September 20, 2024 03:53
Advertisement

-Advertisement-

ޑައިޓް ކުރާއިރު ނޭނގޭ މައުލޫމާތު އަދި ވިސްނަންޖެހޭ ކަންތައްތައް!

އިންސާނާގެ ހަށިގަނޑަކީ އަބަދުވެސް ވިހަ އުފެދެމުންދާ ހަށިގަނޑެކެވެ. ޑައިޓްތައް ތައާރަފް ކުރާ ޑައިޓީޝަނުން ވިދާޅުވަނީ  ހަށިގަނޑުގައި އުފެދޭ ވިހަ ބޭރު ކުރުމަށްޓަކައި ޑައިޓްތައް ބޭނުންކުރަން ޖެހޭނެ ކަމަށެވެ. މީގެ ތެރެއިން އެއް ޑައިޓް ކަމަށްވާ ޑީޓޮކްސް ޑައިޓްތަކުގައި ބޮޑަށް ބޭނުން ކުރަނީ ޖޫސްގޮތަށް ގިރާފައި ހުންނަ ބާވަތްތަކެވެ. ކެއުމުގައި ހަމައެކަނި ޖޫހެއް ގޮތަށް ބޭނުން ކުރާނަމަ، އިންސާނާގެ ހަށިގަނޑުން ޚާއްސަކޮށް ހަޖަމްކުރާ ނިޒާމްގެ ގުނަވަންތަކުން ކުރަންޖެހޭ މަސައްކަތް ބަރާބަރަށް ނުކުރެވިގޮސް ގުނަވަންތަކަށް ހީނަރުކަން އާދެއެވެ. ހަށިގަނޑަށް ބޭނުންވާ ބާވަތްތައް ނުލިބުމުގެ ސަބަބުން ހަށިގަނޑު އަނަރޫފަވެގެން ދެއެވެ. ޑީޓޮކްސް ޑައެޓުން ލިބޭ އަނެއް ގެއްލުމަށް ބަލާލާއިރު، ހަކުރު ބަލި ކަހަލަ ބަލީގައި ވަރަށް ނުރައްކާތެރި ގޮތްތައް ދިމާވެއެވެ. ސަބަބަކީ ހަކުރު ނޭޅި ކަމުގައިވިޔަސް ތާޒާ މޭވާއިން ގިރާފައި ހުންނަ ޖޫހުގެ ސަބަބުން ހަކުރު މައްޗަށްދާގޮތް މެދުވެރިވެއެވެ.

ކީޓޯޖެނިކް ޑައިޓަކީ މިހާރަކަށް އައިސް މަޝްހޫރު ޑައިޓެއް ކަމުގައި ވަނީ ވެފައެވެ. މިކަމުގައި ޑައިޓީޝަން އާސިޔާ އަބްދުއްރަހީމް ވިދާޅުވަނީ މި ޑައިޓަކީ ދިގުމުއްދަތަކަށް ބަލާއިރު ސިއްޙީ ގޮތުން އެހާ ރަނގަޅު ޑައިޓެއް ނޫން ކަމަށެވެ. މިޑައިޓް އާއްމު ގޮތެއްގައި ބޭނުން ކުރަނީ ބަރުދަން ލުއި ކުރުމަށްޓަކައެވެ. ހަށިގަނޑުން ބަރުދަން ލުއިވެގެން އެދަނީ ހަކަތަ އަންދާ ނިޒާމަށް އަންނަ ހީނަރު ކަމެއްގެ ސަބަބުންނެވެ. އިންސާނާގެ ހަށިގަނޑުގައި އުފައްދައިދޭ ހަކަތަ އުފައްދައިދެނީ ގޮވާމާ ފަލަމަޑީގެ ބާވަތްތަކާއި ކާބޯހައިޑްރޭޓުންނެވެ. މިތަކެތި ބޭނުން ނުކުރެވޭނަމަ ހަކަތަ އުފައްދަން ދެން ބޭނުން ކުރަނީ އެހެން ނިޒާމަކުންނެވެ. ކީޓޯ ޑައިޓު ބޭނުން ކުރާއިރު ކެއުމުގައި ގެންގުޅޭ މިންހެޔޮކަންވެސް ނެތިގެން ދެއެވެ. ހަށިގަނޑަށް ލިބެންޖެހޭ ބާވަތްތައް މަދުވުމުގެ ސަބަބުން ދެން ނިކުންނަ މަސައްލަތައްވެސް އާސިޔާ ކިޔާދެއްވިއެވެ. މިބައިތައް މަދުވުމުން ކިޑްނީއަށް ވަރަށްބާރު ބޮޑުވެގެންދެއެވެ. އޭގެ ސަބަބުން ކިޑްނީ އިން ކުރަންޖެހޭ މަސައްކަތް ދެގުނައިތުރުވެގެން ދެއެވެ.

ކީޓޯޖެނިކް ޑައިޓް މަޝްހޫރު ކުރާ މީހުން ބުނަނީ ގިނައިން ފެންބުއިމުން ރަނގަޅުވާނެ ކަމަށެވެ. އެހެންނަމަވެސް އެމީހެއްގެ ހަށިގަނޑުން ލޭ ސާފު ކުރަންޖެހޭ ވަރަށްވުރެ އިތުރަށް ކުރާ މަސައްކަތަކީ ކިޑްނީއަށް ބާރު ބޮޑުވާނެ ކަމެކެވެ. މީގެ އިތުރަށް ކީޓޯޖެނިކް ޑައިޓަކީ ވަރަށް ބޮޑަށް ސަރުބީ އެކުލެވޭ ޑައިޓެކެވެ. އޭގެ ސަބަބުން ހިތުގެ ބަލިތަކަށް ހުށަހެޅި ހާރޓް އެޓޭކް ޖެހުން ކަހަލަ ކަންކަންވެސް މެދުވެރިވާކަމަށް އާސިޔާ ވިދާޅުވިއެވެ.

Advertisement

ބަރުދަން ލުއިކުރުމަށްޓަކައި ކުރާ ކޮންމެ ޑައިޓަކީވެސް ހަށިގަނޑަށް ބޮޑެތި ގެއްލުންތައް ލިބޭ ޑައިޓެކެވެ. މީގެ އިތުރަށް ބަރުދަން ލުއިކުރުމަށް ހަދާފައި ހުންނަ ފާޑުފާޑުގެ ކޮފީ ނުވަތަ ސައިފަތަކީވެސް ވަރަށްބޮޑަށް ހަށިގަނޑަށް ގެއްލުންދޭ އެއްޗެހިކަމަށް އާސިޔާ ވިދާޅުވެއެވެ. ސަބަބަކީ މި އެއްޗިއްސަކީ ޖުއްލާބު އަޅައިގެން ހަދާފައި ހުންނަ އެއްޗިއްސަށްވާތީއެވެ. ދުނިޔޭގައި ބޮޑެތި ދިރާސާ ހަދާފައި ހުރި ޑައިޓްތަކަށް ބަލާއިރު ފައިދާތަކެއްވާ ޑައިޓްތަކެއް އެބަހުރި ކަމަށް އާސިޔާ ވިދާޅުވިއެވެ.

ޚާއްސަކޮށް ލޭގެ ޕްރެޝަރ ދަށްވުމާއި ކޮލެސްޓްރޯލް ރަނގަޅުވުމަށާއި މީހާގެ ބަރުދަން ރަނގަޅުވާ ކަހަލަ ޑައިޓްތަކުގެ ތެރޭގައި މެޑިޓޭރިއަން ޑައިޓް އަދި އޭގެތެރެއިންވެސް އެންމެ މަޝްހޫރު ޑައިޓަކީ ޑޭޝް ޑައިޓެވެ. މިޑައިޓަކީ އެމެރިކަން ހާރޓް އެސޯސިއޭޝަނުންވެސް ރަނގަޅު ކަމަށް ބުނެފައިވާ ޑައިޓެކެވެ. މިޑައިޓްގައި ބޭނުން ކުރަނީ އާދައިގެ ފުށް ނުވަތަ އާދައިގެ ހަނޑުލުގެ ބަދަލުގައި ހޯލްގްރެއިންގެ ބާވަތްތަކެވެ. މީގެ އިތުރަށް މޭވާއާއި ތަރުކާރީ އަދި ކިރުގެ ބާވަތް ގިނަކޮށްލާފައި ތެލާއި ލޮނު މަދުކޮށްލައިގެން ކެއުން ބައްޓަން ކުރެވިދާނެއެވެ. މިންހެޔޮ ކެއުމަކާއިއެކު ކެއުން ބަހައްޓައިގެން ކުރާ ކޮންމެ ޑައިޓަކީ ރަނގަޅު ޑައިޓެއްކަމަށް ވެސް އާސިޔާ ވިދާޅުވިއެވެ.

އިންޓަރމިޓަން ފާސްޓިން އަކީ ދުނިޔޭގެ ގިނަ ޑައިޓީޝަނުން ޤަބޫލުކުރާ ޑައިޓެއް ނޫން ކަމަށް އާސިޔާ ވިދާޅުވިއެވެ. ހެދިފައިވާ ދިރާސާތަކަށް ބަލާއިރު، މީގެ ސަބަބުން ލިބޭ ގެއްލުންތަކުގެތެރޭގައި ކުޑަވަގުތުކޮޅެއްގައި ކައިގެން ގިނަވަގުތު ނުކާހުރެ، އެކަށީގެންވާ ވަރަށް ނުކެއުމުގެ ސަބަބުން ހަށިގަނޑުގައި ހަކަތަ އަންދާ މިންވަރު ދަށްވެ އެއްޗެއް ކާލާއިރަށް ފަލަވުމުގެ ފުރުސަތު ބޮޑުވެއެވެ. މިކަހަލަ ޑައިޓް ތަކަކީ ހަކުރުބަލި ކަހަލަ ބަލި ހުންނަ މީހުން ކުރުން ރައްކާތެރި ޑައިޓެއް ނޫނެވެ. ހަކުރު ބަލި ކަހަލަ ބަލީގައި އިންސާނާގެ ހަށިގަނޑުން ހަކަތަ ހުސްވާލެއް އަވަސްވެއެވެ. އޭގެ ސަބަބުން މީހާއަށް ބޮޑެތި ގެއްލުންތަކެއް ދިމާވެދާނެ ކަމަށް އާސިޔާ ވިދާޅުވެއެވެ.

+1
4
+1
11
+1
9
+1
6
+1
2
+1
5
+1
1

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް