓަރުގެ ޒައިތޫނި ތެޔޮ އުފައްދާކަމަށް ވަނީ ރެކޯޑުކުރެވިފައެވެ. އަދި ޒައިތޫނި ތެލަކީ އެހެން ތެލާއި އަޅާބަލާއިރު، އެންމެ ފައިދާ ބޮޑު ތެޔޮކަމަށްވެސް ދިރާސާތަކުން ދައްކައެވެ. ޒައިތޫނި ތެލުގައި ވިޓަމިން އޭ، އީ، ކޭ އަދި ބީ އެކުލެވިގެންވެއެވެ. ޒައިތޫނި ތެޔޮ އިންސާނުން ކެއުމަށް ބޭނުން ކުރަމުން އަންނައިރު، ހިތުގެ ބަލިތަކާއި، ކޮލެސްޓްރޯލް އަދި ލޭ މައްޗަށްދާ މީހުންނަށްވެސް މި ތެޔޮ ބޭނުންކުރެވެއެވެ. މީގެ އިތުރުން 'އެންޓި އޭޖިންގ'އަށާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ޒައިތޫނި ތެޔޮ ކެއުމުގެ ތެރޭގައި ބޭނުންކުރެވިދާނެއެވެ.

މުޅި ދުނިޔެއަށް ބަލާއިރު ޒައިތޫނި ގަސް އެންމެ ގިނައިން ހުންނަނީ ސްޕެއިންގައެވެ. ދެވަނައަށް އެންމެ ގިނައިން ހުންނަނީ އިޓަލީގައެވެ. ތިންވަނައަށް އެންމެ ގިނައިން ޒައިތޫނި ގަސް ހެދިފައި ހުރީ އިންޑިއާގެ ރާޖަސްތާނުގައެވެ. ގްރީސްގެ ބޭސްވެރިއަކު ހާމަކޮށްފައިވާ ގޮތުގައި ދުނިޔޭގައި އެންމެ ފުރަތަމަ ތައްޔާރުކުރި އަދުން ހަދައިފައިވަނީ ވެސް އަޅިއާއި ޒައިތޫނި ތެޔޮ އަޅައިގެންނެވެ.  މީގެ އިތުރުންވެސް އެކި ކަހަލަ ބޭސް ތައްޔާރުކުރުމަށް ޒައިތޫނި ތެޔޮ ބޭނުންކުރެއެވެ. ޚާއްސަކޮށް ދިވެހި ބޭސް ނުވަތަ އަޔުރްވެދިކް މެޑިސިން ހެދުމަށް ޒައިތޫނި ތެޔޮ ބޭނުންކުރެއެވެ.

ޒައިތޫނި ތެޔޮ ބޮލުގެ އިސްތަށިގަނޑުގައާއި ހަންގަނޑުގައި ބޭނުންކޮށްފައި ވަނީ ރޯމްގެ ރަސްކަލު ދަރިކޮޅުގެ އަންހެނެއް ކަމަށް ވެސް ދިރާސާތަކުން ދައްކައެވެ. އެއީ ފެންވެރުމަށްފަހު ހަށިގަނޑުންނާއި އިސްތަށިގަނޑުން މީރުވަސް ދުއްވުމަށް ބޭނުންކުރެވުނު އެއްޗެއްކަމަށް ދިރާސާގައި ބުނެފައިވެއެވެ.

+1
1
+1
4
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް